ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 17:01
ގޯލާން ހައިޓްސްގެ ފުޓްބޯޅަ ދަނޑަކަށް އެރި މި ރޮކެޓް ހަމަލާގައި 12 ކުޑަކުދިންނާ ބޮޑު މީހަކު މަރުވެފައިވޭ
ގޯލާން ހައިޓްސްގެ ފުޓްބޯޅަ ދަނޑަކަށް އެރި މި ރޮކެޓް ހަމަލާގައި 12 ކުޑަކުދިންނާ ބޮޑު މީހަކު މަރުވެފައިވޭ
ރޮއިޓާސް
އިޒްރޭލް - ލުބްނާން ހަނގުރާމަ
ލުބުނާން އާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ ހިތަށް ނުގެނެވޭ ވަރުގެ ގެއްލުމާ އިޒްރޭލަށް ކުރިމަތިލާން ޖެހޭނެ: އީރާން
އީރާނުން ބުނެފައިވަނީ އިޒްރޭލުން އުޅެނީ، ގާޒާ ގައި އިޒްރޭލުން ހިންގާ އަނިޔާވެރި ޖަރީމާތަކުން ދުނިޔޭގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ކަމުގައެވެ.
ޚަބަރުގެ އޯޑިއޯ

ލުބުނާން އާ ދެކޮޅަށް އިޒްލޭލުގެ އަސްކަރިއްޔާ އިން ހަނގުރާމަ ފަށައިފ ނަމަ ހިތަށް ނުގެނެވޭ ވަރުގެ ގެއްލުމާ އިޒްރޭލަށް ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އީރާނުން އިޒްރޭލަށް އާދިއްތަ ދުވަހު ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ މި އިންޒާރު އައީ ހޮނިހިރު ދުވަހު ގޯލާން ހައިޓްސްގެ މަޖްދާލް ޝަމްސް އަށް އެރި ރޮކެޓް ހަމަލާ އާ ގުޅިގެން އިޒްރޭލުން އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲ އަށް ދީފައިވާ ދަނޑިވަޅެއްގައެވެ. ހިޒްބުﷲ އިން ބުނެފައިވަނީ އެ ހަމަލާ އާ އެ ޖަމާއަތާ ގުޅުމެއް ނެތް ކަމަށެވެ.

ތަންދޮރު ނުބަލާ ޔަހޫދީ ދައުލަތުން އަޅާ ކޮންމެ ފިޔަވަޅަކުން ސަރަހައްދުގެ ހަމަ ނުޖެހުން އިތުރަށް ފުޅާވެ، ހަނގުރާމަ ފެތުރިގެން ދާނެ
އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ

އޭނާ ވިދާޅުވީ، ވިސްނުމެއްނެތި އިޒްރޭލުން އަމަލު ކުރާ ގޮތުން ދެން ނުކުންނަ ނަތީޖާގެ ޒިންމާ އިޒްރޭލުން ނަގަންޖެހޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު މަޖްދާލް ޝަމްސް ގައި ހިނގި ހާދިސާ އާ ގުޅިގެން ދެކުނު ލުބުނާނުގެ އެކި ސަރަހައްދު ތަކަށް ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ވަނީ ބޮން އަޅާފައެވެ.

މަޖްދާލް ޝަމްސް އަށް އެރި ރޮކެޓް ހަމަލާ އަކީ ހިޒްބުﷲ އިން ދިން ހަމަލާ އެއް ނޫން ކަމަށް އެ ޖަމާއަތުން ބުނަމުން ދިޔަ ނަމަވެސް، އިޒްރޭލުން އެ ހަމަލާ ހިޒްބުﷲ ގެ ބޮލުގައި ވަނީ އަޅުވާފައެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ހަމާސްގެ ބޮލުގައި އެ ހަމަލާގެ ޒިންމާ އިޒްރޭލުން އަޅުވަނީ، ގާޒާ ގައި އިޒްރޭލުން ހިންގާ ޖަރީމާ ތަކުގެ ފޯކަސް އަނބުރާލާ، ދުނިޔޭގެ ސަމާލުކަން އެހެން ދިމާލަކަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

މި ހިނގި ހާދިސާ ގެ ކުރިން ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާއަތުން ގޯލާން ހައިޓްސްގެ އަސްކަރީ ހަތަރު ޓާގެޓަކަށް ހޮނިހިރު ދުވަހު ހަމަލާ ދިން ކަމަށެވެ. މަޖްދާލް ޝަމްސްގެ ހާދިސާ ހިނގިފަހުން އެ ހަމަލާ އަކީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ހިޒްބުﷲ ގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ދިން މައުލޫމާތު ގައި ބުނެފައިވެއެވެ.

ގޯލާން ހައިޓްސްގެ ފުޓްބޯޅަ ދަނޑަކަށް އެރި މި ރޮކެޓް ހަމަލާގައި 12 ކުޑަކުދިންނާ ބޮޑު މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް އާ ހަވާލާދީ ބީބީސީ އިން ވަނީ ބުނުފައެވެ.

މަޖްދާލް ޝަމްސް އަކީ ގޯލާން ހައިޓްސްގެ ހަތަރު އަވަށުގެ ތެރެއިން އާބާދީގައި ގާތްގަނޑަކަށް 25،000 ހިމެނޭ އަރަބި ބަހުން ވާހަކަ ދައްކާ މީހުން އުޅޭ އަވަށެކެވެ. މިއީ 1967 ވަނަ އަހަރު ސީރިއާ ގެ ބިމުން އިޒްރޭލުން ގަދަކަމުން ހިފާފައިވާ ސަރަހައްދެކެވެ. އެހެން ނަމަވެސް ބައިނަލް އަގްވާމީ މުޖްތަމައުން މިއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.

އީރާނުން ބުނެފައިވަނީ، މަޖްދާލް ޝަމްސް ގައި ހިނގި ރޮކެޓް ހަމަލާގެ ހާދިސާ އާ ގުޅިގެން ވާހަކަ ދެއްކުމުގެ ހައްގެއް އިޒްރޭލަކަށް ނޯންނާނެ ކަމަށާއި އެއީ އެ ބިމަކީ ގަދަކަމުން އިޒްރޭލުން ފޭރިގަނެފައިވާ ބިމަކަށް ވާތީ ކަމުގައެވެ.

1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު އީރާނުން އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް