އެފްއޭއެމްގެ ފައިސާއިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ މަނީލޯންޑަރކުރި މައްސަލައިގައި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 23 އަހަރަށް ޖަލަށްލުމަށް. ހިޔާނާތުގެ ދައުވާގައި 8 އަހަރާއި މަނީލޯންޑަރިންގެ ދައުވާގައި 15 އަހަރު ކަނޑައަޅައި، އެއާއެކު 1.2 މިލިއަން ޑޮލަރާއި 44.4 މިލިއަން ރުފިޔާ ދައްކަން ވެސް ކަނޑައެޅި. އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފައި.


އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް | ފޭސްބުކް
އެފްއޭއެމްގެ ފައިސާއިން އަމީންއެވެނިއު އިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް 23 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގގެ ދައުވާ އެވެ.
ބައްސާމުގެ މައްޗަށް މި ހުކުމް އިއްވި އިރު، އަމީން އެވެނިއު އެޕާޓްމަންޓް އެފްއޭއެމްގެ ފައިސާއިން ގަތް މައްސަލައިގައި ބައްސާމުގެ މައްޗަށް އުފުލި ދައުވާއެއްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާ ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން އިސްލާހު ކޮށްފައިވަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ. އަދި ޝަރީއަތުން ވަނީ ދައުލަތުން އެދުނު ގޮތަށް ދިފާއުން އެކަމަށް އިންކާރުކުރަމުން ދަނިކޮށް ދައުވާ ފޯމު އިސްލާހުކުރުމަށް ހުއްދަ ދީފަ އެވެ.
ޕެންޓް ހައުސްގެ މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބައްސާމުގެ މައްޗަށް ކުރި އިރު، އޭނާ ގެ އިތުރުން ދައުވާ އުފުލީ އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ ގއ. ގެމަނަފުށި (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، ހަސަން ވަހީދު، މ. ހިރިނައިދޫ (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ) އެވެ.
އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވި އަދަބަކީ ހިޔާނާތުގެ ކުށުގެ ދައުވާގެ ގޮތުގައި އަސާސީ އަދަބަށްވުރެ 3 ދަރަޖަ މަތިކޮށް 8 އަހަރަށް ޖަލަށްލުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި 15 އަހަރަށް ޖަލަށް ލުމާއެކު މަނީލޯންޑަރ ކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް އަދި މަނީލޯންޑަރ ކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަސަން ވަހީދާއި އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.
މައްސަލައިގެ ފަސްފަހަތް:
ބައްސާމުގެ މައްޗަށް ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރި ވެފައިވާތީ އެވެ. އަދި އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން އަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑ އަށް ދައްކާފައިވާތީ އެވެ.







