ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި
ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ކަމަށް ބުނެ މީޑިއާއަކުން ފެތުރި ޚަބަރު ރައީސް އޮފީހުން ވަނީ ދޮގުކޮށްފައި. އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ދެއްވި ޖަވާބުގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ޚަބަރެއް ކަމަށް. ކުރިއަށް އޮތް ތަނުގައި ވަޒީފާ ދިނުމުގައި އަމަލުކުރާނީ މެރިޓް އުސޫލުން ކަމަށާއި، ސިޔާސީ ބޭނުމަށް ވަޒީފާ ދިނުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވޭ.


ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް
ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ޚަބަރު ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ދޮގު ކުރައްވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖޭގެ މީޑީއާއަކުން "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ޚަބަރަކީ، ރާއީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ހަވާލާދީ، ލިޔެފައިވާ ޚަބަރެއް ކަމަށާއި، އެޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ، ޚަބަރުގައި އޮތް ސުރުޚީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގައި ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަގުސަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.
ވަކި މަގުސަދެއް ހާސިލުކުރުމަށް ލިޔެވޭ އަން-އެތިކަލް، އަން-ޕްރޮފެޝަނަލް މިފަދަ ލިޔުންތަކާ ގުޅިގެން، ކަމުގެ ހަގީގަތް ސާފުކޮށް، ހާމަކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން މިފަދަ ބަޔާނެއް މި ނެރުނީ ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ދެއްވި ޖަވާބާ ގުޅިގެން މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެ ނޫސްވެރިޔާ ވަނީ '' ދާދިފަހުން އިންތިޚާބާ ދިމާކޮށް ވަރަށް ގިނަ ބޭފުޅުން ނުވަތަ ވަރަށް ގިނަ ފަރާތްތަކަށް ވަޒީފާތަކެއް ދެވިގެންދިޔަތަން ފެނިގެންދިޔަ ކަމާއި، އެފަދަ ފަރާތްތައް ވަޒީފާއިން ވަކިވެގެން ދާނެތޯ '' ސުވާލު ކޮށްފަ އެވެ.
މިސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ކެންޕެއިނަކާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ދެން އެމަނިކުފާނު ވަޒީފާއެއް ނުދެއްވާނެ ކަމަށެވެ.
ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އެނގޭތޯ. ދެންމެ މިދެންނެވިހެން އިއުލާންކުރެވިގެން ކުރިމަތިލައިގެން އެމީހާގެ ސީވީއަށް ބަލައި މެރިޓް ބޭސްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށްގެންދާނީ. އަދި ނުގަވާއިދުން ނުވަތަ ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފިނަމަ އެމީހަކު ވަޒީފާއިން ވަކި ކުރަން ވެސް އަޅުގަނޑު ވާނީ ދަންނަވާފައި. ދެން އަޅުގަނޑުމެން ވެސް އަމަލުކުރާނީ އެގޮތަށް ސަރުކާރުން ވެސް.ރައީސް ޑރ.މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފިނަމަ އެމީހަކު ވަޒީފާއިން ވަކި ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުން އަމަލުކުރާނީ ވެސް އެގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.







