ޚާރިޖީ ބަހުރުވަ އަޅުގަނޑަކަށް ނޭނގޭ: އެކަމަކު ތިޔަ ބަޔާން ރައްދުވަނީ ފުރަތަމަ މި ސަރުކާރަށްކަން އަޅުގަނޑަށް އެނގޭ...
ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ އަމަލުތަކުން ދުރުހެލިވުމަށް ސަރުކާރުން އިލްތިމާސްކުރި ނަމަވެސް، މިއީ "އިންޑިއާ އައުޓް" ފަދަ ފިތުނަވެރި ކެމްޕޭންތަކުން ވެރިކަމަށް އައި ބަޔަކު އަމިއްލަ ނަފްސަށް ވެވުނު އިއުތިރާފެއް ކަމަށް ގިނަ ބަޔަކު ދެކޭ. ވެރިކަމަށް އައުމަށްފަހުވެސް އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގެ ގައުމުތަކަށް އަމާޒުކޮށް ސަރުކާރުގެ އިސްވެރިން ޒިންމާދާރުކަން ކުޑަ ބަސްމަގު ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ. އެހެންކަމުން، އެހެން ފަރާތްތަކަށް ނަސޭހަތް ދިނުމުގެ ކުރިން ސަރުކާރުގެ އަމަލާއި ބަސްމަގު އިސްލާހުކޮށް، މާޒީގައި ހިންގާފައިވާ ޚާރިޖީ ގުޅުންތަކަށް ގެއްލުންވާފަދަ ކަންކަމަށް ބަލާލުން މުހިންމު.


ޑރ މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި | ގޫގުލް
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ދާދިފަހުން ވަނީ، ބޭރު ގައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށާއި، އެފަދަ ވާހަކަތަކާ ދުރުވުމަށް އިލްތިމާސްކޮށް ވަރަށް ފުރިހަމަ ބަޔާނެއް ނެރެފައެވެ. ލިޔެފައިވާ އިބާރާތްތަކަށް ބަލާއިރު، މިއީ ޒިންމާދާރު ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ދައުލަތެއްގެ އުސޫލުތަކާ އެއްގޮތް، ވަރަށް މާތް، ސީދާ ސާދާ ބަޔާނެކެވެ.
ނަމަވެސް، ހަގީގަތަށް ބަލާއިރު، މިއީ އެހެން ބަޔަކަށް ދޭ ނަސޭހަތަކަށްވުރެ ބޮޑަށް، އަމިއްލަ ނަފްސަށް ވެވުނު އިއުތިރާފެކޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަބަބަކީ، ޚާރިޖީ ގުޅުންތަކަކީ ސިޔާސީ ކެމްޕޭނެއްގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި ބަޔަކު މިއަދު ވެރިކަމުގައި އޮވެ، އެ މަގުން ނުހިނގުމަށް އެހެން މީހުންނަށް ނަސޭހަތް ދެމުންދާތީއެވެ.
މިއީ، "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ވަރުގަދަ އަދި ފިތުނަވެރި ކެމްޕޭނެއްގެ މައްޗަށް ބިނާވެ، ވެރިކަމަށް އައި ސަރުކާރެކެވެ. އެ ޝިއާރަކީ އިންތިޚާބީ މުޅި މެނިފެސްޓޯގެ މައިބަދައަށް ހަދައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. އެ ދުވަހު ޚާރިޖީ ގުޅުންތަކަކީ ނާޒުކު ކަމެއްގެ ގޮތުގައި ނުދެކެއެވެ. އަވައްޓެރި ޤައުމުތަކުގެ ލީޑަރުންގެ މާލި ހަދައި މަގުމަތީ ޕެރޭޑު ޖެއްސިއިރު ޚާރިޖީ ގުޅުމަށް އަސަރުކޮށްފާނެއެކޭ ހަމަ ހިތަކަށްވެސް ނާރައެވެ.
މިއީ ހަމައެކަނި ވެރިކަމަށް އައުމުގެ ކުރީގެ ޙާލަތު އެކަންޏެއް ނޫނެވެ. ވެރިކަމަށް އައުމަށްފަހުވެސް މިވެރިންގެ ކަންތައް ހުރީ ހަމަ އެހެންނެވެ. ޚާރިޖީ ސިޔާސަތާއި، ޑިޕްލޮމެސީއާއި ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކަށް ބަލާލުމެއް ނެތި މި ހިނގަމުންދާ ސަރުކާރުގެ ވެރިންވެސް ކޮށްފައިވާ ކަންކަން މަދެއް ނޫނެވެ. ހުދު ރައީސުލްޖުމްހޫރިއްޔާވެސް ހިމެނިވަޑައިގަންނަވާ ގޮތަށެވެ.
އޭގެ އެއް މިސާލަކީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ފާޑުވިދާޅުވެފަ ދެއްކެވި ހަރުކަށި ވާހަކަފުޅެވެ. އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއާއި، ސަލާމަތީ ކަންކަމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެންމެ ގާތް އެހީތެރިއެއްގެ ގޮތުގައި ދެމިއޮތް ގައުމެކެވެ. ނަމަވެސް އެ ދުވަހު ރައީސް މުއިއްޒު ވާހަކަ ދެއްކެވީ އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދޭހަވާ ގޮތަށެވެ.
އޭގެ ފަހުން، މޮރިޝަސްއަކީ "އިމެޗުއަރ" ޤައުމެއް ކަމަށް ސިފަކޮށް ދެއްކެވި ވާހަކަފުޅުތަކަކީ، ޚާރިޖީ އުސޫލުތަކަށްވުރެ ބޮޑަށް، ކުޑަކުދިންގެ ކުޅިވަރެއް ފަދަ ދަށު ދަރަޖައިގެ ވާހަކަތަކެކެވެ. ނުވިތާކަށް އެއީ ޚާރިޖީ ކަންކަމަށް ސަމާލުވާ ސަރުކާރަކުން ވިސްނާލުމެއްނެތި ދައްކާނެ ޒާތުގެ ވާހަކައެއްވެސް ނޫނެވެ.
އެހެންކަމުން ޚާރިޖީ ގުޅުންތަކަށް ގެއްލުން ނުދިނުމަށް އެހެން މީހުންނަށް އިރުޝާދު ދިނުމުގެ ކުރިން، މި ސަރުކާރުން އަމިއްލަ މާޒީއަށް ބަލާލުން މުހިންމެވެ. ފިތުނަ އުފެއްދި ތަގުރީރުތަކާއި، ބައިބައިވުން އުފެއްދި ކެމްޕޭންތަކާއި، ޚާރިޖީ ގުޅުންތަކަށް ބޭނުންވާ ގަދަރާއި އިއްޒަތް ކުޑަވެގެންދިޔަ ފަރުވާކުޑަ ބަސްމަގު މަތިން ހަނދާންކުރަންޖެހެއެވެ.





