16.1 މިލިއަން ރުފިޔާ ބަހަން ރައީސް މުޢިއްޒު ނިންމި މައްސަލަ އޭސީސީ އަށް، ގާދިއްފުށިން މުވައްޒަފުން އެހެން ރަށް ރަށަށް ފޮނުވާ މައްސަލަ އީސީ އަށް
މާޒް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަކަށް ރައްޔިތުންގެ ފައިސާ ބެހުމުގެ އެއްވެސް ފުރުސަތެއް ޤާނޫނީ ގޮތުން ނޯންނާނެ ކަމަށް. ދިވެހި ރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކާއި، ޤަވާއިދުތަކާ ޚިލާފަށް، އިންތިޚާބުގެ ވޯޓު ހޯދުމަށް ރައީސް މުޢިއްޒު ފައިސާ ބަހަމުން ގެންދަވާއިރު، މި މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާ ތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް މާޒް ވަނީ ވިދާޅުވެފައި.


ސިނަމާލެ އާއި މާލެ ހިޔާ ފްލެޓު ތަކުގެ ވެރިންނާ ބައްދަލު ކުރުމަށް ރައީސް މުޢިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން | ރައީސް އޮފީސް
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާ ދިމާކޮށް، ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުގެ ވެރިންނަށް 16.1 މިލިއަން ރުފިޔާ ބަހަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވި މައްސަލަ އޭސީސީ އަށް ހުށަހަޅައި، އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ތ.ގާދިއްފުށީގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށް ރަށަށް ބަދަލު ކުރާ މައްސަލަ އީސީ އަށް ހުށަހަޅައިފި އެވެ.
ބުރާސްފަތި ދުވަހު މި ދެ މައްސަލަ ވެސް ހުށަހަޅާފައި ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސްކޮށް މާޒް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ އިންތިޚާބު ކުރިމަތީގައި އޮއްވާ، ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަށް އިންތިޚާބުގެ ނަތީޖާ ނެރުމަށް، ޤާނޫނާ ޚިލާފަށް ދައުލަތުގެ ވަސީލަތްތަކާއި، ފައިސާ ބޭނުން ކުރަމުން ދާ ކަމަށެވެ.
އެގޮތުން އިންތިޚާބާ ދިމާކޮށް ސިނަމާލެ 1،2،3.4 އަދި މާލެހިޔާ 1 އަދި 2 ގެ ފުލެޓު ތަކަށް ދައްކަން ޖެހޭ ފައިސާ ތަކުގެ ތެރެއިން ނުދައްކާ އޮތް ފައިސާ އާއި، ޖޫރުމަނާ ފައިސާ މައާފު ކޮށްދީ އަދި އެތަންތަނުގެ ވެރިންގެ ތެރެއިން ކޮންމެ ފަރާތަކަށް 100،000 (އެއް ލައްކަ) ރުފިޔާގެ މަގުން ފައިސާ ދިނުމަކީ ރައީސް މުޢިއްޒު ދޭ ރިޝްވަތެއްކަން ދަލާލަތު ކޮށްދޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެ ފައިސާ ތަކުގެ ޖުމުލަ އަދަދު 16.1 މިލިއަން ރުފިޔާ އަށް އަރައެވެ.
އިންތިޚާބާ ދިމާކޮށް ރިޝްވަތުގެ ގޮތުގައި ފައިސާ ބެހުމަކީ ކޮރަޕްޝަންގެ އަމަލަކަށް ވާއިރު، އެއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނާއި، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ވާތީ، އެ މައްސަލަ އޭސީސީ އިން ތަޙުގީގު ކޮށްދިނުމަށް މާޒް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ތ.އަތޮޅު ގާދިއްފުށީގެ ފެނަކަ އޮފީހާއި އެމްޓީސީސީގައި މަސައްކަތް ކުރަމުންދާ ގާދިއްފުށީގެ ރައްޔިތުން އެ އަތޮޅުގެ އެހެން ރަށްތަކާއި، އަދި ލ.އަތޮޅުގެ ބައެއް ރަށް ރަށަށް ބަދަލު ކުރުމުން ގެންދާ މައްސަލަ މާޒް ވަނީ އިލެކްޝަންސް ކޮމިޝަން އަށް ހުށަހަޅައިފަ އެވެ. އީސީ އަށް މި މައްސަލަ ހުށަހެޅުމުގެ ކުރިން މާޒް ވަނީ، މި މައްސަލަ އޭސީސީ އަށް ވެސް ހުށަހަޅައިފަ އެވެ.
އޭސީސީގެ ރައީސް މުޙައްމަދު ޒާހިދަށް އެޑްރެސްކޮށް މާޒް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ހަތަރު ފަސް މީހަކު، އެ މީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލު ކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހޭކަން ފާހަގަކޮށް މާޒް ބުނެފައި ވަނީ، ގާދިއްފުށިން އެހެން ރަށް ރަށަށް ބަދަލު ކުރާ ތިން މީހުން ނުވަތަ ހަތަރު މީހުން، އެ ބަދަލު ކުރާ ރަށެއްގެ ފޮށްޓަކަށް ވޯޓުލުމުން، އެ މީހުން ވޯޓު ދިން ގޮތް ވަރަށް ބޮޑަށް ސާފު ވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އަންގައި، މި ގޮތަށް ރަށް ރަށަށް ބަދަލު ކުރުމުން އެ މުވައްޒަފުންނަށް މިނިވަންކަމާ އެކު ވޯޓު ދިނުމުގެ ހައްގުން މަހުރޫމުވެގެންދާ ކަމަށް މައްސަލައިގައި ވަނީ ބުނެފަ އެވެ. އެހެންވެ އިންތިޚާބުގެ މިނިވަންކަމާއި، ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި އީސީ އިން މި މައްސަލަ ބަލައި ދިނުމަށް މާޒް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި މާޒް ވަނީ އެގޮތަށް ބަދަލު ކޮށްފައިވާ މުވައްޒަފުންގެ ނަމާއި، މައުލޫމާތު ވެސް ހިމަނައިފަ އެވެ.
މައްސަލަ ހުށަހެޅުމަށް ފަހު ވާހަކަ ދައްކަމުން މާޒް ވިދާޅުވީ، އީސީ އިން އެންމެ ފުރަތަމަ މަަސައްކަތް ކުރީ އެ މައްސަލަ ބަލައި ނުގަންނަން ކަމަށެވެ. އެގޮތުން ވަކި މަރުކަޒަކަށް ވަކި ގޮތަކަށް އެ މައްސަލަ ހުށަހަޅަން ޖެހޭ ކަމަށް ބުނި ނަމަވެސް، އެގޮތެއް އީސީ އަށް ބުނެދެވިފައި ނުވާ ކަމަށް މާޒް ފާހަގަ ކުރި އެވެ. ތަކުރާރުކޮށް އެ ވާހަކަތައް ހިއްސާކޮށް، މިއީ ޤާނޫނީ ގޮތުން އީސީ އަށް ކުރަން މަޖުބޫރު ކަމެއް ކަމަށް ބުނުމުން، އެ މައްސަލަ ބަލައިގަނެފައިވާ ކަމަށް މާޒް ވިދާޅުވި އެވެ.
މީގެ އިތުރުން މާޒް ވިދާޅުވީ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތަކަށް ރައްޔިތުންގެ ފައިސާ ބެހުމުގެ އެއްވެސް ފުރުސަތެއް ޤާނޫނީ ގޮތުން ނޯންނާނެ ކަމަށެވެ. ދިވެހި ރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކާއި، ޤަވާއިދުތަކާ ޚިލާފަށް، އިންތިޚާބުގެ ވޯޓު ހޯދުމަށް ރައީސް މުޢިއްޒު ފައިސާ ބަހަމުން ގެންދަވާއިރު، މި މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާ ތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް މާޒް ވަނީ ވިދާޅުވެފަ އެވެ.








