ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ރައީސް މުއިއްޒުގެ ވާހަކަފުޅަށް އައި ބަދަލުތައް: އަދުލްއިންސާފާއި މިނިވަންކަން ނެތްކަން ހާމަވޭ!
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ފަހުން ދެއްކެވި ވާހަކަފުޅުތަކުގައި އެ ދާއިރާ އަދިވެސް މިނިވަން ނޫންކަމަށް އިއުތިރާފުވެވަޑައިގަތުމުން އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައި. ޖޭއެސްސީގެ އެކުލަވައިލުން ބަދަލުކުރުމާއި އިސްލާހީ ފިޔަވަޅުތައް އަޅާނެކަމަށް ސަރުކާރުން ބުނަމުންދާއިރު، ކޮރަޕްޝަންގެ ތުހުމަތު އޮތް ފަރާތްތަކަށް ސިޔާސީ މަގާމުތައް ދިނުމާއި މުއައްސަސާތަކުގެ ހިމޭންކަމުގެ ސަބަބުން އިންސާފު ގާއިމުކުރުމުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވޭ.


ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު، ޑރ މުޢިއްޒު ދެއްވި ފުރަތަމަ ތަޤުރީރުގެ ތެރެއިން. | ރައީސް އޮފީސް
އަދުލު އިންސާފުގެ ދާއިރާއަކީ ކޮންމެ ގައުމެއްގެވެސް މައިބަދަ އެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ޝަރުއީ ދާއިރާއަކީ މިނިވަންކަމާއެކު ހިނގަންޖެހޭ، އަދި ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ބޭނުންވާ ދާއިރާ އެވެ. އަދި 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުން ރައްޔިތުންގެ ހިތްތަކުގައި ބޮޑު އުއްމީދެއް އުފެދިގެން ދިޔައީ ވެސް ޝަރުއީ ދާއިިރާއާ ގުޅޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ސަބަބުންނެވެ. އެ ދާއިރާއަށް ނުފޫޒު ފޯރުވުން އެ ހިނދުން އެ ހިނދަށް ނިމުމަކަށް ގެނެސް ފައިވާ ކަމަށް ވަރަށް ސާފުކޮށް އިއުލާން ކުރެއްވި އެވެ.
އެގޮތުން އެމަނިކުފާނު އެ ދުވަހު ހަރު އަޑު ވިދާޅުވި އެވެ. '' އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްސަކޮށް، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒުގެ މި މި ބަސްފުޅާއެކު، އިންސާފު ބޭނުންވެފައި ތިބި ގިނަ ރައްޔިތުންނަށް އުއްމީދެއް ލިބިގެން ދިޔަ އެވެ.
ވާނީވެސް އެހެއްނުންތޯ އެވެ. އެއީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާ ކަމާއި، އާރާބާރު ހުންނަ ބޭބޭފުޅުންގެ ސަބަބުން އިންސާފު ނުލިބޭ ކަމަށާއި، މިގައުމުގައި އަދުލް އިންސާފު ނެތުމުގެ ސަބަބުން ބޮޑެތި މައްސަލަތަކަށް ހައްލު ނުލިބޭ ކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުންދާތާ އެތައް ޒަމާނެއް ވަނީ ވެފަ އެވެ.
ނަމަވެސް، ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އެމަނިކުފާނުގެ ބަސްފުޅުތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. ވެރިކަމުގެ ކުރީކޮޅު ޝަރުއީ ދާއިރާ މިނިވަންވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް، ފަހުން ދެއްކެވި ވާހަކަފުޅުތަކުން އެ ދާއިރާގެ މިނިވަންކަމާ މެދު ސުވާލު އުފެދެ އެވެ. 13 މާރޗް 2026 ގައި ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަ ދައްކަވަމުން ޝަރުއީ ދާއިރާއަކީ އަދިވެސް ނުފޫޒުން އެއްކިބާވެފައިވާ ތަނެއް ނޫން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޖުޑިޝަރީ ރިފޯމް ވެސް އެބައޮތް. ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވުމަށްޓަކައި ޑިޒައިން ކުރެވިގެން ކުރިންސުރެ އޮތް ގޮތް ނިޒާމުގެ ތެރެއިން، ގާނޫނީ ނިޒާމުގެ ތެރެއިން ބަދަލު ގެނެސްފި. އެއީ ޖުޑިޝަރީއަކީ ވެސް މިހާރަށްވުރެ ނުފޫޒު ފޯރުވުން ކުޑަކުރެވިފައި އޮތް މިނިވަން ނިޒާމަށް ހެދުމަށްޓަކައި ވެސް ކުރަންހުރި ކަންކަން އޮތީ ހަމަ ކުރިއަށް ގެންދިއުމަށް އައުމުގެ ކުރިންވެސް ދެންނެވި ގޮތަށް. އެހެން ވީމާ ބޮޑު ރިފޯމް ޕެކޭޖެއްގެ ތެރެއިން، ގައުމަށް އިސްލާހު ގެނައުމަށްޓަކައި ކުރެވޭ ކަންކަމުގެ ތެރެއިން މި އޮތީ، ދެން އިންތިޚާބެއް އެއް ދުވަހެއްގެ ބޭއްވުމަށް ވެސް ރައްޔިތުންގެ ގާތުގައި އެހުމަށް ހުށަހެޅިފައި. މިއަދާ ހަމައަށް އައިސް ރިފޯމް އެތައް ކަމެއް މި އައީ ކުރަމުން. ނިޒާމުގެ ތެރެއިންވެސް.ރައީސް ޑރ.މުހައްމަދު މުއިއްޒު
މީގެ އިތުރުން ރައީސް މުއިއްޒު ޖުޑިޝަރީ ރިފޯމް ކުރުމުގެ ވާހަކަ ދައްކަވައި، ނިޒާމުގެ ތެރެއިން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވުމަކީ، ކުރިން ދެއްކެވި ވާހަކަފުޅުތަކާ ތަފާތު މިސްރާބެއް ނޫންތޯ އެވެ. 23 މާރޗް 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ޝަރުއީ ދާއިރާ މުޅިން މިނިވަން ނޫން ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
އެހެންކަމުން ވޭތުވެދިޔަ މުއްދަތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއާ މެދު ރައްޔިތުންގެ މެދުގައި ވަނީ ޝައްކު އުފެދިފަ އެވެ.
ހަމަ އެއާއެކީގައި ޖުޑިޝަރީ ރިފޯމް ކުރުމުގައި، ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުމާއި، އަދި ޖުޑިޝަރީގެ، މުޅި ޖުޑިޝަރީގެ އިންޑިޕެންޑެންސް އިތުރަށް ވަރުގަދަކުރުމަށް. އެއީ، ފަނޑިޔާރުންގެ ފެންވަރު މަތިކުރުން ކަމުގައިވިޔަސް، އަދި ރިސޯސް އިތުރުން ކަމުގައިވިޔަސް، މިހެންގޮސް ވަރަށް ގިނަ ކަންތައް. ދެން ރިސޯސް ވައިސް ވަރަށް ގިނަ އިސްލާހުތަކެއް ކުރިއެރުންތަކެއް ގެނެސްދެވިއްޖެ. މިހާރު ބަޖެޓް ވަކިކޮށްދީ ވަރަށް ގިނަ ކަންތައް. އެހެންނަމަވެސް، ޖުޑިޝަރީ އިތުރަށް އިންޑިޕެންޑެންޓް ކޮށްދީ، ރިފޯމް ކޮށްދިނުމަށްޓަކައި، ގުރުމަށްޓަކައިވެސް މުހިންމު އިސްލާހުތަކެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ހުށަހަޅާނަން. އެހެންވީމާ، އިންޑިޕެންޑެންޓް ކޮމިޝަންތަކާއި، ޖުޑިޝަރީގެ މިނިވަންކަން އިތުރުކުރުމަށްޓަކައި، އިތުރު ކަންތައްތައް އަޅުގަނޑުމެން ކަމާ ބެހޭ ގާނޫނުތައް ހެދުމާއި، މިހާރު ހުރި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، މިކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް މުއިއްޒުގެ މިވާހަކަފުޅު ތަކަށް ބަލާއިރު، އެކި ފަހަރު އެކި ގޮތަށް މި މައުޟޫއުގައި ވާހަކަފުޅު ދެއްކެވުމަކީ، ގައުމުން ކޮރަޕްޝަން ނައްތާލައި، އަދުލު އިންސާފު ގާއިމުކުރުމަށް އޮތް އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. އަދި ސަރުކާރާ ދެކޮޅު މައްސަލަތައް ކޯޓުތަކުގައި ކުރިއަށް ނުގެންދިއުމާއި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ބޭބޭފުޅުން ޕީއެންސީގެ މަތިފަޑިން ފެނުމާއި، ސަރުކާރުގެ ބޭނުންތައް ހާސިލް ކުރުމަށް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާއިރު، މިނިވަން މުއައްސަސާތަކުގެ ބަހެއް ނުލިބުމަކީ ވެސް މިއަދު ހައިރާންވާން ޖެހޭ ކަމެއް ނޫނެއްނުންތޯ އެވެ. އެއީ ހަމައެކަނި ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކި ފަހަރު އެކި ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ ވެސް ގައުމުން ކޮރަޕްޝަން ނައްތާލައި، އަދުލު އިންސާފު ގާއިމު ކުރުމުގައި ހެޔޮ ނިޔަތެއްނެތްކަން ހާމަވާ ސަބަބެއްނުންތޯ އެވެ!




