ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓުގައި ކުރާ ސުވާލު އޮޅުންނުފިލާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށް. އަދި ބައެއް ފަރާތްތަކުން އެ ސުވާލު އެތުރިފައިވަނީ ރަނގަޅަށް ކަމަށް ބުނި ނަމަވެސް، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ކުރާ ސުވާލު އޮންނަންވާނީ ސީދާ އެ ނުކުތާއަށް އަމާޒުކުރެވިގެން ކަމަށް އޭނާ ފާހަގަކުރެއްވި.


ރާއްޖެޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކުރާ ސުވާލުގައި، ގިނަ ވާހަކަތަކެއް ހިމެނިފައިވީ ނަމަވެސް އަސްލު އަހަންޖެހޭ ސުވާލަށް އަމާޒުކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދޭ "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓުގައި ކުރާ ސުވާލު އޮޅުން ނުފިލާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެ ސުވާލު އެތުރިފައިވަނީ ރަނގަޅަށް ކަމަށް ބުނި ނަމަވެސް، ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ކުރާ ސުވާލު އޮންނަން ވާނީ ސީދާ އެ ނުކުތާއަށް އަމާޒުކުރެވިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިމްތިޔާޒު ވިދާޅުވި ގޮތުގައި މި ވޯޓުގައި އަހަންޖެހޭ އަސްލު ސުވާލަށް ސީދާ އަމާޒުކޮށްފައި ނުވާއިރު، މި މައްސަލައަކީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ. އެހެންކަމުން ކޯޓުން މިކަމުގައި ރަނގަޅު ނިންމުމެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީއާ ގުޅުންހުރި މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅި، ޝަރުއީ މަރުހަލާގެ ތެރެއިން ބެލެވޭ ގޮތް ވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ތިކަހަލަ މޭޖަރ ހުރިހާ ކަންބޮޑުވުންތައް، އިޝޫސްތައް ފެންމަތި މި ވަނީ ހަގީގަތުގަ، ގާނޫނުއަސާސީ ފަދަ ބޮޑު އެއްޗަކަށް ކުއްލި ކުއްލި ބަދަލުތައް އެއަށް ގެންނަން ގަސްދުކޮށްގެން، އެކަހަލަ ބަދަލުތައް ރައްޔިތުންނަށް އެކަށީގެންވާ ވަގުތުތައް ނުދީ އަދި ވިސްނާލަން. ރައްޔިތުން އެކަންޏެއް ނޫން. އެކަން ކުރަން ތިއްބެވި ބޭފުޅުންނަށް ވެސް އެވަރުގެ ވަގުތުތައް ނުނަންގަވާ ކުއްލި ބަދަލުތައް ގެންނަވާތީވެ ގިނަވާ މައްސަލަތަކެއްގެ ގޮތުގަ އަޅުގަނޑަށް ފާހަގަކުރެވެނީ. އެ ސުވާލާ މެދުގަ ވެސް ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ އެބަ ކުރޭ ނޫނީ އޮޅުންނުފިލާ ކަމަށް އެބަ ބުނޭ. އަނެއްބަޔަކު ސުވާލު އެތުރިފަވަނީ ރަނގަޅަށް ކަމަށް އެބަ ބުނޭ. އެއިން އޮޅުން ނުފިލަނީ ކޮން ވާހަކަ އެއްތޯ. މިސާލަކަށް ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން އޮންނަނީ ރައްޔިތުންގެ ގާތުގަ އަހާ ވޯޓެއްގަ އަހާ އެ ނުކުތާ ސީދާ ފޯކަސް ކުރެވިގެން ސުވާލު އޮންނަން ޖެހޭނެ ކަމަށް. މީގަ ވަރަށް ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރުގަ ވެސް އަސްލު އަހަންޖެހޭ ސުވާލު ސާފުކޮށް ފޯކަސް ކުރެވިގެން އެހިފަ އޮތްގޮތަކަށް ނޫން އޮތީކީ އެއް އިނގޭތޯ. ދެން ކޯޓުގަ މި މައްސަލަ ހިނގަމުންދާތީ، ކޯޓުން ރަނގަޅު ނިންމުމެއް ނިންމާނެކަމަށް އަޅުގަނޑުމެން މި ބަލަނީ.ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި)
މިފަދަ ބޮޑެތި ގާނޫނީ ކަންބޮޑުވުންތައް އުފަންވަނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތައް ގެންނައިރު ރައްޔިތުންގެ އިތުރުން، އެ މަސައްކަތް ކުރައްވާ މަޖިލިސް މެމްބަރުންނަށް ވެސް އެކަށީގެންވާ ވަގުތު ނުދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުއްލި ބަދަލުތައް ގެންނާތީ ކަމަށް އިމްތިޔާޒު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމަކަށް ބެލުމެއް ނެތި، އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި ބަދަލަކާ ގުޅިގެން މިފަދަ ވޯޓެއް ނެގުމަކީ އެންމެ ފުރަތަމަ ވެސް ޝައްކުގެ ނަޒަރަކުން ބަލަންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މި ބަދަލު ގާނޫނުއަސާސީ އަށް ގެނައީ ގާނޫނުއަސާސީ ތަސައްވަރު ކުރާ ގޮތަށް ނޫން ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް މި ވޯޓުގެ ނަތީޖާ ނިކުމެއްޖެ ނަމަ، އޭގެ ފަހުން ކުރިމަތިވާނެ ނޭދެވޭ އަސަރުތައް މާ ބޮޑުވާނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވި އެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ދިވެހި ރައްޔިތުން "ނޫނެކޭ" ބުނުމަށް އިމްތިޔާޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.






