ޙައްޖުގެ ކިއޫ ދިގުވާކަމަށް ދައްކާ މައްސަލައަކީ ތޮބީއީ ކަމެއް، ބެކްލޮގް ބޮޑުވީ ކޮވިޑާހެދި: މިނިސްޓަރ
ޙައްޖު ކިއޫ ދިގުވަނީ ކޮވިޑުގެ ބެކްލޮގާ އެކު، ގިނަ ބަޔަކު ކުރިއާލާ ފައިސާ ދައްކައިގެން ލިސްޓުގައި ބައިވެރިވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދީގެން ޙައްޖަށް ފޮނުވުމަށް ސަރުކާރުން އިންތިޒާމުތައް ހަމަޖައްސަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސިޔާސަތުގެ ދަށުން ފަގީރުންނަށް ވެސް މިހާރު ވަނީ ފުރުސަތު ފަހިކޮށްދީފައި. އެހެންކަމުން ކިއޫގައި ޖެހިގެން ތިބުމަކީ ބުއްދިވެރި ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސައުދީން ލިބޭ ކޯޓާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި.


ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ | ރައްޔިތުންގެ މަޖިލިސް
ޙައްޖަށް ދިއުމަށްޓަކައި ކިއޫގައި ޖެހިފައި ތިބި މީހުންގެ ލިސްޓު ބޮޑުވި އެއް ސަބަބަކީ ކޮވިޑާހެދި ބެކްލޮގް އިތުރުވުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ޙައްޖާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖު ކިއޫ ދިގުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، ކޮވިޑުގެ ދުވަސްވަރު އުފެދުނު ބެކްލޮގާއެކު މިހާރު ޙައްޖަށް ދާން ތިބި މީހުންގެ ލިސްޓު އިތުރަށް ބޮޑުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ވަރަށް ގިނަ ބެލެނިވެރިންނާއި އޮފީސްތަކުންވެސް ވަކި މިންވަރެއް ދައްކާގޮތަށް ޙައްޖަށް ދިއުމަށް ކިއޫގައި ޖައްސަމުންދާ ކަމަށާއި، އެކަމުގެ ސަބަބުންވެސް ކިއޫ ދިގުވާކަމަށް ދައްކާނެ ކަމަށެވެ. އަދި އެއީ ތޮބީއީ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިހާރު ރާއްޖޭގައި ވަރަށް ޕްލޭންކޮށްގެން ޙައްޖަށް ދިއުމަށްޓަކައި ކިއޫއަށް އެބަދޭ މިހާރު، މައިންބަފައިން އެމީހުންގެ ދަރިން ކިއޫއަށް އެބަ އަރުވާ ކުރިއާލާ ކޮންމެވެސް މިންވަރެއް ދައްކާފައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން އެބަ ލިސްޓަށް އަރުވާ ކޮންމެ މަހަކު އެމީހުންގެ މުސާރައިން ވަކި މިންވަރެއް ދައްކައިގެން އަގު ހަމަކުރާ ގޮތަށް، އެމީހުންވެސް ތިބޭނީ ލިސްޓުގައި، އެހެންވީމާ ކިއޫ ދިގުކޮށް މި ފެންނަ ފެނުމަކީ ތޮބީއީ ކަމެއްގެ ގޮތުގައި އަޅުގަނޑު ބަލަނީއިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު ވިދާޅުވީ އެގޮތަށް ވަކި މިންވަރެއް ދެއްކުމަށްފަހު ކިއޫގައި ޖެހިގެން ތިބުން ބުއްދިވެރި ކަމަށާއި، ސައުދީން ކޯޓާ އިތުރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުން ޙައްޖަށް ދާން ބޭނުންވެގެން ކޮވިޑުގެ ކުރިން ނަން ނޯޓުކޮށްފައި އެބަތިބިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެމީހުން ޙައްޖަށް ފޮނުވުމަށް ސަރުކާރުން ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ވަކި ބަޔަކަށް ޚާއްސަ އިސްކަމެއްދީގެން އިސްތިސްނާ ކުރުމަކީ ސަރުކާރުން ކުރަމުންދާ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރައީސްގެ ޚާއްސަ ސިޔާސަތެއްގެ ދަށުން ފަޤީރުންނަށް ޙައްޖަށް ދިއުމަށް ފަސޭހަ ގޮތްތަކެއް ފަހި ކުރައްވާފައިވާ ކަމަށެވެ. އެއީ މީގެ ކުރިން ބައެއް ސަރުކާރުތަކުންވެސް ކޮށްފައިވާ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.








