ފުލުސް އޮފިސަރަކާއި އެމްޕީއެލްގެ މުވައްޒަފަކު ބައިވެރިވެގެން ޗައިނާގެ ވިޔަފާރިވެރިއެއްގެ 2.2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ވަގަށް ނަގާ އޭނާގެ ހައްގު ފޭރިގަތް ގޮތް!
މި ތަކެތި ފުލުހުން ހޯދާފައިވަނީ މއ. ސިގްމާ އާއި އެމްޕީއެލްގެ އެހެން މުވައްޒަފެއްގެ އެޕާޓްމަންޓުން. ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތް ކަށަވަރު ނުވާކަމަށް ބުނެ މި ތަކެތި ނީލަަމުގައި ވިއްކާލަން ނިންމާފަ. ނީލަމުގައި ވިއްލާކަން ނިންމުމުގެ ކުރިން ފުލުސް އޮފިސަރު ވަނީ މުދާތައް އޭގެ ވެރިފަރާތަށް ދޫކުރުމަށް އެކި ޑީލް ތައް ހުށަހަޅާފަ.


ފުލުހުން ނީލަން ކިޔަން އިއުލާނު ކޮށްފައިވާ ހުއިފިލަނޑާ ތަކަކީ، ފުލުހަކު ހިމެނޭ ވައްކަމުގެ މައްސަލަ އެއްގައި, ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަން ރާއްޖެ ޓީވި އަށް ވަނީ ޔާގީން ކުރެވިފަ. | ރާއްޖެ އެމްވީ
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނާ ހުއިފިލަނޑާތަކެއް ނީލަން ކިޔުމަށް ގެޒެޓުގައި ފުލުހުން ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހު އިއުލާނު ކުރުމާ ގުޅިގެން، މިއީ ކިހިނެއް ފުލުހުންނަށް ލިބުނު ހުއިފިލަނޑާ ތަކެއްތޯ ބެލުމަށް ރާއްޖެ ޓީވީގެ ނިއުސް ޓީމުން ތަހުގީގެއް ފެށި އެވެ. މި ތަހުގީގުން އެނގިފައިވަނީ މިއީ ފުލުސް އޮފިސަރަކު ބައިވެރިވެގެން ހިންގާފަވާ ބޮޑު ވަައްކަމެއްގެ ތެރެއިން ހޯދާފައިވާ 2 މިލިއަން ރުފިޔާގެ އަގުހުރި ޝިޕްމެންޓެއް ކަމެވެ.
މައްސަލައިގެ ފެށުން
ކިންގް މިންގް ލިޔުންގް (ކެލްވިން) އަކީ ދިވެހިންނާއި ގުޅިގެން ރާއްޖޭގައި ހުއިފިލަނޑާގެ ވިޔަފާރި ކުރާތާ އެތަކެއް އަހަރުވެފައިވާ އުމުރުން 65 އަހަރުގެ ޗައިނާ ރައްޔިތެކެވެ. ކެލްވިން ފައިސާ ދިނުމުން އޭނާގެ ވިޔަފާރީގަ ބައިވެރިވާ ދިވެހިން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުއިފިލަނޑާގެ ބާވަތްތައް ގަނެ ރައްކައުކުރަނީ ތިލަފުށިން ކުއްޔަށް ނަގާފައިވާ ގުދަނެއްގަ އެވެ. އެއަށްފަހު އެތަކެތި ރާއްޖެ އިން ބޭރަށް އެކްސްޕޯޓު ކުރަނީ ވެސް ކެލްވިން ހުރިހާ ހަރަދެއް ކުރުމުން އޭނާ އާއެކު އުޅޭ ދިވެހިންނެވެ. މިގޮތަށް ކެލްވިން ހުރިހާ ހަރަދެއްކޮށްގެން ދިވެހިން މެދުވެރިވެގެން ވިޔަފާރުކުރަނީ، މިކަމުގައި ޝާމިލްވާ ދިވެހިންނަށް ދެފަރާތް އެއްބަސްވާ އަގެއް ދީގެންނެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކެލްވިންގެ މި ވިޔަފާރި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކާ އެކު ކުރަން ފެށި އެވެ. ހުއިފިލަނޑާ ރައްކައުކުރަން ތިލަފުށިން ގުދަނެއް ކުއްޔަށް ހިފާފައިވަނީ ވެސް އެ ފުލުސް އޮފިސަރު ގެ ނަމުގަ އެވެ. ރާއްޖެ ޓީވީ އަށް ލިބިފައިފައިވާ ލިޔެކިޔުންތަކާ، ފޮޓޯ އަދި ވީޑިއޯ ފޫޓޭޖް ތަކުން އެ ފުލުސް މީހާ އަކީ ކާކުކަން ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުއިފިލަނޑާ ގަތުމުގަ ފުލުސް އޮފިސަރުގެ އިތުރުން އެމްޕީއެލް ގަ މަސައްކަތް ކުރާ މީހަކު ވެސް ހަރަކާތްތެރިވެ އެވެ. މި މީހާގެ މައުލޫމާތު ވެސް ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ. މި ދެެމީހުންނަށް ކެލްވިން ފައިސާ ފޮނުވުމުން އެމީހުން ދިޔައީ ހުއިފިލަނޑާ ގަންނަމުންނެވެ. އަދި ފުލުސް އޮފިސަރުގެ ނަންމަތީ ތިލަފުށިން ކުއްޔަށް ނަގާފައިވާ ގުދަނުގަ ރައްކާކުރަމުންނެވެ.
ގާތްގަނޑަކަށް ދެމަސް ވީ އިރު އެ ގުދަނުގައި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހުއިފިލަނޑާ ހުރިކަން ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެހެންކަމުން އަބަދުވެސް 2 ބިދޭސީ އަކު އެތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. ރާއްޖެ ޓީވީގެ ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކާއި ފައިސާ ފޮނުވާފަ ހުރި ރިސިޓް ތަކުން އެނގޭ ގޮތުގަ އޮކްޓޯބަރު 2025 އިން ފެށިގެން، އެހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް، ހުއިފިލަޑާ ގަތުމަށް ޖުމްލަ 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކެލްވިން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން 550،000 (ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ) ފޮނުވާފަ ވަނީ ފުލުސް އޮފިސަރަށެވެ. އަދި އެމްޕީއެލް މުވައްޒަފުގެ ގެ ނަމުގަވާ ކުންފުންޏެއްގެ އެކައުންޓަށް ވަނީ 1،100،000 (އެއް މިލިއަން އެއް ލައްކަ ރުފިޔާ) ޖަމާކޮށްފަ އެވެ.

ހުއިފިލަނޑާތައް ވަގަށް ނެގުން
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހަވީރު 3 ޖެހި ހާއިރު ފުލުސް އޮފުސަރު ތިލަފުއްޓަށް ގޮސް ގުދަނުގައި މަސައްކަތް ކުރާ 2 ބިދޭސީން ކައިރީ، އޭނާ އާއެކު 4 ޓައްޕު ހުއިފިލަނޑާ ނަގަން ހުޅުމާލެ އަށް ދާން ބުނިކަން ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެހެން ބުނުމުން އެތަނުން އެއް ބިދޭސި އަކު ބުނެފައިވަނީ، އެމީހުންގެ ތެރެއިން އެކަކު ގޮސްގެން ވެސް 4 ޓައްޕު ހުއިފިލަނޑާ ގެނެވޭނެ ކަމަށެވެ. އަދި ފުލުސް އޮފިސަރާ އެއްކޮށް ދެމީހުން ދިޔުމުން ގުދަން ބަލަހައްޓާނީ ކާކުތޯ ފުލުސް އޮފިސަރު ގާތު އެމީހުން ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް ފުލުސް އޮފުސަރު އިތުރަށް ކިޔަން ފެށުމުން 2 ބިދޭސީން ވެސް އޭނާ އާއި އެކު ހުޅުމާލެ އަށް ގޮސްފަ އެވެ.
ހުޅުމާލެ އަށް ގޮސް އަވަހަށް ހުއިފިލަނޑާ ޓައްޕުތައް ހިފައިގެން ތިލަފުއްޓަށް ދިޔުމުގެ ބަދަލުގަ ފުލުސް އޮފިސަރު ދިޔައީ ޕެޓްރޯލް އަޅަން ކަމަށް ބުނެ މާލެ އެވެ. މާލެ އިން ޕެޓްރޯލް އަޅައިގެން ދިޔައީ ހުޅުމާލެ އަށެވެ. ހުޅުމާލެ ގޮސް ބިދޭސީ 2 މީހުން ކައިރީގައި މަޑުކުރާށޭ ބުނުމަށްފަހު ނަމާދުކުރުމަށް ކަމަށް ބުނެ ފުލުސް އޮފިސަރު ވަނީ ރަށުތެރެއަށް ގޮސްފަ އެވެ. ގާތް ގަނޑަކަށް ދޮޅުގަޑިއިރު ފަހުން ފުލުސް އޮފުސަރު އެނބުރި އައިސް ގުދަނުގައި މަސައްކަތްކުރާ 2 މީހުންނާ އެކު 4 ޓައްޕު ހުއިފިލަނޑާ ނަގަން ހުޅުމާލެ ފަޅުގަ އޮތް "މަޑުއްވަރީ އުސްމާނިއްޔާ" ދޯންޔަށް ގޮސް އެ ހިފައިގެން ތިލަފުއްޓައް ދިޔަކަން ރާއްޖެ ޓީވީ ގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެމީހުންނަށް ތިލަފުއްޓަށް ދެވުނުވު އިރު ރޭގަނޑު 7:30 އަށް ވުރެ ވަނީ ބޮޑުވެފަ އެވެ. އަދި އެމީހުން ޖެޓީ އަށް ބޭލުމަށް ފަހު ތިލަފުއްޓަށް ނުފައިބާ ފުލުސް އޮފިސަރު ދިޔައީ ކަމަށް ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ތަން ބަލަހައްޓާ ދެ މީހުން ތިލަފުއްޓަށް ފައިބާ ހުއިފިލަނޑާ ޓައްޕުތައް ހިފައިގެން ގުދަނަށް ދިޔަ އިރު، އެމީހުން ހަވީރު ހުޅުމާލެ އަށް ދާން ނައްޓާލިއިރު ހުއިފިލަނޑާ ގޯނި ތަކުން ފުރިފައި ހުރި ގުދަނުގައި، އެންމެ ބައްތާ އެއްވެސް ނެތެވެ. ބިދޭސީ 2 މީހުންނަށް ގުދަން ފެނުމާއެކު ލިބުނު ސިހުމާއެކު އެމީހުން ފެށީ ރޯށެވެ. ސަބަބަކީ އެ 2 މީހުންނަކީ އެ ގުދަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ 2 މީހުން ކަމަށް ވާތީ އެވެ. އަދި އެތަނުން އެކަކު ފުލުސް އޮފިސަރަށް އަށް ގުޅާ، ވެގެން އުޅޭގޮތް ކިޔާދިނެވެ. ނަމަވެސް ފުލުސް އޮފިސަރުގެ ފަރާތުން މާބޮޑު ހާސްކަމެއް ފާހަގައެއް ނުވި ކަން އެނގިފައިވެ އެވެ. ފުލުސް އޮފިސަރު ދިން ޖަވާބަކީ އެކަން ކެލްވިން އަށް އަދި ނޭންގުމަށެވެ. އަދި އެ ކަމުގަ ކެލްވިން އާއި ދައްކަންޖެހޭ ވާހަކަ އެއް ވިއްޔާ ދައްކާނީ އޭނާ ކަމަށް ވަނީ ބުނެފަ އެވެ.
ގުދަނުން ވައްކަން ކުރިކަން ފުލުސް އޮފިސަރު ކެލްވިން އަށް އެންގީ ވައްކަންކުރި ރޭ ދަންވަރު ކަން ވަނީ ރާއްޖެ ޓީވީ އަށް ލިބިފައިވާ ޗެޓް ލޮގްތަކުން އެނގިފަ އެވެ. ފުލުސް އޮފިސަރު ބުނީ އެތަނުގަ އުޅޭ ބިދޭސީ އަކު ދަންވަރު އޭނަ އަށް ގުޅާ، ގުދަން ފަޅާލައިގެން ވައްކަންކުރި ހަބަރު ދިންކަމުގަ އެވެ. އަދި ހެނދުނު އެ މައްސަލަ ޕޮލިހަށް ހުށަހަޅާނޭ ކަމަށް ބުންޏެވެ. ފުލުސް އޮފިސަރު އޭރުވެސް ދިޔައީ، އެ ވައްކަން ކުރީ އެތަން ބަލަހައްޓަން ހަވާލުކޮށްފައިވާ 2 ބިދޭސީން ކަން ކެލްވިން އަށް ވިސްނަދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ކެލްވިންގެ ފަރާތުން ފައިސާ އެއް ލިބެންޖެހޭ މީހަކު އެތަކެތި ވަގަށް ނެގީ ކަމަށާއި، އަދި ވަގަށް ނެގި ތަކެތި ދޫކުރާނީ 200،000 (ދެ ލައްކަ) ރުފިޔާ ދިނުމުން ކަމަށް އެމީހަކު ބުނިކަމަށް ފުލުސް އޮފިސަރު ކެލްވިން ގާތު ބުންޏެވެ. އަދި ވައްކަން ކުރުމުގަ އެހީތެރިވެދިނީ، ގުދަނާ ހަވާލުވެ ހުރި ބިދޭސީ މީހާ ކަމަށް ފުލުސް އޮފިސަރު ކެލްވިން އަށް ވިސްނައިދީ، ބިދޭސީ މީހާގެ ބޮލުގަ ތުހުމަތު އަޅުވާ އޭނާ ޑީޕޯޓް ކުރެވޭތޯ މަސައްކަތްކުރި އެެވެ.

ވައްކަން ހިނގާދިޔަގޮތް ހޯދަން ފެށުން
ރާއްޖެ ޓީވީ އަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖް ތަކުން އެނގޭގޮތުން، ގުދަނުން ވައްކަންކުރި ވަގުތަކީ، ގުދަނުގައި މަސައްކަތްކުރާ 2 މީހުން ގޮވައިގެން ފުލުސް އޮފިސަރު ހުޅުމާލެ އަށް ދިޔަ ވަގުތެވެ. މިކަމުގައި ފުލުސް އޮފިސަރު ދައްކާ ވާހަކަތައް ދިމާ ނުވުމުގެ ސަބަބުން މިކަމުގަ އޭނާގެ ބައިވެރިވުމެއް ވާކަމަށް ކެލްވިން އަށް ހީއަކަށްވުރެ ބޮޑަށް ޔަގީންވި އެވެ. މިކަމާ މާޔޫސް ވެފަ ހުރި ކެލްވިން އޭނާ އާއި ގުޅުން އޮންނަ އެކި މީހުންނާ ގުޅިގެން ގުދަނުން ވަގަށްނެގި 79 ބަސްތާ ހުއިފިލަނޑާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި 1 ޖަނަވަރީ 2026 ގައި ފުލުހަށް ވެސް މައްސަލަ ހުށަހެޅި އެވެ. ރާއްޖެ ޓީވީ އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުން، ފުލުހުން މި މައްސަލަ ރަޖިސްޓަރ ކުރީ 4 ޖަވަނަވަރީ 2026 ގަ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާފަ ވިޔަސް ކެލްވިންގެ ޓީމުން ދިޔައީ ވަގަށް ނެގި ހުއިފިލަނޑާތައް ހޯދުމުގެ މަސައްކަތް އަމިއްލަގޮތުން ކުރަމުންނެވެ. ހުއިފިލަނޑާތައް ރައްކައުކޮށްފައި ހުރި ގުނަދުގައި ސީސީޓީވީ ކެމެރާ އެއް ނެތަސް، އެ ސަރަހަައްދުގައިވާ ގިނަ ގުދަން ތަކުގަ ސީސީޓީވީ ކެމެރާ ހުރެ އެވެ. ރާއްޖެ ޓީވީގެ ތަހުގީގަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖް ތަކުން ފެންނަ ގޮތުން ޑިސެމްބަރ 29 ، 2025 ވީ ދުވަހުގެ ހަވީރު 05:30 ހާއިރު ޕިކަޕަކަށް އަރުވައިގެން ހުުއިފިލަނޑާ ބަސްތާ ތައް ގެންދެ އެވެ. އެ މަންޒަރުތައް ރީތި ކޮށް ފެނެ އެވެ.

ކެލްވިންގެ ޓީމުން ކުރި މަސައްކަތުން ޕިކަޕުގެ ޑްރިވަރު ދެނެގަނެ، އޭނާ އާ ސުވާލު ކުރުމުން ބުނީ ބަސްތާ ތައް ބޭލީ އާއްމުކޮށް މީހުން ބޭނުން ނުކުރާ "ތިލަފުށީ ހޯގާޑް ޖެޓީ" ގަ އޮތް ދޯންޏަކަށް ކަމަށެވެ. ޓީމުގެ މަސައްކަތުން ހޯގާޑު ޖެޓީ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ހޯދާ، ބަސްތާތައް ތިލަފުށިން ބޭރުކުރަން ބޭނުންކުރި ދޯނި ހޯދި އެވެ.

އޭގެ ފަހުން އެ ދޯނީގެ ކައްޕި އާ ގުޅައިގެން ދޯނި މާލެ އަށް ލެފީ، ޓީ ޖެޓީގައި ވެލި ގޯނި ބޭލުމަށް އާއްމުކޮށް މީހުން ބޭނުންކުރާ ސަރަހައްދަށްކަން އެނގެ އެވެ. އެތަނުން ބަސްތާ ތައް ޕިކަޕަކަށް އަރުވައިގެން ގެންގޮސް، ސައްޔިދުކިލެގެފާނު މަގުގައި ހުންނަ ގަރާޖެއްގެ ކައިރީ އޮންނަ ހުސްޖާގަ އަކަށް ބޭލިތަން ރާއްޖެ ޓީވީ އަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ. ފުލުހުންނަށް މައްސަަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބި އުޅެނިކޮށް، ކެލްވިން ގެ ޓީމުން އެއްކުރި ބައެއް ސީސީޓީވީ ފޫޓޭޖް އަދި މައުލޫމާތު ތަކުގެ އަލީގައި ހުއިފިލަނޑާތައް ހުރި ތަންތަން ޔަގީން ކުރެވުނެވެ.
ވަގަށްނަގާފައިވާ ހުއިފިލަނޑާތައް ފެނުން
ކެލްވިންގެ ޓީމުން އަމިއްލަ ގޮތުން މަސައްކަތް ކުރިޔަސް، މައްސަލައިގައި އެ ޓީމަށް ލިބުނު ހުރިހާ ސީސީޓީވީ ފުޓޭޖެއް އަދި ދެންވެސް ލިބުނު މައުލޫމާތެއް ދިޔައީ ފުލުހުންނާ ހިއްސާ ކުރަމުންނެވެ. ބަސްތާތައް ހުރި ތަންތަނުގެ މައުލޫމާތު ފުލުހުންނާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ހިއްސާ ކުރުމުން، ކޯޓު އަމުރެއްގެ ދަށުން ޖަނަވަަރީ 08 ވަނަ ދުވަހު މއ. ސިގްމާ ގެ 402 އަށް ވަދެ، ފުރަތަމަ 22 ބަސްތާ ނެރޭ މަންޒަރު ރާއްޖެ ޓީވީ އަށް ލިބިފައިވާ ފޫޓޭޖުން ފެނެ އެވެ.
ރާއްޖެ ޓީވީ އަށް ކަށަވަރު ވެފަވާ ގޮތުގަ މި ގެއަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖްތާޒް ދިރިއުޅުއްވާ ގެއެވެ. ބަސްތާ ތައް އެގެއިން ނެރުނު ވަގުތު ސިވިސް ސާވިސް ކޮމިޝަނުގެ ރައީސް އެތަނުގަ ހުންނަ މަންޒަރު ވީޑިއޯ ފޫޓޭޖުން ފެނެ އެވެ.

އޭގެ ފަހުން އެ ބަސްތާ ތައް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކަމަށް ބުނެ ދޫނިދޫ އަށް ވަނީ ގެންގޮސްފަ އެވެ. ސިގްމާ ގޭގައި ބަސްތާ ތައް ބަހައްޓަފައިވަނީ އެ އެޕާޓްމަންޓްގަ އުޅޭ މީހުން އުމްރާގެ އަޅުކަމަށް ފުރުމާ ގުޅިގެން އެ އެޕާޓްމެންޓް ހުސްވި ދަނޑިވަޅުގަ ކަމަށް ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.

ބަސްތާ ތައް ހުރި ދެވަނަ އެޕާޓްމެންޓަށް ވަނުމުގެ ހުުއްދަ ގޭގެ ވެރިމީހާ ވަނީ ކޯޓު އަމުރަކާ ނުލާ ދީފަ އެވެ. ބުލްބުލާ މަގުގައި ހުރި މިގެއިން ޖަނަވަރީ 10 ވަނަ ދުވަހުގެ ރޭ، ވަނީ ޖުމްލަ 57 ބަސްތާ ހުއިފިލަނޑާ ވަނީ ނެރެފަ އެވެ. ފުލުހުން އެ ގެޔަށް ވަތް އިރު އެތަނުގައި މީހަކު އުޅެ އެވެ. އެއީ ފުލުސް އޮފިސަރު އަދި މި މައްސަގަ ޝާމިލްވާ އެމްޕީއެލް މުވައްޒަފުގެ ރަހުމަތްތެރި އެމްޕީއެލް ގައި މަސައްކަތް ކުރާ އެހެން މީހެކެވެ. މި މިހާގެ ވެސް ވަނަވަރު ރާއްޖެ ޓީވީ އަށް ވަނީ ލިބިފަ އެވެ.
އެގެއިން ފެނުނީ ނުހިއްކާ ހުރި ހުއިފިލަނޑާ ކަމަށް ވުމުން ވެރިފަރާތުގެ އެދުމުގެ މަތިން ފުލުހުން ފުރަތަމަ އެއްބަސްވީ ، ކޯޓު އަމުރަކާ ވެސް ނުލާ ވަތްތަނަކުން ނެރުނު ސާމާނަށް ވުމުން އެތަކެތި ވެރިފަރާތާ ހަވާލުކުރަން ކަމަށް ރާއްޖެ ޓީވީ ގެ ތަހުގީގަށް ވަނި އެނގިފަ އެވެ. ނަމަވެސް "މަތިން" އައި ކޯލެއްގެ ސަބަބުން ފުލުހުންގެ ރާގު ބަދަލުވެ ފުރަތަމަ 22 ބަސްތާ ގޮތަށް، ފަހުން ހޯދި 57 ބަސްތާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަން ރާއްޖެ ޓީވީގެ ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ.

ފުލުހުންގެ ތަހުގީގު ބަދަލުވުން
ޖެހިގެން އައި ދުވަހު މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބަދަލުކޮށް، މި މައްސަލައިގަ ޝަމިލްވާ ފުލުސް އޮފިސަރު މަސައްކަތްކުރާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުކޮށް، ފުލުސް އޮފިސަރާ އެކު މަސައްކަތް ކުރާ އެހެން އައިއޯ އެއް އޭނާގެ މައްސަލަ ބަލަން ހަވާލުވިކަން ރާއްޖެ ޓީވީގެ ގެ ތަހުގީގަށް ވަނީ ކަށަވަރުވެފަ އެވެ. ތަހުގީގުގައި ފުލުސް އޮފިސަރު އެންމެ ފުރަތަމަ ބުނީ އޭނާ "ވަގަށް ނެގި" މުދަލަކީ އޭނާގެ އަމިއްލަ މުދާ ކަމަށާއި އެ ބަހައްޓާނީ އޭނާ ބޭނުން ތަނެއްގަ ކަމަށެވެ. އޭގެ ފަހުން އަނެއްކާ ފުލުސް އޮފިސަރުގެ ވާހަކަ ބަދަލުކޮށް ބުނީ އޭގެ ތެރޭގައި ހުންނާނީ 3 މީހެއްގެ މުދާކަ މަށެވެ. އެއީ އޭނާގެ އިތުރުން، މި މައްސަލައިގަ ހިމެނޭ އެމްޕީއެލް މުވައްޒަފާއި އަދި ފުލުސް އޮފިސަރު ބުނާގޮތުން އޭނާގެ ބިޒްނަސް ޕާޓްނަރެވެ. އެ ބުނާ ބިޒްނަސް ޕާާޓްނަރުގެ އެޑްރެސް އަކީ ފުރަތަމަ 22 ބަސްތާ ފެނުނު މއ. ސިގްމާ ކަން ރާއްޖެ ޓީވީ އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އޭނާގެ ވަނަވަރު ވެސް ރާއްޖެ ޓީވީ ގެ ތަހުގީގަށް ވަނީ ކަށަވަރު ވެފަ އެވެ.
ފުލުސް އޮފިސަފު ޑީލް ހަދަން އުޅުން
ފަހުން އަނެއްކާ ވެސް ފުލުހަށް ހާޒިރު ކުރުމުން ފުލުސް އޮފިސަރު ބުނީ އެ ހުރިހާ ބަސްތާ ތަކަކީ ވެސް އޭނާގެ އެއްޗިހި ކަމުގަ އެވެ. އޭގެ ފަހުން ސްޓޭޝަން އިން ނިކުމެ ފުލުސް އޮފިސަރު ވަނީ ކެލްވިންގެ ލޯޔަރާ ވާހަކަ ދައްކައިގެން މުދަލުގެ 50 އިންސައްތަ އޭނާ އަށް ދޭން އެއްބަސްވަންޏާ މުދާ ތައް ދޫކުރުމަށް ހުށަހަޅާފަ އެވެ. ނުވަތަ ކެލްވިން 500،000 (ފަސް ލައްކަ ރުފިޔާ) ފުލުސް އޮފިސަރަށް ދިނުމުން ފުލުހުން ހިފަހައްޓާފައިވާ ތަކެތި ދޫކޮށްލާނޭ ކަމުގަ އެވެ. ރާއްޖެ ޓީވީގެ ތަހުގީގުން އެނގުނު ގޮތުގަ، އޭގެ ފަހުން ކެލްވިން އާއި ފުލުސް އޮފިސަރު ހާޒިރުކޮށް އައިއޯ ސުވާލު ކުރުމުންވެސް ފުލުސް އޮފިސަރު ބުނީ އެއީ އޭނާގެ އެއްޗިހި ކަމަށެވެ. އަދި ސިގްމާގެ އަށް އެ ގެންދިޔައީ މި މައްސަލައިގަ ހިމެނޭ އެމްޕީއެލް މުވައްޒަފު ލައްވާ އެކްސްޕޯޓު ކުރަން ކަމުގަ އެވެ. ނަމަވެސް އެކަން ކަށަވަރު ކުރަން އެމްޕީއެލްގެ މުވައްޒަފަށް ގުޅަން ބުނުމުން ފުލުސް އޮފިސަރު ބުނީ އެމްޕީއެލް މުވައްޒަފަށް އަށް ގުޅޭނެ ނަމްބަރެއް ނެތްކަމުގަ އެވެ.
ހުއިފިލަނޑާތައް އޭގެ ވެރިފަރާތާ ހަވާލުކުރުމަށް ފުލުހުން ދެކޮޅު ހެދުން
އެ ހިސާބުން ފުރުސަތުގެ ބޭނުން ހިފާ ކެލްވިން ވަނީ އެމްޕީއެލް މުވައްޒަފު ގެ ނަމްބަރު އައިއޯ އަށް ދީފަ އެވެ. އަދި ފޯނު ސްޕީކަރަށް ލައިގެން އައިއޯ އެ ނަމްބަރަށް ގުޅާ ސުވާލުކުރުމުން އެމްޕީއެލް މުވައްޒަފު ބުނީ، އޭނާ އަކީ އެކްސްޕޯޓް ލައިސެންސެއް ގެންގުޅޭ މީހެއް ނޫންކަމުގަ އެވެ. އެހިސާބުން ފުލުސް އޮފިސަރު ރުޅިގަދަވެ ސްޓޭޝަން ތެރޭގައި އަޑުގަދަކުރަން ފެށިއެވެ. އޭގެ ފަހުން ފުލުހުން ނިންމީ ހުއިފިލަނޑާތައް ކެލްވިން އާ ހަވާލު ކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް މުދާތައް ދޫކުރަން އެކި ތާރީހު ދިނުމަށް ފަހު މިއަދާ ޖެހެންދެން ވެސް ފުލުހުން ދަނީ އެ ތަކެތި ވެރިފަރާތާ ހަވާލު ނުކުރުމަށް ތަފާތު ސަބަބުތައް ދައްކަމުންނެވެ. ފުލުހުން ދިން ލިޔުމެއްގަ ބުނެފަވަނީ "ވެރިފަރާތް ކަށަވަރު ނުވާތީ" އެ މުދާ ދޫކުރެވެން ނެތްކަމުގަ އެވެ. މިހާރު ފުލުހުން ހިފަހައްޓާފައިވާ ހުއިފިލަނޑާތަކުގެ ތެރެއިން ބޮޑުބައެއް ވަނީ ހަލާކު ވެފަ އެވެ.
ފުލުހުންގެ ވިސްނުން ހުރީ މިތަކެތިން ފުލުސް އޮފިސަރަށް އަަށް ފައިދާ އެއް ވާން ނެތިއްޔާ، ތަކެތީގެ ވެރިފަރާތަށް ވެސް ބޭނުމެން ނުކުރެވޭ ވަރު ކުރުން ކަމަށް ތުހުމަތު ކުރެވެ އެވެ. ފުލުހުންގެ އަމާޒަކީ ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތުކުރާ 2 މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާ އޭގެ ވެރިފަރާތާ ހަވާލުނުކުރުން ކަމަށް މުދަލުގެ ވެރިފަރާތުން ތުހުމަތު ކުރެ އެވެ. އެންމެ ފަހުން ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ އެ ހުއިފިލަނޑާ ބަސްތާ ތަކަކީ ވެރިފަރާތް ކަށަވަރުނުވާ ތަކެތި ކަމަށް ބުނެ ނީލަމުގައި ވިއްކާލުމަށް ނިންމާ އިއުލާނުކޮށްފަ އެވެ.





