ކ. މާލެ
|
13 ޖުލައި 2025 | އާދީއްތަ 16:52
ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ
ޑރ.މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެއްލައްވަނީ
ޓްވިޓަރ
މަގޭ ރިޕޯޓް
އެއްކަލަ މޯދީ ރާއްޖެއަށް. މުއިއްޒު ތުރުކުރައްވާނީ ކޮންކޯޓެއް
މިނިވަންކަމުގެ ބޮޑު ރަސްމިއްޔާތުގައި އެންމެ ގާތް އަވެއްޓެރި ގައުމުގެ ބޮޑުވަޒީރު އިއްޒަތްތެރި ކުރެވުނު ހިނދު، މުއިއްޒުގެ ކުރިން ކުށްވެރިކުރެވުނު އަރުވާލަތައް އަލުން ފެނިފާނެކަމުގެ ބިރާއި ޖެހިލުންތެރިކަން ހިނގައްޖެއެވެ. މިކަމުން ދިވެހިރާއްޖެއަށް އުނިކަމެއް ލިބިދާނެތީ، ހިތްތިރިންގެ މަނަވަރާއި ބިރުވެރިކަން މައްޗަށް އައިއެވެ.

އިންޑިޔާއަކީ މިހާރު މިއޮތް ސަރުކާރުން ގަޔާވި ބައެއް ނޫނެވެ. އިންތިހާއަށް އެމީހުން ދެކެ ރުޅިއައި ބައެކެވެ. މިއަދުގެ ސަރުކާރުންގެ ބޮޑުންގެ ގޮތުގައި ތިބި އެމީހުންގެ އޭރުގެ ބަހުންނަމަ އެކަން އެހެންވާން ޖެހޭ ބޮޑެތި ސަބަބުތައް ބައިވަރެވެ. ގައުމު އަޅުވެތި ކުރީތީއެވެ. ރާއްޖެއަށް އެމީހުންގެ ނުފޫޒު ފޯރުވީތީއެވެ. ނިމިދިޔަ ސަރުކާރާއެކު ޒާތްޒާތުގެ ގޮތް ނޭނގޭ އަޑި ނުބައި އެއްބަސްވުންތައް ހަދައިގެން މި ރާއްޖެއަށް އަތްގަދަކުރަން އުޅުނީތީއެވެ. ރާއްޖޭގެ މިނިވަންކަން އެމީހުންގެ ސަބަބުން ގެއްލިދާނެތީއެވެ.

އެރުޅިގަނޑުގައި އޭރު ލައްކަ އެއްޗެހި ގޮވިއެވެ. ބޮޑެތި ސިންގާ ކާޓޫނުތަކާއި މާލިތައް ނެރުނެވެ. ހަޑިވެގެންވެސް ނުކިޔާ އެއްޗެއްނެތެވެ. އަވައްޓެރި އެންމެ ގާތް ގައުމަށް ގޮވީ އެގައުމާ މޫނު ކެނޑޭހާ ހުތުރުކޮށެވެ.

އެކަން ކުރީކީ ހަމައެކަނި ވެރިކަމުގައި ތިބި މީހުންގެ ޕާޓީގެ އާދައިގެ އެކްޓިވިސްޓުންނެއް ނޫނެވެ. އެންމެ އިސްވެރިންނެވެ. މިހާރުގެ ވަޒީރު ބޭފުޅުންނާއި ސަރުކާރު މަތިފަޑީގައި ތިބި މީހުންނެވެ. ސީދާ ޚުދު މިހާރުގެ ރައީސް މީހާ ޑރ މުއިއްޒެވެ.

މުއިއްޒު ކެންޕޭންގެ އެންމެ ބޮޑު ހަތިޔާރަކަށް ބޭނުންކުރީވެސް ސީދާ އެގައުމު ބޭރު ކުރުމެވެ. އިންޑިއާ އައުޓެވެ. މޭމަތިފުރާ އިންޑިޔާ އައުޓް ޖައްސަވައިގެން މުއިއްޒު ވަޑައި ނުގަންނަވާ ހަމަ އެއްތަނެއްވެސް ނެތެވެ. ބައްދަލު ނުކުރައްވާ ހަމަ އެކަކުވެސް ނެތެވެ. އެޓީޝާޓް ތުރުކުރައްވައިގެން ރަތްމަހަކަށް ނުގޮވާހާވަރަށް މުއިއްޒު އިންޑިޔާއަށް ފާޑު ވިދާޅުވިއެވެ.

އިދިކޮޅުގައި އޮވެގެން އަރުވާލެވުނުވަރު ކުޑަވެގެން ވެރިކަމަށް ވަޑައިގެންނެވުނީމާވެސް ވަކި ލާހިކެއް ނުވިއެވެ. ވެރިކަމުގެ ހުވާކުރެއްވުމުގެ ފަހުގައިވެސް ހަމަ އެމޭރުމުން ބަސްފުޅު ވިދާޅުވަމުން ގެންދެވިއެވެ. ބުލީ ނުކުރެއްވުމަށް ވިދާޅުވިއެވެ. ވަރަށް ގަދަބަސްވިދާޅުވެ ބެކްޔާޑްގައި އޮންނަން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ފެންވަރުގެ ބޭފުޅުން ލައްވައިވެސް ހިތުހުރި އެއްޗެއް ވިދާޅުވަމުން ގެންދެވިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަދި މިއުޅެނީ ފުރިހަމަ ދެއަހަރު ނުވެއެވެ. ގެއްލެމުންދިޔަ މިނިވަންކަން ހޯދަން އައި ސަރުކާރުން އެގެންނަނީ މިނިވަންކަން ޖަހައިގަންނަން އުޅުނު އިންޑިޔާ ބޮޑުވަޒީރެވެ. ނުފޫޒު ފޯރުވައިގެން އަޅުވެތިކުރަން އުޅުނު އެއްކަލަ މޯދީއެވެ. ގެންނަނީ އާދައިގެ ކަމަކަށް އާދައިގެ ދުވަހަކަށްވެސް ނޫނެވެ. ރާއްޖޭގެ މިނިވަން ދުވަހަށެވެ. މިނިވަންދުވަހުގެ ބޮޑު ރަސްމިއްޔާތަށެވެ.

މީހުން ބުނެއުޅެއެވެ. ގެންދަވާނީ ދައްކަވާން ހުރިތަނެއް ދައްކަވާފައެވެ. ހަމަ ހިލާ އެކަމަކާ ދެކޮޅެއް ނުހެދޭނެއެވެ. އެއީ އިލާހީ ގާނޫނެވެ. އެއްކަލަ މޯދީ އެވައްޓާލަނީ ދިވެހިރާއްޖެއަށެވެ. ސީދާ ރަސްމީ އިއްޒަތުގައެވެ. މޯދީއަށް ބަވާ ނެގި ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ ދައުވަތަކަށެވެ. ކުރާންވީ އުފާކަމެއް ޖަހާންވީ އަތްކަމެއް ނޭނގެއެވެ. ނޫންނަމަ ވާންވީ ދެރަކަމެއް ނޫންކަމެއްވެސް ނޭނގެއެވެ. އެމިނިވަން ދުވަހުގެ ތެރެއިންވެސް އިންޑިޔާގެ މޯދީ ރާއްޖޭގެ މިނިވަންކަން ޖަހައިގެންފާނެތީވެސް ބިރުގަނެއެވެ. ކުރިން ޖެހިކަމަށް ބުނާ ޗިޕު ޖަހައިގެން ނުވަތަ މޮޅު ނުފޫޒެއް ފޯރުވާ މިވެރިންގެ ބޮލަށް ސަވާރުވެގެން ރާއްޖެ އަޅުވެތިކޮށްފާނެތީވެސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެކަމަކު އެހާ ހިތް ނުބައެއް ނުވާނަމެވެ. އެފަދަ ކުށްހީއެއް މަށަކުވާ ނުކުރާނަމެވެ. އެކަމަކު ގަންނަ އެހެން ބިރެއްވެސް އެބައޮތެވެ. ކުރީގޮނޑީގައި ބައިންދަވާފައި މުއިއްޒު މޯދީއަށް ވިދާޅުވެދާނެ އެއްޗަކާމެދު ޖެހިލުންވެއެވެ. ފޮރިން މިނިސްޓަރ ޚަލީލް ވިދާޅުވާހެން ބޭރުގެ ގައުމުތަކާ ޖެހޭފަދަ ވާހަކައެއް މުއިއްޒު ދައްކަވަފާނެތީ ހަމަ އެހާމެ ބިރު އެބަ ގަނެއެވެ. އެންމެ ގާތް އަވެއްޓެރި އިންޑިޔާގެ ބޮޑުވަޒީރަށް މުއިއްޒު ކުރިން އެއްޗެހި ވިދާޅުވީ ނުފެނި ދުރުގައި ހުންނަވައިގެންނެވެ. އެކަމަކު ސީދާ ސީދަލަށް ކުރިމަތީގައި ހުންނަވައިގެން ހަމަ އެބަސްފުޅުތައް ވިދާޅުވާން ލިބުނީމާ މުއިއްޒު އަރުވާލައްވަފާނެ ވަރާމެދު ހިސާބަކަށް ތުރުތުރުވެސް އެބަ އަޅައެވެ. މުއިއްޒުގެ އެ ރީތި ފަށުވި ބަސްތަކަށް ކުރީބަރީގައި ތިއްބަވާ ވަޒީރުން ބާރު ދެއްވާ އަތްޖެއްސެވުމުން މޯދީއަށް ވެދާނޭ ގޮތަކާމެދުވެސް ކަންބޮޑުވެއެވެ.

ކޮންމެއަކަސް އެހާމެ ބިރުގަންނަ އަދި އެހެންކަމެއްވެސް އެބައޮތެވެ. އެ ބޮޑު ރަސްމިއްޔާތުގައި ކޯޓު ފަޓުލޫނެއްގެ ގޮތުގައި، މިނިވަންކަން ހޯދަން ތުރުކުރައްވައިގެން ނުކުންނެވި އިންޑިޔާއައުޓް ޓީޝާޓް ތުރުކުރައްވައިގެން މުއިއްޒު ނުކުންނަވަފާނެތީއެވެ. ހަތަރު އިންޗީގެ ފިއްސަކުން ރަތްދަވާދުން މޯދީ ކުރިފުޅުމަތީގައި މިނިވަންކަމުގެ ފަލަ ރަތްރޮނގު އިތުރަށް ފަލަކޮށްލައްވަފާނެތީ ވެސް ޖެހިލުންވެއެވެ. ނިމިދިޔަ ސަރުކާރަށް ބާރު ފޯރުވައިގެން މޯދީ ސޮއިކުރުވި އެއްބަސްވުންތައް އެންމެންގެ ކުރިމަތީގައި މޯދީ އުނގަށް ޖައްސަވައިފިނަމަ އެވެސް ލައްކަ ފޯރި ހުންނާނެ ކަމެކެވެ. ކަންކަން ވެފައިހުރި ގޮތުންނާ މުއިއްޒުއާއި މިސަރުކާރުގެ ތަޖްރިބާއަށް ބަލާއިރު ހަމަ ހިނގާފާނެހެން ހީވާތީ ނުހުރެވިގެން ދުރާލާ މަށަށް ބުނެލެވުނީއެވެ. މަވާ ސަލާމެވެ.

- ކޮމެންޓް