ޑައިވިން ހާދިސާގައި މަރުވި އިޓަލީ ޕްރޮފެސަރުގެ އެންމެ ފަހު ބަސް ހާމަވެއްޖެ
ވ. އަތޮޅު ކައިރީގައި އޮތް ފުން ހޮހަޅައަކަށް ޑައިވްކުރަން ގޮސް އުޅުނު އިޓަލީގެ ފަސް މީހަކު މަރުވި ހާދިސާގައި، އެމީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ދަތިތަކާ ކުރިމަތިވެފައި. މަރުވި މީހުންގެ ތެރޭގައި ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓުންނާއި ޑައިވިން އިންސްޓްރަކްޓަރެއް ހިމެނޭއިރު، މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ ރީނދޫ އެލާޓް ނެރެފައިވަނިކޮށް، އާންމުކޮށް ޑައިވްކުރާ މިންގަނޑަށްވުރެ މާ ފުން ސަރަހައްދެއްގައި. މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑު ކަމަށްވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން.

އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ މޮންޓެފަލްކޯން ރާއްޖެ އައިސް އުޅުނީ ދިރާސާ ކުރުމުގެ މިޝަނެއްގައި. | ޒޫމާޕްރެސް
ދިވެހިރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާގައި މަރުވި އިޓަލީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރުގެ އެންމެ ފަހު ބަސްތައް ހާމަވެއްޖެ އެވެ. ވ. އަތޮޅުގެ ފުން ސަރަހައްދެއްގެ ކޭވް އަކަށް ޑައިވް ކުރި ޓީމުގައި ހިމެނޭ ޕްރޮފެސަރ ބުނެފައިވާ އެންމެ ފަހު ބަސްތަކަކީ، އޭނާގެ މުޅި އުމުރު ހޭދަކުރި އަދި އެންމެ ފަހުން އޭނާގެ ފުރާނަ ގެއްލުމަށް މެދުވެރިވި މަސައްކަތަށް އޮތް ލޯބި ހާމަކޮށްދޭ ފަދަ ބަސްތަކެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުން ކަނޑަށް ޑައިވް ކުރަން ގޮސް އުޅުމުގެ ތެރޭގައި ގެއްލި، ކަނޑުގެ 200 ފޫޓު އަޑީގައިވާ ހޮހަޅައެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިޓަލީގެ ފަސް މީހުންގެ ތެރޭގައި މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.
"އާންމުންނަށް އަދިވެސް މާ ބޮޑަށް ނޭނގި އޮތް ކަނޑުއަޑީގެ މާހައުލު، އަމިއްލަ ލޮލުން ނުވަތަ ރޮބޮޓެއްގެ ލެންސުން ވިޔަސް ބަލައި ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެއް،" ފުރާނަ ގެއްލުނު ޙާދިސާ މެދުވެރިވި ޑައިވްގެ މަދު ގަޑިއިރުތަކެއް ކުރިން، ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:15 ހާއިރު މޮންޓެފަލްކޯން އޭނާގެ އެކުވެރިއަކަށް ފޮނުވި މެސެޖެއްގައި ލިޔެފައިވެއެވެ.
އުމުރުން 51 އަހަރުގެ މޮންޓެފަލްކޯންއަކީ އިޓަލީގެ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެވޯޑް ހާސިލްކޮށްފައިވާ ދިރާސާވެރިއެކެވެ. އޭނާ ރާއްޖެ އައީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތައް ބެލުމުގެ މަސައްކަތު ދަތުރެއްގައެވެ. ޑައިވް ކުރުމުގެ ތަޖުރިބާކާރު މި އަންހެން މީހާއާއެކު މި ދަތުރުގައި އޭނާގެ ދަރިފުޅު، އުމުރުން 22 އަހަރުގެ ޖިއޯޖިއާ ސޮމަކާލް އާއި 31 އަހަރުގެ ރިސާޗް ފެލޯ މިއުރިއަލް އޮޑެނީނޯ ބައިވެރިވިއެވެ. މި ހާދިސާގައި މި ދެމީހުންވެސް ވަނީ މަރުވެފައެވެ.
"އަހަންނަށް ޔަގީންވާ ހަމައެކަނި ކަމަކީ، އަހަރެންގެ އަންހެނުންނަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ޑައިވަރުންގެ ތެރޭގައި ހިމެނޭ މީހެއްކަން،" މޮންޓެފަލްކޯންގެ ފިރިމީހާ ކާލޯ ސޮމަކާލް 'ލާ ރިޕަބްލިކާ' ނޫހަށް ކިޔައިދިނެވެ. "އޭނާއަކީ ދުވަހަކުވެސް ނުރައްކާތެރި ގޮތަކަށް ކަންކަން ކުރާ މީހެއް ނޫން."
"އޭނާގެ އަމިއްލަ ދަރިފުޅުގެ ފުރާނަ ނުވަތަ އެހެން ޒުވާނެއްގެ ފުރާނަވެސް ނުރައްކަލުގެ ތެރެއަށް ވައްޓައެއް ނުލާނެ."
މި ހާދިސާގައި ދެން މަރުވީ އެ ޔުނިވަރސިޓީން މެރިން ބަޔޮލޮޖީގެ މާސްޓާސް ހާސިލްކޮށް، ރާއްޖޭގެ ފަރުތަކުގެ ދިރުންތަކާ ބެހޭގޮތުން ތީސީސް ލިޔުނު އުމުރުން 31 އަހަރުގެ ފެޑެރީކޯ ގުއަލްޓިއޭރީ އާއި، މީގެ އަށް އަހަރު ކުރިން ބޭންކިން ދާއިރާ ދޫކޮށް ޑައިވިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ރާއްޖެ ބަދަލުވި އުމުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ.
ވ. އަތޮޅު ކައިރީގައި އޮތް މި ހޮހަޅައިގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ބެނެޑެޓީގެ ހަށިގަނޑެވެ. ސަލާމަތްކުރާ ފަރާތްތަކަށް އޭނާގެ ހަށިގަނޑު ފެނުނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:15 ހާއިރުއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ވަގުތު ހޯދުމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނެވެ.
އެމްއެންޑީއެފް އިން ބުނާ ގޮތުގައި ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑުވެސް އޮތީ އެ ހޮހަޅައިގެ ތެރޭގައެވެ. ހުކުރު ދުވަހު މޫސުން މާ ބޮޑަށް ގޯސްވުމުގެ ސަބަބުން ޑައިވް ކުރެވޭ ގޮތް ނުވުމުން، ހޮނިހިރު ދުވަހު އަލުން ހޯދުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
"މިއީ ވަރަށް އުނދަގޫ ޑައިވްއެއް. ސަބަބަކީ އެ ހޮހަޅަ ތިން ބަޔަކަށް ބެހިފައިވާއިރު، އެއް ބައި އަނެއް ބަޔާ ގުޅިފައި ހުރުން،" އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެމިއާނޯ ފްރެންކޮވިގް ވިދާޅުވިއެވެ. "ރާއްޖޭގެ ޑައިވަރުންނަށް ވަދެވުނީ ފުރަތަމަ ދެ ބަޔަށް. އެއަށްފަހު ޑިކޮމްޕްރެޝަނަށް ވަގުތު ދިނުމަށްޓަކައި މައްޗަށް އަރަން ޖެހުނީ."
މި ހާދިސާގައި ހިމެނޭ ހުރިހާ ޑައިވަރުންނަކީވެސް ތަޖުރިބާކާރުން ކަމަށްވާއިރު، އެމީހުން ކަނޑުއަޑީގައި ގެއްލެން މެދުވެރިވި ސަބަބަކީ އަދިވެސް އޮޅުން ފިލާ ގޮތެއް ނުވެއެވެ.
ޑައިވް ކުރަން ދިޔަ ދުވަހުގެ ހެނދުނު، މޫސުން ގޯސްވެ "ވައިގަދަވެ" އަދި "ކަނޑު ގަދަވާނެ" ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ރީނދޫ އެލާޓް ނެރެފައެވެ. އަދި ޑައިވަރުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި އުޅަނދުފަހަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިރުޝާދު ދީފައިވެއެވެ.
"ރީނދޫ އެލާޓެއް ނެރެފައި އޮތް ނަމަ، އެމީހުން ޑައިވް ކުރަން ދިޔައީ އެލާޓް ނެރުމުގެ ކުރިން ކަމަށް ވާނީ. އަދި ކޮންމެވެސް ކަމެއް ކަނޑުއަޑީގައި ހިނގީ،" ސޮމަކާލް ބުންޏެވެ. އޭނާ ބުނި ގޮތުގައި 5،000 އަށްވުރެ ގިނަ ޑައިވް ފުރިހަމަކޮށްފައިވާ މޮންޓެފަލްކޯން އާންމުކޮށް ޑައިވް ކުރަނީ ގޯޕްރޯ ކެމެރާއަކާއެކުގައެވެ. އެހެންކަމުން އޭނާގެ ހަށިގަނޑާއެކު އެ ކެމެރާ ފެނިއްޖެނަމަ، ހާދިސާ ހިނގި ގޮތުގެ ހެކިތަކެއް ލިބިދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ޔުނިވަރސިޓީން ބުނީ އެ ދިރާސާވެރިން ރާއްޖޭގައި ތިބީ ސައިންޓިފިކް މިޝަނެއްގައި ނަމަވެސް، މި ހާދިސާ ހިނގި ޑައިވްއަކީ އެ މަސައްކަތުގެ ބައެއް ނޫން ކަމަށެވެ.
"އެ ސްކޫބާ ޑައިވިން ހަރަކާތަކީ އެއްވެސް ހާލެއްގައި ސައިންޓިފިކް މިޝަންގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އެއީ އެމީހުން އަމިއްލަ ގޮތުން ކުރި ކަމެއް،" ޔުނިވަރސިޓީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވެއެވެ.
މި ހާދިސާ ހިނގި ހޮހަޅައަކީ ގާތްގަނޑަކަށް 200 ފޫޓު ދިގު އަދި ކަނޑުގެ ސަތަހައިން 160 ފޫޓު އަޑީގައި އޮތް ތަނެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް ޑައިވް ކުރުމަށް ހުއްދަދޭ 100 ފޫޓުގެ މިންގަނޑަށްވުރެ ދެގުނަ ފުން މިނެކެވެ. މީގެ މާނައަކީ އެ ޑައިވަރުންނަކީ ޓެކްނިކަލް ޑައިވިން ސެޓިފިކެޓާއި ހާއްސަ ޑިކޮމްޕްރެޝަން އިކުއިޕްމަންޓް ބޭނުންކުރާ ބައެއް ކަމެވެ.
މި ފަސް ޑައިވަރުން ކަނޑަށް ފޭބީ ބުރާސްފަތި ދުވަހު ހެނދުނު 11:00 ހާއިރު އެއް ގަޑިއިރުގެ ޑައިވްއަކަށެވެ. ނަމަވެސް އެމީހުން އަނބުރާ މައްޗަކަށް ނާރައެވެ.
އެމީހުން ގޮވައިގެން ދިޔަ އުޅަނދުގެ ފަޅުވެރިން އެމީހުން ހޯދުމަށް މަސައްކަތް ކުރުމަށްފަހު، މެންދުރުފަހު 1:45 ހާއިރު ކޯސްޓްގާޑަށް ރިޕޯޓް ކުރުމުން ސާޗް ޓީމެއް ވަނީ ފޮނުވާފައެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ރާއްޖޭގައި ތަޖުރިބާކާރު ޑައިވަރަކު ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑް މަރުވީ އެއްލައިދޫ ރިސޯޓް ކައިރިއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ބާރު އޮއިވަރެއްގައި ޖެހިގެން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.







