Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖުޑިޝަރީ

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް މުއިއްޒު ވިދާޅުވީ ކުށްވެރިން ދޫކޮށްލުމުގެ ހައްޤެއް ސަރުކާރަކަށް ނޯންނާނެ ކަމަށާއި، ޝަރުއީ ދާއިރާއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދީފައިވާ ކަމަށެވެ. ނަމަވެސް މި ވެރިކަމުގައި ވެސް ބޮޑު ކުށްތަކުގައި ހިމެނޭ އެތައް ބަޔަކަށް އަދަބު ލުއިކޮށްދީ ގެއަށް ބަދަލުކޮށްފި އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2025 | ހުކުރު 13:53
ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ހުކުރު ވިލޭރޭ މާފަންނު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝަރުއީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތައް މިހާރު ޤާއިމްކޮށްދިނުމާއި އެކު މައްސަލަތައް އަވަސް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ގެންގޮސް ދެވިއްޖެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަކުން އެ މީހާ މިނިވަންކުރުމަށް ނޫނީ ޝަރީއަތް ނުކުރަން ހުކުމް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އަދި އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށް ސިފަކުރައްވާ ވާހަކަދެއްކެވި އެވެ.

" ވާގޮތް އެނގި ތާވަލް ކުރާ ދުވަސް އެނގޭ ހިސާބަށް ސަރުކާރުން އޮތީ ގެންގޮސްދީފަ އޭ. ސަރުކާރަކުން ގޮސް އެ މިހާ މިނިވަން ކުރާކަށް ނޫނީ ހުކުމް ނުކުރާކަށް ނުބުނާނެ. އެއްވެސް މީހަކު ސިޔާސީ މީހަކު ބުންޏަސް އޭގައި އެވާހަކާއެއްގައި ނުޖެހޭނަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުގެ ތެރެއިން
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމުގެ ތެރެއިން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން މި ވެރިކަމުގައި މިނިވަން ނުކުރާ ކަމަށާއި އަދަބު ވެސް ލުއިކޮށްދީފައި ނުވާ ކަަމަށް ދޭހަވާ މޭރުމަކުން އެ މަނިކުފާނު ވަނީ ވާހަކަދައްކަވާފަ އެވެ. އެހެންނަމަވެސް މި ވެރިކަމުގައި ވެސް ޖިންސީ ގޯނާގެ މައްސަލަތަކުގެ ކުށް ސާބިތުވެފައިވާ ބައެއް މީހުންގެ އަދަބު ލުއިކޮށް ގޭބަންދަށް ބަދަލުކޮށްދީފައި އެބަ ހުއްޓެވެ.

މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބުނާ މީހަކު ވެސް އިތުބާރު ހުރި މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގޭބަންދަށް ވަނީ ބަދަލުކޮށްފަ އެވެ. ހާޝިމް އަބޫބަކުރު ނަމަކަށް ކިޔާ މި މީހާ އަކީ ވަގު ޑޮކިއުމެންޓް ހަދައިގެން ގޭބަންދަށް ސަރުކާރުގެ އެހީތެރިކަމާއި އެކު ބަދަލުކުރި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާގެ މައްޗަށް 12 އަހަރާއި ފަސް މަސްދުވަހުގެ ހުކުމެއް އިއްވާފައި ވަނީ ނޮވެމްބަރު 20، 2022، ގަ އެވެ.

ހަމައެހެންމެ 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާއި ދިމާކޮށް މަރާމާރީ އާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ޙުކުމްކޮށްފައިވާ މީހުން ގޭބަންދަށް ބަދަލުކޮށްފައިވެ އެވެ. އޭރު ދޫކޮށްލި މީހުންގެ ތެރޭގައި މާރާމާރީގެ ކުށްތަކާއި، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ސާބިތު ދަރަނީގެ މައްސަލަ އާޢި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސާބިތުވެ ޙުކުމް ކުރަމުން ދިޔަ މީހުންގެ އަދަބު ތަންފީޒުކުރުން ފަސްކޮށް ގޭބަންދަށް ބަދަލުކޮށްފައިވެ އެވެ.

އެގޮތުން، ކަނޑި ގެންގުޅުނު މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް ކޮށްފައި ހުރި މީހަކަށް މައާފު ދީ އޭނާ މިނިވަންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލީ ދުވަހު އެވެ. މި ވެރިކަމުގައި މައާފު ދިނުމަށް ފަހު ކްލެމެންސީ ބޯޑުން އޭނާ މިނިވަން ކޮށްފައިވާ އިރު އޭނާ އަކީ ރާއްޖެއަށް ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން އައި މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އޭރު ދޫކޮށްލި މީހުންގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށްވާ އަނީސް ހިލްމީ ހިމެނެ އެވެ. އޭނާ ދޫކޮށްލީ 21 ފެބްރުއަރީ 2024ގަ އެވެ. ހަމަ އެހެންމެ ތިމަރަފުށީ ދާޢިރާގެ މެމްބަރު އަހުމަދު ރިޔާޒް އަދި ކުރީގެ ސީޕީ އަބްދުﷲ ރިޔާޒްގެ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އަބްދުލް ވައްހާބް އަބްދުﷲ މާރޗް 20، 2024 ގައި ވަނީ ގޭބަންދަށް ވަނީ ބަދަލުކޮށްފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ހުކުމް އިއްވާފައި ވަނިކޮށް ގޭބަންދަށް ބަދަލުކުރި ބައެއް މީހުން
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ހުކުމް އިއްވާފައި ވަނިކޮށް ގޭބަންދަށް ބަދަލުކުރި ބައެއް މީހުން

އުމުރުން 13 އަހަރުގެ ދޮންދަރިފުޅާ މެދު އެކި ފަހަރުމަތިން ޖިންސީ އަމަލު ހިންގި ގއ. ކަނޑުހުޅުދޫ ވިޒާ، މުހައްމަދު މުނީރު 15 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރީ ވެސް މި ވެރިކަމުގަ އެވެ. މުނީރުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 15 އަހަރުގެ ޖަލުޙުކުމެކެވެ.

މީގެ އިތުރުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާ މައްސަލަ އެއް ސާބިތުބެފައިވާ މއ.ގުލްބަކާގެ އިބްރާހިމް އާދަމްފުޅު ގޭބަންދަށް ބަދަލު ކުރީ ވެސް މި ވެރިކަމުގަ އެވެ. އެނާގެ މައްޗަށް ކޮށްފައި އޮތީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން މި ވެރިކަމުގައި ވެސް ސިޔާސީ މީހުންނަށް ކޮށްފައި ހުރި ދައުވާތައް ވެސް އަނބުރާ ގެންގޮސްފައި އެބަހުއްޓެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ދެ ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމީ 7 ޖޫން 2024ގަ އެވެ.

އެމްއެމްޕީއާރސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމީ 25 ނޮވެމްބަރ 2025 ގަ އެވެ.

ދައުވާ ނުކޮށް އަނބުރާ ގެންގޮސްފައިވާ ބައެއް ސިޔާސީ މީހުން އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު
ދައުވާ ނުކޮށް އަނބުރާ ގެންގޮސްފައިވާ ބައެއް ސިޔާސީ މީހުން އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

2022 ވަނަ އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިކަމުގެ ތުހުމަތުގައި ބައެއް މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފައި ވަނީ ވެސް ހަަމަ މި ވެރިކަމުގަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުން ފަދަ މައްސަލަތަކުގައި ދައުވާކުރި މީހުން ހިމެނެ އެވެ. ދައުވާ ނުކުރަން ނިންމި މީހުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެ އެވެ.

ހަމައެހެންމެ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ތުހުމަތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރި ދައުވާ އަނބޔުރާ ގެންދިޔައީ ވެސް މި ވެރިކަމުގަ އެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން، އޭނާއާއިއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދާލާ އޭގެދަށުން ކަމަށް ވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތައް އަނބުރާ ގެންދިޔައީ ވެސް ހަމަ މި ވެރިކަމުގަ އެވެ. އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ވަނީ މީގެ ކުރިން ޓެކުމުގެ 13 ދައުވާއެއް އުފުލާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޝަރުއީ ދާއިރާޖުޑިޝަރީސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު