ނޮވެމްބަރު 5 ވަނަ ދުވަހަކީ އެމެރިކާގައި ބޮޑު ދުވަހެކެވެ. ބައިޑްން އަށް ފަހު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ބެލޭ އެމެރިކާގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ލީޑަރު އިންތިޚާބު ކުރުމަށް އެމެރިކާގެ ރައްޔިތުން ނިންމާ ދުވަހެވެ.
އިންތިޚާބުގެ ދުވަހަކީ އަންގާރަ ދުވަސް ކަމަށްވީ ނަމަވެސް، ކުރިއާލާ މިހާތަނަށް 77 މިލިއަން އެމެރިކާ ރައްޔިތުން ވަނީ ވޯޓުލައިފިއެވެ. ނަމަވެސް ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ހެރިސްއާއި ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެބޭފުޅުއްގެ ކޮޅަށް އިންތިޚާބު އަނބުރާލުމަށް އަންގާރަ ދުވަހު އިތުރު އެތައް މިލިއަން މީހުން ވޯޓުލުމަށް ނެރުމަށެވެ. އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި ވުމާއި، ނަތީޖާގައި މާބޮޑު ފަރަގެއް ފެނިދާނެ ކަމަށް ނުބެލޭތީ، އެންމެ ފަހު ދުވަހުގެ އަދަދު ތަކަކީ މުހިންމު އެއްޗެއް ކަމަށް ދެބޭފުޅުންވެސް ގަބޫލުފުޅު ކުރައްވައެވެ.
ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، އޭނާ ވެގެންދާނީ ކުށެއްގެ ދަޢުވާ އުފުލި، އަދި ޖިނާއީ ކުށަކަށް ޙުކުމްކުރެވިފައިވާ ފުރަތަމަ ރައީސަށެވެ. ޓްރަމްޕް އަށް އަދިވެސް އެތައް ދައުވާ އަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ އޭނާގެ މައްޗަށް ހިނގަމުންދާ އެހެން ފެޑެރަލް ތަޙުޤީޤުތައް ހުއްޓުވުމުގެ ބާރު ލިބިގެންދާނެއެވެ. އަދި ޓްރަމްޕަކީ ވައިޓް ހައުސްގެ ދެ ދައުރު ވިދިވިދިގެން ނޫން ގޮތަށް ކާމިޔާބު ކުރައްވާ ދެވަނަ ރައީސް ކަމަށްވެސް ވެގެންދާނެއެވެ. މީގެ ކުރިން މިފަދަ ކާމިޔާބެއް ހޯއްދަވާފައިވަނީ 19 ވަނަ ޤަރުނުގެ ފަހުކޮޅު ގްރޯވަރ ކްލީވްލެންޑްއެވެ.
އަނެއްކޮޅުން އުމުރުފުޅުން 60 އަހަރުގެ ހެރިސް މަސައްކަތް ކުރައްވަނީ އޯވަލް އޮފީހަށް ވަދެވޭ ފުރަތަމަ އަންހެން ރައީސް އަށް ވެވަޑައިގަތުމަށެވެ. އޭގެ އިތުރުން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އޭނާ ވެވަޑައިގަންނަވާނީ، ފުރަތަމަ ދެކުނު އޭޝިއާގެ ދަރިފަސްކޮޅަށް ނިސްބަތްވެވަޑައިގެންނެވި އެމެރިކާގެ ރައީސް އަށެވެ.
ނައިބު ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ހެރިސް އަށް ލިބިވަޑައިގަތީ، ޖޫން މަހު އޮތް ރިޔާސީ ބަހުސެއްގައި މިރޭހަށް ޑިމޮކްރަޓިކް ޕާޓީން ނުކުންނެވި މިހާރުގެ ރައީސް ބައިޑެން ވަރަށް ދެރަކޮށް ޕާފޯމް ކުރެއްވުމާއެކު ޕާޓީގެ ތެރޭގައި އޭނާ ރޭހުން އެއްކައިރި ކުރުމަށް އުފެދުނު ވަރުގަދަ އޮއިވަރުގައި ޖެހިވަޑައިގެން އެންމެ ފަހުން ރޭހުން އެއްކައިރިވެވަޑައިގަތުމާ ގުޅިގެންނެވެ.
އުމުރުފުޅުން 78 އަހަރުގެ ޓްރަމްޕް އަށް މި އަހަރުގެ ރިޔާސީ ރޭހުގައި މަރުގެ ހަމަލާތަކާ ކުރިމަތިލަންވަން ޖެހިވަޑައިގަތެވެ. ޕެންސިލްވޭނިއާގެ ބަޓްލަރ ގައި ބޭއްވި ރެލީއެއްގައި އޭނާ އަވަހާރަކޮށްލަން މީހަކު ވަނީ ބަޑިޖަހާފައެވެ. އޭނާގެ ބަޑީގެ ވަޒަނުން ޓްރަމްޕް ސަލާމަތްވެވަޑައިގަތީ ވަރަށް ހަނި ގޮތަކެވެ. އޭގެ އިތުރުން ފްލޮރިޑާގައި ހުރި އޭނާގެ ގޯލްފް ކޯސްގައި ގޯލްފް ކުޅުއްވަން އުޅުއްވަނިކޮށް ސެޕްޓެމްބަރު މަހު ދެވަނަ ފަހަރަށް ޓްރަމްޕް އަވަހާރަ ކޮށްލަން މީހަކު ވަނީ މަސައްކަތް ކޮށްފައެވެ.
ހެރިސް ވަނީ ހަފްތާ ބަންދުގައި މެއިލް މެދުވެރިކޮށް އިންތިޚާބުގައި ވޯޓު ލައްވާފައެވެ. ވޯޓުލެއްވުމަށް ފަހު ސޯޝަލް މީޑިއާގައި ވީޑިއޯއަކާ އެކު އޭނަ ކުރެއްވި ޕޯސްޓް ގައި "މި ވާދަ ވަރަށް ބޮޑަށް ވާދަވެރިވާނެ، އެކަމަކު އަޅުގަނޑުމެން ކާމިޔާބުކުރާނަން، އޭގެ އެއް ސަބަބަކީ ތިބާ ވޯޓުލާނެތީ،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ އިންތިޚާބުގެ ދުވަހު ފްލޮރިޑާގައި ވޯޓުލެއްވުމަށް ޕްލޭން ކުރައްވާފައެވެ.
"މޭކް އެމެރިކާ ގްރޭޓް އަގެއިން" އަދި "އެމެރިކާ ފަސްޓް" ގެ ޝިޢާރުތައް އަލުން ބޭނުން ކުރައްވަމުން، ހިޖުރަކުރާ މީހުންނާ މެދު އޭނާގެ ހަރުކަށި އުސޫލުތަކާއި، ހެރިސްއާއި ބައިޑެންއާ ދެކޮޅަށް އޭނާ ވިދާޅުވާ ފާޑުކިޔުންތައް ވެފައިވަނީ ދެވަނަ ދައުރަކަށް އޭނާ ކުރައްވާ ކެމްޕޭނުގެ ބިންގަލަކަށް ހައްދަވާފައެވެ. އޭނާ ވަނީ އިޤްތިޞާދީ "ރަން ޒަމާނެއް" ގެނެސްދެއްވާނެ ކަމަށާއި، ބައިނަލްއަޤްވާމީ ހަނގުރާމަތައް ނިމުމަކަށް ގެންނަވާނެ ކަމަށާއި، އެމެރިކާގެ ދެކުނު ސަރަޙައްދީ ބޯޑަރު ބަންދުކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.
އިންތިޚާބުގެ ނަތީޖާ ބުރަވާނެ ކަމަށް ބެލެވެނީ 7 ސްޓޭޓެއްގެ މައްޗަށް ކަމަށް ބެލެވެއެވެ. ޓްރަމްޕް 2016 ގައި ޕެންސިލްވޭނިއާ، މިޗިގަން އަދި ވިސްކޮންސިން ކާމިޔާބުކުރެއްވި ނަމަވެސް، 2020 ގައި އެ ސްޓޭޓުތައް ބައިޑެންއަށް ލިބިވަޑައިގަތެވެ. ނޯތު ކެރޮލައިނާ، ޖޯޖިއާ، އެރިޒޯނާ އަދި ނެވާޑާ، އާއި ސަން ބެލްޓް ސަރަޙައްދު ވެގެންދާނީ ރިޔާސީ ހަނގުރާމައިގެ އެންމެ މުހިންމު މައިދާން ތަކަށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
ޓްރަމްޕް ނޯތު ކެރޮލައިނާ މީގެ ކުރިން ދެ ފަހަރަކު ކާމިޔާބު ކުރައްވާފައިވެއެވެ. ނެވާޑާ ދެ ފަހަރު ގެއްލުނެވެ. އޭނާ 2016 ގައި އެރިޒޯނާ އަދި ޖޯޖިއާ ކާމިޔާބުކުރި ނަމަވެސް، 2020 ގައި އެ ސްޓޭޓުތައް ޑިމޮކްރެޓުންނަށް ގެއްލުނެވެ.
ހެރިސްގެ ޓީމުން ފާއިތުވި ދުވަސްތަކުގައި ވަނީ އިންތިޚާބުގެ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ފާޅުކޮށްފައިވެއެވެ. އެގޮތުން އެ މީހުން ފާހަގަކޮށްފައިވަނީ ކުރިއާލާ ވޯޓުލީ މީހުންގެ ތަފާސްހިސާބުތަކުން އަންހެނުން ވޯޓުލީ މިންވަރުގެ ބޮޑު ތަފާތާއި، އިންތިޚާބުގެ ދުވަހު ވޯޓު ދޭ މީހުންގެ ބޮޑު އިންސައްތަ އެއް އޭނާއަށް ތާއީދުކުރާތީ ކަމަށް ޓީމުން ބުނެއެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ކެމްޕޭން އިންފްރާސްޓްރަކްޗަރ ވަރަށް ވަރުގަދައެވެ.
މި ހަފްތާ ބަންދުގައި، ހެރިސްގެ ކެމްޕޭނުގައި 90،000ށް ވުރެ ގިނަ މީހުން ވޯޓުދޭ މީހުން ނެރުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ. އަދި ވާދަވެރި ސްޓޭޓުތަކުގައި 3 މިލިއަނަށްވުރެ ގިނަ ގޭގެއަށް ކެމްޕޭން ޓީމުން ޒިޔާރަތްކޮށްފައިވެއެވެ. މި ހުރިހާ މަސައްކަތަކާ އެކުވެސް، ހެރިސްގެ އެހީތެރިން ބުނެފައިވަނީ އޭނާ އަދިވެސް ހުންނެވީ ރޭހުގެ ފަހަތުގައި ކަމަށެވެ.
ޓްރަމްޕްގެ ޓީމުންވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ފާޅުކޮށްފައިވެއެވެ. އެމީހުން ބުނާ ގޮތުގައި ކުރީގެ ރައީސް ޓްރަމްޕަށް ޒުވާނުންނާއި މަސައްކަތްތެރިންގެ ވޯޓު ހުރިހާ ނަސްލުތަކަކުން ވެސް ލިބޭނެ ކަމަށެވެ.