ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށާއި، ވެރިކަމުގެ ސައްޙަކަން މިހާރު ގެއްލިފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ސަރުކާރުން ޤާނޫނުއަސާސީއާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާތީ، އެކަމާ ދެކޮޅަށް ކެމްޕޭނެއް ފެށުމަށް އޭނާ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހަޅުއްވާފަ. އެހެންކަމުން، ޤައުމުގެ މުސްތަޤުބަލު ސަލާމަތްކުރުމަށްޓަކައި މާލެއާއި އަތޮޅުތަކުގައި ވަރުގަދަ އިޙްތިޖާޖުތަކެއް ހިންގަންޖެހޭ ކަމަށް މައުރޫފް ފާހަގަކުރެއްވި.


ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި ވެސް ރައްޔިތުންގެ ކިބައިން ނިގުޅައިނުގަންނަ މިންވަރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ އޭރު ވޯޓުލީ މީހުންގެ 54 އިންސައްތަ ވޯޓާއެކު ކަމަށާއި، އެއީ ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ އަޣްލަބިއްޔަތެއް ނޫން ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތަކުން ކަމަށްވާއިރު، އެ 15،000 ވޯޓު އަނެއްކޮޅަށް އެނބުރުނު ނަމަ އިންތިޚާބު ކާމިޔާބު ނުވީސްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުން ވޯޓު ދިނީ މި ޤައުމު ހިތުހުރި ގޮތަކަށް ހަދަން ރައީސް މުޢިއްޒަށް ދޭން ނޫން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.
މި ޤައުމު ހިތުހުރި ގޮތަކަށް ރައީސް މުޢިއްޒަށް ދޭން ދިވެހި ރައްޔިތުން ނިންމީ ކީއެއް ނޫނޭ. ރައީސް މުޢިއްޒު ބޭނުންގޮތަށް މި ދިވެހިރާއްޖޭގައި ޤާނޫނުއަސާސީ އަށާރަ އަޅުގަނޑުމެން އެންމެންނަށް ހަދާކަށް ދިވެހި ރައްޔިތުން ރުހިގަނެ ނޫނޭ އެ ދުވަހު އެ ވޯޓު ދީފައި އެ އޮތީކީ. އަދި ރައީސް މުޢިއްޒު އިންތިޚާބުކުރަން އެ ބޭފުޅާ އަމިއްލައަށް ވަޢުދުތަކެއް ވަޑައިގެން، މެނިފެސްޓޯއެއް ހަދައިގެން ނުކުމެ އައިސް އެ ކަންކަން ތިމަންނަ ކޮށްދޭނަމޭ ވިދާޅުވީމާ، އޭގައި ބަޔަކު ޖެހިގެން ވޯޓުދިނީ. އެއިން އެއްވެސް ކަމެއްގައި ޤާނޫނުއަސާސީ ރޫޅާލާނެ ވާހަކައެއް ޖަހާފައެއް ނެތް. އިންތިޚާބުތައް އެއްކޮށްލާނަމޭ އެކެއް ޖަހާފައެއް ނެތް. ދެން ގޮސް މިހިރަ އެތައް ކަމެއް ޖަހާފައެއް ނެތް. އެ ދުވަހު އެކަންކަން ކުރާނަމޭ. އެހެން ބުނެފައި އޮތް ނަމަ، ހަމަ ޔަޤީން ދިވެހި ރައްޔިތުން ރައީސް މުޢިއްޒު އިންތިޚާބެއް ނުކުރިޔަސް. އެ ދުވަހު އައީ ތިމަންނާ އިންޑިއާ އައުޓްކުރާނަމޭ، ޗާގޯސް ހޯދާނަމޭ، ދިން އެއްޗެއް، ދިންތާކުން ދޭނަމޭ، ފްލެޓާއި ގޯއްޗާ އެއްޗެހި ދޭނަމޭ ކިޔާ އޮޅުވާލައިގެން.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އަންނަންވީ ވަޢުދާ ޚިލާފުވެފައިވާތީ، މިއަދު ރައީސް މުޢިއްޒަކީ ލެޖިޓިމޭޓް ނުވަތަ ސައްޙަ ވެރިއެއް ނޫން ކަމަށް ކަނޑައަޅަންޖެހޭ ކަމަށެވެ.
އެމްޑީޕީން ރާއްޖެ މިނިވަންކުރުމަށާއި ޑިމޮކްރެޓިކް ހަމަތައް ގެނައުމަށްޓަކައި އެތައް އަހަރެއްގެ ޤުރުބާނީއެއް ވެފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މިއަދު ފެންނަނީ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި، އިލެކްޝަންސް ކޮމިޝަން ފަދަ ހުރިހާ މިނިވަން މުއައްސަސާތަކެއް ފުނޑާލަމުންދާ މަންޒަރު ކަމަށެވެ. އަދި ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ނުގެއްލޭ މިންވަރަށް މި ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާލަތާ ގުޅިގެން މައުރޫފް ވަނީ ރިފަރަންޑަމާ ބެހޭ ޚާއްޞަ ކެމްޕޭނެއް އެމްޑީޕީން ކުރިއަށް ގެންދިއުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެ ކެމްޕޭން ހިންގުމަށް ޚާއްޞަ ކޮމިޓީއެއް ނަގައި، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތަކާއި އެކިއެކި ހަރަކާތްތައް ހިންގުމަށް އޭނާ ގޮވާލެއްވި އެވެ. އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މަޑުން ތިބެއްޖެ ނަމަ، މި ޤައުމާއި ދަރިންގެ މުސްތަޤުބަލު ރައީސް މުޢިއްޒު ފުނޑާލާނެ ކަމަށް ވެސް މައުރޫފް ޒާކިރު ވިދާޅުވި އެވެ.








