'ދިޔަވަރު' ނޫހުގައި ޖެހި ޚަބަރަކާ ގުޅިގެން، ހެލްތް މިނިސްޓަރ އަބްދުﷲ ޚަލީލް ކޯފާވެ، އެ ނޫހުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
'ދިޔަވަރު' ނޫހުގައި ހުކުރު ދުވަހު ޖެހި ޚަބަރެއްގައި ބުނެފައިވަނީ، މަކުނުވިދުރީގެ (އެމްޕޮކްސް) ކޭސްއެއް ހުޅުމާލޭން ފެނިފައިވާ ކަމަށާއި، ސަރުކާރުން އެކަން ސިއްރު ކޮށްފައި އޮތީ ރާއްޖޭގައި މިހާތަނަށް މި ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ކަމުގައެވެ.
މިޚަބަރަށް ރައްދުދެއްވާ މިނިސްޓަރ ޚަލީލް ވިދާޅުވީ، "ރޯ ބުހުތާން ދޮގު،" ކަމުގައެވެ.
މިނިސްޓަރ ވިދާޅުވީ، މި މައްސަލަ މީޑީއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.
'ދިޔަވަރު' ނޫހުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވި ދަނޑިވަޅަކީ ޑރ. މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ތަފާތު އިންޒާރުތަކާއި ފިއްތުއްތަން ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.
ދާދި ފަހުން ސިންގަޕޫރަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ޝޮޕިންގ ސެންޓަރެއްގައި އުޅުއްވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި މީހެއްގެ ފޯނު ފުލުހުން ވަނީ އަތުލާފައެވެ. އޭގެ އިތުރުން، ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލައެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ވެސް ފުލުހުން ވަނީ އަތުލާފައެވެ. 'އަދަދު" ނޫހުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މެމްބަރުންނަށް ކޮންމެ މަހަކު ރައީސް މުއިއްޒު ފައިސާ ދެއްވާ ޚަބަރު ޖެހުމާ ގުޅިގެން އެ ނޫހަށްވެސް ވަނީ ސަރުކާރުގެ ޕްރެޝަރ ކުރިމަތިވެފައެވެ.
މީޑިއާ ކައުންސިލްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ނޫސްވެރިކަމާ ބެހޭ އެންމެ ގިނަ މައްސަލަތައް ވެސް އެ އިދާރާ އަށް ހުށަހަޅަމުން ގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.