ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
ސަރުކާރުގެ ކުންފުނިތަކާއި ވަޒީރުންގެ މަޖިލީހަށް ގެންނަ ބަދަލުތަކުގައި އިޚްލާޞްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ، މެންބަރު ޒިޔާދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ކޮރަޕްޝަނުގެ ތުހުމަތު އޮތް ފަރާތްތަކަށް މަގާމު ދިނުމާއި، ނަތީޖާ ނެރޭ ބޭފުޅުން މަގާމުން ދުރުކުރުމަކީ އިސްލާހީ ބަދަލެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން މުޅި ދައުލަތުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ތެދުބަހުން ވާހަކަދެއްކެވުމަށް ޒިޔާދު ވަނީ ގޮވާލައްވާފައި.


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު. | ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަނގަޅު ކުރަންވީ އެންމެ ކަމެއް ކަމަށާއި، އެކަން އިސްލާހުކޮށްފި ނަމަ މުޅި ދައުލަތް ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ރައީސް އިސްލާހު ކުރަންވީ އެންމެ ކަމަކީ ތެދުބަހުން ވާހަކަ ދެއްކުން ކަމަށެވެ. ކޮންމެ އެއްޗަކުން ވެސް ރަނގަޅު ނަތީޖާއެއް ނުކުންނާނީ އެ އެއްޗެއްގެ ފެށުން ރަނގަޅުވެގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފެށުން ގޯސް ކަމަށާއި، ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރެއްވި މަގަށް ބަލައިލުމުން އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއް ދޮގު ހަދައިފި ނަމަ އެކަން ފޮރުވަން ހާސް ދޮގު ހަދަން ޖެހޭނެ ކަމަށް ވެސް ޒިޔާދު ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ގެންނަ ބަދަލުތަކަށް ފާޑުވިދާޅުވަމުން ޒިޔާދު ވިދާޅުވީ، ސްޓެލްކޯގެ ކުރީގެ އެމްޑީ ފަހުމީއަށް އެ ކުންފުނި މެނޭޖު ނުކުރެވިގެން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީއަކަށް ބަދަލުކުރި ނަމަވެސް، ހަފްތާއެއް ނުވަނީސް އަނެއްކާ އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް އޭނާ އައްޔަންކޮށްފައިވާ ކަމަށެވެ. މިއީ އިސްލާހީ ބަދަލެއް ނޫން ކަމަށާއި، ހަމައެކަނި މަގާމު ބަދަލުކުރުމަކީ ކަންކަން ރަނގަޅުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ، ރަނގަޅު އަދި ބަދަލުކުރުމަކީ ރަނގަޅުވުމެއް ނޫނޭ. ބަދަލުވާންވީ ރަނގަޅު ބަދަލަކާ. ރަނގަޅު ބަދަލުތައް އަޅުގަނޑުމެން އެ އޮތީ ގަނޑެއްގައި ލިޔެފައި ރައީސަށް ފަސޭހަކުރަން. ސުވާލަކީ މީނަ ކޮށްފާނެތޯ؟ އަޅުގަނޑަށް ހަމަ ފެންނަނީ، ރަނގަޅު އެއްޗަކުންނޭ ރަނގަޅު ދިޔައެއްނުކުންނާނީ. މިއަކުންނެއް ހަމަ ރަނގަޅު ވިސްނުމެއް ވެސް. މީގައި އޮތީ މަޖިލިސް ވެސް އަޅުވެތިކޮށްގެން، ރައްޔިތުންނަށް ވެސް އޮޅުވާލުން. އެހެންނަމަވެސް، މިއަދު ރައްޔިތުންގެ އާބާދީގެ ދެބައިކުޅަ އެއްބައި އެ ބުނީ، ތިމަންނަމެންނަށް މިހާރު ތި ޖަހާ ޗައްކަރު އެނގިއްޖޭ. އެހެންވީމާ، އަދި ދެ އަހަރު ދާއިރު ހަނދާންނެތިދާނެ ކަމަށް އިތުރު ކިތަންމެ މަސައްކަތެއް ކުރިޔަސް، ރައްޔިތުން ތިބޭނީ ވަރަށް ބޮޑަށް ފާރަވެރިވެގެން. ރައްޔިތުން ވަރަށް ބަލާނެ. އެންމެ ރަނގަޅު ގޮތަކީ، އެންމެ ކަމެއްވެސް ރަނގަޅުކުރުން. ރައީސް މުޢިއްޒަށް ކުރެވޭނެ އެންމެ ކަމެއް ރަނގަޅަށް މިހާރު. އެއް ކަމެއް ރަނގަޅުކޮށްފިއްޔާ މުޅި ދައުލަތް ރަނގަޅުވާނެ. ތެދުބަހުން ވާހަކަ ދެއްކުން. އޭރުން މުޅި އެތި ރަނގަޅުވީ. އެކަމަކު ނުކުރާނެ.ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
މީގެ އިތުރުން، އެންސްޕާގެ ތެރެއިން 35 މިލިއަން ރުފިޔާ ނަގައިގެން ޓީވީ ސްޓޭޝަނެއް އުފެއްދި ކަމަށް ތުހުމަތު ކުރެވޭ ހީނާ ވަލީދަށް ވަޒީރުކަން ދިނުމަކީ ވެސް ސަރުކާރުގެ ނިޔަތް އޮތް ގޮތް ހާމަވާ ކަމެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ. ކޮރަޕްޝަނުގެ ފައިސާއިން އުފައްދާފައިވާ ޓީވީއަކުން ކޮރަޕްޝަނުގެ ވާހަކަ ދެއްކިޔަސް އެކަން ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މަޖިލިސް އަޅުވެތިކޮށްގެން ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ފާރަވެރިވެގެން ކަމަށާއި، ސަރުކާރުން ޖަހާ "ޗައްކަރު" ރައްޔިތުންނަށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެ އަހަރު ވާއިރު ރައްޔިތުން ހަނދާން ނެތިދާނެ ކަމަށް ބަލައިގެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
އަދި ޢުމްރާއަށް، ހަފުތާއަކު އެއް ފަހަރު ވަޑައިގެންނެވިޔަސް މިއަދާ ހަމައަށް މި ކުރި ކަންކަމުގައި ނެތް ރަނގަޅުކަމެއް. ފުރަތަމަ ކަމަކީ ވިންދު ޖަހަނީ ކޮންތާކުންތޯ؟ ވިންދު ޖަހަނީ ހިތުންނޭ. އެކަމަކު ފަރުވާ އެ ކުރަނީ ހުޅަށް. އިހުސާނު ނޫން ކާކުހޭ މިތާހުރީ ބޭރުކުރަން. އިހުސާނު ހުރިގޮތަށް ހުރީ. ބޭރު ވެގެން މިދިޔައީ ހެލްތު މިނިސްޓަރު. ވެދާނެ ހިންނަވަރު ގޮނޑިތައް ގެއްލުނީ ކަމަށް. ހަމަ އެކަހަލަ ގޮތަކަށް ވަޒީރުކަން ގޮސްފައި ހުރީ. ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އެއް ގޮތަކަށްވެސް ބެހެއްޓޭނެގޮތެއް ނެތް، ހަމަ ކޮންމެ ތަނަކަށް ވާދަކުރަނީ. އެހެންވީމާ، އާދަމް ޝަރީފް އެހެރީ ދުރުކޮށްލާފައި.ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ހެލްތު މިނިސްޓަރު ބަދަލުކުރީ ހިންނަވަރު ގޮނޑިތައް ގެއްލުމުން ކަމަށް ވެދާނެ ކަމަށެވެ. އަދި ސިޓީސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު އެ މަގާމުން ދުރުކުރީ އޭނާއަކީ މަސައްކަތްތެރި، ނަތީޖާ ނެރޭ ބޭފުޅަކަށް ވެފައި، ކޮންމެ އިންތިޚާބަކަށް ވެސް ވާދަކުރައްވާތީ އެކަމުގެ ބިރު އޮތުމުން ކަމަށް ޒިޔާދު ތުހުމަތު ކުރެއްވި އެވެ.
ޒިޔާދު ވިދާޅުވީ ސަރުކާރުން ގެންނަ އިސްލާހުތަކުގައި އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތް ކަމަށެވެ. ރައީސް މުއިއްޒު ކިތަންމެ ގިނައިން އުމްރާއަށް ވަޑައިގެންނެވި ނަމަވެސް، މިހާތަނަށް ކުރެއްވި ކަންކަމުން ހެޔޮވެރިކަމެއް ކުރުމުގެ ނިޔަތް ނުފެންނަ ކަމަށާއި، މުޅި ނިޒާމު ރަނގަޅު ކުރަން އޮތް ހަމައެކަނި މަގަކީ ތެދުބަހުން ވާހަކަ ދެއްކުން ކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.







