ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!
މަސްތުވާތަކެތީގެ ނެޓްވޯކްތައް އަތުލައިގަތުމަށް ހިންގާ "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ހުއްދަދިނުމުގައި ފުރިހަމަވާންޖެހޭ 6 ޝަރުތެއް ހިމެނޭ ގަވާއިދެއް އެކުލަވާލައިފި. މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ މީހުންނާއި އެކަމަށް ޚަރަދުކުރާ ފަރާތްތައް ދެނެގަނެ، މުޅި ވިއުގަ އެކުގައި އަތުލައިގަތުން. މި ގަވާއިދުގެ ދަށުން އޮޕަރޭޝަން ހިންގާއިރު، ކަމާބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި ތަކެތި ބެލެހެއްޓުމާއި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ލާޒިމްކޮށްފައިވޭ.


މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކްޓް ކުރިމަތި ފަރާތުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު އަންހެނަކު އެއާޕޯޓުގައި ހައްޔަރުކުރެވުނު މަންޒަރު. | ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގުމަށް ހުއްދަ ދިނުމުގައި ފުރިހަމަވާންޖެހޭ 6 ޝަރުތެއް ކަނޑައަޅައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައިފިއެވެ.
މި ގަވާއިދުގައި ހިމަނާފައިވާ ފުރަތަމަ ޝަރުތަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަމުގެ އެކަށީގެންވާ ހެކި ހުރުމެވެ. މިއީ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގުމުގެ ކުރީގައި ކަށަވަރުވާންޖެހޭ އެންމެ މުހިއްމު ކަމެކެވެ.
ދެވަނަ ޝަރުތަކީ ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއީ ކޮންޓްރޯލް ޑެލިވަރީ އެއް ހުއްދަ ކުރަންޖެހޭ ކަމުގެ އެކަށީގެންވާ ހެކި ހުރުމެވެ. މިގޮތުން ކުށުގެ ބާވަތާއި ސީރިއަސްކަން ބަލައި، އެފަދަ އޮޕަރޭޝަނެއް ހިންގުން ބޭނުންތޯ ނިންމަންޖެހެއެވެ.
ތިންވަނަ ޝަރުތުގައި ބުނެފައިވަނީ ކޮންޓްރޯލް ޑެލިވަރީގެ ތެރެއިން އޮފިސަރު ކުރަންޖެހޭ ކަމަކީ އެ ހުއްދައާ ނުލައި ޤާނޫނާ ޚިލާފުވާނެ އަމަލެއް ނަމަވެސް، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ތަފްސީލުކޮށްދެވިފައި އޮންނަންޖެހޭ ކަމަށެވެ.
ހަތަރުވަނަ ޝަރުތުގައިވަނީ އެ އޮޕަރޭޝަންގައި ބޭނުން ކުރެވޭ މަސްތުވާތަކެތި ނުވަތަ ބަދަލުގައި ބޭނުންކުރާ އެއްޗަކީ އޮޕަރޭޝަން ނިމުމުން ފުލުހުން ނުވަތަ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނާނެ ތަކެތިކަން ކަށަވަރު ކުރުމަށްޓަކައި ކުރާނެ ކަންކަން ހިމެނިފައި ހުރުމެވެ. މިއީ މަސްތުވާތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މުހިއްމު ޝަރުތެކެވެ.
ފަސްވަނަ ޝަރުތުގައި ބުނެފައިވަނީ މި އޮޕަރޭޝަން ހިންގަނީ އޮޕަރޭޝަންގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަމަށް ވާންޖެހޭނެ ކަމަށެވެ. މިއީ އޮޕަރޭޝަންގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ މުހިއްމު ކަމެކެވެ.
ހަވަނަ އަދި އެންމެ ފަހު ޝަރުތުގައިވަނީ އޮޕަރޭޝަންގައި ހިމެނޭ އެއްވެސް މީހެއްގެ ސަލާމަތަށް، ސިއްޙަތަށް އަދި އެނޫންވެސް ގޮތަކަށް ނުރައްކަލެއް ނުވާނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ. މިއީ އޮޕަރޭޝަންގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މުހިއްމު ޝަރުތެކެވެ.
މި ގަވާއިދުގައި ހިމެނޭ މި ޝަރުތުތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގުމުގައި ޤާނޫނީ އިމުގެ ތެރެއިން، ހައްގުތައް ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ މުހިއްމު މިންގަނޑުތަކެކެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިންގާ "ކޮންޓްރޯލްޑް ޑެލިވަަރީ" އޮޕަރޭޝަނަކީ، ގަވާއިދާ ހިލާފަށް އެތެރެކުރާ މަސްތުވާތަކެތީގެ ޝިޕްމަންޓެއް ނުވަތަ ޕާރުސަލެއް ފެނުމުން، އެ ތަކެތި ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބަދަލުގައި، ފާރަވެރިވެ ތިބެ އެ ތަކެތި ދާންޖެހޭ މަންޒިލަށް ދިއުމުގެ ފުރުސަތު ދީގެން ހިންގާ ތަންފީޒީ ހަރަކާތެކެވެ.
މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ، ހަމައެކަނި މަސްތުވާތަކެތި އުފުލާ މީހާ ނުވަތަ ކޫރިއާ ހައްޔަރުކުރުމުގެ ބަދަލުގައި، އެ ތަކެއްޗާ ހަވާލުވާ މީހުންނާއި، އުފުލާ މީހުންނާއި، އެކަމަށް ހަރަދުކުރާ ފަރާތްތަކުގެ އިތުރުން އެ މުއާމަލާތް ރާވައި ހިންގުމުގައި އިސްކޮށް ތިބޭ މީހުން ދެނެގަނެ، އެ އެންމެން އަތުލައިގަތުމެވެ.
މިސާލަކަށް، މަސްތުވާތަކެތި ހުރި ޕާރުސަލެއް ފުލުހުންގެ ބެލުމުގެ ދަށަށް އަތުވެއްޖެ ނަމަ، އެ ޕާރުސަލް ފޮނުވަން ބޭނުންވާ މަންޒިލަށް ފޮނުވުމުގެ ފުރުސަތު ދީ، ފުލުހުން އެއަށް ފާރަވެރިވާނެއެވެ. އަދި ތުހުމަތުކުރެވޭ މީހުން އެ ޕާރުސަލާ ހަވާލުވާ ވަގުތު، އެ މީހުން ހައްޔަރުކޮށް، މައްސަލައިގެ އިތުރު ތަހުގީގު ކުރިއަށް ގެންދާނެއެވެ.






