މެކްސިކޯ އަށް މެޗުތައް ބަދަލު ކުރުމަށް އީރާން އިން އެދުނު ނަމަވެސް، ފީފާ އިން އެ ފުރުސަތު ނުދިން
އީރާން އިން ވަނީ މެކްސިކޯގައި މެޗުތައް ކުޅުން ބަދަލު ކުރުމަަަށް އެދިފަ. ނަމަވެސް، ފީފާ އިން ނިންމީ ޝެޑިއުލް އަަށް ބަދަލު ނުގެނެވޭނެ ކަމަށާއި، މިހާރު އޮތް ގޮތަަށް މުބާރާތް ކުރިއަަށް ގެންދަން ޖެހޭ ކަމަށް.


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ރޮއިޓާސް
މިއަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އޮންނަ ފީފާ ވޯލްޑްކަޕްގައި އީރާން އިން ކުަޅެން ޖެހޭ މެޗުތައް މެކްސިކޯ އަށް ބަދަލު ކޮށްދިނުމަށް އެ ޤައުމުން އެދުނު ނަމަވެސް، އެ ފުރުސަތު ނުދޭން ފީފާ އިން ނިންމައިފި އެވެ.
މުބާރާތުގައި އީރާން އޮތީ ގުރޫޕް ޖީގަ އެވެ. މި ގުރޫޕުގައި އީރާންގެ ފުރަތަމަ މެޗުގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅޭއިރު، ދެ ވަނަ މެޗުގައި ކުޅޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި ކުޅޭނީ މިޞްރާ ދެކޮޅަށެވެ. މި ގުރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ އެމެެރިކާގަ އެވެ.
ނަމަވެސް، އެމެރިިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން، އީރާނުން ވަނީ އެެމެރިކާގައި ނުކުޅޭނެ ކަމަށް ހާމަ ކޮށްފަ އެވެ. އެގޮތުން އީރާނުން ބުނެފައި ވަނީ، އެ ޤައުމުން އެމެރިކާ ބޮއިކޮޓް ކުރާނެ ކަމަށެވެ.
އެއާ އެކު އީރާން އިން ވަނީ މެކްސިކޯގައި މެޗުތައް ކުޅުން ބަދަލު ކުރުމަަަށް އެދިފަ އެވެ. ނަމަވެސް، ފީފާ އިން ނިންމީ ޝެޑިއުލް އަަށް ބަދަލު ނުގެނެވޭނެ ކަމަށާއި، މިހާރު އޮތް ގޮތަަށް މުބާރާތް ކުރިއަަށް ގެންދަން ޖެހޭ ކަމަށެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ، އެއްވެސް ބަދަލެއް ނުގެނެސް ޝެޑިއުލްްއާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފީފާ އަށް ޖިއޮޕޮލިޓިކަލް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި، ވޯލްޑް ކަޕް އާއި ދުނިޔެ ގުޅުވައިގެން ސުލްޙަ އަދި އަމާންކަން ޤާއިމު ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭގެ ކުރިން އިންފަންޓީނޯ ވަނީ، ވޯލްޑް ކަޕްގައި ވާދަ ކުރާ އީރާނުގެ ޓީމަށް އެމެރިކާ އިން ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން މި ޙާލަތުގައިި ވޯލްޑް ކަޕް ކުޅުމަށް އެމެރިކާ އަށް އައުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕްގެ އެ ވާހަކަ ތަކަށް ރައްދު ދީ އީރާނުން ބުނެފައި ވަނީ، އެ ޤައުމު މުބާރާތުން ވަކި ކުރުމަކީ އެމެރިކާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިންފަންޓީނޯ މިހެން ވިދާޅުވި އިރު، ދާދި ފަހުން އިންފަންޓީނޯ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އަށް އެވޯޑެއް ވެސް ދެއްވައިފަ އެވެ. އެއީ ދުނިޔޭގެ ސުލްޙަ އާއި އަމާން ކަމަށް ކުރެއްވި މަސައްކަތްތައް ފާހަގަ ކުރުމަށް ކަމަށް ބުނެ ދީފައިވާ އެވޯޑެކެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފީފާ އާއި އިންފަންޓީނޯ އަށް ވެސް ނުރުހުން އަމާޒު ކޮށްފަ އެވެ.





