ކަންކަން މަނާކޮށްގެން، ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގަ ބޭތިއްބުން: ކުރީގެ އުއްތަމަފަނޑިޔާރު
ދައުލަތުގެ ތެރޭގައި ހުރި ފަސާދަތައް ފޮރުވައި ރައްޔިތުން ވާނުވާގައި ބޭތިއްބުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. ނޫސްވެރިކަމަކީ ދުސްތޫރީ އަސާސެއްކަން ފާހަގަކުރައްވައި، ނޫސްވެރިންގެ މަސްއޫލިއްޔަތު ހަނިކޮށް ބިރުދެއްކުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި. މީގެ އިތުރުން، ވަކި މައްސަލަތަކުގެ ތަހުގީގަށް ސަރުކާރުގެ ވަޒީރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަން ބެލުމަށް މިނިވަން އިންވެސްޓިގޭޓަރަކު އައްޔަންކުރުމަށް ވެސް ދީދީ ގޮވާލެއްވި.


ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ | ރާއްޖެއެމްވީ
ގެގް އޯޑަރަކުން ކަންކަން މަނާކޮށްގެން. ނޫސްވެރިން ޖަލަށްލައިގެން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުން ވާނުވާގައި ބޭތިއްބުން ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ވިދާޅުވީ މިހުރިހާ ކަމެއް ހިނގައިގެން އުޅޭ ސަބަބެއް ކަމަށް ގަބޫލު ކުރައްވަނީ ދައުލަތުގެ ތެރޭގައި، ދައުލަތުގެ ގުނަވަންތަކުގެ ތެރޭގައި ހުރި ފަސާދަތައް ރައްޔިތުންނަށް ތިލަ ވިޔަ ނުދިނުން ކަމަށެވެ.
ނަމަވެސް ސަރުކާރަށް އެނގެން ޖެހޭ ހަގީގަތަކީ މިހާރު މި ދުނިޔޭގަ އޮތް ޓްރެންޑަކީ ނޫސްވެރިކަމާ ނޫސްވެރިން ކަން ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިން ކަމަކާ ގުޅޭ ގޮތުން ވާހަކަދައްކަނީ ގުޑް ފެއިތްގައި ކަމަށެވެ.
އޭގައި މެންސްރިޔާ އެއް ނުހިމެނޭނެ. ކްރިމިނަލް ނުވަތަ މަދަނީ އެއްވެސް މިންގަނޑަކުން ބެލިޔަސް ނުހުންނާނެެ. އެކަންތައް ކުރަނީ ރައްޔިތުންނަށް ހަގީގަތަށް ވާސިލުކޮށްދީ ހަގީގަތް ހާމަ ކޮށްދިނުމަށްޓަކައި ކުރާ ކަމެއް. އެއީ އެމީހުންގެ މަސްއޫލިއްޔަތު. އެމީހުންގެ ދުސްތޫރީ މަސްއޫލިއްޔަތެއް، ވާޖިބެއް. މިކަން އަދާކުރުމަށްޓަކައި. ދުނިޔޭގެ ޓްރެންޑަކީ އޮތޯރިޓީ އޮންނަ ފަރާތުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ބަރޑަންގެ ޕްރޫފް ވެސް މިދަނީ ބަދަލުވަމުން. ސަބަބަކީ އެ ތުހުމަތު ކުރާ ނޫސްވެރިން ކޮންތާކުންތޯ ގެންދާނީ. އެހެންވީމާ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަކީ އެމީހުން ބުނަނީ އެ ދައްކަން ޖެހެނީ ބަރޑަން އޮފް ޕްރޫފް އޮންނަ ގޮތަކަށް ނޫނޭ އޮންނަން ޖެހޭނީ.ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ދީދީ ވިދާޅުވީ މިފަދަ ކަމެއްގައި ދުނިޔޭގައި އަމަލު ކުރާ ގޮތަށް ބަލާއިރު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޯޓުން ބޭނުންވާ ޑޮކިއުމަންޓް ވެސް ދޭން ޖެހޭ ކަމަށެވެ. ކޯޓުން އެދެފި ނަމަ އެކަން ވެސް ކުރަން ޖެހޭނެ ކަމަށާ ނޫސްވެރި ކަމަކީ ކުޅޭކުޅޭ އުސޫލުން އޮންްނަ ކަމެއް ނޫން ކަމަށެވެ.
ނޫސްވެރިކަމާ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިނިވަންކަމަކީ އެއީ ދިވެހިރާއްޖޭގެ ދުސްތޫރީ އަސާސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އުޅެނީ ނޫސްވެރިންގެ ދައުރާ ޒިންމާ ހަނިކޮށް، ނޫސްވެރިން ޖަލަށްލައިގެން ޖަރީމާތަކެއް ހިންގަން ކަމަށާ މިހުރިހާ ކަމެއްގެ ބޭނުމަކީ ވެސް ރައްޔިތުން ވާނުވާގައި ބޭތިއްބުން ކަމަށެވެ.
އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ދާޚިލީ ވަޒީރު އަލީ އިހުސާނު ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލަ ބެލުމަށް މިނިވަން ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަށް ވެސް މީގެ ކުރިން ދީދީ ވަނީ ގޮވާލައްވާފަ އެވެ.







