އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމުގެ އޮނިގަނޑަކަށް އެއްބަސްވެއްޖެ
އެމެރިކާއާއި އީރާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އާ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިއަށްދާއިރު، މީގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާއި އީރާނަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުން ހިމެނޭ. ނަމަވެސް މި އެއްބަސްވުމުގެ ޑްރާފްޓާ މެދު ދެ ގައުމުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަމަށް ވައިޓް ހައުސްއިން ބުނެފައިވާއިރު، ރައީސް ޓްރަމްޕް އަދި މިކަމަށް ރަސްމީކޮށް ރުހުން ދެއްވާފައެއް ނުވޭ. މި ނާޒުކު ދަނޑިވަޅުގައި ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތައް އިތުރުވެފައިވީ ނަމަވެސް، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ރިޕޯޓުތައް ބުނޭ.

އެމެރިކާ އާއި އީރާނުގެ ދިދަ. | ރޮއިޓާސް
އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު 60 ދުވަހަށް ދަންމާލުމަށާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މުސްތަގުބަލާ މެދު މަޝްވަރާތައް ފެށުމަށް ދެ ގައުމުގެ މަންދޫބުން އޮނިގަނޑަކަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާގެ މަސްދަރުތަކުން ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މި އާ އެއްބަސްވުމަށް ދެ ގައުމުގެ އިސްވެރިން އަދި ރަސްމީކޮށް ރުހުން ދެއްވާފައެއް ނުވެއެވެ.
މި އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނީ ސަރަހައްދީ ގޮތުން ހަމަލާތައް އަލުން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އެ ސަރަހައްދުގައި އޮންނަ އެމެރިކާގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.
ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި، ނާޒުކު ފައްތަރެއްގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ދެ ގައުމުން ވެސް ޚިލާފުވެފައިވާ ކަމަށް ބުނެ އެމެރިކާއާއި އީރާނުން ވަނީ އެއްގައުމު އަނެއްގައުމަށް ތުހުމަތުތައް އަމާޒުކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، 14 ނުކުތާގެ މައްޗަށް އެކުލެވޭ ނުރަސްމީ ފަހުމުނާމާއެއްގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުންތައް އުވާލުމާއި، އީރާނުގެ ކައިރި ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭރުކުރުން ހިމެނެއެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން އަސްކަރީ ނޫން ދަތުރުފަތުރުތައް އަލުން ފެށުމާއި، އެ ސަރަހައްދުގެ ކަންކަން ބަލަހައްޓައި އުޅަނދުފަހަރު ދަތުރުކުރާނެ މަގުތައް ކަނޑައެޅުމުގެ ބާރު އީރާނާއި އޮމާނަށް ދިނުމަށް ވެސް މި ޑްރާފްޓުގައި ހިމެނެއެވެ.
ދުނިޔޭގައި ބޭނުންކުރާ ގުދުރަތީ ގޭހާއި ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާއިރު، އެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
ވައިޓް ހައުސްއިން ނެރުނު ކުރު ބަޔާނެއްގައި، އީރާނުގެ މީޑިއާތަކުން ދައުރުކުރަމުންދާ ފަހުމުނާމާގެ ޑްރާފްޓަކީ އެއްވެސް ހަގީގަތެއް ނެތް، މުޅިން ހަދައިގެން އުޅޭ ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، މިދިޔަ ހަފުތާގެ ފަހުކޮޅު ދެ ގައުމުން ވެސް ވަނީ އެއްބަސްވުމަކަށް އައުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. މިއާއެކު، ވަރަށް އަވަހަށް ރަސްމީ އިއުލާނެއް ފެނިގެންދާނެ ކަމަށް ބެލެވުނެވެ.
އެމެރިކާއާއި އީރާނާ ދެމެދު އޭޕްރިލް މަހުގެ 8 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ފެށުނީއްސުރެ، ދެ ފަރާތުން އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް މަޝްވަރާގެ މަގުން މައްސަލަ ހައްލުވާނެ ކަމަށް ކުރެވޭ އުންމީދުތައް ދަނީ ފެނަށްވެގެންނެވެ.
މިސާލަކަށް، އޭގެ މަދު ދުވަސްކޮޅެއް ފަހުން އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތައް ވެސް ނިމިގެންދިޔައީ އެއްވެސް މުހިންމު ނަތީޖާއެއް ނުނެރެވިއެވެ.
ކޮންމެ ފަހަރަކުވެސް، އަދި އެންމެ ފަހުން މިދިޔަ ބުދަ ދުވަހު ވެސް، ޓްރަމްޕާއި އެމެރިކާގެ އެހެން އިސްވެރިން ވަނީ "އޮޕްޝަން ބީ" ނުވަތަ އަސްކަރީ ހަމަލާތަކަށް އެނބުރި ދިއުމުގެ އިޚްތިޔާރު އަދިވެސް އޮތް ކަމުގެ އިންޒާރު ދެއްވާފައެވެ.
މިދިޔަ ހަފުތާގައި ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި، އީރާނަށް އަލުން ހަމަލާދިނުމަށް އަމުރުކުރަން އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް، އެމެރިކާގެ ބައިވެރި ގައުމުތަކުގެ އެދުމުގެ މަތިން އޭނާ ވަނީ އެ ނިންމުން މަޑުޖައްސާލާފައެވެ.
ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އީރާނުން ހުށަހަޅާފައިވާ ކަންކަމަކީ އަދި އެންމެ އެދެވޭ ހުށަހެޅުންތަކެއް ނޫން ކަމަށާއި، އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގާދިޔަ ކަންކަމެއް ސާފެއް ނުވެއެވެ. އަދި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދަންމާލުމަށް ޓްރަމްޕް ފަހުގެ ރުހުން ދެއްވާނީ ކޮން އިރަކު ކަމެއް، ނުވަތަ އެ ރުހުން ދެއްވާނެ ކަމެއް ވެސް އަދި ޔަގީނެއް ނޫނެވެ.
ނަމަވެސް، މި އެއްބަސްވުމަށް ރުހުން ދީފިނަމަ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެ ގައުމުގައި ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް ފަދަ ފަންނީ އަދި އޮޅުންބޮޅުން ބޮޑު މައްސަލަތަކާ މެދު ވާހަކަދެއްކުމުގެ ފުރުސަތު ދެ ގައުމުގެ ވަފުދުތަކަށް ލިބިގެންދާނެއެވެ.
ޓްރަމްޕް ކުރިން އިޝާރާތް ކުރައްވާފައިވާ ގޮތުގައި، އެ ޔުރޭނިއަމްތައް އެމެރިކާއަށް ގެންދިއުން ނުވަތަ އީރާނާއި އެމެރިކާ ގުޅިގެން އީރާނުގައި ނުވަތަ ތިންވަނަ ގައުމެއްގައި ބަހައްޓައިގެން އޭގެ ބާރު ދަށްކުރުމުގެ ފުރުސަތު އެބައޮތެވެ.
ބުރާސްފަތި ދުވަހު މި ވަގުތީ އެއްބަސްވުމުގެ ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރި "އެކްސިއޯސް" އިން ބުނި ގޮތުގައި، ޓްރަމްޕަށް މި ހުށަހެޅުމުގެ މައުލޫމާތު އަރުވާފައިވީ ނަމަވެސް، އޭނާ އަދި އެއްބަސްވުމުގައި ސޮއެއް ނުކުރައްވައެވެ. އަދި މިކަމާ މެދު ގޮތެއް ނިންމުމަށް އޭނާ ދެތިން ދުވަސް ނަންގަވާނެ ކަމަށް ބެލެވެއެވެ.
އެކްސިއޯސްއިން ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރި މި އެއްބަސްވުމުގެ ތަފުސީލުތައް އެމެރިކާގެ ރަސްމީ މަސްދަރުތަކުން ކަށަވަރުކޮށްދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. މިއިން ދޭހަވަނީ، ހަ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތުގެ ތެރޭގައި، ކުރިއަށްވުރެ ބޮޑަށް ދެ ގައުމު އެއްބަސްވުމަކާ ގާތްވެފައިވާ ކަމެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅިން "ހުރަހެއް ނެތި" ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ ހަނި ކަނޑުއޮޅީގައި ވަޅުލާފައިވާ މައިންތައް ނެގުމަށް އީރާނަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މީގެ އިތުރުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑް އުވާލައި، އީރާނަށް އަލުން ތެޔޮ ވިއްކުމުގެ ހުއްދަ ލިބޭ ގޮތަށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.








