ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 20:51
އިސްރާއީލުގެ އަސްކަރިއްޔާ ފަލަސްތީނުގެ ދެކުނަށް ހޮވިޓްޒަރ ބަޑީގެ ހަމަލާތަކެއް ދިނުން
އިސްރާއީލުގެ އަސްކަރިއްޔާ ފަލަސްތީނުގެ ދެކުނަށް ހޮވިޓްޒަރ ބަޑީގެ ހަމަލާތަކެއް ދިނުން
ޕްރެސް ޓީވީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ދަރިފުޅުގެ ކުރިމަތީގައި، ދިރިއޮތް މަންމަގެ ގައި މަތިން އިޒްރޭލުގެ ޓޭންކް ދުއްވާ ޗިސްކޮށްލައިފި
ހާދިސާ ހިނގީ ގާޒާ ސިޓީގެ ޝުޖައްޔާ ސަރަހައްދުގައި މި ދިޔަ ބުރާސްފަތި ދުވަހުއެވެ.

ދަރިފުޅުގެ ލޯ ކުރިމަތީގައި، ފަލަސްތީނުގެ އުމުރުން 65 އަހަރުގެ ސާފިޔާ ހަސަން މޫސާ އަލް ޖަމާލްގެ ގައި މަތިން އިޒްރޭލް ސިފައިން ޓޭންކް ދުއްވާ ޗިސްކޮށްލައިފިއެވެ.

މި އަނިޔާވެރި ހާދިސާ ހިނގި ގޮތުގެ ތަފްސީލް ޔޫރޯ-މެޑިޓަރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރ (ޔޫރޯމެޑް) އިން ވަނީ އާދިއްތަ ދުވަހު ހާމަ ކޮށްފައެވެ.

ހާދިސާ ހިނގީ ގާޒާ ސިޓީގެ ޝުޖައްޔާ ސަރަހައްދުގައި މި ދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ޙާދިސާ ހިނގީ ސާފިޔާގެ ފިރިހެން ދަރިފުޅު، އުމުރުން 28 އަހަރުގެ މުހައްނަދު އަލް ޖަލާލްގެ ކުރިމަތީގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

ޔޫރޯމެޑް އަށް މުހައްނަދު ކިޔައިދިން ގޮތުގައި، އޭނާ އާއި އޭނާގެ މަންމަ އާއި، 3 އަންހެން ކޮއްކޮ އާއި އާއިލާގެ އެހެން ކުއްޖަކާ އެންމެން ގޭ ތެރޭގައި ބުރާސްފަތި ދުވަހު ތިބީ ފިލައެވެ. އެއީ އެ އަވަށަށް އިޒްރޭލް ސިފައިން އަރައިގެން އުޅޭތީ އެމީހުންގެ ކިބައިން ސަލާމަތް ވުމަށް ކަމަށް މުހައްނަދު ބުނެފައިވެއެވެ.

"އިރު އޮއްސުނު ފަހުން ވަރަށް ގާތުން ބަޑިޖަހާ އަޑު އިވެން ފެށީ، އެ ހިސާބުން އެނގިއްޖެ ގެ ހަލާކު ކޮށްލާފައި ގޭތެރެއަށް ވަނީކަން،" މުހައްނަދު ބުންޏެވެ.

"އެމީހުންނަށް އަހަރެމެން ކޮޓަރި ތެރޭ ތިއްބާ ފެނުމުން، ފާރުތަކަށް އެގޮތް މިގޮތައް ބަޑި ތަޅަން ފެށީ، ބަޑި ޖަހަމުން 5 ބޮން ވެސް އެއްލި، އެއްޗެހި ތައް ގޮވާ، ތޫނު އެއްޗެއް މަގޭ ބުރަކައްޓަށް ވަތް، މަންމަގެ މެޔަށް ބޮމުން ބުރައިގެން ދިޔަ ތޫނު ބައެއް ވަތް، އެކުގައި ތިބި ކޮއްކޮމެންވެސް ތިބީ އަނިޔާވެފައި،" މުހައްނަދު އާ ހަވާލާދީ ބަޔާނުގައި ބުނެފައިވެއެވެ.

މުހައްނަދު ބުނިގޮތުގައި ބޮޑެތި ޒަޚަމް ތަކާ އެކު ގޭތެރޭގައި ބަންދު ކޮށްފައި 3 ގަޑީއިރަށް ވުރެ ގިނަ އިރު އިޒްރޭލް ސިފައިން އެމީހުން ބޭތިއްބި ކަމަށެވެ.

މުހައްނަދު ބުނީ، އެގޮތައް ތިއްބާ އިޒްރޭލް ސިފައިން އައިސް އޭނާ އާއި ހޭނެތިފައި އޮތް އޭނާގެ މަންމަ ނަގައިގެން އިޒްރޭލު ސިފައިން ޓޭންކް ގައި ގެންދިޔައީ ހަތަރު އަނގޮޅި ސަރަހައްދަކަށް ކަމަށެވެ.

"އަހަރެން ހީކުރީ ގެންދަނީ ސިއްހީ ޚިދުމަތްދޭ ތަނަކަށް ކަމަށް، އޭގެ ބަދަލުގައި އެމީހުން ބޭނުން ހިސާބަކަށް ގެންގޮސް އަހަންނާ އަހަރެންގެ މަންމަ ކޮއްޕާ ބިންމައްޗަށް ވައްޓާލީ،" އޭނާ ކިޔައިދިނެވެ.

"ދެން އިޒްރޭލް ސިފައިން ޓޭންކަށް އަރާ ފަހަތައް ދުއްވާލީ، އަހަރެންގެ މަންމަގެ ގައި މަތިން ދިޔައީ، އަހަންނަށް ހީވީ އަހަރެން ދުނިޔެއިން މޮޔަވީ ކަމަށް، އަޑުން އަޑު ނަގާ ރޮއި ހަޅޭއްލެވިން." މުހައްނަދު ހާދިސާ ކިޔައިދެމުން ބުނެފައިވެއެވެ.

ޔޫރޯ-މެޑް އިން މީގެ ކުރިންވެސް ވަނީ ގާޒާ ގައި ފުރާނަ ހުރި އިންސާނުގެ ގައިމަތިން އިޒްރޭލް ސިފައިން ޓޭންކް ދުއްވި މިފަދަ އެތައް ހާދިސާއެއް ޑޮކިއުމެންޓް ކޮށްފައެވެ.

"ދިރި ތިއްބާ ގައިމަތިން ގަސްތުގައި ޓޭންކް ދުއްވާ ޗިސްކޮށް މަރާލުމަކީ، ގާޒާ ގައި ފަލަސްތީނު މީހުން އަނިޔާވެރި ކަމާއެކު މެރުމަށް އިޒްރޭލު ސިފައިން ބޭނުން ކުރާ ގޮތެއް،" އިންސާނީ ހައްގުތަކާބެހޭ މި ގްރޫޕްގެ ބަޔާނުގައި ވެއެވެ.

މިފަދަ އަނިޔާވެރި ގޮތްގޮތައް އިޒްރޭލުން މީހުން މަރަމުން ގެންދަނީ، މުޅި އާބާދީ އަށް ޖުމްލަ ކޮށް އަދަބު ދިނުމުގެ ނިޔަތުގައި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ކުރުމުގެ ބޭނުމުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި