Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ހިންގުން

2025: ސަރުކާރެއް ހިންގަން ނޭނގުނު އަހަރެއް!

ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު، ސަރުކާރު ކުންފުނިތައް ދަނީ ބޮޑެތި ގެއްލުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި ހިނގަމުން. ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް 281 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ. ސަރުކާރުގައި ރައްޔިތުން ލައްވާ އާދޭސް ދެންނެވުމާއި، ސަރުކާރު ހިންގަން ނޭނގި އޭގެ ގެއްލުން ގައުމަށާއި ރައްޔިތުންނަށް ދަނީ އެކި ގޮތްގޮތުން ކުރަމުން.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 12:33
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިއްޖެ އެވެ. އަދި ނިމިގެން ދިޔަ 2025 ވަނަ އަހަރު ނިމިގެން ދިޔައީރު ވެސް އަދިވެސް ސަރުކާރެއް ހިންގަން ނޭނގި ބަޔަކު މަރުފަލި ޖަހާތަން ފެންނަ އަހަރެއްގެ ގޮތުގައި މި އަހަރު ސިފަވެގެންދެ އެވެ. ބޮޑެތި ފްލޮޕް މަޝްރޫއުތައް ގެނެސް، ސަރުކާރު ހިއްސާވާ ކުންފުނިތައް ދަނީ ގެއްލުމުގައި ހިންގަމުންނެވެ. ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ އިރު، އެކަމާ ދެކޮޅަށް ފިޔަވަޅެއް އަޅާނެ ފަރާތެއް ވެސް ނެތެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ވެރިކަން ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވި އިރު، މިއަދު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެކެވެ. ރައްޔިތުން އަނެއްކާ ވެސް މިޖެހެނީ ސަލާން ޖަހައި އާދޭސް ދަންނަވާށެވެ. ރައްޔިތު މީހާ ރޮއެ ހޭރިގެން ނޫނީ ކަމެއް ނުކުރެވޭ ޙާލަތަށް ޤައުމުގެ ވެރިކަމުގެ ކަންކަން ދިޔައީމާ، ރައްޔިތުން ކޮންމެ ވެސް ވަރަކަށް ވިސްނާލަން ވެއްޖެ އެވެ.

ވެރިކަން ފެށުނީއްސުރެ ރައީސް މުޢިއްޒު ދައްކަވަމުން ގެންދެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބަދަލުތައް ގެނެސް ކުންފުނިތައް ކޮޅަށް ޖަހާ ވާހަކަ އެވެ. މިފްކޯ ފަދަ ކުންފުނިތައް ރަނގަޅު ކުރައްވާނެ ކަމަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ބަޖެޓުން ހާމަވީ މުޅިން އެހެން ކަމެކެވެ.

2026 ވަނަ އަހަރުގެ ބަޖެޓުން އެއްކަލަ ކުންފުނިތަކަށް 2.4 ބިލިއަން ރުފިޔާ ދޫކުރެއެވެ. ޓްރޭޑް ނެޓަށް 612 މިލިއަން ރުފިޔާ، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ އަދި ސްޓެލްކޯ އަށް 500 މިލިއަން ދިނުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. މި އަހަރު އަލަށް އުފެއްދި ކުންފުނިތަކަށް ވެސް އެތައް ފައިސާ އެއް ދޫކުރަން ހިމަނާފައި އެބައޮތެވެ.

އޭގެ ތެރޭގައި ޚިދުމަތް ނުފެށި ދިގުލައިގެން ގޮސްފައިވާ ޑިވެލޮޕްމަންޓު ބޭންކަށް ދޭން ނިންމާފައިވާ 16 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓު ސޮލިއުޝަން ކޮމްޕެނީ އަށް 280 މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. ބޭސް ގަތުމަށްޓަކާ އަލަށް އުފެއްދި ކުންފުންޏަށް 107 މިލިއަން ރުފިޔާ ދޫކުރަން ވެސް ވަނީ ނިންމާފަ އެވެ.

ބައެއް ކުންފުނިތައް އެއްކޮށްލާނެ ކަމަށް ބުނެ އެކަން އިއުލާން ވެސް ކުރި އެވެ. އެކަމަކު އެއްކޮށްލީ ހަމައެކަނި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެވެ. އެ ދެތަން އެއްކޮށްލުމުން ވެސް ހިންގުމުގެ ޚަރަދަށް ލުޔެއް ނުލިބުނުތާ ހިންގުން ވެސް ދޯދިޔާވީ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއަރޕޯޓުތައް ވީރާނާވެ މަރާމަތު ކޮށްލެވޭނެ ފަދަ ވެސް އެތަންތާކު ނެތެވެ.

މީގެ އިތުރުން ފެނަކަ ކުންފުނި އެހެން ކުންފުންޏަކާއި އެއްކޮށްލަން ބުނި ނަމަވެސް އެ ކަމަށް ބަދަލެއް ގެންނަން ސަރުކާރުން ނުވިސްނާކަން ބަޖެޓުން ސާފުވެ އެވެ. ސަބަބަކީ ކުރިއަށް އޮތް ތިން އަހަރަށް ވެސް ފެނަކައަށް ވަކިން ބަޖެޓް ކޮށްފައި ވުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި މައްސަލަތަކަކީ މިއަދު އައު ވާހަކައެއް ނޫނެވެ. ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން އިންތިހާ އަށް ބޮޑުވެ އެކަމުގެ އަޑު ގަދަވަމުން ދާއިރު، ފައިދާގައި ހިންގަމުން އައި ކުންފުނިތައް ވެސް މިއަދު ގެއްލުމުގައި ހިންގަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ހިންގުން ތެރި ކަމެއް، ހަމައެއް ލަމައެއް ނެތް ސަރުކާރުގެ ކުންފުނިތަކުގެ މައްސަލަ ބޮޑުވެފައިވާ އިރު މިކަމުގެ ޒިންމާ ވެސް ނަގާނެ މީހަކު ނެތީ ތޯ މިއީ ގިނަ ބަޔަކު މިއަދު ކުރަމުންދާ ސުވާލެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ގެ އެންމެ ފަހުގެ ރިޕޯޓުން ވަނީ ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ހާމަކޮށްފަ އެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެސްއޯއީ ތަކަށް ލިބިފައި ވަނީ 13.29 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ. ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

މި ހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އައިލެންޑް އޭވިއޭޝަން އަށް 46.36 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ދައުލަތުގެ ކުންފުނިތަކުން ލިބެމުން އަންނަ ބޮޑެތި ގެއްލުންތައް ހުއްޓުވުމަށް ސަރުކާރުން ނުކުޅެދިފައި ވީއިރު، މި ގެއްލުންތައް ފޫބެއްދުމަށް ދައުލަތުން މިއަދު މި ކުންފުނިތަކަށް ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދު ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. މި ގެއްލުންތައް ލިބެމުން ދާ ސަބަބުތައް ހޯދައި ކުންފުނިތައް ޖަވާބުދާރީ ކުރުވެން ޖެހޭނަމަވެސް، އެކަން ކުރުމުގައި ވެސް މިއަދު ސަރުކާރުން މި ވަނީ ފެއިލްވެފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރިޕޯޓުން ހާމަވާ ގޮތުގައި، ގައުމުގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ސްޓެލްކޯ، ފެނަކަ އަދި ރީޖަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ވެސް ދެހާސް ވިހި ހަތަރު ވަނަ އަހަރުގެ އޮޑިޓް ނިންމާފައެއް ނުވެއެވެ. މިއީ ދައުލަތުގެ ކުންފުނިތަކުގެ ހިސާބުތައް ސާފުކުރުމުގައި ސަރުކާރުން ދައްކާ ފަރުވާކުޑަކަމުގެ ސާފު ހެއްކެކެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. ކުރިން ރައީސް މުޢިއްޒު ވިދާޅުވެފައިވާ ވިދާޅުވުން ހަމަ އެއްވެސް ގޮތަކަށް ދިމާވާ ގޮތެއް ނުވެއެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް މަދެއް ނޫނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ގިނަކަމުން، ލިސްޓެއް ހަދަން ވެސް ވާނީ އުނދަގޫ ކަމަކަށެވެ.

މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ހިންގައިގެން އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެއެވެ. ބިރު ވެސް ގަންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެއިން މީހަކާ ދެކޮޅަށް މި ސަރުކާރުން އަޅާނެ ފިޔަވަޅެއް، ހިންގާނެ ތަޙުގީގެއް އަދި ކުރާނެ ޝަރީއަތެއް ނޯންނާނެތީއެވެ. އެ މީހެއްގެ މައްޗަށް ތުހުމަތުތައް ކޮށްކޮށް، ރައްޔިތުން އިންތިހާ އަށް ރުޅި ގަދަވެ، ސަރުކާރަށް ހަދާނެ ގޮތް ހުސްވުމުން ދެން ކުރާނީ މަގާމުން ވަކި ކޮށްފާނެ އެވެ. އެކަމަކު ފިޔަވަޅެއް ނާޅާނެއެވެ. އޭގެ ބަދަލުގައި އެ ވާހަކަތައް މަތިން ރައްޔިތުން ހަނދާން ނެތޭހާ ދުވަސް ކޮށްލުމަށް ފަހު، ދެން އެ މީހަކަށް ކިޔާނީ މަރުޙަބާއެވެ. ދެއްވާނީ އެހެން މަގާމެކެވެ. އެހެން ހައިސިއްޔަތެކެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި، އިބްރާހީމް ފަޒުލް ރަޝީދު ހިންގެވި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ރައްޔިތުން ހަނދާން ނެތޭހާ ދުވަހެއް ނުވެ އެވެ. ހަދާނެ ގޮތް ހުސްވެ، ދައްކާނެ ބަހަނާތައް ހުސްވުމުން، ފަޟުލް ދެއްވީ އިސްތިއުފާއެވެ. އެއާއެކު، އެހެން ބޭފުޅަކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އައްޔަން ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ، ދެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ރަނގަޅުވާނެ ކަމަށެވެ. ދެން އައްޔަން ކުރެއްވި ބޭފުޅަކީ އިތުބާރު ކުރެވޭ، އަދި ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

އެކަމަކު، އޭގެ މަސްތަކެއް ފަހުން ފެނުނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހަރުގޭގައި ރައީސް މުޢިއްޒު ބޭއްވި ޚާއްސަ ހަފުލާއެއްގެ ކުރީ ސަފުގައި ފަޟުލް އިންދައެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެނެޓުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައި، އެކަމަށް އިޤުރާރުވެ ރައީސް މުޢިއްޒުގެ އަތްފުޅުން މަގާމުގެ ލިޔުމާ ހަވާލުވީއެވެ. އަދި ނިމުނީއެއް ނޫނެވެ. އޭގެ ދުވަސް ކޮޅެއް ފަހުން އަޑު އިވުނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ވ އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ފަޟުލް ހަމަޖެއްސެވި ވާހަކަ އެވެ. އެތައް ތުހުމަތެއް އަމާޒުވެފައި ހުރި ފަޒުލް އެ އުޅުއްވަނީ ހެވިލައިފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް، އަޙުމަދު ޝަމާހު ރަޝީދު މަގާމުން ވަކި ކުރީ، އޭނާ ގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފައެވެ. އެ މައްސަލަ ބަލާކަމެއް ނުވަތަ، ނުބަލާ ކަމެއް ވެސް ދެނަހުރި މީހަކު ނެތެވެ. އެކަން އެހެން އޮއްވައި، ދެން މި އިވުނީ ސަރުކާރުން ޝަމާހުއަށް ވެސް މަރުޙަބާ ކީ އަޑެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ޙުސެއިން ފަހުމީ ވަކި ކުރުމަށް ފަހު، އެ މަޤާމަށް އައްޔަން ކުރެއްވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގައި ހުރިއިރު ވައްކަމާއި، ކޮރަޕްޝަންގެ ތުހުމަތުތަކުން ޖަރީވެފައި ހުރި ޝަމާހު އެވެ. ސަރުކާރުގައި ވައްކަމާއި، ކޮރަޕްޝަނަށް ކުޑަ ވެސް ޖާގައެއް ނެތްތާ އެވެ.

މިއީ އަދި މަދު މިންވަރެކެވެ. އަދި ވެސް ކިޔަންޏާ ވާނީ ކިޔާވަރެއެވެ. ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދުގެ މައްޗަށް ކުރެވިފައި އޮތް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ވެސް އޮތީ އެވެ. އެ މައްސަލަ ފަޅާ އަރައިގެން އެ މައްސަލަ ފަޅާ އަރައިގެން ގޮސް، އެތައް ވާހަކަ ތަކެއް ދެކެވުނު އިރު ވެސް، އޭނާއާ ދެކޮޅަސް ފިޔަވަޅެއް އަޅާލަން ސަރުކާރަށް އަދި ރައީސް މުޢިއްޒު ވެސް ނުކެރުނެވެ. އަދި ވެސް އޭނާ އެ ހުންނެވީ އެ މަގާމުގަ އެވެ. ޕީއެންސީގެ ވެސް އިސް ސަފުގަ އެވެ.

މޮޅެތި ވާހަކަތައް ދައްކަވައިގެން، ފޮނި ބައިސާ ކަނޑުއްވައިގެން ވެރިކަމަށް ރައީސް ރައީސް މުޢިއްޒުގެ ސަރުކާރުން މި ކުރަމުން ގެންދާ ކަންކަން ރައްޔިތުންނަށް ފެނެ އެވެ. ރައްޔިތުން ތިބީ އެކަން ބަލާށެވެ. ވައްކަމަށް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮރަޕްޝަނަށް ކުޑަ ވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރި ކަމަށް ވަަޑައިގެންނެވި ނަމަވެސް، މުޅި ސަރުކާރު އޮތީ ވައްކަމާއި ކޮރަޕްޝަން އިން ފޯވެފަ އެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރަސީ ފައްކާވެފައިވާކަމަށް މިއަދު ބުނެވޭއިރު، އާއްމު ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު ހައްގެއް ކަމަށްވާ ސިއްހީ ފަރުވާ ހޯދުމަށް މީހުން މިއަދު ވެސް ދަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ޖެހޭ ހާލަތަށެވެ. ޑިމޮކްރަސީއަށް ދަތުރުކުރި އިރު ނައްތާލަން ބޭނުންވި އެންމެ ބޮޑު މައްސަލައަކަށްވި ބޭސްފަރުވާއަށް ސަލާންޖެހުން މިއަދު އާއްމުވެފައިވާކަން އާއްމު ރައްޔިތުންގެ ވާހަކަތަކުން ހާމަވެ އެވެ.

ކުރީގައި ބޭސްފަރުވާއަށް ސަލާންޖަހަން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ތީމުގެއަށެވެ. މިހާރު ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުންތަކަށެވެ. މިކަމުން އުފެދޭ ސުވާލަކީ، ރައީސާ ބައްދަލުކޮށް މިހެން ބުނެވުނީތީ ހިތްހެވޭތޯއެވެ؟ ދިވެހިން ދާ އޮހޮރުވައިގެން ހޯދި ޑިމޮކްރަސީގެ ފަންވަރަކީ އެއީތޯއެވެ؟ 

ރާއްޖެއިން ބޭރުން ކޮންމެހެން ބޭސް ގެންނަން ޖެހޭ މީހުންގެ ބޭސް ގެނެސްދިނުމުގައި ވެސް ފަރުވާކުޑަކަން އިންތިހާއަށް ބޮޑުވެފައިވެ އެވެ. ބަލި މީހާގެ ރައްކާތެރިކަން ނެތި ދާއިރު މުއައްސަސާތަކަށް ރޭކާވެސް ނުލަ އެވެ. ތިމާއަށް ހައްގު އަސާސީ ބޭސްފަރުވާ ހޯދަން ދާންޖެހެނީ ރައީސްގެ ބައްދަލުވުމަށެވެ. އެތައް އިރަކު މަޑުކޮށްގެން ރައީސަށް އާދޭސް ދަންނަވައިގެން ނޫން ގޮތަކަށް މިކަން ވާން ނެތުން މިއީ އާއްމު މީހާއަށް ލިބޭ ނިކަމެތިކަމެކެވެ.

ރައްޔިތުން ކެކުޅުމާއި އާދޭހާއެކު އެދެނީ ރާއްޖޭގެ ސިއްހީ ނިޒާމު ނަގަހައްޓައިދިނުމަށެވެ. ފެއިލްވެފައިވާ ސިއްހީ ނިޒާމުގެ ސަބަބުން ބަލި މީހާ އިތުރު ތަކުލީފުތަކާ ކުރިމަތިލުން ނިމުމަކަށް ގެނައުމަށް އެދި އެދަނީ ކެނޑިނޭޅި އާދޭސްކުރަމުންނެވެ. މި ހާލަތުން ފެންނަ ސިފައަކީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ފައްކާވެފައިވާކަމަށް ބުނާއިރު، އާއްމު ރައްޔިތުންނަށް އަސާސީ ހައްގުތައް ލިބެމުންދާ ގޮތުގައި ސުވާލު އުފެދިފައިވުމެވެ. ސިއްހީ ފަރުވާއަކީ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ އަސާސީ ހައްގެކެވެ. މިކަން ހޯދުމަށް ރައީސާ ބައްދަލުކުރަން ޖެހުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ފުށުއަރާ ކަމެކެވެ.

ސިއްހީ ނިޒާމުގައި ހަމަހަމަކަން ނެތުމަކީ ވެސް ބޮޑު މައްސަލައެކެވެ. އާސަންދަ ލިބެން އޮތް ނިޒާމުގައި ހަމަހަމަކަން ނެތުމުން ބައެއް މީހުންނަށް ފަރުވާ ލިބެނީއިރު، އަނެއް ބައި މީހުންނަށް ނުލިބެ އެވެ. ސިއްހީ ފަރުވާއަށް ފައިސާ ހޭދަކުރުމުގައި ވެސް ހަމަހަމަކަން ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ބޭސް ނުލިބުމަކީ ވެސް ސިއްހީ ނިޒާމުގެ ބޮޑު ނާކާމިޔާބީއެކެވެ. ބޭސް ނުލިބިގެން ވަގަށް ބޭސް ގެންނަ މީހުންގެ ވިޔަފާރި ފުޅާވެފައިވުމަކީ ނިޒާމުގައި އޮތް ދެރަކަމެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހެ އެވެ.

ބޭރުން ބޭސް ގެންނަން ޖެހޭ މީހުންނަށް ބޭސް ގެނެސްދިނުމުގައި ފަރުވާކުޑަކަން ހުރުމަކީ ވެސް ބޮޑު މައްސަލައެކެވެ. އެސްޓީއޯ ފާމަސީން ބޭސް ގެންނަން ލަސްވުމަކީ ބަލި މީހުންނަށް ލިބޭ ބޮޑު ދެރައެކެވެ. ދެމަހުން ދެމަހުން ގެންނަންޖެހޭ ބޭހެއް ތިންމަހުން ގެނެވުމަކީ ބަލި މީހާގެ ރައްކާތެރިކަމަށް ނުރައްކާވާ ކަމެކެވެ.

މިއީ އާއްމު މީހުންގެ އުދާސްތަކެވެ. އާދޭހުގެ އަޑެވެ. ރައްޔިތުން ކެކުޅުމާއި އާދޭހާ އެކު އެދެނީ ރައްޔިތުންނަށް ފައިދާ ހުރި ވެރިކަމަށް ރައްޔިތުންނަށް ކޮށްދިނުމަށެވެ. ފެއިލް ވެފައިވާ ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކާއި ކުރިމަތިލުން ނިމުމަކަށް ގެނައުން އެދި އެދަނީ ކެނޑި ނޭޅި އާދޭސް ކުރަމުންނެވެ. ވެރިކަމަށް އައީ ފެހި ސިގްނަލްތަކާއެކު އެވެ. ނަމަވެސް 2 އަހަރު ވެގެން ދިޔައިރު ރައްޔިތުންނަށް ރަތް ސިގުނަލް އެއްޗެއް ނޫނީ ނުލިބެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުސަރުކާރުގެ ވިޔަފާރި ކުންފުނިތައްކޮރަޕްޝަން މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

2025: ރައްޔިތުންނަށް އެންމެ ގިނަ އަދަދެއްގެ ބިންގާ ފެނުނު އަހަރު!

30 ޑިސެމްބަރު 2025
އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

30 ޑިސެމްބަރު 2025
މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

29 ޑިސެމްބަރު 2025
ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

ބޯހިޔާވަހިކަމަށް ޚާއްސަ ކުރި 2025 އަހަރު ރައްޔިތުންނަށް ޔަގީން ވެގެންދިޔައީ ލިބުނު ބޯހިޔާވަހިކަން ވެސް ލޫޓުވާލިކަން!

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު