އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް
އަދަދު ނޫހުން އާއްމުކުރި ޑޮކިއުމެންޓރީއަކާ ގުޅިގެން އެނޫހުގެ ވެރިންނަށް ދައުވާ އުފުލާފައިވާއިރު އެނޫހުގެ ދެ ނޫސްވެރިއަކު ވަނީ މިހާރު ޖަލަށް ލާފައެވެ.


އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނަސީރު (ވ). | ރާއްޖެއެމްވީ ގްރެފިކްސް
އޮންލައިން ނޫސް "އަދަދު" ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއަށް ފަހަރެއްގައިވެސް ތާއީދު ކުރަނީކީ ނޫނެވެ. ނޫންނަމަ އޭގައި އެބުނާ ކަންކަމަކީ ހަގީގަތެކޭ ނުވަތަ ނޫނެކޭވެސް ބުނާކަށް ނެތީމެވެ. އެއީކީ މަށަކާ ވާކަމެއްވެސް ނުމެ ނޫންމެއެވެ. އެހެންކަމުން ކޮންމެހެން އެވާހަކަތައް ތަކުރާރު ކުރާކަށް ނެތީމެވެ. ޚާއްޞަކޮށް އޭގެ ވާހަކަ ނުދައްކާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް އިހުތިރާމްކޮށް ތަބާވާނަމެވެ. ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އެވާހަކައެއް ނުދައްކާނަމެވެ. ސުއްބުވެސް އެކަމަށް ބުނާކަށް ނެތީމެވެ.
ދައްކާން މިއުޅެނީ އެ ޑޮކިއުމެންޓްރީއަށް ފަހު ދެން ފެންނާންފެށި ކަންތައްތަކެއްގެ ވާހަކައެވެ. ސޯޝަލް މީޑިޔާގައި އެންބުރޭން ފެށި ނުވަތަ އަނބުރާންފެށި ކަންކަމުގެ ވާހަކައެވެ. އެ ޑޮކިއުމެންޓްރީއަށްފަހު ފުލުހުން ފަށައިގެން ތަހުގީގާއި އެތަހުގީގުން ފާހަގަވާންފެށި އެހެން ކަންތައްތަކެއްގެ ވާހަކައެވެ. އަންނާން އޮތް ޖީލުތަކަށް އެނގެން ޖެހޭ ކަންތައްތަކެއް ކަމުން ތާރީޚަށް ޓަކައިވެސް މެއެވެ.
ޑޮކިއުމެންޓްރީއަށް ފަހު ފުލުހުންފެށި ތަހުގީގު
އައިޝާ ޑޮކިއުމެންޓްރީއަށް ފަހު ފުލުހުންފެށި ތަހުގީގަށް ފުލުހުން ހަރަކާތްތަކެއް އާއްމުންނަށް ފެންނަ ފަށުގައި ހިންގާން ފެށީ ގާތްގަނޑަކަށް ބަރާބަރު މަހެއް ފަހުންނެވެ. އެއީވެސް އެކަމާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ފަހުއެވެ. ފުލުހުން ޓީޒާ ގަންއާއެކު އަދަދު ނޫހަށް ވަނީ ހަމަ ސީދާ އެ ޕްރެސް ކޮންފަރެންސް އޮތް ދުވަހުގެ ރެއެވެ. އެހެން ކަމުން އެހާ ސީރިއަސް ކަމެއްގައި ތަހުގީގް އެހާ ލަސްވުމަކީވެސް އެއްކަމެކެވެ.
ތަހުގީގަށް ފުލުހުން ނޫހަކަށް ވަދެ އެތަން ރެއިޑްކޮށް އެތަނުގައިހުރި ސާމާނު ގެންދިއުމަކީވެސް އަޅައިގެން ކަމެކެވެ. މީޑިޔާތަކުގެ ކަންކަން ބެލުމަށް ޤާނޫނީ ގޮތުން އުފައްދާފައި އޮތް ކޮންޓްރޯލް ކޮމިޝަން އޮތްގޮތައް އޮއްވާ ހަމަ ކުއްލިއަކަށް ފުލުހުން ނޫހަށް ވަދެ ކަންތައް ގަނޑެއް ހިންގީއެވެ.
އަދަދު ނޫހުގެ ވެރިން ތަހުގީގުގައި ހަނުހުރުން
ތަހުގީގުގެ ބޭނުމަށް އަދަދު ނޫހުގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައި ފެށި ތަހުގީގުއި އެވެރިން ތިބީ ހަނެވެ. ޤާނޫނުން ލިބިދޭ ހައްގެއްގެ ބޭނުން ކޮށްގެންނެވެ. އެކަމަކު އެކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ، އަދި ފައިސާ ދީގެން ސަރުކާރު ޕްރޮމޯޓް ކުރާ ކުދިންކޮޅު މަސައްކަތް ފަށައިގަތީ އެއީ އެމީހުންގެ ފިނޑިކަން ކަމަށް ހާމަ ކުރުމަށެވެ. ތަފާތު އެތައް ވައްތަރެއްގެ ބޭއަދަބީ ބައިވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮޓޯ ވީޑިއޯއާއެކު އެއީ ފިނޑި ބައެއްގެ ގޮތުގައި ސިފަކުރާން ފެށިއެވެ. އަދި އެއީ ހަގީގަތް ނޫންކަމުން ކުރިކަމެއްކަމަށް ބުނެ އެވެރިންނަށް ރައްދުކުރާން ފެށީ ވަރަށް ތަފާތު އިލްޒާމްތަކެކެވެ.
އެވާހަކަތައް ނިމުނީ އެވެރިން ހަނުހުރި ސަބަބު އެއަށްވުރެ ބޮޑަށް ވައިގައި ހިފައިގެންނެވެ. އެއީ އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް "މަސްދަރު" (މައުލޫމާތު ދިން ފަރާތް) ހާމަ ނުކުރާނެ ކަމަށް ބުނުމުންނެވެ. އެއީ އެފަރާތުގެ ރައްކާތެރި ކަމަށްޓަކައި ކުރި ކަމެއްގެ ގޮތުގައެވެ.
އެކަމަކު މާ ތަފާތު އެހެން ކަމެއް ފާހަގަވިއެވެ. އެ ޑޮކިއުމެންޓްރީގައި ބޭނުން ކުރީ އަސްލު ނަމެއް ނޫން ކަމަށް ބުނެ "އައިޝާ" އެވެ. އޭގައި އެމީހާގެ އަސްލު ނަމެއް އެއްގޮތަކަށްވެސް ހާމައެއް ނުކުރެއެވެ. އަދި އަދަދު ނޫހުގެ ވެރިން ތަހުގީގުގައި ހަނުހުރީވެސް "އެނަން" ހާމަ ނުކުރާން ވެގެންނެވެ. ނަމަވެސް އެ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓް ހިފެހެއްޓިއެވެ. އަދި އޭނާވެސް ފުލުސް އޮފީހަށް ހާޒިރުކުރިއެވެ. އެކަމަކު އެ ޑޮކިއުމެންޓްރީއަކު އޭނާގެ ނަމެއް އެއްފަހަރުވެސް ގެނެސްފައެއް ނުވެއެވެ. ސުވާލަކީ އެހާ ފަސޭހައިން ޑޮކިއުމެންޓްރީގައި ބުނާ "އައިޝާ" އަކީ އޭނާ ކަމަށް ކަނޑައެޅީ ކިހިނެއް ހެއްޔެވެ. އެކަން ބޮޑަށް އެނގޭނީ ފުލުހުންނަށެވެ. ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތާއި އެހެނިހެން ގޮތްގޮތުން ލިބުނު މައުލޫމާތައް ބުރަވެ އީޝާ ހާޒިރުކުރި ކުރުން ފުލުހުންނަށް ދޫކޮށްލާނަމެވެ.
އެހެން ބަޔަކަށް ތުހުމަތުކޮށް އަބުރު ނަގާލުން
ދެން ފެނުނީ މާ ތަފާތު މަންޒަރު ތަކެކެވެ. އަދަދު ނޫހުގެ ވެރިންގެ ކާޓޫނާއި އޭއައި ފޮޓޯތައް ތައްޔާރުކޮށް ތަފާތު ބޭއަދަބީ ބަސްތަކާއި މަންޒަރުތައް ސޯޝަލް މީޑިޔާގައި ދައުރުކުރާން ފެށިއެވެ. ކުރެވޭ ތުހުމަތައްވުރެ ބޮޑު ތުހުމަތުތަކެއް ކޮށްފައެވެ. މިކަން ކުރާތަން ފެނުނީ ސަރުކާރަށް ތާއީދު ކުރާ މީހުންނެވެ. ބައެއް މީހުން އެމީހުންގެ ސިއްރު އެކައުންޓްތަކުން ކުރިއިރު އަނެއް ބަޔަކު ސީދާ އެމީހުންގެ ރަސްމީ އެކައުންޓްތަކުން އެއީ ކާކުކަން އެނގި ތިބެގެންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިގެން ދިޔައެވެ. އެފުރައްސާރައާއި ތުހުމަތުގެ ތެރޭގައި ވަކި މީހަކަށް ނިސްބަތްކޮށް އޭނާއާ ބައެއް ވަޒީރުން އަދި ކުންފުނިތަކުގެ އެމްޑީންނަށް ކުރެވިގެން އުޅޭ ތުހުމަތާ އެއްފަދަ ތހުމަތުތައް ކުރެވުނެވެ. ސީދާ ކާކުކަން އެނގިން ގަޒްފުގެ ކުރެވިދާނެފަދަ ވާހަކަތައް ފަތުރާން ފެށިއެވެ.
ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާން ނެރުނު ބޮޑު އަމުރު
ދެން ފެނުނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން މުޅި އެންމެހާ ރައްޔިތުންގެ މައްޗަށް އަމުރެއް ނެރުނު ތަނެވެ. ސީދާކޮށް އަދި ނުސީދާކޮށް ދެއްކިއަސް އެކަމަށް އަދަބު ލިބޭނޭ ކަމަށް ކަނޑައަޅާފައެވެ.
އަދަދު ނޫހުން ކުރި ސުވާލަށްފަހު ދެންވީގޮތް
ރައީސުލް ޖުމްހޫރިއްޔާ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުގެ ނޫސްވެރިޔާ އެތުހުމަތާ ގުޅުވާ ރައީސް މުއިއްޒުއާ ސުވާލު ކުރިއެވެ. ވަގުތުން އެއީ އަމުރާ ޚިލާފްވުން ކަމަށް ނިންމާ އެއޮފީހުން ގަދަކަމުން ނެރުނެނެވެ. ޖެހިގެން އައި ދުވަހު އެ ސުވާލުކުރި ނޫސްވެރިޔާއާއި އެކަމާ ގުޅޭ ޚަބަރު ލިޔުނު ނޫސްވެރިޔާގެ މައްސަލަ ކޯޓުގައި ބަލަން ފަށައި ބަރާބަރު އަށެއްކަ ގަޑިއިރު ތެރޭގައި ހުކުމްކޮށް ދެނޫސްވެރިންވެސް ޖަލަށް ލެވުނެވެ.
ނިންމާލުން
ކޮންމެއަކަސް ދެ ނޫސްވެރިއަކު ކޯޓު އަމުރަކާ ޚިލާފްވެގެން ޖަލަށްލައިފިއެވެ. އެކަމަކުވެސް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަދަދު ނޫސްވެރިންނަށާއި މައްސަލައިގާ ތަހުގީގަށް ހާޒިރު ކުރި މީހާއަށާއި އޭނާގެ ލޯޔަރުންނަށް ކެނޑިނޭޅި ފުރައްސާރަ ކުރަމުންދަނީއެވެ. ތަފާތުތައް ކުރަމުންވެސް ދަނިއެވެ. އަދި ހަމަ އެހެން މީހުންވެސް އެ ޑޮކިއުމެންޓްރީއާ ގުޅުވައިގެންވެސް ހުއްޓުމެއްނެތި ވާހަކަތައްވެސް ދައްކަމުންދަނީއެވެ. އެއިން ކަމަކަށް އެއިން މީހަކަށް އަދި އެޅުނު ފިޔަވަޅެއް ނެތެވެ. ބްލޮކް ކުރެވުނު ސޯޝަލް މީޑިޔާ އެކައުންޓެއްވެސް ނެތެވެ. ނިކަން ބަލަމާ ބަހީއެވެ. ދެން ކުރާ ކަމަކާ ދެންވާ ގޮތެއްވެސް ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެތާއެވެ. މަވާ އަމުރާ ޚިލާފަށް އެކައްޗެކޭވެސް ނުބުނާނަމެވެ. މަވާ ސަލާމެވެ.






