ހޯމަ ދުވަހު ޒިއާގެ ޙާލު ވަރަށް ބޮޑަށް ސީރިއަސް ވެފައިވުމާ އެކު، އޭނާ އަށް ލައިފް ސަޕޯޓުގެ އެހީގައި ފަރުވާ ދީފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި. އެހެން ނަމަވެސް، ޒިއާގެ އުމުރާއި، ޒިއާގެ ޞިއްޙީ ޙާލަތަށް ބަލާއިރު، އެއް ފަހަރާ ގިނަ ފަރުވާ ތަކެއް ދިނުން ވަރަށް އުނދަގޫވި ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވޭ.


ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިއާ
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 80 އަހަރުގައި ޒިއާ އަވަހާރަވެފައިވާއިރު، އެކަމަނާ ގެންދެވީ ދިގު މުއްދަތެއްގެ ވަންދެން އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ.
ބަންގްލަދޭޝްގެ ނެޝަނަލިސްޓް ޕާޓީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ޒިއާގެ ޙާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވެ އެވެ. އޭގެ ފަހުން ޒިއާ އަވަހާރަވެފައިވާއިރު، އެ ޕާޓީގެ މެމްބަރުންނާއި ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ.
އެންމެ ފުރަތަމަ ޒިއާ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް ވަޑައިގެންނެވީ 1991 ވަނަ އަހަރު އެވެ. އެއީ 20 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައި އޭނާ ގެ ޕާޓީ އިން ކުރި ހޯދުމުންނެވެ.
ހޯމަ ދުވަހު ޒިއާގެ ޙާލު ވަރަށް ބޮޑަށް ސީރިއަސް ވެފައިވުމާ އެކު، އޭނާ އަށް ލައިފް ސަޕޯޓުގެ އެހީގައި ފަރުވާ ދީފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ޒިއާގެ އުމުރާއި، ޒިއާގެ ޞިއްޙީ ޙާލަތަށް ބަލާއިރު، އެއް ފަހަރާ ގިނަ ފަރުވާ ތަކެއް ދިނުން ވަރަށް އުނދަގޫވި ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ ބަންގްލަދޭޝްގެ ރައްޔިތުންގެ ސަމާލުކަމަށް ޒިއާ އައިސްފައި ވަނީ، އެ ޤައުމުގެ ކުރީގެ ރައީސް ޒިއާއުއް ރަޙުމާންގެ އަނބިކަނބަލުންގެ ގޮތުގަ އެވެ. 1981 ވަނަ އަހަރު ހިންގި އަނިޔާވެރި ބަޣާވާތަށް ފަހު އޭނާ ގެ ފިރިކަލުން އަވަހާރަވުމާ އެކު، ޒިއާ ވަނީ ސިޔާސީ މަސައްކަތުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. އޭގެ ފަހުން ޒިއާ ވަނީ ބީއެންޕީގެ ލީޑަރުގެ މަޤާމަށް ވަޑައިގެންފަ އެވެ.
1996 ވަނަ އަހަރު ޒިއާ ވަނީ ކުރު މުއްދަތެއް ވަންދެން ބޮޑު ވަޒީރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު އަނެއްކާ ވެސް ޒިއާ ވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންފަ އެވެ. 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮތް އިންތިޚާބުގެ ކުރިން ޒިއާ ވަނީ ބޮޑު ވަޒީރުގެ މަގާމުން ދުރަށް ވަޑައިގެންފަ އެވެ.
ޒިއާގެ ސިޔާސީ ކެރިއަރުގައި އޭނާ ގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ވެސް އަމާޒުވެފަ އެވެ. އަވާމީ ލީގުގެ ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ އާއި ޒިއާއާ ދެމެދު ދިގު މުއްދަތެއް ވަންދެން ސިޔާސީ ވާދަވެެރިކަން ވެސް އޮތެވެ. 2018 ވަނަ އަހަރު ހަސީނާގެ ވެރި ކަމުގައި ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ޒިއާ ޖަލަށް ލައިފަ އެވެ.
އެއާ އެކު، އޭރު ވެސް ޒިއާ ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށާއި، ބޮޑު ވަޒީރުގެ މަގާމުގައި ހުންނަވައިގެން އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ ހޫނު މުޒާހަރާ ތަކާ ގުޅިގެން ހަސީނާގެ ވެރިކަން ވެއްޓުނު ފަހުން، ދެން އުފެދުނު ސަރުކާރުން ވަނީ ޒިއާ ޖަލުން މިނިވަން ކޮށްފަ އެވެ.
ފާއިތުވި ގިނަ ދުވަސްތައް ޒިއާ ހޭދަ ކުރައްވާފައި ވަނީ ފަރުވާ ހޯއްދެއްވުމަށް ހޮސްޕިޓަލްގަ އެވެ. ހިތުގެ އާލާސްކަންފުޅާއި، ނިއުމޯނިއާ ފަދަ ބަލިތަކަށް ޒިއާ ގެންދެވީ ފަރުވާ ހޯއްދަވަމުން ކަމަށް ބުނެފައިވެ އެވެ. ޒިއާ އަވަހާރަވީއިރު، އޭނާ ގެ ދަރިފުޅު ތާރިޤު ރަޙުމާން އަދި އާއިލާގެ މެމްބަރުން ވެސް އަރިހުގައި ތިބި ކަމަށް ބުނެފައިވެ އެވެ.
ސިޔާސީ ކަންކަމުން ދުރަށް ވަޑައިނުގެން، 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންތިޚާބުގައި ވާޑަ ކުރެއްވުމަށް ވެސް ޒިއާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
މަސްދަރު: ބީބީސީ