އެމްޓީސީސީ އިން ހިންގި 13 މިލިއަން ރުފިޔާގެ ޓެކްސީ އެޕްގެ ބޮޑު ޚިޔާނާތް: ޚިދުމަތް ފެށި އިރު މަސައްކަތް ނުކުރާ އެޕަށް 4.5 މިލިއަން އޮތީ ދޫކޮށްފައި
އެމްޓީސީސީ އަކީ ދިގު ތާރީޚެއް އޮތް ކުންފުންޏެއްކަމުން ޚިދުމަތާއި ތަކެތި ހޯދުމުގައި އަމަލުކުރަންވީ ގޮތުގު ޕޮލިސީތަކާއި ޤަވާއިދުތަކަކީ އެ ކުންފުނީގެ މެނޭޖުމަންޓުން އެކުލަވާލައި ކުންފުނީގެ ބޯޑަށް ހުށަހަޅާ ފާސްކޮށް ޒަމާނުއްސުރެ އަމަލު ކުރަމުންދާ ކަންކަން. މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރީ ސަރުކާރުގައި އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ އިސްތިރާޖީ ރޭވުންތަށް ތަންފީޒުކުރުމަށް ބޭނުންވާ ހަރުމުދާ (ޓޭންޖިބަލް އަދި އިންޓޭންގިބަލް ހަރުމުދާ) ގަތުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ޕޮލިސީތަކާއި ޕޮރިސީޖަރުތައް ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިސްލާހުކޮށް އަދާހަމަކޮށްފައި. މިކަން މިހެން އޮތް އިރު 13 މިލިއަން ރުފިޔާ ގެ ބޮޑު އަގުގައި ޓެކްސީ އެޕެއް ހެދުމަށް ބަޔަކާ ހަވާލު ކުރީ ކަރަޕްޝަނަށް މަގުފަހިވާ ގޮތައް، އަޑިނޭނގޭ ކަންތައްތަކެއް އޭގައި ހިމެނޭ ގޮތައްކަން ސާފު ކޮށް ފެންނާން އެބައޮތް.

އެމްޓީސީސީ އިން ތައާރުފް ކުރި ޓެކްސީ ލައިންގެ ކާރެއް ދަތުރުކުރަނީ. | ރާއްޖެ އެމްވީ
އެމްޓީސީސީގައި ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ ސިޔާސަތުގައިވާ ގޮތުން، ކުންފުނީގެ ބޯޑުން ބަޖެޓު ހުއްދަދީފައިވާ އިންވެސްޓްމަންޓެއް ކަމުގައިވީ ނަމަވެސް, ހޯދަން ބޭނުންވާ ހަރުމުދަލަކީ 15 މިލިއަން ރުފިޔާއަށް ވުރެން ދަށް އިންވެސްޓްމަންޓެއްކަމުގައި ވަނީ ނަމަ އެކަމަށް އެދޭ ޑިވިޜަނަކުން ހުށަހަޅާ އިންވެސްޓްމަންޓުގެ ތަފްސީލީ ފީސިބިލިޓީއެއް ކުންފުނީގެ "އިންވެސްޓްމަންޓް ރިވިއުކޮމިޓީ އަށް" ހުށަހަޅާ ކޮމިޓީގެ އަޣުލަބިއްޔަތުން އިންވެސްޓްމަންޓަކީ ކުންފުންޏަށް ފައިދާހުރި ނުވަތަ ގެއްލުންވެދާނެ އިންވެސްޓްމަންޓެއްތޯ ބަލައި ކުންފުނީގެ ސީއީއޯ އަށް ލަފާ ދޭން ޖެހެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމްޓީސީސީ އިން އަލަށް ފެށި ޓެކްސީ ޚިދުމަތައް ބޭނުންވާ އެޕެއް ހެދުމަށް 13 މިލިއަން ރުފިޔާގެ ބޮޑު އަގުގައި ބަޔަކާ ހަވާލު ކުރީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކުގައި ބަޔާންކުރާ އިޖުރާޢަތްތައް ފުރިހަމަކޮށްގެންނެއް ނޫނެވެ.
މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި، 13 މިލިއަން ރުފިޔާގެ އެޕް ގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ބޯޑަށް މިކަމާބެހޭ ފީޒިބިލިޓީ ކަރުދާސް ހުށަހެޅުމެއް ނެތި، އަދި ބޯޑުގެ ހުއްދަވެސް ހޯދުމެއް ނެތި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ ބުނާގޮތުން ކުންފުންޏަށް ބޭނުނުންވާ މުދާ ގަތުމުގައި ޕާޗެސިންގ އޯޑަރ (ޕީއޯ) މެދުވެރިކޮށް ނުވަތަ ޓެންޑަރ އުސޫލުން އެއްބަސްވުން ހަދައިގެން މުދާ ގަނެވެ އެވެ. އަދި ޓެންޑަރ އުސޫލުން (އިންވައިޓެޑް ނުވަތަ އޯޕަން ޓެންޑަރ) ގަންނަ މުދަލުގެ ޕްރޮޕޯސަލްތައް އިވެލުއޭޓުކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ ބުނާގޮތުން އޮނަހިރި މެމްބަރުންގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލުމަށް ލާޒިމްކުރެ އެވެ. ނަމަވެސް އެޕް ހެދުމަށް ބަޔަކާ ހަވާލު ކުރުމަށް އިވެލުއޭޝަން ހެދީ ޕޮލިސީގައި ބަޔާންކުރި ކޮމިޓީއަކުން ނޫންކަމަށް ވަނީ މައުލޫމާތުލިބިފަ އެވެ. ކުންފުނީގެ ސިޔާސަތާ ޚިލާފަށް މިކަމަށް ހެދި އިވެލުއޭޝަން ކޮމިޓީއަކީ ކުންފުނީގެ ކާކު ހުއްދަދީގެން އެކުލަވާލި ކޮމިޓީއެއްކަން ސާފު ނުވާކަމަށް މައުލޫމާތު ދިން ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
އެނގިފައިވާ ގޮތުގައި 13 މިލިއަން ރުފިޔާގެ މި ޓެންޑަރަކީ ޓެކްނިކަލް ޓެންޑަރ އެއްކަމަށް ވާއިރު, އާންމު އުސޫލުގެ ދަށުން މައި ޓެންޑަރ ކޮމިޓީގައި އެކަމުގެ ތަޖުރިބާ ނެތްކަމުގައި ވަނީ ނަމަ, ޓެކްނިކަލް ބައި އިވެލުއޭޓްކުރުމަށް ޓެކްނިކަލް ސަބްކޮމިޓީއެއް އެކުލަވާލުމަކީ އެމްޓީސީސީ ގައި ކުރަމުންދިޔަ ކަމެކެވެ. އަދި މައިކޮމިޓީގެ އިވެލުއޭޝަން ނިންމާނީ ސަބްކޮމިޓީގެ ލަފަޔަށް ރިއާއަތްކުރުމަށް ފަހުގަ އެވެ. އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސީ އެޕް ހެދުމަށް ބަޔަކާ ހަވާލު ކުރުމުގައި އަމަލުކުރީ މި ގޮތަކަށް ނޫނެވެ.
ކުންފުންނީގެ ޕްރޮކިއުމަންޓް ކަންކަން ހިނގާ ގޮތް އެނގޭ ފަރާތަކުން ބުނި ގޮތުގައި އެމްޓީސީސީ އަށް ބޭނުންވާ މުދާ ހޯދުމަށް ސަޕްލަޔަރުންނަށް ދައުވަތު ފޮނުވާނީ ހަމަ އެކަނި ކުންފުނީގެ ސަޕްލަޔަރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ. މިކަން މިހެން އޮތް އިރު މި ޓެންޑަރގައި ބައިވެރިވުމަށް ދައުވަތު ފޮނުވި ތާރީހުގައި ދައުވަތު ފޮނުވި ސަޕްލަޔަރުން ތެރެއިން 13 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެމްޓީސީސީއާއެކު އެއްވެސް މުއާމަލާތެއް އޭގެ ކުރިން ކޮށްފައިވާ ބަޔެއްނޫން ކަން ވަނީ އެނގިފަ އެވެ. އަދި އެފަރާތައް ދައުވަތު ފޮނުވި ތާރީޚްގައި އެ ކުންފުންޏަކީ ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ނުހިމެނޭ ކުންފުންޏެއް ކަމާއި އަދި މިފަދަ މަސައްކަތެއް ދުވަހަކު ވެސް ކޮށްފައިވާ ބައެއް ނޫން ކަމަށްވެ އެވެ. އެހެންކަމުން އެފަރާތައް ޓެންޑަރގައި ބައިވެރިވުމަށް ދައުވަތު ދިން ގޮތާ މެދު ސީރިއަސް އެތައް ސުވާލެއް އުފެދެ އެވެ.
13 މިލިއަންގެ ޓެކްސީ އެޕް ޑިވެލޮޕްކުރުމަށް ޓެންޑަރ އެވޯޑުކުރި ކުންފުންޏަކީ މި ޓެންޑަރުގެ ސްކޯޕްގައި ބަޔާންކޮށްފައިވާ ކަންކަން އެއްވެސް އިރެއްގައި އޭގެ ކުރިން ކޮށް އެކަމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ނޫންކަން ވަނީ އެނގިފައެވެ. އެކުންފުނިން ހުށަހަޅާފައިވާ ޑޮކިއުމަންޓުތަކުގައި ވާގޮތުން އެކުންފުނިން ކޮށްފައިވާ މަސައްކަތަކީ ސެކިއުރިޓީ ކެމެރާ އިންސްޓޯލް ކުރުމާއި ނެޓްވޯކް އެޅުން ފަދަ މަސައްކަތްތައްކަން ވަނީ އެނގިފަ އެވެ.
އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި އެޕް ޑެލިވަރ ނުކުރެވެނީސް މިހާތަނަށް 4.5 މިލިއަން ރުފިޔާ ވަނީ އެޕް ހަދަން ހަވާލުކުރި އެކުންފުންޏަށް އެމްޓީސީސީ އިން ދޫކޮށްފަ އެވެ.
ކުންފުނިން މިހާރުވެސް ފޯރުކޮށްދެމުންދާ އާރުޓީއެލް ޚިދުމަތުގައި ބޭނުނުކުރަމުންދާ އެޕްގައި ހިމެނޭ ބައިތައްވެސް ހިމަނައިގެން ޑުޕުލިކޭޓްވާގޮތަށް މި ދަނޑިވަޅުގައި އަލުން އައު އެޕެއް ހެދުމަށް ނިންމި އިރު އެމްޓީސީސީ އަކީ ޑިވެލޮޕަރުން ވެސް ތިބި ކުންފުންޏެއްކަމުން އާރުޓީއެލް އެޕާއި ޓެކްސީ އެޕް އެއް އެޕެއްގެ ދަށުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޯށްދިނުމަށް އިން-ހައުސްކޮށް ޑިވެލޮޕްކުރުމަށް އެމްޓީސީސީގެ އިސީޓީ ޑިވިޜަނުން ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
އީވީ ޓެކްސީގެ މި މަޝްރޫއުއަކީ ބޭރުގައުމެއްގެ ހިލޭއެހީ މެދުވެރިކޮށް ކުރިއަށްދާ މަޝްރޫޢުއެއްކަމުން އެމްޓީސީސީ ފަދަ ކުންފުންޏެއް ހިންގުމުގެ އެއްވެސް ތަޖުރިބާ ނެތް މަތީފަޑީގައި ތިބި ވެރިން ކުންފުނީގެ ޕޮލިސީތަކާއި ޚިލާފަށް މިކަން ކުރިއަށް ގެންދިޔައީ ޚަރަދުކުރާ ފައިސާއަކީ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް ވުމާއެކު ކުންފުނީގެ ޕޮލިސީތަށް އޯވަރރައިޑް ކުރެވިދާނެކަމުގެ ވިސްނުމުގައިކަން މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ހަޤީގަތަކީ ހިލޭ އެހީގެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާއަށް ވުމާއެކު އެކަމުގައި ބޭނުންހާ ގޮތަކަށް ޚަރަދު ކުރުމަކީ އެއްވެސް ހަމައަކުން ކުރެވޭނެ ކަމެއް ނޫނެވެ.
އަނެއްކޮޅުން އެމްޓީސީސީއަކީ ސަރުކާރާއި ދިވެހި އާންމު ރައްޔިތުންގެ ހިއްސާ ހިމެނޭ ކުންފުންޏަކަށް ވުމާއެކު އެމްޓީސީސީ އިން ފޯރުކޮށްދޭ އެއްވެސް ޚިދުމަތެއް ކުންފުނީގެ ބޯޑުގެ ހުއްދައާ ނުލާ ހިލޭ ދޭން ސަރުކާރަކަށް ވެސް އަދި އެމްޓީސީސީގެ މެނޭޖުމަންޓަކަށް ވެސް ނުނިންމޭނެ އެވެ. އަލަށް ގެނައި ޓެކްސީގެ ޚިދުމަތް ހިލޭ ދިނުމަށް ނިންމުމުގައި ވެސް ކުންފުނީގެ ބޯޑުގެ ހުއްދަ ނަގައިފާއިނުވާކަމަށް މައުލޫމާތުލިބެ އެވެ. ޓެކްސީގެ ޚިދުމަތް ހިލޭ ދޭން ނިންމީ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް ބޮޑު އަގުގައި ހަވާލު ކުރި އެޕް މަސައްކަތް ނުކުރުމުން ހާއްސަ ހާލަތެއް މެދުވެރިވެގެންކަމުގައި ވީނަމަވެސް މި ހާލަތުގައި ވެސް ސަރކިއުލާރ ރިސޮލިއުޝަނެއް މެދުވެރިކޮށް ނޫންގޮތަކަށް ޓެކްސީ ޚިދުމަތް ހިލޭ ދޭކަށް ނުނިންމޭނެކަން މައުލޫމާތު ދިން ފަރާތުން ފާހަގަކޮށްފައިވެ އެވެ.





