ކ. މާލެ
|
29 ޖޫން 2018 | ހުކުރު 18:50
ރައީސް މުހައްމަދު ނަޝީދު:- އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާތީ ބައެއް މީހުން ހިތާމަކުރައްވާ
ރައީސް މުހައްމަދު ނަޝީދު:- އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާތީ ބައެއް މީހުން ހިތާމަކުރައްވާ
ޖޭޑް
ރައީސް ނަޝީދު 2018
ނަޝީދުގެ ހިތްވަރުގަދަ ނިންމެވުމާއެކު މީހުންނަށް ނުކުރެވޭ އިހުސާސެއް ނެތް!؟
 
ނަޝީދު ކުރިމަތި ނުލައްވާތީ ބައެއް މީހުނަށް ރޮވުނު
 
ނަޝީދަށް ކުރިމަތިނުލެއްވުމުން ސަރުކާރުގެ އިސްވެރިނަށް ކުރާ ނަފުރަތު ބޮޑުވި
 
ނަޝީދުގެ ނިންމެވުމުގެ ނަތީޖާއާމެދު މީހުން އުފާވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ. އެމަނިކުފާނާއިމެދު ހިތްހަމަނުޖެހޭ ބަޔަކު ތިބި ނަމަވެސް ރާއްޖޭގައި ނެގި އާންމު އިންތިހާބުގެ ވޯޓުގެ ނަތީޖާތައް ދައްކާ ހަގީގަތަކީ ސިޔާސީ އެއް ބޭފުޅަކަށް އެންމެ ބޮޑު ތާއީދެއް އޮތް ބޭފުޅަކީ ނަޝީދުކަމެވެ. އެމަނިކުފާނު ދެކެ ބައެއް މީހުން ވަނީ "އަމަކަށު" ލޯތްބެއް ނޫނެވެ. މުސްކުޅިއެއް ކުޑަ ކުއްޖެއް އަންހެނެއް ފިރިހެނެއް ނެތެވެ. އެމަނިކުފާނުގެ އަޖައިބެއް ފަދަ "ޖާދޫގައި ޖެހި" ބައެއް މީހުން ތިބެނީ ރަނގަޅަށް ވެސް "މޮޔަވެފަ" އެވެ. އެމަނިކުފާނު ރައްޔިތުންގެ ވެރިމީހާގެ މަގާމަށް ވަޑައިގަތުމަށް އެދޭ އެތައް ހާސް ބަޔަކު އެބަ ތިއްބެވެ. އެކަމަށް އެދޭވަރު ދާދި ފަހުން އެ ޕާޓީން ބޭއްވި ޕްރައިމަރީގައި ބަޔަކު މީހުން ވޯޓުލާން އެ އުޅުނު ގޮތް ފެނުނު މީހުންނަށް ޔަގީންވާނެ އެވެ. އުމުރުން 18 އަހަރުން ފެށިގެން ގޮސް 80 އަހަރުން މަތީގެ މީހުންނަށް ދާންދެން ރައީސް ނަޝީދަށް ޕްރައިމަރީގައި ވޯޓުދޭން އެމީހުން ވީ "ގުރުބާނީ" އަށް ބަލާލީމަ ނަޝީދަށް އެ ޕާޓީ އެދޭވަރު އެ އޮތީ ފެންނާށެވެ. މި ހަގީގަތް މިހެން އޮއްވާ ނަޝީދު މި ވަނީ އަނެއްކާ ވެސް "ހިތްތިރި" އަދި "ހިތްވަރުގަދަ" ނިންމެވުމެއް ނިންމަވާފަ އެވެ. އެ ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން 46000 ވުރެ ގިނަ މެމްބަރުން އެމަނިކުފާނަށް ދެއްވި ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފަ އެވެ.

އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ދުވަސްވީ މީހަކު ވޯޓުލަނީ:-ފޮޓޯ-ރާއްޖެއެމްވީ

އެމަނިކުފާނުގެ މި ނިންމެވުމަށް އެތައް ބައެއްގެ ޝުކުރު އެމަނިކުފާނަށް ރައްދުވެއްޖެ އެވެ. އެތައް ބަޔަކު އެ ނިންމެވުމާމެދު ހިތްހަމަ ޖެހިލިއިރު ހަމަ އެމީހުންނަށް ނަޝީދުގެ ނަން ނޯންނާނެކަން އެނގުމުން ރޮވިއްޖެ އެވެ. އެމަނިކުފާނަކީ ހާދަ ހިތްތިރި އަދި ގައުމުގެ ހައްގުގައި ގޮތް ދޫކުރައްވާ ބޭފުޅެއް ކަމަށް ބުނަނީ އެމަނިކުފާނަށް ވެސް އެ ނިންމެވުން ނިންމަވަން ފަސޭހަ ނުވާނެ ކަމަށް ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭތީ އެވެ. އެމަނިކުފާނު އެކަން ކުރައްވަން ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިލެކްޝަނުން ބުނާ ފަދަ ކެނޑިޑޭޓެއް ނެރުމަށް އޮތް ފުރުސަތު އެމަނިކުފާނާ ހުރެ އެމްޑީޕީއަށް ގެއްލިގެންދާނެ ކަމަށް ގަބޫލު ކުރައްވައިގެންނެވެ. އެމަނިކުފާނު އުއްމީދު ކުރައްވައިގެން ހުންނެވީ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް އެންމެފަހު ވަގުތު ފުރުސަތު ލިބިގެންދާނެ ކަމަށް ކަމަށެވެ. އަދިވެސް އެމަނިކުފާނު އެގޮތަށް ގަބޫލު ނުކުރައްވާ ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވީ ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުންތަކެއް އެމަނިކުފާނު އުފުއްލަވާލައްވަނީ:-އެމަނިކުފާނަށް ކުރިމަތިނުލެއްވޭތީ ގިނަ ބަޔަކު ހިތާމަކުރޭ 

ނަޝީދު ކުރިމަތި ނުލައްވާތީ ބައެއް މީހުނަށް ރޮވުނު

ނަޝީދުގެ  މި ނިންމެވުމާއެކު ދެރަވެގެން ބައެއް މީހުންގެ "ހިތްފަޅައިގެން" ދާވަރުވި އެވެ. އެމީހުން އެންމެ ލޯބިވި ރައީސްގެ ނަން މިފަހަރު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަން އެނގުމުން ބައެއް މީހުންގެ ލޯ ފެންކަޅިވި އެވެ. ރައީސް ނަޝީދުގެ އޯގާތެރި 3 އަހަރުން އެމީހުންގެ ދިރިއުޅުމަށް ލިބުނު އުޖާލާކަން އަނބުރާ ލިބިދާނެ ކަމަށް ކުރި އުއްމީދު "ފެނަށް ދިޔައީ ކަމަށް" ބައެއް މީހުން ދެކެ އެވެ. އެމްޑީޕީން އެހެން ކެނޑިޑޭޓެއް ނެރުނަސް ނަޝީދުގެ ކިބައިން އެމީހުންނަށް ފެނުނު ސިފަތައް އެހެން މީހެއްގެ ކިބައިން ނުފެންނާނެ ކަމަށް ބުނެ މާޔޫސްވި މީހުން ވެސް ފެނުނެވެ.  

"ނަޝީދަކީ އަހަންނާއި ދުވަހަކުވެސް ބައްދަލުވި މީހެއް ނޫން، އެކަމު އަހަރެން އެއަށް ވުރެ ގަދަރު ކުރާ މީހެއް ނުހުންނާނެ. އަދި އަހަރެން އެެންމެ ފަހު ވަގުތައްވެސް ޔަގީންކޮށްގެން މި ހުންނަނީ ނަޝީދުގެ ނަން ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް. ވަރަށް ވަރަށް ދެރަ ވެއްޖެ ނަޝީދު ވާދަ ނުކުރައްވާ ވާހަކަ އިވުމުން. ހަމަ ފެންކަޅިިވި،" ރިސޯޓެއްގައި މަަސައްކަތް ކުރާ ހަސަން މުހައްމަދު 18، ބުންޏެވެ.

ބައެއް މީހުން ބުނަނީ ރައީސް ނަޝީދު ރައްޔިތުންގެ ހިތްތަކުން އެ ހޯއްދެވި ލޯބި އެހެން މީހަކަށް ނުހޯދޭނެ ކަމަށެވެ. އެމަނިކުފާނުގެ އެހުރި ހިތްހެޔޮކަމާއި އޯގާތެރިކަން އެހެން މީހެއްގެ ކިބައިން ފެނިދާނެ ކަމާމެދު ސުވާލު އުފެދެނީ އެވެ. 

ނަޝީދުގެ ނިންމެވުގެ ނަތީޖާއާމެދު މީހުން އުފާވޭ

ނަޝީދު މަތިން "ވަރަށް މިސްވާނެ" ކަމަށް ބުނާ މީހުނަށް އެމަނިކުފާނުގެ ނިންމެވުމާއެެކު އުފާވެރި އިހްސާސްތައްވެސް ކުރެވެ އެވެ. ބައެއް މީހުން "ލޮލުން ބޮލުން" އެދެނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އިންތިހާބުގައި ވާދަ ކުރެއްވޭތޯ ނަޝީދު މަސައްކަތް ކުރެއްވުން ކަމަށްވިއަސް އެމަނިކުފާނު މިހާރު އެ ނިންމެވި ނިންމުމުގެ ނަތީޖާއަކަށް ވާނީ އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއް ނެރެ ރައީސް އަބްދުﷲ ޔާމިން ފަސޭހަ ކަމާއެކު ބަލިކުރުން ކަމަށް ގަބޫލު ކުރެވުނު މީހުން އުފާކުރެ އެވެ.

ރައީސް ނަޝީދާއި ރައީސް މައުމޫނު:- އެމަނިކުފާނު މިފަހަރު ވާދަ ނުކުރައްވަން ނިންމެވުމުން އެކި މީހުނަށް ތަފާތު އިހްސާސްތައް ކުރެވޭ 

ނަޝީދު އެންމެ ފަހު ވަގުތަށް ވެސް ކުރިމަތިލެއްވޭތޯ މަސައްކަތްޕުޅު ކުރައްވައި އެކަން ނާކާމިޔާބުވެވަޑައިގެންފި ނަމަ އެމްޑީޕީއަށް ކެނޑިޑޭޓަކު ނެރުމަށް އޮންނަ ވަގުތު ކުޑަވެދާނެ އެވެ. އަދި ދެން އެމްޑީޕީގެ މެމްބަރުންނަށް ދައްކަން ޖެހޭނީ އެހެން ކޮންމެ ވެސް ތާކުން އެހެން މީހެއްކަން އެނގުމުން ނަޝީދުގެ އެ ނިންމެވުމާމެދު ބައެއް ޕާޓީގެ އާންމު މެމްބަރުން އުފާކުރެ އެވެ.

"ރައީސް ނަޝީދަކީ އެއީ، އެމަނިކުފާނު ގައުމުގެ ހައްގުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުގައި އެ ވަގުތަކަށް ނިންމަވަން ޖެހުނު ކޮންމެ ނިންމެވުމެއް ނިންމަވާނެ. އެމަނިކުފާނު ނޫޅޭ ވެރިކަމާ ހެދި. އެކަން މިއަދުވެސް މި ސާބިތުވީ. އުފާކުރަން އެމަނިކުފާނުގެ އެ ހިތްވަރުގަދަ ނިންމެވުން ނިންމަވާ އެހެން ބޭފުޅުނަށް ނަމޫނާ ދެއްކެވީތީ. އަޅުގަނޑުމެންގެ ހިތުގައި އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނާނެ،" އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. 

ނަޝީދަށް ކުރިމަތިނުލެއްވުމުން ސަރުކާރުގެ އިސްވެރިނަށް ކުރާ ނަފުރަތު ބޮޑުވި

އެމަނިކުފާނުގެ މި ނިންމެވުވުމާއެކު ބައެއް މީހުންގެ ހަނދާންތައް ހުއްޓެނީ 7 ފެބްރުއަރީ 2012 ގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހަނދާނެވެ. ގައުމުގައި ލޭ އޮހުރުމަކަށް ނުވަތަ ދާހިލީ ހަނގުރާމައަކަށް ފުރުސަތު ނުދިނުމަށް އެމަނިކުފާނު ނިންމެވި ހިތްވަރު ގަދަ ނިންމެވުމުގެ މަތިންނެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލު ކުރުމަށްފަހު ސިފައިންގެ ބަޔަކު އުފާ ފާޅުކުރަނީ

އަނެއް ބަޔަކު ހަނދާން ވަނީ އެންމެންގެ ލޯމަތީ ހިނގާދިޔަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތައް ނެރުނު "ކޯނީ"ގެ ރިޕޯޓު ގައުމުގެ ހައްގުގައި ބަލައިގަނެ ސިޔާސީ މަޝްރަހަށް ފުރުސަތު ދެއްވި ދުވަހުގެ ހަނދާނެވެ. އެ ކޮންމެ ނިންމެވުމަކުން އެމަނިކުފާނު ދެކެ ވާ ލޯބި ބައެއް މީހުންގެ ހާސްތަނުން އިތުރުވެގެންދެ އެވެ. އަދި އެމަނިކުފާނަށް ވެރިކަން ކުރުމަށް ހުރަހަކަށްވި ބޭ އިންސާފުން ކަން ކުރި މީހުންނާމެދު ނަފުރަތު ކުރެ އެވެ. އެތައް ދިވެހިންގެ ހިތްތައް ފަތަހަ ކޮށްފައިވާ އަދި އެތައް "ރައްޔިތުންގެ ރައީސް" މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުރަހަކަށްވީ ކޮން ބައެއްކަން އެމީހުނަށް އެނގެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
15%
85%
0%
0%
0%
ކޮމެންޓް
29 ޖޫން 2018 | ހުކުރު 15:22
ފައިސަލް
އެންމެ މަގުބޫލު މީހާނަމަ އެންމެ ގިނަ ވޯޓުވެސް ލިބުނީސް
29 ޖޫން 2018 | ހުކުރު 15:22
ފައިސަލް
އެންމެ މަގުބޫލު މީހާނަމަ އެންމެ ގިނަ ވޯޓުވެސް ލިބުނީސް