Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޭކާރު ދެ އަހަރު

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

މިގަރުނުގެ އެންމެ ބޮޑު އަލިފާނުގެ ހާދިސާއަށް 338 ދުވަސް ފާއިތުވެފައިވާއިރު، ތިން ވުޒާރާ އަނދައިގެން ދައުލަތުގެ މުހިންމު ލިޔެކިއުންތަކާއި މުދާ ނެތިގެން ދިޔަ މި ހާދިސާގެ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުން އެދެނީ ހަގީގަތް އެނގުމާއި ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާވުމާއި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމެވެ. ނަމަވެސް މި ތަހުގީގު މިހާ ދިގު މުއްދަތަކަށް ވަންހަނާކޮށް މައުލޫމާތު ނުދިނުމަކީ ޒިންމާދާރު ސަރުކާރެއްގެ އަމަލެއް ނޫނެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 10:32
ތިން މިނިސްޓްރީ ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

ތިން މިނިސްޓްރީ ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީ އާއި ޕްލޭނިންގ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއަށް 338 ދުވަސް ފާއިތުވެފައިވާއިރު، މިހާތަނަށް ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. މި ގަރުނުގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާއެއްގެ ގޮތުގައި ރެކޯޑްކުރެވުނު މި ހާދިސާއިން ތިން ވުޒާރާއެއް އަނދައި އަޅިއަށް ވެގެން ދިޔައިރު، ދައުލަތުގެ މުހިންމު ލިޔެކިއުންތަކާއި މުދާ ވެސް ނެތިގެން ދިޔަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހު ވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ. މިކަމުން އެނގިގެން ދަނީ ތަހުގީގުގެ މައުލޫމާތު ހާމަކުރުމުގައި ފުލުހުން ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކެވެ.

އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17 ވަނަ ދުވަހު ފުލުހުން އިއުލާނު ކުރި އެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ. އެކަމަކު މިހާތަނަށް އެ އިއުލާނުން ލިބުނު ނަތީޖާއެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. މައުލުމާތު ހިއްސާނުކުރާ ސަބަބެއް ވެސް ހާމައެއް ނުކުރެ އެވެ. ތަހުގީގަށް ލިބުނީ ކިހާވަރެއްގެ ކުރިއެރުމެއް ކަމެއްވެސް ނޭނގެ އެވެ.

އެ ހާދިސާ ހިނގިފަހުން ހަތަރު މަސް ވަނިކޮށް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފުން ލައްކަ ގާފުރޮޅި ކަމަށް އެ ދުވަސްވަރު ނޫސްތަކުގައި ޖަހާފައި އޮތެވެ. ތަހުގީގުގައި ފުލުހުންނަށް އެހީތެރިވެދިނުމަށް އިންޑިއާއިން ވެސް ތަހުގީގު ޓީމެއް އައިކަމަށް ބުނެ އެވެ. އެކަމަކު އެ ޓީމުގެ ރައުޔަކީ ކޮބައިކަން ނުވަތަ އެ ޓީމުން ހޯދި ހޯދުންތަކަކީ ކޮބައިކަން އެއްވެސް ގޮތަކަށް ނޭނގެ އެވެ. ބޮޑު ޚަރަދެއް ކުރިއިރު ނަތީޖާ އަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެ އެވެ.

ބޭރުގެ ތަހުގީގީ ޓީމަކުން ދިވެހި ފުލުހުންނާ ބައިވެރިވެ މަސައްކަތް ފެށިއިރު އެ ހާދިސާއާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އެނދި އިމާރާތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް ޕަބްލިކް ވޯކްސް އިން ވަނީ ކޮށްފަ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމަށް ފުލުހުންގެ ތަހުގީގަށް ފެނުނު ގޮތް އަދާ ހަމައަށްވެސް ވަނީ ވަންހަނާކޮށްފަ އެވެ. އެ އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ ތަފްސީލު ވެސް ސަރުކާރުން ވަނީ ވަންހަނާކޮށްފަ އެވެ. ސަރުކާރުގެ ތިން ވުޒާރާ އެނދި މައްސަލަ މާ ބޮޑު ކަމަކަށް ވެގެން ރައްޔިތުންގެ މަޖިލީހުން ވެސް އުޅުނު ފާޑެއް ނުޖަހަ އެވެ. މިކަމުން އެނގިގެން ދަނީ ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާ ނުކުރާ ކަމެވެ. ސަރުކާރުގެ ފުލް މެޖޯރިޓީ އޮންނަ މަޖިލީހުން އަބަދުވެސް ބުނަމުންދަނީ ރައްޔިތުން ރައްޔިތުންނަށް އޮޅުވާލައިގެން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މި ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރެއް ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ފަހުން، އެ ހާދިސާގައި އަނދައިގެން ދިޔަ ވުޒާރާތަކުގެ ނަންތަކަށާއި މަސައްކަތަށާއި ވަޒީރުން ވަނީ ބަދަލުވެފަ އެވެ. އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރު ގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ. މިކަމުން އެނގެނީ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ކުރި ހަމައެކަނި މަސައްކަތަކީ އިދާރީ ބަދަލުތަކެއް ގެނައުން ކަމެވެ.

ދައުލަތުގެ ލިޔެކިއުމާއި މުދާ ނެތިގެން ދިޔަ ސަބަބު ކަމުގައިވާ އަލިފާންގަނޑު ރޯވި ސަބަބު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށް ސަރުކާރަށް ގަބޫލުކުރެވުނީ ކީއްވެހެއްޔެވެ. ރައްޔިތުންނަށް އެކަން އެންގުމުގެ ޒިންމާއިން ފުލުހުންނާއި އެމްއެންޑީއެފް އަށް ރެކެވޭނެ އެއްވެސް ފުރުސަތެއް އޮވެގެންނުވާނެ އެވެ. މިހާތަނަށް މިކަމާބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ދީފައިނުވަނީ މި ދެ މުއައްސަސާގެ ޒިންމާދާރުކަން ކުޑަވީމަ އެވެ.

ފުލުހުންނާއި އެމްއެންޑީއެފް މިފަދަ ކަންކަމުގައި ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން މިފަދަ ގައުމީ މައްސަލަތަކުގައި ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެ އެވެ. ރައްޔިތުންގެ މަޖިލީހެއް ނެތީވެސް ތޯއްޗެކެވެ. މަޖިލީހުގެ މެންބަރުން ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިވާއިރު، ގައުމީ މުހިންމު މައްސަލަތަކުގައި އެ މެންބަރުންގެ އަޑު އިވޭކަށް ނެތެވެ.

ފުލުހުންނާއި ސިފައިންގެ އަލިފާނާ ބެހޭ މުއައްސަސާއަކީ ރައްޔިތުންނަށް ހިދުމަތް ދޭން އޮންނަ ދެ މުއައްސަސާއެވެ. އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް މެދުވެރިވުމުން މި ދެ މުއައްސަސާއިން ރައްޔިތުންނަށް ތިން ކަމެއް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އެއް ކަމަކީ އެ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ކުރި މަސައްކަތުން އެނގުނު އެއްޗެއް ބުނެދިނުމެވެ. ދެވަނަ ކަމަކީ މި ހާދިސާއިން ލިބުނު ފިލާވަޅުތަކެވެ. ތިންވަނަ ކަމަކީ މިފަދަ ހާދިސާއެއް މެދުވެރިވުމުގެ ފުރުސަތު ކުޑަކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަމެވެ. މިކަންކަން ބުނެނުދެވެންޏާ އެ ދެ މުއައްސަސާގެ ޒިންމާދާރުކަމެއް ނެތެވެ.

ފުލުހުން ހިންގާ ބޮޑެތި ތަހުގީގުތައް ކޮޅެއްގައި ނުޖެހޭ ކަމުގެ ޝަކުވާ ގިނައިރު، އެ ތަހުގީގުތަކާ ބެހޭ މައުލޫމާތު ނުދޭތީ ވެސް ފާޑުކިޔުން ބޮޑެވެ. ފުލުހުންނާ ސުވާލުކުރުމުން ތަހުގީގު ކުރިއަށްދާ މައްސަލަތަކެއް ކަމަށް ބުނެ އިތުރު އެއްވެސް މައުލޫމާތެއް ގިނަ ފަހަރު ނުދެ އެވެ. މިއީ ފުލުހުންގެ ތަހުގީގުތަކުގައި ފެންނަ މައްސަލައެކެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ. މިއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެކެވެ. އެ ލިޔުންތަކުގައި ހިމެނޭ މުހިންމު މައުލޫމާތުތަކާއި ސާވާތަކުގައި ހުރި ޑޭޓާ ނެތިގެން ދިއުމުން ދައުލަތުގެ މަސައްކަތްތަކަށް ލިބުނު ނޭދެވޭ އަސަރު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

338 ދުވަސް ފާއިތުވެފައިވާއިރު، ރައްޔިތުންނަށް ބޭނުންވަނީ މި މައްސަލައިގެ ތަހުގީގު ނިމިގެން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގުމެވެ. ދައުލަތުގެ މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލު އެނގުމެވެ. އަދި މިފަދަ ހާދިސާއެއް ދެން ހިނގުމުގެ ފުރުސަތު ކުޑަކުރުމަށް ސަރުކާރުން ނަގާފައިވާ ފިޔަވަޅުތައް އެނގުމެވެ. މިއީ ރައްޔިތުންގެ ހައްގެކެވެ. މިއީ ރައްޔިތުންގެ ފައިސާއިން ހިންގާ މުއައްސަސާތަކުގެ ޒިންމާއެކެވެ. ނަމަވެސް މިހާތަނަށް މިކަންކަމުގެ އެއްވެސް ކަމެއް ފުރިހަމަވެފައެއް ނުވެ އެވެ.

މި ގަރުނުގެ އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގު މިހާ ދިގު މުއްދަތަކަށް ވަންހަނާކޮށް، ރައްޔިތުންނަށް މައުލޫމާތު ނުދިނުމަކީ ޒިންމާދާރު ސަރުކާރެއްގެ އަމަލެއް ނޫނެވެ. މިއީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެކެވެ. މިއީ ސަރުކާރުގެ ވޭތުވެދިޔަ 2 އަހަރު ބޭކާރުވެގެން ދިޔަކަމުގެ ވެސް ހެއްކެކެވެ. ރައްޔިތުން އެދެނީ ހަގީގަތް އެނގުމެވެ. ރައްޔިތުން އެދެނީ ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާވުމެވެ. ރައްޔިތުން އެދެނީ ދައުލަތުގެ މުދަލަށް ލިބުނު ގެއްލުން ބަދަލު ހޯދުމެވެ. މިއީ ބޮޑެތި ސުވާލުތަކެކެވެ. މިއީ ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެކެވެ.

އަލިފާނުގެ ހާދިސާހައުސިންގް މިނިސްޓްރީޕްލޭނިންގ މިނިސްޓްރީއެންވަޔަރަމަންޓް މިނިސްޓްރީޕޮލިސްރައްޔިތުންގެ މަޖިލިސްބޭކާރު 2 އަހަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު