މިއަހަރުގެ ފުރަތަމަ މަސްދުވަހު ދައުލަތައް ލިބުނު އާމްދަނީ 874 މިލިއަން ރުފިޔާ ގެ ދަށްވުމެއް އަތުވެއްޖެއެވެ.
ފާއިތުވި މަހު ދައުލަތައް ލިބުނު ، ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށަށް ދިޔައިރު، ދައުލަތައް އާމްދަނީ ވަންނަ މައިގަނޑު ހުރިހާ ދާއިރާ އަކުން ކަހަލަ ގޮތައް އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.
އޭގެ ތެރޭގައި ޓެކްސް އާމްދަނީ އާއި، ޓެކްސް ނޫން އާމްދަނީ އާއި، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ އާއި އަމިއްލަ ފަރާތްތަކުން ދައްކާ އިންކަމް ޓެކްސް އާއި ވިޔަފާރި ފައިދާ އިން ދައްކާ ޓެކްސް އާއި، ޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އާއި އެއަރޕޯޓު ޑިވެލޮމްޕަންޓް ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ފީ ތަކާއި ކުލިން ލިބޭ ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަމަށް ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުން ވަނީ ހާމަވެފައެވެ.
މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.7 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީ މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިއުމުން ކަން ފާހަގަ ކުރެވެއެވެ. ޓެކްސް ގެ ގޮތުގައި ލިބުނު ފައިސާ 589 މިލިއަން ރުފިޔާ ގެ ދަށްވުމެއް ވަނީ ފާހަގަ ކުރެވިފައެވެ. ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 3.35 ބިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ފައިސާގެ ގޮތުގައި 3.94 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސްގެ ވަކިވަކި ދާއިރާ ތަކަށް ބަލާއިރު، އިމްޕޯޓު ޑިއުޓީ އާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ ވަނީ ފާހަގަ ކުރެވޭ މިންވަރަށް ދަށަށް ގޮސްފައެވެ.
ވިޔަފާރީތަކާ ޕްރޮޕަޓީ ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 66 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި 454.2 މިލިއަން ރުފިޔާ ދައްކާފައިވާއިރު، މި އަހަރު މި މުއްދަތުގައި ދައްކާފައިވަނީ 153 މިލިއަން ރުފިޔާ އެވެ. 301 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން ޗައިނާ އިން އެތެރެ ކުރާ މުދަލުގެ ގިނަ ބާވަތްތަކަށް ޖަނަވަރީ މަހުން ފެށިގެން ޑިއުޓީ ކަނޑާލާފައިވާއިރު، ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު ފައިސާ 64 އިން ސައްތަ ވަނީ ދަށަށް ގޮސްފައެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138.3 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި، މި މުއްދަތުގައި 384.9 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 246 މިލިއަން ރުފިޔާ ގެ ދަށްވުމެކެވެ.
ކުންފުނިތަކުގެ އިންކަމް ޓެކްސް ވެސް ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު ކޯޕަރޭޓް އިންކަމް ޓެކްސް ގެ ގޮތުގައި 1 ބިލިއަން ދައްކާފައިވާއިރު މިއަހަރު މި މުއްދަތުގައި ދައްކާފައިވަނީ 979 މިލިއަން ރުފިޔާ އެވެ. އެއީ 69 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އޭގެ އިތުރުން ޑިޕާޗަރ ޓެކްސް ގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ 9 މިލިއަން ރުފިޔާ ދަށްވެފައެވެ.
އަމިއްލަ ފަރާތްތަކުން ދެއްކި އިންކަމް ޓެކްސް ވެސް ވަނީ ދަށް ވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި 72.6 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި ދެއްކި އިރު، މި އަހަރުގެ ފުރަތަމަ މަސް ދުވަހު ދައްކާފައިވަނީ 64.7 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 11 މިލިއަން ރުފިޔާގެ ދަށް ވުމެކެވެ.
ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިއަހަރުގެ މިހާތަނަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 284 މިލިއަން ރުފިޔާ މަދުންނެވެ. ރިސޯޓު ކުއްޔާއި، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ކޯޓާ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް ދިޔައީ ދަށަށެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުން 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 1.2 ބިލިއަން ދަށް އަދަދެކެވެ. ޚަރަދު ދަށްވި ކަމަށް ހިސާބުތަކުން ފެންނަ އިރު މި މުއްދަތުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ކުރި ޚަރަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި މުއްދަތުގައި ޕީއެސްއައިޕީ އަށް ޚަރަދު ކޮށްފައިވަނީ 87 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު މި މުއްދަތުގައި 713 މިލިއަން މި ބަޔަށް ޚަރަދު ކުރި ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރާ އަޅާ ބަލާއިރު ޕީއެސްއައިޕީ އަށް ޚަރަދު ކޮށްފައިވަނީ 626 މިލިއަން ރުފިޔާ މަދުންނެވެ.
ޚަރަދު ތައް މަދުވި ކަމަށް ފެނުނު ނަމަވެސް މުސާރަ އާއި އުޖޫރަ އަށް ކުރި ޚަރަދު 116 މިލިއަން ވަނީ އިތުރުވެފައެވެ. އާސަންދަ އަށް ކުރި ޚަރަދު 15 މިލިއަން ދަށް ވެފައިވާއިރު ސަބްސިޑީގެ ގޮތުގައި ޚަރަދު ކުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 9 މިލިއަން ވަނީ މަދުވެފައެވެ. ކައުންސިލު ގްރާންޓް ގެ ގޮތުގައި ދިން ފައިސާ ވެސް 8 މިލިއަން ވަނީ މަދުވެފައެވެ.