Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭޕާލް

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުންނާއި ސޯޝަލް މީޑިއާ ބަންދުކުރުމާ ދެކޮޅަށް ނޭޕާލުގައި ފެށުނު "ޖެން-ޒީ" މުޒާހަރާތަކުގައި 22 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، ބޮޑު ވަޒީރު ވަނީ އިސްތިއުފާ ދެއްވާފައެވެ. ސަރުކާރުން މާނަހުރި ގޮތެއްގައި މަޝްވަރާކޮށް ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަ ނުދީފިނަމަ، ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އިންޒާރުދެއެވެ.

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 02:21
ނޭޕާލުގެ ޕާލިމެންޓް އިމާރާތުގެ ބޭރުގައި ހުރި ބެރިކޭޑެއްގައި މުޒާހަރާ ކުރާ މީހުން ރޯކޮށްލާފައި

ނޭޕާލުގެ ޕާލިމެންޓް އިމާރާތުގެ ބޭރުގައި ހުރި ބެރިކޭޑެއްގައި މުޒާހަރާ ކުރާ މީހުން ރޯކޮށްލާފައި

ކޮރަޕްޝަނާ ދެކޮޅު ނޭޕާލުގެ ޒުވާނުން އިސްވެ ކުރި މުޒާހަރާތަކުގައި ފުލުހުންނާ މުޒާހަރާ ކުރި ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 22 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވި ފަހުން ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާގެ އޮފީހުން ބުނެފައިވަނީ ސޯޝަލް މީޑިއާ މަނާ ކުރުމާ ގުޅިގެން ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާތަކާއި، ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ޤާނޫނީ ހައްލެއް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ހޯމަ ދުވަހު ކަތުމަންޑޫގައި ފެށުނު މުޒާހަރާތައް އަނިޔާވެރިވެގެން ދިޔައެވެ. ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތް އެތައް ހާސް ޒުވާނުން ހިފައިގެން ތިބި ޕްލެކާޑުތަކާއި ބެނަރުތަކުގައި ލިޔެފައިވަނީ އެމީހުންނަކީ ޖެން-ޒީން ކަމުގައެވެ.

ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުން ތަކުގައި 200 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ. މުޒާހަރާކުރާ މީހުން ޕާލިމެންޓާއި އެހެނިހެން ސަރުކާރު އިމާރާތްތަކުގެ ފާރުމަތިން އަރަމުން ދިޔައިރު، ފުލުހުން ވަނީ އެމީހުން މަތަ ކުރުމަށް ކަރުނަގޭސް، ފެން ބަޑި އަދި އަސްލު ވަޒަން ވެސް ޖަހާފައެވެ.

ނޭޕާލުގެ ޕާލިމެންޓު އިމާރުގެ ބޭރުގައި ހަތިޔާރު އެޅި ފުލުހުން ހަރަކާތްތެރި ވަނީ
ނޭޕާލުގެ ޕާލިމެންޓު އިމާރުގެ ބޭރުގައި ހަތިޔާރު އެޅި ފުލުހުން ހަރަކާތްތެރި ވަނީ

އަންގާރަ ދުވަހު ނޭޕާލުގެ ވެރި ރަށުގެ އިތުރުން ބޮޑެތި ސިޓީ ތަކުގައި މުޒާހަރާތައް ކުރިއަށް ދިޔަ އިރު މުޒާހަރާކުރާ މީހުން ޕާލިމެންޓް އިމާރާތާއި، ނޭޕާލީ ކޮންގްރެސް ޕާޓީގެ މައި އޮފީހާއި، ކުރީގެ ބޮޑުވަޒީރު ޝެރް ބަހާދުރު ދެއުބާގެ ގޭގައި އަލިފާން ރޯކޮށްފައިވެއެވެ. އަދި އެހެން ސިޔާސީ ލީޑަރުންގެ ގެތަކަށްވެސް ގެއްލުން ދީފައިވެއެވެ. ބައެއް މިިނިސްޓަރުންނަށާއި ސިޔާސީ އިސް ފަރާތްތަކަށް އަނިޔާކޮށްފައިވާ މަންޒަރުތައް ވެސް ހާމަވެފައިވެއެވެ.

ނޭޕާލުގެ ޕާލިމެންޓް އިމާރާތުގައި ރޯކޮށްލާފައި
ނޭޕާލުގެ ޕާލިމެންޓް އިމާރާތުގައި ރޯކޮށްލާފައި

މުޒާހަރާތަކާ ބެހޭ ގޮތުން ހާމަވެފައި މުހިންމު ކަންކަން

ސޯޝަލް މީޑިއާ އަކީ ނޭޕާލްގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އަދި އެ ޤައުމަކީ ދެކުނު އޭޝިއާގައި އާބާދީގެ ނިސްބަތުން ސޯޝަލް މީޑިއާ އެންމެ ގިނައިން ބޭނުންކުރާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

މުޒާހަރާތައް ފެށުނީ ސަރުކާރުން ވައިބަރ، އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބަންދު ކުރުމާ ގުޅިގެންނެވެ. މި ޕްލެޓްފޯމްތައް ބަންދު ކުރީ ނޭޕާލްގެ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް އެ ޕްލެޓްފޯމު ތަކަށް ދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރުމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުން މި ފިޔަވަޅު އެޅީ ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ހުއްޓުވުމަށް ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން އެންމެ ފަހުން މީސްމީޑިއާ އާ ދެކޮޅަށް އެޅި ފިޔަވަޅުތައް ސަރުކާރުން އުވާލިއެވެ. އެހެން ނަމަވެސް މުޒާހަރާތައް ދިޔައީ ކުރިއަށެވެ.

ސޯޝަލް މީޑިއާ މަނާކުރަން އެޅި ފިޔަވަޅަކީ އިހުތިޖާޖު ފެށުމުގެ އަސްލު ކަމުގައި ވީ ނަމަވެސް، މުޒާހަރާކުރާ މީހުން ފާޅުކުރަމުން ގެންދިޔައީ ޤައުމުގެ އިސްވެރިންނާމެދު އެމީހުންގެ ހިތުގައި އޮތް ފުން ހިތްހަމަނުޖެހުމެކެވެ.

ހޯމަ ދުވަހު ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ 19 ބައިވެރިން މަރުވިއެވެ.

ނޭޕާލްގެ މުވާސަލާތާބެހޭ ވަޒީރު ޕްރިތްވީ ސުއްބާ ބީބީސީ އަށް ބުނެފައި ވަނީ ފުލުހުން ބާރުގެ ބޭނުންކުރަން ޖެހުނު ކަމަށެވެ. މީގެ ތެރޭގައި ވޯޓަރ ކެނަން، ކަރުނާ ގޭސް އަދި ރަބަރު ވަޒަން ހިމެނެއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ކަތުމަންޑޫގައި ހުރި ޕާލިމެންޓް އިމާރާތުގެ ތެރެއަށް ވަދެފައިވުމާ ގުޅިގެން، މުހިންމު ސަރުކާރު އިމާރާތްތައް ހުރި ސަރަހައްދުތަކަށް ކާފިއު އަމުރު ނެރެ، ސެކިއުރިޓީ ވަރުގަދަ ކުރިއެވެ.

އަންގާރަ ދުވަހު މުޒާހަރާކުރާ މީހުން ވަނީ ވެރިރަށް ކަތުމަންޑޫގައި ހުރި ޕާލިމެންޓް އިމާރާތައް ވަދެގަނެ އަލިފާން ރޯކޮށްފައެވެ. އެއާއެކު މުޅި ސިޓީގެ މަތީގައި ބޯދުން ފެތުރިގެން ދިޔައެވެ. ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަރުކާރު އިމާރާތްތަކާއި ސިޔާސީ ލީޑަރުންގެ ގެތަކަށް ހަމަލާދީފައިވެއެވެ.

އަންގާރަ ދުވަހު މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މިއާއެކު ހަމަނުޖެހުންތައް ފެށުނީއްސުރެ މަރުވި މީހުންގެ އަދަދު ވަނީ މަދުވެގެން 22 އަށް އަރާފައެވެ.

އަނިޔާވި ގިނަ މީހުން ގެންގޮސްފައި ވަނީ ސަރަހައްދީ ހޮސްޕިޓަލްތަކަށެވެ. ބީބީސީ ނޭޕާލީ އާ ވާހަކަދެއްކި ޑޮކްޓަރުން ބުނެފައި ވަނީ އެމީހުން ފަރުވާދީފައި ވަނީ އަސްލު ވަޒަނުން ލިބުނު އަނިޔާތަކާއި ރަބަރު ބުލެޓުން ލިބުނު އަނިޔާތަކަށް ކަމަށެވެ. ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އަންގާރަ ދުވަހުގެ ރޭ، ނޭޕާލްގެ އާމީ ޗީފް، ޖެނެރަލް އަޝޯކް ރާޖް ސިގްދެލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާކުރާ މީހުން މިހާރުގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، އާންމުންގެ މުދަލަށް ގެއްލުންދީ، ވަގަށްނަގައި، އަލިފާން ރޯކުރަމުންދާ ކަމަށެވެ.

ހަމަނުޖެހުންތައް ކުރިއަށްދާ ނަމަ، ނޭޕާލުގެ އަސްކަރިއްޔާގެ ހުރިހާ ބާރެއް ބޭނުން ކޮށްގެން ހާލަތު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެއާއެކު، ޖެނެރަލް އަޝޯކް ރާޖް ސިގްދެލް ވަނީ ނޭޕާލްގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް މުޒާހަރާކުރާ މީހުންނަށް ދަޢުވަތު ދީފައެވެ.

ސޯޝަލް މީޑިއާގެ ތެރެއިން ރޭވިގެން އައި، ޤައުމުގެ ޒުވާނުން އިސްވެ ހިންގި މި މުޒާހަރާތަކަކީ ނޭޕާލްގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ މުޒާހަރާތަކެކެވެ.

މުޒާހަރާކުރާ މީހުން ބުނެފައިވަނީ އެމީހުންނަކީ ޖެން-ޒީން ކަމަށެވެ. އަދި މި ލަފުޒު މުޅި ހަރަކާތުގައި ބޭނުންކުރާ ސިމްބަލަކަށް ވެފައިވެއެވެ. ވަކި ލީޑަރެއް ފާހަގަވެފައި ނެތް ނަމަވެސް، ގިނަ ޒުވާނުންގެ ޖަމާޢަތްތަކަކުން ވަނީ މީހުން އެއްކޮށް، ހަރަކާތައް ގޮވާލައި، އޮންލައިންކޮށް އަޕްޑޭޓްތައް ހިއްސާކުރާ ބޮޑު ބާރަކަށް ވެފައެވެ.

ކަތުމަންޑޫ، ޕޮކަރާ އަދި އިތަހަރީ ފަދަ ނޭޕާލްގެ ބޮޑެތި ސިޓީތަކުގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ވަނީ ޔުނިފޯމާއެކު، ފޮތްތައް ހިފައިގެން މުޒާހަރާގައި ބައިވެރިވުމަށް ދަޢުވަތު ދީފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންވެސް މުޒާހަރާގައި ބައިވެރިވެއެވެ.

އެމީހުންގެ މައިގަނޑު ދެ ޑިމާންޑެއް އޮތެވެ: ސަރުކާރުން ސޯޝަލް މީޑިއާ ބަންދު ކުރުން ވަގުތުން އުވާލުމާއި- - އަދި އިސްވެރިންގެ "ކޮރަޕްޓް އާދަތައް" ނިމުމަކަށް ގެނައުމެވެ.

ނޭޕާލުގެ އެތައް ހާސް ޒުވާނުން ސޯޝަލް މީޑިއާ މަނާ ކުރުމާ ދެކޮޅަށް މަގުތަކަށް ނުކުތް
ނޭޕާލުގެ އެތައް ހާސް ޒުވާނުން ސޯޝަލް މީޑިއާ މަނާ ކުރުމާ ދެކޮޅަށް މަގުތަކަށް ނުކުތް

ގިނަ ކޮލެޖް ދަރިވަރުން ހިމެނޭ ގޮތުން މުޒާހަރާކުރާ މީހުން ދުށް ގޮތުގައި ސޯޝަލް މީޑިއާ ބަންދުކުރުން ގުޅިފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމާއި، ސިޔާސީ ވެރިންގެ މެދުގައި ފެތުރިފައިވާ ކޮރަޕްޝަން ފޮރުވުމުގެ ބޭނުމުގައެވެ.

"އަހަރެމެން ބޭނުން ވަނީ ނޭޕާލްގައި ކޮރަޕްޝަން ނިމުމަކަށް ގެނައުން،" 19 އަހަރުގެ ކޮލެޖް ދަރިވަރު ބިނު ކޭސީ ބީބީސީ ނޭޕާލީ އަށް ބުނެފައިވެއެވެ. "ލީޑަރުން އިންތިޚާބުގެ ތެރޭގައި ވަޢުދުވެ، އެއްވެސް ކަމެއް ނުކުރޭ. އެމީހުންނަކީ ގިނަ މައްސަލަތަކުގެ އަސްލު ސަބަބު." އޭނާ އިތުރަށް ބުނެފައި ވަނީ ސޯޝަލް މީޑިއާ ބަންދު ކުރުމުން އޭނާގެ ތަޢުލީމަށް ހުރަސްއެޅި، އޮންލައިން ކްލާސްތަކާއި ކިޔެވުމުގެ ވަސީލަތްތަކަށް ވާސިލުވުން ހަނިވެފައިވާ ކަމަށެވެ.

ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ސުބްހާނާ ބުދަތޯކީ ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނެފައިވަނީ: "ޖެން-ޒީ މިހާރު ނުހުއްޓުވޭނެ. މި މުޒާހަރާ އަކީ ހަމައެކަނި ސޯޝަލް މީޑިއާއާ ބެހޭ ކަމެއް ނޫން - މިއީ އަހަރެމެންގެ އަޑު ކަނޑުވާލުމާ ބެހޭ ކަމެއް، އަދި އަހަރެމެން އެކަން ވިޔަކަ ނުދޭނަން."

މުޒާހަރާގެ އެއް ޚާއްޞަ ސިފައަކީ ދެ ސްލޯގަނެއް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމެވެ - #ނެޕޯ ބޭބީ އަދި #ނެޕޯ ކިޑްސް. މި ދެ ލަފުޒު މަޤްބޫލުވެފައި ވަނީ ސިޔާސީ ވެރިންނާއި އެމީހުންގެ އާއިލާތަކުން އުޅެމުންދާ ތަނަވަސް ދިރިއުޅުން ދައްކުވައިދޭ ވީޑިއޯތަކެއް ނޭޕާލްގައި ވައިރަލްވުމާ ގުޅިގެންނެވެ.

މުޒާހަރާކުރާ މީހުން ބުނާ ގޮތުގައި އާންމު ނޭޕާލީން ދަތިހާލުގައި އުޅެމުން ދާއިރު، ސިޔާސީ މީހުންނާއި އެމީހުންގެ އާއިލާތަކުން އުފަލުގައި ދިރިއުޅެމުން ދަނީ އާންމުން ކުރާ މަސައްކަތުން ހޯދާ ފައިސާ އިންނެވެ. ޓިކްޓޮކް އަދި އިންސްޓަގްރާމްގައި ވައިރަލްވި ވީޑިއޯތަކުން ދައްކާފައި ވަނީ ސިޔާސީ އާއިލާތަކުގެ ފަހި ދިރިއުޅުމެވެ. އެމީހުންގެ ޑިޒައިނަރ ހެދުމާއި، ބޭރު ދަތުރުތަކާއި، އަގުބޮޑު ކާރުތަކެވެ. އަނެއްކޮޅުން އާދައިގެ ޒުވާނުން ކުރިމަތިލާން ޖެހޭ ދަތި ހާލަތްތަކާއި، ވަޒީފާ ނެތުމާއި، މަޖުބޫރު ވެގެން ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި އެހެން ގައުމުތަކުގައި އުޅެން ޖެހޭ ގޮތެވެ.

މި ސްލޯގަންތައް ވެފައިވަނީ އާންމު ރައްޔިތުންނާއި މުއްސަނދި ސިޔާސީ މީހުންގެ ދިރިއުޅުމުގެ ފަރަގާމެދު އޮތް ފުން ހިތްހަމަނުޖެހުމުގެ ރަމްޒަކަށެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް، އޭނާގެ ބަދަލުގައި ވެރިކަމަށް ދެން އަންނާނީ ކާކު ކަމެއް ނުވަތަ ދެން ވާނީ ކިހިނެއްކަމެއް އަދި ސާފެއް ނޫނެވެ. މިހާރު ގައުމު ހިންގާނެ މީހަކު ނެތް ކަހަލައެވެ. ބައެއް ލީޑަރުން، ވަޒީރުން ވެސް ހިމެނޭ ގޮތަށް، ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި ތިބި ކަމަށް ރިޕޯޓުކުރެވެއެވެ.

މުޒާހަރާކުރާ މީހުން ގޮވާލަނީ ސިޔާސީ ވެރިން ޖަވާބުދާރީވުމަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް އިސްލާހު ގެނައުމަށެވެ. އެހެން ކަމުން، ސަރުކާރުން މާނަހުރި ގޮތެއްގައި މަޝްވަރާކޮށް ޒުވާނުންގެ ޑިމާންޑުތަކަށް އިޖާބަ ނުދީފިނަމަ، ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އިންޒާރުދެއެވެ.

މަސްދަރު: ބީބީސީ

ކޭ.ޕީ ޝަރްމާ އޯލީނޭޕާލްޖެން ޒެޑް އިހުތިޖާޖުސޯޝަލް މީޑިއާކޮރަޕްޝަން އިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު