ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް އިސްތިއުފާ ދެއްވައިފި
މުޙައްމަދު މާދިން ލަޠީފް އަކީ ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގަ ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި 4 ވަނަ މެމްބަރު


މުޙައްމަދު މާދިން ލަޠީފް އަކީ ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގަ ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި 4 ވަނަ މެމްބަރު. | ރާއްޖެ އެމްވީ
ރައީސް މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމަށް، ޕެންޝަން ފަންޑުން އިންވެސްޓު ކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭ އަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމިތާ 48 ގަޑިއިރު ނުވަނީސް ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް އިސްތިއުފާދެއްވައިފިއެވެ.
މިކަމުގެ މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވިި ގޮތުގަ މާދިން އިސްތިއުފާ ދެއްވީ ބުދަ ދުވަހު އެވެ. މާދިން އިސްތިއުފާ ދެއްްވީ، ފައިސާ ޗާޕުކުރުމަށް ސަރުކާރުން މިކުރާ މަސައްކަތް ހުއްޓުވާނެ އެއްވެސް މަގެއް، ޕެންޝަން ބޯޑުގަ ހުންނަވައިގެން ފެންނާނެ ކަމުގެ އުއްމީދެއް ނެތުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާދިން އަކީ ފައިސާ ޗާޕުކުރުމުގެ މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދެއްވި ފަސް ވަނަ ބޭފުޅާ އެވެ. މީގެ ކުރިން އިސްތިއުފާ ދެއްވި ބޭފުޅުންނަކީ ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އާއި ޗެއަރޕާސަން އަހުމަދު އިނާޒް އަދި ބޯޑު މެމްބަރުން ކަމަށްވާ އަހުމަދު ސަރުވަޝް އާދަމް އަދި އަޝްރަފް ރަޝީދު އާއި ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އިނާޒް، ސަރުވަޝް އަދި މާދިން އަކީ މި މުއާމަލާތުގެ މަޝްވަރާތައް ފެށުނީއްސުރެ މިކަމާ ދެކޮޅަށް އެންމެ ގަދަޔަށް ވަކާލާތުކުރެއްވި ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުންނެވެ. އަދި މިކަން ބޯޑުގެ ލިޔެކިޔުންތަކުން ފެންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މީގެ ކުރިން އިސްތިއުފާ ދެއްވި އިނާޒް ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ ދައުލަތުގެ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށެވެ.
ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މާލީ ފައިދާ ހޯދުމާއި އަދި އަމާނާތްތެރިކަމާއެކު މާލީ ޒިންމާ އަދާކުރުމާ ގުޅޭގޮތުން ސަރުކާރުން ސާފު ވިސްނުމެއް ގެންގުޅެންޖެހޭކަމަށް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އަދި ސިޔާސަތަކުން ހާސިލް ކުރާ ވަގުތީ ނަތީޖާ އާއި ދުރު ނަތީޖާ ސަރުކާރުން ވަޒަން ކޮށްލުން މުހިންމު ކަމަށް އެފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. މި މުއާމަލާތުގެ ސަބަބުން ދިވެހި ރާއްޖޭގެ އިގްތިސާދަށް ދިގު މުއްދަތުގައި ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކުގެ ކަންބޮޑުވުންތައް ވެސް ގިނަ ބަޔަކު ދަނީ ފާޅުކުރަމުންދެ އެވެ.







