ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ
ޔާސިހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާ ވަނީ ސާބިތުވެފައި. އޭނާ ގެ މައްޗަށް ޖުމުލަ 100 އަހަރުގެ ޖަލު ހުކުމަކާއި 400،000 ރުފިޔާގެ ޖޫރިމަނާ ހުކުމެއް ވަނީ އިއްވާފައިވޭ. އަދި މިފައިސާ 31 ޑިސެންބަރު 2025ން 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރު ކޮށްފައިވޭ.


ކްރިމިނަލް ކޯޓު ގެ އިމާރާތް | ރާއްޖެ އެމްވީ
ގޭގައި ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން ދިޔަ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މި މައްސަލައިގައި ނ. ކެނދިކުޅުދޫ، އަހުމަދު ޔާސިހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ، މަސްތުވާތަކެތި އުފެއްދުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ އަދި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުވާގައި ބުނީ 13 މެއި 2023 ވަނަ ދުވަހު 11:55 އެހާއިރު، މާލޭގެ ބަނަފްސާމަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މެރުވާނާ ގަހެއް ހުރި ކަމަށް ބުނެ އާއްމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން އެސަރަހައްދަށް ދިއުމަށްފަހު ގ.ރިމިނީގެ ގޭގެ ދޮރު ކައިރި ބިންމަތިން ކެނެބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިގެން އެސަރަހައްދުގައި މަޑުކޮށްގެން ތިއްބާ އޭނާ އެތަނަށް އައިސް، އެ ގަހަކީ އޭނާ ގެ ގަހެއް ކަމަށާއި، އޭނާ ދިރިއުޅޭ ގޭގެ ގ. ރިމިނީ ގޭގެ ބެލްކަނީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ބުނުމުން އޭނާ ގެ ހުއްދައާއެކު އޭނާ ގެ އަތުގައި އޮތް ތަޅުދަނޑި ފަތީގައި އޮތް ތަޅުދަނޑިއަކުން ހުޅުވުމަށްފަހު ކޮޓަރި އާއި އެޕަރޓްމަންޓް ބަލާފާސް ކޮށްފައިވާ ކަމަށެވެ.
ބަލާފާސް ކުރުމުގެ ތެރެއިން ބެލްކަނިން ހަތަރު ގަސް ފެނިފައިވާ ކަމަށާއި، ކޮޓަރިން އިތުރު ދެ ގަސް ފެނިފައިވެ އެވެ. މީގެ އިތުރުން އޭނާ ދިރިއުޅޭ އެޕަރޓްމަންޓްގެ ތެރެއިން ޖުމްލަ 300 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތީގެ އެކި ބާވަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ފެނިފައިވާ ކެނެބިހުގެ ޖުމްލަ ބަރުދަން 14 ގްރާމަށްވުރެ އިތުރު ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޔާސިހު ހުރިހާ ދައުވާ އަކަށް އިންކާރު ކޮށްފައިވާއިރު، ކޯޓުގައި އޭނާ އަމިއްލައަށް އެ ގަސްތަކާއި ހަވާލުވެ އެޕާޓްމަންޓް ދެއްކުމަކީ 'އާދަޔާ ޚިލާފު' ކަމެއް ކަމަށް ބުނެފައިވެ އެވެ.
25 ޖުލައި 2023 ގައި ދައުވާ އުފުލި މި މައްސަލަ 31 ޑިސެންބަރު 2025 ގައި ނިންމާފައިވާއިރު، ދައުލަތުން ހުށަހެޅި ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖެއަކީ ކެނަބިސް ލިބެން ހުރި ގައުމެއް ނޫންއިރު އެ ތަކެތި ލިބުން ގޮތަކާއި ހެއްދި ބޭނުމެއް ވެސް އޭނާ އަށް ބުނެދެވިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.
އޭނާ ގެ މައްޗަށް ޖުމުލަ 100 އަހަރުގެ ޖަލު ހުކުމަކާއި 400،000 ރުފިޔާގެ ޖޫރިމަނާ ހުކުމެއް ވަނީ އިއްވާފަ އެވެ. އެއީ ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، ކޮންމެ ދައުވާއަކަށް ވަކިވަކިން އިއްވި 25 އަހަރުގެ ޖަލު ހުކުމާއި 100،000 ރުފިޔާގެ ޖޫރިމަނާ އެއްކޮށްލުމުންނެވެ. އަދި މިފައިސާ 31 ޑިސެންބަރު 2025ން 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރު ކޮށްފައިވެ އެވެ.
ކުށުގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ ބަންދުގައި ދެ އަހަރާއި ހަތް މަސް ދުވަސް ހޭދަކޮށްފަ އެވެ.
އެހެންކަމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 98 އަހަރުގެ ޖަލު ހުކުމެކެވެ.







