ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ
އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކަކީ އަޚުލާގީ މިންގަނޑުން ބޭރުވެފައިވާ ހަރަކާތްތަކެއް ކަމަށް ސަރުކާރުން ބުނަމުންދާއިރު، މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާރުގެ ރައީސް މުއިއްޒު ވެސް ހުންނަވާ ޕީޕީއެން އިން ހިންގި ބޭއަދަބީ މުޒާހަރާ ރައްޔިތުން ހަނދާން އެބަހުރި. އޭރުގެ އިދިކޮޅު ލީޑަރުންނާއި މިހާރުގެ ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވި "އިންޑިއާ އައުޓް" ފަދަ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ، ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް އުނިކަން އަންނަ ފަދަ ހަޑިހުތުރު ބަސްމަގު ބޭނުންކޮށްފައިވާކަން ރައްޔިތުން ހަނދާން އެބަހުރި. އެހެންކަމުން، މިއަދުގެ އިދިކޮޅު ހަރަކާތްތަކަކީ މާ ސުލްހަވެރި އަދި ތަހުޒީބު ހަރަކާތްތަކެއް ކަމަށް އެންމެން ވެސް ގަބޫލު ކުރޭ.


އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް މުޢިއްޒު | ރާއްޖެއެމްވީ
މަގުމަތީގެ ހަރަކާތްތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާ ކަމެއް ނޫނެވެ. ނަމަވެސް، މިއަދު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މިހާރުގެ އިދިކޮޅު އެމްޑީޕީގެ އިހުތިޖާޖުތަކާ ގުޅިގެން ދައްކަވާ ވާހަކަތަކުން އަޖައިބުވާހާ ވެ އެވެ.
މި ސަރުކާރުން ބުނަމުންދަނީ އިދިކޮޅު ފަރާތްތަކުން ބޭނުންކުރަނީ ހަޑިހުތުރު ބަސްތައް ކަމަށާއި، އެއީ އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކެއް ކަމަށެވެ. އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކަކީ ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކުރާ، އަދި އާންމު މަސްލަހަތު ގެއްލޭ ފަދަ "މުޑުދާރު" ހަރަކާތްތަކެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.
ނަމަވެސް އަހަރުތަކެއް ފަހަތަށް ޖެހިލުމުން ފެންނަ މަންޒަރުތަކުން ހަގީގަތުގައި އާންމު މަސްލަހަތު ގެެއްލޭ ގޮތަށް، މީހުންގެ އަބުރު ކަތިލައި މުޒާހަރާ ކުރީ ކޮންބައެއްކަން ސާފުވާނެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" އަދި އެހެނިހެން މުޒާހަރާތަކަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޭއަދަބީ ބަސްމަގު ބޭނުންކުރި މުޒާހަރާތަކެވެ. އޭރުގެ އިދިކޮޅު ލީޑަރުންނާއި، މިހާރުގެ ރައީސް މުއިއްޒު ހިމެނޭހެން، މަގުމަތީގައި ތިއްބަވައިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ގޮވާފައިވަނީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ހަޑިހުތުރު ނަންނަމުންނެވެ.
ރައީސް ސޯލިހުގެ އަބުރު ކުޑަކުރުމަށްޓަކައި އެއްވެސް ހެއްކެއް ނެތް ދޮގު ތުހުމަތުތައް އަޅުވައި، ނޫސްވެރިންގެ ނަމުގައި ތިބި އެކްޓިވިސްޓުން ބޭނުންކޮށްގެން މުޅި މުޖުތަމައުއަށް ފިތުނަ ފެތުރި މަންޒަރު މިއަދުވެސް ރައްޔިތުން ހަނދާން އެބަހުއްޓެވެ. އޭރު އެ މުޒާހަރާތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ރައީސް ސޯލިހަށް އިހާނެތިކޮށް ބަސް ވިދާޅުވި ބޭފުޅުން މިއަދު ސަރުކާރުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބަވައިގެން، އަހުލާގީ މިންގަނޑުތަކެއްގެ ވާހަކަ ދެއްކަވާތީއެވެ. ރައީސް މުއިއްޒު އަމިއްލަފުޅަށްވެސް ވަނީ އެ ދުވަސްވަރު މަގުމަތީގައި ބޭއްވި އެފަދަ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންފަ އެވެ. އެހެންވީމާ އެމަނިކުފާނު މިއަދު އަޚުލާގުގެ ވާހަކަ ދެއްކެވީމާ ދެން ވަރަށް ޖޯކެވެ.
އޭރުގެ މުޒާހަރާތަކަކީ އެއްގޮތަކަށްވެސް ސުލްހަވެރި މުޒާހަރާތަކެއް ނޫނެވެ. އެންމެންގެ ހަނދާނުގައި އަދިވެސް ހުންނާނެ އެންމެ ހަޑިހުތުރު އެއް ހާދިސާއަކީ، މުޅި ދުނިޔެ ކޮވިޑް-19 ގެ ނުރައްކާތެރި ބިރުވެރިކަމުގައި އޮތް ދުވަސްވަރު، މުޒާހަރާގެ ތެރެއިން މީހަކު ގޮސް ވާޖިބު އަދާކުރަން ހުރި ފުލުހެއްގެ މޫނަށް ކުޅުޖެހި ހާދިސާއެވެ. އެވެސް ދުފައިގެން ހުރެ ޖެހި ހައްޕުނޑުގަނޑެކެވެ.
ފުލުހުންނަށް އަނިޔާ ކުރުމާ ދަތް އެޅުމާ ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ހައްތަހާވެސް މިފަދަ އަޚުލާގެއް ނެތް އަނިޔާވެރި އަމަލުތަކެވެ. ފުލުހުންނަށް ހަމަލާދީ، މަގުމަތީގައި ހަމަނުޖެހުން ހިންގައި، މީހުންގެ އަބުރާ ބެހުމުގައި އޭރު އެއްވެސް އިމެއް ނެތެވެ. މިއަދު އެމްޑީޕީން ކުރާ އިހުތިޖާޖުތަކުގައި އެފަދަ އަނިޔާވެރިކަމެއް ނުވަތަ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ނުފެނެ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ހަގީގަތުގައި އާންމު މަސްލަހަތު ގެެއްލޭ ގޮތަށް މުޒާހަރާ ކުރަނީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ އެވެ. ވެރިކަން ލިބުނީމާ ކުރިން ކުރި ކަންތައްތައް ހަނދާން ނައްތާލާފައި، މިއަދު އެހެން ބަޔަކު ކުރާ ސިޔާސީ މަސައްކަތްތަކުގައި ކުށް ހޯދުމަކީ ވަރަށް ހެއްވާ ކަމެކެވެ. އެމްޑީޕީގެ މުޒާހަރާތަކުގައި ބޭނުންކުރާ ބަސްމަގު މާ ރީއްޗެވެ. އެމީހުންގެ އަމަލުތައް މާ ސުލްހަވެރިއެވެ. ޕީޕީއެމުން ކުރީގައި ދެއްކި ބިރުވެރި މަންޒަރުތަކާ އަޅާބަލާއިރު، މިހާރު މި ފެންނަނީ ވަރަށް ތަހުޒީބު ހަރަކާތްތަކެކެވެ. އެހެންކަމުން، މިއަދު ސަރުކާރުން ދައްކާ ވާހަކަތަކަކީ ހަމައެކަނި އިދިކޮޅު އަޑުތައް ކަނޑުވާލުމަށް ދައްކާ، އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.
ހަގީގީ އަނިޔާވެރިކަމާއި ބޭއަދަބީކަން ފެނިގެންދިޔައީ މިހާރު ވެރިކަމުގައި ތިބި ބޭފުޅުން އިދިކޮޅުގައި ތިއްބެވި ދުވަސްވަރު މަގުމަތިން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެބޭފުޅުން އެކަން ހަނދާން ނެތުނަސް ދިވެހި ރައްޔިތުން އެކަން ހަނދާނެއް ނުނެތެ އެވެ.






