18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.
މާލޭގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް "ފުރަތަމަ ގެ" ކަށަވަރުކޮށްދިނުމުގެ މަސައްކަތް 2025 ވަނަ އަހަރު ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައި. ނަމަވެސް، މި ވައުދާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ވިދާޅުވީ މިއީ ކޮންމެ ފަރުދަކަށް ވަކިން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުން ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ ކޮންމެ މީހެއް ހިމެނޭ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް. މި ސިޔާސަތު ތަންފީޒުކުރުމުގައި މާލެ ސަރަޙައްދުން ބިން ނެތުމުގެ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައި.


ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި. | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް" "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ދޭ ވައުދުފުޅު ބަދަލުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށައި ޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށް ދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް 2025 ގައި ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ޕަބްލިކް ސަރވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
ރައީސް ވިދާޅުވީ 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް 2025 ގައި ފެށިގެންދާނެ ކަމަށެވެ.
ރައީސްގެ މި ވައުދުފުޅާ ގުޅިގެން ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ ރައީސް ވިދާޅުވެފައި ވަނީ 18 އަހަރުން މަތީގެ ބޯހިޔާކަން ބޭނުންވާ އެއްވެސް ފަރާތެއް ނެތުމަކީ އެ މަނިކުފާނު ފަސް އަހަރުގެ ތެރޭގައި އެޗީވްކުރަން ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް 18 އަހަަރުން މަތީ ކޮންމެ މީހަކަށް ފުލެޓެއް ދިނުމަކީ ނޫނީ ބިމެއް ދިނުމެއް ނޫން ކަމަށާއި، އެއީ 18 އަހަރުން މަތީގެ ކޮންމެ މީހެއް ހިމެނޭ އާއިލާއަކަށް ނުވަތަ އިމީޑިއެޓް ފެމިލީ ބޯހިޔާވަހިކަމެއްގެ ވާހަކަ ކަމަށެވެ.
އަޅުގަނޑުމެންނަށް އެކަން އެޗީވްކުރެވޭނެ މަގު އަޅުގަނޑު މި ދަންނަވަނީ، އޭގެ މާނައަކީ 18 މަތީ ކޮންމެ މީހަކަށް ފްލެޓެއް ދިނުމަކީ ނޫނީ ބިމެއް ދިނުމަކީ. އޭގެ މާނައަކީ 18 އަހަރުން މަތީގެ ކޮންމެ މީހެއްގެ ހިމެނޭ ޢާއިލާއަކަށް، މާނައަކީ އޭނަގެ އިމީޑިއެޓް ފެމިލީއަށް ބޯހިޔާވެކަމެއް ލިބިފައޭ އޮންނާނީ. މާނައަކީ އަޅުގަނޑާ އަޅުގަނޑުގެ އަންހެނުންނަށް ދެމީހުންނަށް ދެ ތަނެއް ލިބޭކަށް ނުޖެހޭ. އަޅުގަނޑުމެން އެއް ފެމިލީއަށް އެއް ތަނެއް އޮންނަންވާނެ. އެހެންވީމާ، އެ ވިޝަންގައި މަސައްކަތްކުރަމުންދާއިރު އަޅުގަނޑު މި ދެންނެވި ގޮތަކީ، މި ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންގެ އަތުގައި އެކަމަށް ބޭނުންވާ މިންވަރަށް ޕްލެޓް އެޅުމަށްޓަކައި ބިން ނެތުމަކީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ޗެލެންޖޭ. އެއީ ދަތިކަން ޙައްލުކުރެވޭތޯ އަޅުގަނޑުމެން ގުޅީފަޅުގެ އެންމެ ފުންތަން ހިއްކުމަށް ވެސް މަސައްކަތް މި ކުރަނީ. އެހެންވީމާ، ޙަޤީޤަތުގައި އެތަން ހިއްކިއްޖެ ކަމުގައި ވާނަމަ، އެ ވެސް އަޅުގަނޑުމެން ބޭނުންކުރެވިދާނެ ތަނެއް. އެހެންނަމަވެސް، މި ދެންނެވި ގޮތަށް ފްލެޓް އެޅުމަށްޓަކައި ހަމަ ވަރަށް ބޮޑު ޗެލެންޖެއް އެބަހުރި ބިން ނެތުން އެދަތިކަން.ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
ރައީސްގެ ވައުދުފުޅުގައި ވިދާޅުވެފައިވަނީ 18 އަހަރު ފުރޭ ކޮންމެ މީހަކަށް ބޯހިޔާވަހިކަމެއް ދިނުމަކީ ވަރަށް މުހިންމު ވައުދެއް ކަމަށާއި، އަމިއްލަ ގެދޮރެއް ނެތް ރައްޔިތަކު ނެތްކަން ކަށަވަރުކޮށްދެއްވާނެކަމަށެވެ. އެގޮތުން މާލޭގައިވެސް، އެއްވެސް ރަށެއްގައިވެސް "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ފުރަތަމަ ގެ ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު (2025) ނިމުމުގެ ކުރިން ލިޔުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަދި މި ސަރުކާރަށް އެންމެ ފުލެޓެއްގެ ވެސް އަދި އެންމެ ގޯއްޗެއްގެ ވެސް ލިޔުން ހަވާލުކުރެވިފައި ނެތެވެ.








