އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް
ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ގަރާރު، މަޖިލީހުގެ 41 މެންބަރުންގެ ވޯޓާއެކު މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ. މި ގަރާރުގައި ބަޔާންކޮށްފައިވަނީ ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ގައުމީ މަސްލަހަތަށް އިހުތިރާމްކޮށްގެން ކަމަށް. އަދި ބައެއް ޕާޓީތަކުން ގާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާކަންވެސް މި ގަރާރުގައި ފާހަގަކޮށްފައިވޭ.


ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު | ރައްޔިތުންގެ މަޖިލިސް
ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރު ބަލައިގެންފައި ވަނީ 41 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އެއާއެކު މި ގަރާރު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ.
އެ ގަރާރުގައި ބުނީ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށް ފިކުރުކުރުމާއި ޚިޔާލުފާޅު ކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިފައިވާއިރު މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް އަދި އެހެން މީހުންގެ އަބުރާ ހައްގުތަކަށް އިހްތިރާމް ކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއް ކަމަށެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކުން ގާނޫނާ ޚިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާތީ އެފަދަ ކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް ވެސް ގަރާރުގައި ވެ އެވެ.
ގަރާރުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާ ޚިޔާލުތައް ދުލާއި ގަލަމުން އަދި މީހުން ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ސިޔާސީ ޕާޓީ އުފައްދައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮށްމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވާއިރު ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވާ ކަމަށެވެ.
ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބޭ ހައްގުތަކާ މިނިވަންކަމާ އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ އިރު އަނެކުންގެ ހައްގުތަކާ މިނިވަންކަމަށް ރައްކާތެރިވެ އެ ހައްގުތަކާ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އެންމެހައި މީސްކަތުންގެ މެދުގައި އަދި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ސިޔާދަތާ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާ ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެެއް ކަމަށް ބަޔާން ކޮށްފައިވާ ކަން ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ގަރާރުގައި ބުނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާއިރު ގާނޫނު އަސާސީ އާ ސިޔާސީ ޕާޓީގެ ގާނޫނު އިން ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި އެފަދަ ހަރަކާތްތައް ހިންގުމަކީ ގައުމުގެ މަސްލަހަތާއި އަމަންއަމާން ކަމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާ އާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހަމަތަކާ ޚިލާފަށް ހިންގަމުންދާ ގާނޫނާ ޚިލާފު ސިޔާސީ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެކަމުގެ ދަތި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާތީ އެފަދަ ފަރާތްތަކުން ހިންގަމުން ގެންދާ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވައި، އެފަދަ ފަރާތްތަކާ މެދު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.






