ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ސޮއި ކުރީ ރައީސް މުއިއްޒު ރިޝްވަތު ދެއްވައިގެން ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ މަޝްހޫރު ނޫސް ވޮޝިންގޓަން ޕޯސްޓުގައި ޝާއިއު ކުރި ރިޕޯޓެއް ގައި ބުނެފިއެވެ.
އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީ އަށް ސޮއިކުރި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީ އަށް ގެންދަނީ ބޮޑެތި އަދަދުތަކަށް ފައިސާ ހުށަހަޅައިގެން ކަމުގެ ތުހުމަތު ގިނަ ފަރާތްތަކަކުން އޭރުވެސް ގެންދިޔައީ ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން އެތުހުމަތުތައް ގެންދިޔައީ ދޮގު ކުރަމުންނެވެ.
ކުއްލި ގޮތަކަށް ޕީއެންސީ އަށް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ތަކެއް ގެންދިއުމާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އަދަދު 55 ން 42 ށް ވެއްޓުނެވެ.
ވޮޝިންގޓަން ޕޯސްޓުގައި އާދިއްތަ ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީ އަށް ގެންދިޔައީ ވެރިކަމުން ޑރ. މުއިއްޒު އަޒުލު ކުރަން އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގަތުމުން އެކަން ވިޔަ ނުދިނުމަށް ކަމުގައެވެ.
ދަ ވޮޝިންގޓަން ޕޯސްޓުގައި ބުނެފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ރައީސް މުއިއްޒު ގާތްގަނޑަކަށް 200،000 އެމެރިކާ ޑޮލަރުގެ ރިޝްވަތު ދެއްވި ކަމަށެވެ.
ދަ ވޮޝިންގޓަން ޕޯސްޓުގައި ޝާއިއު ކުރި ތަހުގީގީ ރިޕޯޓުގައި ބުނެފައިވަނީ މުޢިއްޒު ވެރިކަމުން އަޒުލު ކުރުމަށް ރޭވެމުން ދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން، އެކަން ވިޔަ ނުދިނުމުގެ ގޮތުން އެމަނިކުފާނަށް ވަފާތެރި ދެ މެމްބަރުންނަށް އިރުޝާދު ދެއްވީ، އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ ޕާޓީއަށް ބަދަލުވުމަށް ގާތްގަނޑަކަށް 200،000 ޑޮލަރުގެ ރިޝްވަތެއް ހުށަހެޅުމަށް ކަމަށް ޕީއެންސީ އަށް ނިސްބަތްވާ ތިން މެމްބަރުން އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށެވެ. ރިޝްވަތު ދީގެން މުޢިއްޒު އަށް 11 މެމްބަރުން ޕާޓީ ބަދަލުކުރެވުނު ކަމަށާއި މިކަމުގެ ސަބަބުން އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބޭނުންވާ އަގުހުރި ވޯޓުތަކެއް އިދިކޮޅު ފަރާތްތަކަށް ގެއްލުނު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
މުއިއްޒު ވެރިކަމުން ދުރުކުރުމަށް ރޭވުނު ރޭވުމެއްގެ ވާހަކަ އާއި އިންޑިއާ އިން އޭޝިއާ ސަރަހައްދުގައި ނުފޫޒު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ކޮށްފައިވާ ތަހުގީގެއްގެ މައްޗަށް ވޮޝިންގޓަން ޕޯސްޓުގައި ލިޔެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސޯޝަލް މީޑިއާ ގައި އިންޑިއާ އަށާއި އެގައުމުގެ ވެރިންނަށް ނިސްބަތްކޮށް ހަޑިހުތުރު އެއްޗެހި ގޮވުމަށް ޕީއެންސީ ގެ އެކްޓިވިސްޓުން ހިންގި ކެމްޕޭން އަކީ ވެސް ރައީސް މުއިއްޒުގެ އެންގެވުމަށް ކުރި ކަމެއް ކަމަށެވެ.
"ރައީސް މުއިއްޒު ވަރަށް ކޯފާވެ، އެމަނިކުފާނުގެ އަރިސް ފަރާތްތަކަށް، ސޯޝަލް މީޑިއާގައި އިންޑިއާ އަށް ހަމަލާ ދިނުމަށް އިރުޝާދު ދެއްވި،" ވޮޝިންގޓަން ޕޯސްޓުގައި ވެއެވެ. އެ ނޫހުގައި ބުނެފައިވަނީ މިކަން ހިނގި ގޮތުގެ މައުލޫމާތު އެނގޭ ދެ މަސްދަރަކުން އެ ނޫހަށް މިވާހަކަ ކިޔައިދީފައިވާ ކަމަށެވެ.
ވޮޝިންގޓަން ޕޯސްޓުގައި ލިޔެފައިވަނީ މަޖިލީސް ތެރެއިން މުއިއްޒުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނީ އެމްޑީޕީ އާއި ދަ ޑެމޮކްރަޓްސް ގުޅިގެން ކަމަށާއި، އެހެން ނަމަވެސް އެކަން އެ ގޮތައް ކުރުމަށް އެމްޑީޕީގެ ލީޑަރޝިޕް އިން ފަސްޖެހުނު ކަމަށެވެ.
އެ ގޮތުން ފަސްޖެހުނު ސަބަބު ތަކުގެ ތެރޭގައި، އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ސުޕްރީމް ކޯޓުން ނުވަތަ ސިފައިންގެ ތެރޭގައި ތިބި މުޢިއްޒަށް ތާއީދުކުރާ ފަރާތްތަކުން ހުރަސް އަޅާފާނެއަތީ އާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފިނަމަ އިންތިޚާބުގައި މުޢިއްޒަށް ވޯޓު ދިން ފަރާތްތައް ރުޅިއަތުވެދާނެއަތީ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިސްކޮށް އުޅުނު ފަރާތްތަކަށް ފައިސާގެ މައްސަލަ ކުރިމަތިވި ކަމަށާއި، ގިނަ މެންބަރުން މުއިއްޒު އާ ދެކޮޅަށް ވޯޓު ދޭން ތައްޔާރަށް ތިބި ނަމަވެސް ރިޝްވަތު ދިނުމަށް އެދުނު ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ. ރިޔާސީ އިންތިޚާބު ނިމުނު އިރު އެމްޑީޕީ އޮތީ ބަނގުރޫޓުވުމާ ކައިރީގައި ކަމަށް ވުމާއެކު އެފަދަ ފައިސާ އެއް އެމްޑީޕީ ގައި ނުހުންނާނެ ކަން ވޮޝިންގޓަން ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ. އެހެން ކަމުން އެކަމަށް ބޭނުންވާ ފައިސާ އިންޑިއާ އިން ހޯދުމަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އިންޑިއާ އިން އެކަމަށް ބޭނުންވި ފައިސާ ނުލިބުނު ކަމަށް ވެސް ނޫހުގައި ބުނެފައިވެއެވެ.