Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

ރައީސް މުއިއްޒު 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރު ގާއިމް ކުރަން ނިންމާފައިވާ ބިމަކީ، މީގެ ކުރިން އެ ސަރަހައްދު ގައި ޓޫރިޒަމްގެ ވަސީލަތްތައް ގާއިމް ކުރުމަށް 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން ކުުންފުނި ތަކަކުން ބިން ކުއްޔަށް ނަގާފައިވާ ސަރަހައްދެކެވެ. ނަމަވެސް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ކުރުމަށް ކުރިން ކުއްޔަށް ދީފައިވާ ފަރާތް ތަކުގެ އަތުން ވަނީ ހީލަތްތެރި ގޮތަކަށް ބިންތައް އަތުލާފަ އެވެ. ގަދަކަމުން ބިން ތައް އަތުލުމަށްފަހު ކުންފުނި ތަކަށް ބަދަލުވެސް ނުދީ ސަރުކާރުން އުޅެނީ، ފައިނޭންޝަލް ސެންޓަރަށް ފަންޑު ކޮށްދޭނެ ފަރާތެއް ނެތިގެން ކަމަށް ގިނަބަޔަކު ތުހުމަތު ކުރެ އެވެ. އަދި މިކަމަކީ ވެސް، ފައިނޭންޝަލް ސެންޓަރު ޕްރޮޖެކްޓް ގެ މޫނުމަތި ރީތިކުރަން ރާއްޖެ ގެނައި ސައުދީ ފޭކް ޕްރިންސް ގޮތަށް ބޮޑު ސްކޭމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 04:10
ފައިނޭންޝަލް ސެންޓަރު ޕްރޮޖެކްޓްގެ މޫނުމަތި ރީތިކުރުމަށް، ރައީސް މުއިއްޒު ވަނީ ފޭކް ޕްރިންސް އެއް ގެނެސް ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ޑްރާމަ ތަކެއް ކުޅުއްވާފަ

ފައިނޭންޝަލް ސެންޓަރު ޕްރޮޖެކްޓްގެ މޫނުމަތި ރީތިކުރުމަށް، ރައީސް މުއިއްޒު ވަނީ ފޭކް ޕްރިންސް އެއް ގެނެސް ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ޑްރާމަ ތަކެއް ކުޅުއްވާފަ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަ ކުރެވިފައިވަނީ އަބަދުވެސް މޮޅު ވާހަކައެއް ދައްކަވައިގެން، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގައި އަވަދިނެތި އުޅުއްވާ ވެރިއެއްގެ ގޮތުގައެވެ. މާލެ، ފުނަދޫ އަދި އެއަރޕޯޓް މޮނޮރެއިލް އިން ގުޅާލުން، ރަސްމާލެ ޕްރޮޖެކްޓް، މާލެ އާއި ރަސްމާލެ ބިއްލޫރި ޓަނަލް އަކުން ގުޅާލުން، އިހަވަންދިއްޕުޅު އިންޓަރނޭޝަންލް ބަންކަރިންގ، ޔޫރަޕު ބޭސް، ދުބާއީ އާސަންދަ، ތުރުކީ އިން ކާޑުގެ ބާވަތްތައް، އިންޑިއާ އައުޓުން އިންޑިއާ މޭރީ ބަޗްޕަންކާ ބަޅޭ ބާއި އަށް، މިއީ ރައީސް މުއިއްޒު ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ދައްކަވާފައިވާ ވާހަކަތަކުން ޒައްރެއްގެ މިންވަރެކެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެ، ލޯ ލާރިއެއް ވެސް ދިއްކޮށްލާނެ ބައިނަލްއަގުވާމީ ފަރާތެއް ނުވުމުން، ދެން ފެނިގެން ދިޔައީ އުސޫލުތަކަށް ވެސް ބެލުމެއްނެތި ސަރުކާރުން ފައިސާ ހޯދުމަށް ތެޅިގަތް މަންޒަރެވެ. މިކަމަށް ބާރުލިބޭ ކިތަންމެ ކަމެއް، ފާއިތުވެ ދިޔަ 24 މަސްދުވަހު ސަރުކާރުގެ ކަންކަމަށް ބަލާލުމުން ފެންނާނެނެ އެވެ. ރައްޔިތުންގެ ލޮޮލުގަ އަނދުން އަޅުވައިގެން ބޮޑެތި މަޝްރޫއު ތަކުގެ ނިވަލުގަ، ސަރުކާރުން އެތައް ޖަރީމާ އެއް ހިންގާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން ހިންގި ކިތަންމެ ކަމެއް ބޭޒާރު ވެފަވެސް އެބަހުއްޓެވެ.

އެގޮތުން މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަހު، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އެތަކެއް ފާޑުކިޔުންތަކެއް އަމާޒުވަމުން ދިޔަ ދަނޑިވަޅެއްގައި، ކުއްލި އަކަށް މުޅި ރާއްޖޭގެ ފޯކަސް ހުއްޓުވާލި ކަމަކީ ރާއްޖޭގައި ގާއިމް ކުރާ 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެވެ. ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް 2030 ގައި ނިމި އެތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނުމުން އެކަމާ ރައްޔިތުން ދިޔައީ ނުހަނު އުފާ ކުރަމުންނެވެ.

ފައިނޭންޝަލް ސެންޓަރ ގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް
ފައިނޭންޝަލް ސެންޓަރ ގެ މަސައްކަތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް

ދެން ފެނުނީ ރާއްޖޭގެ އިގްތިސާދު މުޅިން އެހެން ހަރުފަތަކަށް ގެންދާނެ މި މަޝްރޫއަށް ބޭނުންވާ 8.8 ބިލިއަން ޑޮލަރު ވެސް ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ކުންފުންޏެއް ކަމަށްވާ ވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ހަމަޖެހިފަވާކަން ހާމަކޮށް ކުރުނބާ މޯލްޑިވްސް ގައި ބޮޑު އިވެންޓެއް ބާއްވާ ސަރުކާރުން މިކަމުގެ އެގްރީމެންޓް ގައި ސޮއި ކުރި މަންޒަރެެވެ. އަދި އޭގެ އަނެއްދުވަހު ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި މި ބިޔަ މަޝްރޫެއުގެ ބިންގާ އެޅުނެވެ. ކަން ކަން ވެގެން ދިޔައީ ފަޓާސްބަރިއެއް ހާ އަވަހަށެވެެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފްތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތު ގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީގެ "ފޭކް ޕްރިންސް" އަކީ މި މަޝްރޫއާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލުމަށް އެންމެ ފުރަތަމަ ވެސް ދިމާވި އެއް ސަބަބެވެ. ފައިނޭންޝަލް ސެންޓަރުގެ ކަންކަމުގައި ރާއްޖެ ވަޑައިގެން އުޅުއްވި ސައުދީގެ ވިޔަފާރިވެރިއެއް ކަމަށް ބެލެވޭ ފަހަދް ސައުދު އަލްޝަލަން އަކީ، ސައުދީ ޝާހީ އާއިލާގެ "ހިސް ރޯޔަލް ހައިނެސް ޕްރިންސް" އަކަށް ހަދާ، މުއިއްޒު ރައީސް އޮފީހުގައި އޭރު ބޮޑު ޑްރާމާ ކުޅުއްވި އެވެ.

ރައްޔިތުންނަށް އެއީ ފޭކް ޕްރިންސް އެއް ކަން ފަޅާ އެރުމުން، ފަހުން ރައީސް އޮފީހުގެ ވެބްސައިޓުން އެ ހަބަރު ނެގިޔަސް ރައްޔިތުން އަދި އެކަން ހަނދާނެއް ނުނެތެ އެވެ. ޕްރިންސެއް ދައްކައިގެން ދިވެހިން މޮޔަހައްދަން ރައީސް މުއިއްޒު ކުޅުއްވި ޑްރާމާ އިން ޖެހުނީ ބައި ގޯލެކެވެ.

ފައިނޭންޝަލް ސެންޓަރުގެ މޫނުމަތި ރީތިކުރަން ރާއްޖެ ގެނައި ފޭކް ޕްރިންސް އާ، ރައީސް މުއިއްޒު ރައީސް އޮފީހުގައި ބަައްދަލު ކުރައްވަނީ
ފައިނޭންޝަލް ސެންޓަރުގެ މޫނުމަތި ރީތިކުރަން ރާއްޖެ ގެނައި ފޭކް ޕްރިންސް އާ، ރައީސް މުއިއްޒު ރައީސް އޮފީހުގައި ބަައްދަލު ކުރައްވަނީ

8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ މޫނުމަތި ރީތިކުރަން ފޭކު ޕްރިންސެއް ސަރުކާރުން ބޭނުންކުރި އިރު، މި ސެންޓަރު ތަރައްގީކުރާ ބިމަކީ މީކެ ކުރިން ޓެންޑަރ ޕްރޮސެސްގެ ތެރެއިން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތަށް ތަރައްގީކުރަން ދީފައިވާ ބިމެކެވެ. ހުޅުމާލެ ފޭސް 2 އިން ޗެނަލް ކަނޑާ ވަކި ކޮށްފައިވާ ސަރަހައްދު "އާބަން އައިލް" ގެ ނަމުގައި ތަރައްޤީކުރަނީ އިންޓަރގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ކަމަށާއި އެގޮތުން ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ޚިދުމަތްތައް އެ ތަނުގައި ތަރައްޤީކުރެވޭނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.

ކަން މިހެން އޮތް އިރު ސަރުކާރުން އެ ސަރަހައްދުގައި ފައިނޭންޝަލް ސެންޓަރު އަޅަން ބިންގާ އެޅީ ވެސް، އެ ބިން މީގެ ކުރިން ކުއްޔަށް ނަގާފަވާ ފަރާތްކަަށް ނާންގަ އެވެ. އަދި އެބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ބަދަލުވި ކަން ވެސް ރަސްމީކޮށް އެއިން ކުންފުންޔަކަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް އެޗްޑީސީ އަދި އެމްއެމްއޭ މެދުވެރިކޮށް އެކުންފުނިތަކަށް ލިބުނު މައުލޫމަތުން އެނގުނީ، ލިޔެކިޔުމުން އެކަން ނޭންގިޔަސް ހުޅުމާލެ ފޭސް 2 އެންމެ ކޮޅުގައި ކޯރު ކަނޑައިގެން ވަކިކޮށްފައިވާ ސަރައްދު އެއްކޮށްވަނީ ސަރުކާރުގެ ފަރާތުން ފައިނޭންޝަލް ސެންޓަރުގެ ޕްރޮޖެކްޓަށް ނަގާފައި ވާކަމެވެ.

އެމްއެމްއޭ މިކަމުގަ ހިމެނޭ ސަބަކަކީ މި ބިން އެޗްޑީސީ އަތުން ގަތުމަށްފަހު، ބޭރުގެ ފަރާތްތަކަށް ވިއްކަން ނިންމާފަ އޮތީ އެމް އެމްއޭ މެދެވެރިކޮށްގެން ކަމަށް ވާތީ އެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ފަރާތުން ފައިނޭންޝަލް ސެންޓަރު ގެ މަސައްކަތް ކުރަން އުޅެނީ ބޮޑެތި އޮޅުވާލުން ތަކެއް އޮޅުވާލައިގެން ކަމަށް، ފައިނޭންޝަލް ސެންޓަރު ތަރައްގީ ކުރުމަށް ނަގާފައިވާ ބިން ތަރައްގީ ކުރުމަށް މީގެ ކުރިން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނިތަކުން ތުހުމުަތު ކުރެއެވެ. ފައިނޭންޝަލް ސެންޓަރު އަޅަން އެސަރަހައްދު ގަދަކަމުން ސަރުކާރަށް ނެގި އިރު، މިއިން ކުންފުންޔަކަށް ދޮނެއް ކަޅެއް ވެސް ސަރުކާރުން އަންގާފައެެއް ނުވެ އެވެ.

މީގެ ކުރިން ހުޅުމާލެ މާސްޓަރ ޕްލޭންގައި އެސަރަހައްދު ފާހަގަކޮށްފައިވަނީ "އާބަން އައިލް" ގެ ގޮތުގަ އެވެ. އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުން، ފަތުރުވެރިކަމުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ހެން ވަކި ރަށެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރަން އެކި ކުންފުނިތަކަށް އެތަނުން ބިން ކުއްޔަށް ދިނެވެ. މައުލޫމާތު ލިބޭ ގޮތުން ޖުމްލަ 21 ކުންފުންޏަކުން އެ ސަރަހައްދު ތަރައްގީ ކުރަން ދިގު މުއްދަކަށް ބިން ކުއްޔަށް ނަގާފައި ވެއެވެ. އަދި އެ ކުންފުނިތަކުން ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 12 މިލިއަނަށްވުރެ ގިނަ ޑޮލަރު އެޗްޑީސީ އަށް ދައްކާފައިވެ އެވެ. މިއީ ބޭންކް ރޭޓުން ބެލިޔަސް 185 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

އެޗްޑީސީގެ މާސްޓަތ ޕްލޭންގައި ފައިނޭންޝަލް ސެންޓަރު އަޅަން ސަރުކާރުން ބިންގާ އެޅި ސަރަހައްދު ފާހަގަ ކޮށްފައިވަނީ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގެ ގޮތުގަ
އެޗްޑީސީގެ މާސްޓަތ ޕްލޭންގައި ފައިނޭންޝަލް ސެންޓަރު އަޅަން ސަރުކާރުން ބިންގާ އެޅި ސަރަހައްދު ފާހަގަ ކޮށްފައިވަނީ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގެ ގޮތުގަ

2025 ވަނަ އަހަރު ފެށުނު ފަހުން ވެސް އާބަން އައިލް ގެ މަސައްކަތާ ގުޅޭގޮތުން ކުންފުނިތަކުން އެޗްޑީސީއަށް ފޮނުވި އެެއްވެސް ލިޔުމަކަށް ޖަވާބު ދީފައިނުވާކަން އެކުންފުނިތަކުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށް ބޭނުންވާ ހުއްދަ އަށް އެދި ފޮނުވި ލިޔުންތައް ވެސް ހިމެނެ އެވެ.

އޭގެ ފަހުން އެންމެ ފުރަތަމަ ވެސް މިކަމާ ގުޅޭގޮތުން އެޗްޑީސީ އިން ކުންފުނިތަކާ ބައްދަލުކުރީ ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅި ފަހުންނެވެ. އެ ބަައްދަލުވުމުގައި އެޗްޑިސީ އިން ބައިވެރިވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލޯޔަރުންނާ ވެސް އެކު އެވެ. ވަކި ވަކިން ކުންފުނިތަކާ އެކު ބޭއްވި މި ބައްދަލުވުން ތަކުގައި ވާހަކަ ދެއްކީވެސް އޭޖީ އޮފީހުގެ ލޯޔަރުންނެވެ. އެ ބައްދަލުވުމުގައި ވެސް އާބަން އައިލް ތަރައްގީ ކުރާ ސަރަހައްދު ގައި ފައިނޭންޝަލް ސެންޓަރު އަޅަން އުޅޭ ވާހަކަ ނުދައްކާ، އޭޖީ އޮފީހުގެ ލޯޔަރުން ކުންފުނި ތަކުގެ ފަރާތުން އޮޅުންފިލުވީ މަސައްކަތް ކުރިޔަސް ގޮސްފައިވާ މިންވަރުގެ މައުލޫމަތެެވެ.

އެތަކެއް މަހެއް ފަހުން އަނެއްކާވެސް ކުންފުނިތަކުން ފޮނުވާ އެއްވެސް ލިޔެކިޔުމަކަށް ޖަވާބުނުދީ، އެޗްޑީސީ އިން ސެޕްޓެމްބަރު މަހު ކުންފުނިތަކާ އަނެއްކާވެސް ވަކި ވަކި ބައްދަލުވުން ތަކެއް ބޭއްވި އެވެ. އެބައްދަލުވުން ތަކުގައި އެޗްޑިސީ އިން ކުންފުނިތަކަށް އެންގީ އޭޖީ އޮފީހުން އަންގައިގެން، އެކުންފުނިތަކަށް ދިގުމުއްދަތަށް ދީފަވާ ބިންތައް ބަދަލެއް ދީގެން ވިޔަސް ނަގަން ޖެހޭކަމަށެވެ. އަދި މިކަމުގަ ކުރިޔަށްދާން ބޭނުންވާ ގޮތަކީ ކޮބައިތޯ ކުންފުނިތަކާ ސުވާލު ކުރި އެވެ.

ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ކުރިން އެސަރަހައްދު ގައި ތަރައްގީ ކުރަން ނިންމާފައިވާ "އާބަން އައިލް" ގެ ކުރެހުމެއް
ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅުމުގެ ކުރިން އެސަރަހައްދު ގައި ތަރައްގީ ކުރަން ނިންމާފައިވާ "އާބަން އައިލް" ގެ ކުރެހުމެއް

އެގޮތުން އެޗްޑީސީ އާ ބައްދަލުކުރި ގާތްގަނޑަކަސް ހުރިހާ ކުންފުނި ތަކުންވެސް އެއްބަސްވީ ބިން އަތުލުމުން ލިބޭ ގެއްލުމުގެ ބަދަލުގައި ސަރުކާރުގެ ފަރާތުން ފައިސާ ދިނުމަށެވެ. ސަބަބަކީ އާބަން އައިލް ތަރައްގީ ކުރާ ސަރަހައްދަކީ ރިސޯޓެއްގެ ކޮންސެޕްޓަށް ހުރިހާ އެމިނިޓީސް އެއް ހިމެނިގެން ލަގްޒަރީ ލޮކޭޝަން އެއްގަ ވަރަށް ރީތިކޮށް ޑިޒައިން ކޮށްފަ އިން ތަނަކަށް ވުމުން އެފަދަ އެެހެން ސަރަހައްދަކުން ކުންފުނިތަަކަށް ބަދަލެއްގެ ގޮތުގައި ދެންވެން ނޯންނާނެތީ އެވެ.

ނަމަވެސް ސަރުކާރުގެ ވާހަކަ މިކަމުގައި ހުރީ ބަދަލުގެ ގޮތުގައި ފައިސާ ނުދީ ކޮންމެވެސް ދިމާލަކުން ބިމެއް ނުވަތަ ފަޅެއް ކުންފުނިތަކަށް ދީގެން މިކަން ނިންމާލަން ކަމަށް ކުންފުނިތަކުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން މިފަދަ ނުރަސްމީ ބައްދަލުވުންތަކެއް ބޭއްވިފަ ވިޔަސް މިއަދާ ހަމައަށްވެސް، ބިން އަތުލި ކަމުގެ، ނުވަތަ ބިމުގެ ބަދަލު ދިނުމާ ބެހޭ ގޮތުންވެސް ސަރުކާރުގެ ފަރާތުން ކުންފުނި ތަކަށް އެއްވެސް ލިޔެކިޔުމެއް ހިއްސާ ކޮށްފައެއް ނުވެ އެވެ. އެހެން ކަމުން އާބަން އައިލް ތަރައްގީ ކުރަން އެތަައް މިލިއަން ރުފިޔާ އެއް ކުންފުނި ތަކުން ހަރަދު ކުރުމަށްފަހު، މިއަހަރުގެ ކުރީ ކޮޅުން ފެށިގެން އެ ކުންފުނިތަކުން އެ ތިބެނީ ހަދާނެ ގޮތް ހުސްވެފަ އެެވެ. ސަރުކާރުގެ ފަރާތުން މިހާ މަކަރުވެރި ގޮތަކަށް މި ބިންތައް އަތުލަފާނެ ކަމަކަށް އޭރަކު އެކުންފުނިތަކުން ހިޔާލަށް ވެސް ނުގެނެ އެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ކުންފުނި ތަކަށް ސާފު ޖަވާބެއް ނުދީ މި ސަރުކާރުން މިގޮތަށް ލާހޫރެނީ، ޚުދު ސަރުކާރަށް ވެސް މިހާރު ފައިނޭންޝަލް ސެންޓަރު ޕްރޮޖެކްޓަށް ވާނުވާ އެއް ނޭނގޭތީ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ފައިނޭންޝަލް ސެންޓަރު އެޅުމަށް ހަމަޖެހުނު ކަމަށް ސަރުކާރުން ބުނާ ފަންޑް ނުލިބިގެން ނުވަތަ ލިބުން ލަސް ވެގެން މުޅި ޕްރޮޖެކްޓް ގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ފަންޑު ކުރާނެ ބައެއް ހޯދުމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ތިބީ އެސަރައްދުގައި ތަރައްގީ ކުރާނީ އާބަން އައިލް ނުވަތަ ފައިނޭންޝަލް ސެންޓަރު ކަން ޚުދު ސަރުކާރަށްވެސް ނޭނގޭ ހާލަތެއްގައި ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. ކޮންމެ ގޮތަކަށް މިކަން ނިމުނަސް ޔަގީންވާ ކަމަކީ އާދައިގެ މަތިން، ރައީސް މުއިއްޒުގެ ސަރުކާރުން މިކަމުގައި ވެސް ދޮގުން އެތަށް ގަނޑުވަރެއް އަޅައިފިކަމެވެ.

މަސްދަރު: އެޗްޑީސީ، އާބަން އައިލް ތަރައްގީ ކުރުމަށް ބިން ކުއްޔަށް ނަގާފައިވާ ފަރާތްތައް، އާބަން އައިލް ޑިވެލޮޕްމެންޓް ގައިޑް ލައިން، އާބަން އައިލް ކޮންޓްރެކްޓް ޓާމްސް

ރައީސް މުއިއްޒުހުޅުމާލެއާބަން އައިލްއެޗްޑީސީމޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު