ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 15:59
ސާދިޔާ އާއި ޑރ ޝަޒްރާ ހައްޔަރު ކުރުން
ސާދިޔާ އާއި ޑރ ޝަޒްރާ ހައްޔަރު ކުރުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހިތްވަރުގަދަ ސާދިޔާއާއި ޑރ ޝަޒްރާ: ދެފުށް ދެގޮތް ސަރުކާރަށް ބޮޑު ބޮލުގެ ރިހުމަކަށް
މިސަރުކާރަކީ ފަލަސްތީނުގެ މައްސަލައިގާ ހުޅަނގަށާއި ހުޅަނގުގެ މުއްފަތުގައިތިބި ބައެއް އަރަބި ގައުމުތަކަށް ބިރުން ދެމޫނު ދައްކައިގެންތިބި ދެފުށްދެގޮތް ސަރުކާރެކެވެ.

ފަލަސްތީނުގެ މައްސަލައަކީ އާ މައްސަލައެއް ނޫނެވެ. ޚާއްޞަކޮށް ނަސްލެއް ނައްތާލަން ނިރުބަވެރި އިޒްރޭލުން މިހާރު އެހިންގާ ގަތުލު ޢާއްމަކީ މިއަދު އަޑުއަހަން ފަސޭހަ ވާހަކައެއް ނޫނެވެ. ދިރިތިއްބާ ބޮން އަޅައި އަންދާލެވެމުންދާ ފަލަސްތީނުގެ މުސްލިމުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އެދަނީ އިތުރުވަމުންނެވެ. ލެއިން ތަތްތެޅި ގުނަވަންތައް ބޭރުގައި އޮވެ އަޅަމުންދާ ވޭނަށް ކެތް ނުކުރެވޭ ހާލުގައި ތިބި ކުޑަކުދިންތަކުގެ ފޮޓޯއާއި ވީޑިއޯއަކީ މިއަދު ބަލަން ކުޅަދާނަ މަންޒަރުތަކެއް ނޫނެވެ. ފިންޏާއި ހޫނުގައި، އަތްވާ ވާރޭގައި ވަންނާނެ ހިޔާވެއްސެއްނެތި އެތިބަ މަގުމަތިވެފައިވާ ކުދިންފެނި ފެންކަޅި ނުވާނޭ ލޮލެއް ނެތެވެ. ގާތުގައި ތިއްބާ މައިންބަފައިން ގަޔަށް ބަޑިޖަހާ މަރާލާތަން ދުށުމަކީ ހިތެއް އޮތް އިންސާނަކަށް ކެތްވާނެ ކަމެއް ހެއްޔެވެ.

މިސަރުކާރަކީ އެހެންކަންކަމެކޭ އެއްގޮތަށް ދީނީ ގޮތުންވެސް ކަންދެއްކުމުގެ ސަރުކާރެކެވެ. ބޮޑު ދީނީ ޓެގެއް އަޅުވައިގެން ވެރިކަމަށް އައިސް ފަލަސްތީނުގެ މައްސަލައިގާ ރައީސް މުއިއްޒުގެ ސަރުކާރުން އެގެންގުޅެނީ މަތިން އޮމާން ކުރުމުގެ ސިޔާސަތެކެވެ. ލޯމައްޗަށް ރީތިގޮތް ދައްކައި ބަސްމަގުން އެކަން ޖަރީކޮށް އަމަލުން ސީދާ ސުމެއްގައެވެ.

ފަލަސްތީނަށް އެހީވާން ރައީސް ވިދާޅުވެގެން ކަމަށް ބުނެ ގައުމީ ޓީވީ މެދުވެރިކޮށް ޓެލެތޯނެއްގެ ގޮތުގައި ބޮޑު ޑްރާމާއެއް ކުޅުނެވެ. އަދި އަދަށްވެސް އެއިން ލިބުނު ފައިސާކޮޅު ހަމައަށް ހަވާލުކުރި ކަމުގެ ޔަޤީންކަމެއްނެތެވެ. ނިމިދިޔަ ސަރުކާރުން ފަލަސްތީނަށްދޭން އެއްކުރި މަސްދަޅުތައް ހުރީ ހުރިގޮތަށެވެ. އެއިން އެއްޗެއް ފަލަސްތީނު ރައްޔިތެއްގެ އަތަށް އަރާނޭ ގޮތެއް މިވީ 9 މަސްތެރޭގައި ކުރެވުނު ކަމަކަށް ނުވިއެވެ. އެކަމަކު އަރަބި ކަރައާއި އެންމެ ގުޅުންބޮޑު ސަރުކާރެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރަމުން އައި ދުއާ މެދުކަނޑާލިއެވެ. ހަމާސްގެ ވެރިޔާ ޝަހީދުކޮށްލުން މާބޮޑު ކަމަކަށް ނުވެ އެކަންކުށްވެރިކޮށްލެވުނީ ރައްޔިތުން ބަވާ ނަގާވަރުން އޭގެ މުއާލާތްވެސް ކެނޑުނުފަހުން ފިނިގޮތަކަށެވެ. އަމުދުން ޣައިބަށް ކަށުނަމާދު ކޮށްލަން އަންގާލާކަށްވެސް ނުކެރުނެވެ. އެކަންވެސް ދޫކޮށްލީ އިޚްތިޔާރަށެވެ. އެއަނިޔާވެރި އިޒްރޭލު މީހުން އުފާކޮށް މަޖާކުރަން ރާއްޖެ އަޔަނުދޭން އެމީހުންގެ ޕާސްޕޯޓް މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލް އެއޮތީ މޮޅު ރޭވުމެއްގެ ދަށުން މަޖިލީހުގައި ޕާކްކޮށްފައެވެ. އެބިލު އެހެން އޮއްވައި އެހެން ހުރިހާ ކަމެއް އެހެރަ ކުރަމުންދަނީއއެވެ.

ކުރުކޮށް ފޮނިކޮށް ބުނަންޏާ މިސަރުކާރަކީ ފަލަސްތީނުގެ މައްސަލައިގާ ހުޅަނގަށާއި ހުޅަނގުގެ މުއްފަތުގައިތިބި ބައެއް އަރަބި ގައުމުތަކަށް ބިރުން ދެމޫނު ދައްކައިގެންތިބި ދެފުށްދެގޮތް ސަރުކާރެކެވެ.

މިކަން ކަމުނުގޮސްގެން ހިތަށް ކުޅަ އަސަރަކުން ނިކުތް ދިވެހި ދެފަހުލަވާނުންނަކީ ހިތްވަރުގަދަ ދިވެހި ދެއަންހެނުންނެވެ. އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްއެވެ. ޝާދިޔާއަކީ ބަލި ކުއްޖަކުވެސް ހިމެނޭހެން ހަކުދިންގެ މަންމައެކެވެ. ޑރ ޝަޒްރާއަކީ ހަތަރު ކުދިންގެ މަންމައެއް އަދި ކިޔަވައިދެއްވާ އުސްތާޛާއެކެވެ.

މިދެމީހުން ބޭނުންކުރީ ގާނޫން އަސާސީން ލިބިދޭ ޚިޔާލު ފަޅާކުރުމުގެ މިނިވަންކަމުގެ ހައްގެވެ. މައިގަނޑު ގޮތެއްގައި އެއްވެ ޝުޢޫރު ފާޅުކުރީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީ ދޮށަށެވެ. ގޮވާލަމުންދިޔައީ ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވައި ދިނުމަށެވެ. ލިޔެފައިވާ ލިޔުންތަކާއެކު އެކަމަށް އާދޭސް ކުރަމުން ދިޔައީ ސައޫދީ ސަފީރު އަރިހުގައެވެ. ފަލަސްތީނަށް ބޮން އަޅާ އިޒްރޭލްގެ ހަނގުރާމަމަތީ ޖެޓުތަކަށް ސައޫދީން ތެޔޮ އަޅައި ނުދިނުމަށެވެ. އެހެން އެކަން ކުރާނަމަ އެއީ އެމީހުންނާ ބައިވެރިވެވެނީކަމަށް ހަނދާންކޮށްދެމުން ދިޔައެވެ. އިތުރަށް ވެދުން ކުރީ ފަލަސްތީނު ކުދި ޅަދަރިންގެ ހާލަތު ދައްކުވައިދިނުމަށް މައްޔިތުން ރަމްޒުކޮށްދޭ ގަބުރެކެވެ.

މި ކެރޭ ދެ އުޚުތުން އެއްވީކީ ހަމައެކަނި ސައޫދީ އެމްބަސީ ދޮށަކަށް ނޫނެވެ. ރާއްޖޭގައި ހުރި އެފަދަ އެހެން އެމްބަސީތައް ދޮށަށްވެސް އެއްވެ އެވެރިންގެ ހިތްވަރުގަދަ ޝުޢޫރުތައް ފާޅުކުރިއެވެ. ދޭތެރެއަކުން ފުލުހުން އައިސް އެއެމްބަސީއާ 50 ފޫޓް ދުރަށް އެދެމީހުން ޖައްސައެވެ. ކިޔަމަންތެރިކަމާއެކު އެހިސާބުގައި މަޑުކުރެއެވެ.

އިސާހިތަކު މިއީ އިޒްރޭލް ޕާސްޕޯޓް މަނާކޮށްލަން ނުކުރިގެން އުޅޭ ސަރުކާރަށް ހަޖަމް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ބަލާން ނުތިބެ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު މިދެމީހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ފުލުހުން އެދެމީހުންގާތު ބުނިކަމަށް އެމީހުން ބުނީ "އެމީހުން ޕޮލިހަށް ގެނެވުނީ ސައޫދީ އެމްބަސީ ދޮށަށް އެއްވާތީ ސައޫދީ ސަފީރު މައްސަލަ ޖައްސާތީ" ކަމަށެވެ. އެކަމަކު ޤާނޫނީގޮތުން ހިފޭނެ އެއްވެސް ތަންކޮޅެއްވެސް ނެތްކަމަށާއި އެހެންނަމަވެސް ސަފީރު ޝަކުވާ ކުރާތީ ގެނައީ "ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގައި ގާނޫނީގޮތުން އެއްވެސް ހުރަހެއް އޮތްތޯ އެދެމީހުން ތަކުރާރުކޮށް ކުރަމުންދިޔަ ސުވާލަށް އެފަދަ ހުރަހެއް ނެތްކަމަށް ފުލުހުން ޖަވާބުދީފައިވާކަމަށް އެމީހުން ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން އެމީހުން ނުކުތީކީ އެމީހުން ފަލަސްތީނުގެ ހައްގުގައި އެކުރާ އިހްތިޖާޖް ހުއްޓާލާ ގޮތަކަށް ނޫނެވެ. އަދި ރީތި ގޮތުގައި އިހުދިޔަގޮތައް އެއިހްތިޖާޖް ބަރާބަރަށް ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް ސައޫދީ އަތުން ލާރިފޮއްޗެއް ލިބޭތޯ މަރުފަލި ޖަހަމުންދާ މިސަރުކާރަށް އެދެއަންހެނުންގެ އެމަލު ބަލާކަށް ކެތެއް ނުވިއެވެ. ސަރުކާރުން އެދި ހުށަހެޅި ހުށަހެޅުމަށް ކޯޓުން އެނެރުނީ ބޮޑު ތުހުމަތެއްކޮށް ކޯޓު އަމުރެކެވެ. " ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން" ކަމަށް އެކޯޓު އަމުރުގައި ވެއެވެ.

ބަސްބުނި ހިނދުން އެވައްޓާލީ ބޮޑު ދެ މުޖުރިމަކު ބަލައި އައިހެންނެވެ. ރަޔަޓް ގިޔަރުގައި 50 އެއްހާ ފުލުހުންގެ ބޮޑު ފޯސްއެކެވެ. ކޯޓު އަމުރުގެ ދަށުން ސާދިޔާއާއި ޝަޒްރާ އުފުރާލައިގެން ހައްޔަރު ކުރީ ޝީ ބިލްޑިންގ ގައި އޮތް މީޓީންގ އަކަށްގޮސް ތިއްބައެވެ. ޗިޓެއް ފޮނުވައިގެން ނުވަތަ ގުޅާލައިގެންވެސް ގެންދެވެން އޮތް އާދައިގެ ނިކަމެތި ދެއަންހެނަކު ގެންގޮސް ކުޑަގޮޅިއަކަށް އެއެއްލާލީ ސައޫދީ ސަފީރަށް ދައްކާލެވޭވަރުގެ ބޮޑު ޑްރާމާއަކުންނެވެ. ފަހުގެ ތާރީޚެއްގައި އެފަދަ ކަމަކާ ގުޅިގެން ހައްޔަރުކުރިއަސް ބަންދުގެ މުއްދަތު ނުޖަހާ ނުޖެހުން ނިމުމަކަށް ގެނެސް އެދެމީހުން 3 ދުވަސްވަންދެން ފުރަތަމަ ފަހަރު އަދި އެތިންދުވަސް ހަމަވީމާ އަނެއް 5 ދުވަސް އެޖެހީ ޖަލުގައި ބަންދުކުރާށެވެ.

މީހަކު ހޭބަލި ނުވިއްޔާ ދެރައެވެ. ސަރުކާރުގައި ތިބީ އެ ހަޑި މާހުތުރުކޮށް ހާވައިގެން އައިސްތިބި ބައެކެވެ. އެމްބަސީތައް ދޮށަށް އެއްވީ އެކަންޏެއް ނޫނެވެ. ސަފީރުންނަށާއި އެގައުމުތަކުގެ ވެރިންނަށް މަލާމާތާއި އާޑަފުރައްސާރަވެސް ކުރިއެވެ. ހަޑިވައްތަރު ވައްތަރުގެ ކާޓޫނު ހައްދައި ބޮޑެތި ޕެރޭޑްތައްވެސް ބޭއްވިއެވެ. އެ ހަރަކާތްތަކުގައި ޚުދު ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހުތުރެއްވެސް ނޫނެވެ. ސަފީރުންނަށް އުނދަގުލެއްވެސް ނުވެއެވެ. މިޝަންތަކުގެ ކަރާމާތާއި އިއްޒަތުން ނަފުސެއްވެސް ނުގެއްލެވެ.

ކޮންމެއަކަސް ފަލަސްތީނުގެ މައްސަލައިގާ ދުނިޔޭގެ އެތައް މިތަނުގައި ހުރި އެމްބަސީތައް ދޮށުގައި މުސްލިމުންނާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން އެދަނީ ކެނޑިނޭޅި އެއްވެ އަޑު އުފުލަމުންނެވެ. އިޒްރޭލާއި ބޮޑު ބާރު ކަމުގައިވާ ފަލަސްތީނުގެ ވައިޓް ހައުސް ދޮށަށްވެސް އެއްވެ އަޑު އުފުލަނީއެވެ. އެކަމަކު ކެތް ނުކުރެވިގެން މިއުޅެނީ ސައްތައިން ސައްތަ މުސްލިމް މިކުޑަ ގައުމުގެ ސަރތުކަރަށެވެ. ބަލި ކަށި ދެ އަންހެނެއްގެ ކިބައިން ސަލާމަތް ނުވެވި ތެޅިފޮޅެނީއެވެ.

ސާދިޔާއާއި ޑރ ޝަޒްރާއަށް ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. މުސްލިމުންނާއި މަސްޖިދުލް އަޤްސާގެ ހައްގުގައި ތިޔަވަނީ އާދައިގެ ޖިހާދެއް ނޫނެވެ. އެއްވާމެއްގައި ތިޔަ ކުރީކީ އާދައިގެ މަސައްކަތެއް ނޫނެވެ. ތިޔަ ދައްކައިދިނީ އެހެން ދިވެހިންނަށް ނަމޫނާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް