އީރާނާ ދެމެދު ވެވޭ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް ޓްރަމްޕް ކުއްލި ބައްދަލުވުމެއްގައި
އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށާއި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝަރުތު ކުރައްވައިފި. ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން 60 ދުވަހަށް އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމަށްވެސް އެމެރިކާއިން ވަނީ ބާރުއަޅާފައި. މި އެއްބަސްވުމުގެ އޮނިގަނޑަކާ ހަމައަށް އާދެވިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އީރާނުން ވަނީ ޓްރަމްޕްގެ ވާހަކަތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައި.

ބެއިޖިންގް ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަންނަވަމުން، ރައީސް ޑޮނަލްޑް ޓްރަމްޕް އަތްޕުޅުން އިޝާރާތް ކުރައްވަނީ. | ރޮއިޓާސް
އީރާނާއެކު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ މެދު "ފަހުގެ ނިންމުމެއް" ނިންމެވުމަށްޓަކައި ބައްދަލުވުމެއް ބާއްވަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުވަތަ ބޮމެއް ނުއުފައްދާނެ ކަމަށް އެއްބަސްވާންޖެހޭނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރުތަކަށް އެއްވެސް ހުރަހެއް ނެތް ގޮތަށް އެ ސަރަހައްދު އަލުން ހުޅުވާލަންޖެހޭނެ ކަމަށާއި، އެ ކަނޑުއޮޅީގައި ވަޅުލާފައިވާ ހުރިހާ މައިންތަކެއް ނައްތާލަންޖެހޭނެ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، މިކަމާ ގުޅޭ ފަހުގެ ނިންމުން ނިންމެވުމަށް މިހާރު ވައިޓް ހައުސްގެ "ސިޗުއޭޝަން ރޫމް" ގައި ބައްދަލުވުމެއް ބާއްވަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ބައްދަލުވުން ބާއްވަވަނީ، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގެ އޮނިގަނޑެއް ނުވަތަ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް" އަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދީފައިވާ ދަނޑިވަޅެއްގައެވެ. މި އެއްބަސްވުން ކުރިއަށްދާނީ ރައީސް ޓްރަމްޕާއި އީރާނުގެ ލީޑަޝިޕުން އެކަމަށް ހުއްދަ ދިނުމުންނެވެ.
މި އެއްބަސްވުމުގެ ދަށުން، ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން 60 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މުސްތަގުބަލާ ގުޅޭގޮތުން މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެ ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުފަހަރަށް އެނބުރި ގައުމަށް ދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކޮށް ނައްތާލުމުގެ ފުރުސަތު އެމެރިކާއަށް ދޭންޖެހޭނެ ކަމަށްވެސް ޓްރަމްޕް ބާރުއަޅުއްވައި ވިދާޅުވިއެވެ.
އީރާނުން މަތީ މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި، މިހާރު ހުރި ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރު ނައްތާލުމަށް އެމެރިކާއިން އަންނަނީ ދިގު މުއްދަތަކަށް ބާރުއަޅަމުންނެވެ. އެއީ އެ މާއްދާ ބޭނުންކޮށްގެން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އޮތުމުންނެވެ.
ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން މައުލޫމާތު ދިން ގޮތުގައި، ޓްރަމްޕްގެ މި ފަހުގެ ވާހަކަތަކަކީ "ތެދު ދޮގު މަސްހުނިވެފައިވާ" ވާހަކަތަކެއް ކަމަށް އެ ގައުމުގެ އިތުބާރު ހުރި މަސްދަރުތަކުން ވަނީ ބުނެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އެއްބަސްވުމުގައި ހިމެނޭ ބައެއް ލަފުޒުތަކާ މެދު މަޝްވަރާކުރާ ފަރާތްތަކުން އަދިވެސް ވާހަކަދައްކަމުންދާ ކަމަށާއި، އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.
"އަދި އެއްބަސްވުމަކާ ހަމައަށް ނާދެވުނު ނަމަވެސް، އަހަރެމެން މިތިބީ އެކަމާ ވަރަށް ގާތުގައި. އަދި އެކަމަށްޓަކައި މަސައްކަތް ކުރަމުންދާނަން،" ޖޭޑީ ވޭންސް ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު އެންމެ ފުރަތަމަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އޭޕްރިލް 8 ގައި އަމަލުކުރަން ފެށީއްސުރެ، ދެ ގައުމުން އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މިހާތަނަށް އަމަލީ ގޮތުން ފެންނަން އޮތް ބޮޑު ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.







