ގަލޮޅު ރައްޔިތުންނަށް އުފާވެރި ޚަބަރެއް، ގިނަ ވަސީލަތްތަކާ އެކު ސިޓީ ކައުންސިލުން ތަރައްގީ ކުރި "ގަލޮޅު ޕާކް" އަށް އަންގާރަ ދުވަހުން ފެށިގެން ވަދެވޭނެ
ގަލޮޅު ރައްޔިތުންގެ އެދުމުގެ މަތިން މާލެ ސިޓީ ކައުންސިލުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި ގަލޮޅު ޕާކްގައި އައުޓްޑޯ ޖިމް، ކުޑަކުދިންގެ ކުޅިވަރު ވަސީލަތްތައް، ބާސްކެޓްބޯޅަ ކޯޓާއި ބެޑްމިންޓަން ކޯޓު ހިމެނޭ.


މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި "ގަލޮޅު ޕާކް" | ރާއްޖެ އެމްވީ
މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި 'ގަލޮޅު ޕާކް' ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީ ކުރި މި ޕާކްގެ މަސައްކަތް ފެށި މީގެ 8 މަސް ކުރިންނެވެ.
ރާއްޖެ ޓީވީ އަށް މައުލޫމާތު ދެއްވަމުން މޭޔަރ އާޒިމް ވިދާޅުވީ ގަލޮޅުގައި ދިރިއުޅޭ ރައްޔިތުން ހިތްފަސޭހަކޮށްލާ ކަސްރަތުކޮށްލަން ދާނެ ތަނެއް ކައިރީގައި ނެތުމަކީ ގަލޮޅު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން މި ޕާކް ތަރައްގީ ކުރުމުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަކަށް ވަރަށް ބޮޑަށް ވިސްނާފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
އާއްމުކޮށް ގަލޮޅުގެ ވަރަށް ގިނަ ރައްޔިތުން އަޅުގަނޑު ކައިރީ އެދެމުންދިޔަ، މިތަނުގަ ވަށައިގެން މީގެ 10 ވަރަކަށް އަހަރު ދުވަސް ކުރިން ޖަހާފަވާ ބިއްގަނޑުތައް ނައްޓާލާ، ހާއްސަ ކޮށް ގަލޮޅުގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެ އެއްވެސް ހުސް ތަނެއް ނެތޭ މިއިން ހިސާބެއްގަ ވެސް، އެހެންކަމުން މިތަން ތިމަންނަމެންނަށް ވީ އެންމެ އަވަހަށް ހުޅުވައިދީ އާއިލާތަކަށް ބޭނުން ކުރެވޭނެ ގޮތަކަށް ހަދައިދިނުމަށް އެބޭފުޅުން އެދިފަވޭ. އިރާދަކުރެއްވިއްޔާ މި މަހުގެ 12 ނޫނީ 13 ވަނަ ދުވަހު އާއްމުންނަށް މި ޕާކް ބޭނުން ކުރުމަށް ހުޅުވާލެވޭނެމާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް
ގަލޮޅު ޕާކްގައި ގިނަ ވަސީލަތްތަކާއެކު އައުޓްޑޯ ޖިމް އެއް ހަދާފައިވާ އިރު، ކުޑަކުދިންނަށް އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައިވެ އެވެ. އެންމެ ކުޑަކުދިން އެރޭނެ ގޮތަށް ސްލައިޑް އަދި އުނދޯލިތައް ހަދާފައިވާއިރު، ތްރީ އޮން ތްރީ ބާސްކެޓް ކޯޓެއްގެ އިތުރުން ބެޑްމިންޓަން ކޯޓެއް ވެސް ސިޓީ ކައުންސިލުން ވަނީ މި ޕާކު ގައި ތަރައްގީ ކޮށްފަ އެވެ.

އެމްޑީޕީން ދިވެހި ރާއްޖެ އަށް ގެނެސްދިން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބަޖެޓް ލިބުމުން، ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ކޮށްދީފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. ގަލޮޅު ޕާކްގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވާނީ ސިޓީ ކައުންސިލްގެ ބަޖެޓުން ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އާސަހަރާ މިސްކިތާއި ބުޅާ ފެސިލިޓީ ވެސް ނިންމާފައިވާނީ ސިޓީ ކައުންސިލްގެ ބަޖެޓުން ކަމަށެވެ.
ކައުންސިލް ތަކަށް ބަޖެޓް ލިބުނީމަ މިއީ އޭގެ ފައިދާ. މިތަން އެއްކޮށް ހަދާފައި މިވަނީ ކައުންސިލްގެ ބަޖެޓުން. އާސަހަރާ މިސްކިތް ވެސް ކައުންސިލް ބަޖެޓުން ނިންމާފަ އެހުރީ، މާލޭގަ ދޫވެގެން އުޅޭ ބުޅާތަކުގެ ކަންތައް ހައްލުކުރުމަށް ވަނީ ބުޅާ ފެސިލިޓީ ވެސް ހަދާ ނިންމާފަ. ސަރުކާރުން ފަހުން ވަނީ އެތަން އަތުލާފަ. އެހެން ނަމަވެސް ކައުންސިލުން ވަރަށް ޕުޝް ކޮށްގެން ބުޅާތައް މިހާރު ގެންދަން ފަށައިފި. ބުޅަލުގެ ނަޖިހުން ރައްޔިތުން ރައްކާތެރި ކުރުމަށް ބޮޑު މަސައްކަތެއް ކުރެވިފަ އެ އޮތީ.މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް
ފެންނަމުން މިދަނީ ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަން ކަމަށާއި، ލާމަރުކަޒީ ނިޒާމުން ދައުލަތުގެ ބަޖެޓުން 5 ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ދިނުމުން މިއަދު މާލެ ސިޓީން ފެންނަނީ އޭގެ ފަސޭހަތައް ކަމަށް އާޒިމް ވިދާޅުވި އެވެ. މިސާލަކަށް ބުނާނަމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ލިބިފައިވާ ބަޖެޓުގެ ތެރެއިން މާލެގައި ވިހި ވަރަކަށް އަހަރު ވަންދެން ފެންބޮޑުވަމުން ދިޔަ ފެންބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެވިއްޖެ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
ސިޓީ ކައުންސިލުން ބޮޑެތި މަޝްރޫއުތަކެއް ހިންގާފައި އޮތީ އެ ބަޖެޓުން ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. ސަރުކާރުގެ ބަޖެޓުން ކަންކަން ނުކުރާ ވަރަށް، ރަށްރަށުގެ ލޯކަލް ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން އެ އިދާރާތަކަށް ލިބުނު ކުޑަ ބަޖެޓުން ތަރައްގީގެ މަސައްކަތް ކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވި އެވެ.
އެހެންކަމުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކޮށްގެން ހިންގުމަކީ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް އެނގޭ ގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހިންގޭނެ ނިޒާމު ކަމަށް އާޒިމް ވިދާޅުވި އެވެ.







