ސްޓެލްކޯގެ އެމްޑީ އަކަށް ޑރ. އަޒްވަރު އައްޔަންކޮށްފި
ސްޓެލްކޯގައި 1997 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ޑރ. އަލީ އަޒްވަރަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރެއްވި ތިންވަނަ މެނޭޖިން ޑިރެކްޓަރ. މީގެ ކުރިން އެ މަގާމުގައި ތިއްބެވި ހުސައިން ފަހުމީ އާއި އަހްމަދު ޝަމާހު ރަޝީދު ވަނީ އެކި ސަބަބުތަކާ ހުރެ މަގާމުން ވަކިކުރައްވާފަ.


ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވާ ޑރ. އަލީ އަޒްވަރު | ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު އަންގާރަ ދުވަހު އައްޔަނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ސ. ފޭދޫ، ނެސްޕްރޯވިލާ، އަލީ އަޒްވަރު އެ މަގާމަށް އައްޔަންކުރެއްވީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.
އަޒްވަރަކީ މި ސަރުކާރުން ސްޓެލްކޯ އަށް އައްޔަން ކުރެއްވި ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ހުސައިން ފަހުމީ އެވެ. ނަމަވެސް، މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑޭ މައްސަލަ އާއި ކަރަންޓު ބިލުތައް ބޮޑުވާ މައްސަލައިގައި އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި، 2025 ސެޕްޓެމްބަރު 7 ގައި އޭނާ ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. ފަހުމީ އެ މަގާމުން ވަކިކުރެއްވުމަށްފަހު ފުރަތަމަ ބަދަލު ކުރެއްވީ ރައީސް އޮފީހުގެ އިސް މަގާމަކަށެވެ. އޭގެ ފަހުން މި މަހުގެ ތެރޭގައި އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމު އެންމެ ފަހުން ހުސްވީ، ފަހުމީ އަށް ފަހު އެ މަގާމަށް އައްޔަން ކުރެއްވި އަހްމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޝަމާހު މަގާމުން ވަކިކުރި ފަހުން އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅޭ އެއްވެސް ތަފްސީލެއް މިހާތަނަށް އޭސީސީ އިން ހާމަކޮށްފައެއް ނުވެ އެވެ.
ޑރ. އަލީ އަޒްވަރަކީ ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1997 ވަނަ އަހަރު އެ ކުންފުންޏާ ގުޅިވަޑައިގެންނެވި އަޒްވަރު ވަނީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ކުންފުނީގެ އިސް އެހެން މަގާމުތައް ވެސް ފުރުއްވާފަ އެވެ.







