ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަހުގެ ޝިއާރަކީ " ދެމެހެއްޓެނެވި ތަރައްޤީ ކުރިއަރުވާ، މުސީބާތުގެ ވަގުތުގައި ބަޑުހައިހޫނުކަން ނައްތާލުމަށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ފައިދާ ފުރިހަަމަ އަށް ލިބިގަތުން" މިއެވެ.
މި ޝިއާރުގެ ދަށުން މަސައްކަތް ކުރަމުން ދާއިރު ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަނޑައަޅާފައި ވަނީ 2030 ވަނަ އަހަރެވެ. އެހެންކަމުން ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރަން ދެން އަހަރުމެންނަށް ލިބޭނީ 6 ވަރަކަށް އަހަރު ދުވަހެވެ. އެ މަސައްކަތުގެ ކުރިއެރުން އަދި ފެންނަނީ ވަރަށް ދަށްކޮށް ކަމަށް ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ. ދިރިއުޅުމުގެ ޚަރަދުތަކާއި ގުޅިފައި ހުރި ގިނަ ގޮންޖެހުންތަކަކާއި، ގިނަ ޤައުމުތަކުން ދަނީ ކުރިމަތިލަމުންނެވެ. އޭގެ ތެރޭގައި ފިސްކަލް، ތަރައްޤީ އަދި މޫސުމީ ކަންކަމާއި، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތައް ހިމެނެއެވެ. ހަމައެހެންމެ އިގްތިސާދީ ގޮތުން ވެސް ދުނިޔެ އޮތީ އެންމެ ދުޅަހެޔޮ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ގައުމުތަކުގެ އިގްތިޞާދު އާރާސްތުކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކެއް ޔޫއެންގެ ނަޒަރުގައި އެބަހުއްޓެވެ.
ވަރަށް ގިނަ ފަހަރު އަހަރެެމެންނަށް ހީވެފައި އޮންނަނީ އާއްމުންނަށް ކުރިއެރުން އަންނަނީ ބޮޑެތި އުމްރާނީ މަޝްރޫތަކުން ކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތައް ވަރުގަދަކުރުމުން އެކަނި އިގްތިސާދު ނެގެހެއްޓޭނެ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދައުރު އިގްތިޞާދުގައި ބޮޑުކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް ޔޫއެންގެ ތަފާސްހިސާބުތަކުން އެކަން އޮތީ އެހެން ނޫންކަން ހާމަވެއެވެ.
މި އަހަރުގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދުވަހުގެ ޝިއާރާއި އެކު އެކަންކަމާއި ކުރިމަތިލުމުގައި މި ވިޔަފާރިތަކުގެ ދައުރަށް ޔޫއެން އިން ވަނީ އަލިއަޅުވާލާފައެވެ. ޔޫއެންއިން ފާހަގަކުރާ ގޮތުން މި ދުވަހަކީ ސްޓޭކް ހޯލްޑަރުންނާއި، ގޮތް ނިންމާ ޕޮލިސީ މޭކަރުން އަދި މާލީ އިދާރާތަކާއި، ބޮޑެތި ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވާންވީ ވަގުތެވެ. 2030ގެ އެޖެންޑާ އާއި ހަމައަށް ވާސިލްވުމަށް އޮތް އެންމެ މުހިންމު މަގަކީ އެއީ ކަމަށް ޔޫއެންއިން ޤަބޫލުކުރެއެެވެ. އެހެން ޤަބޫލުކުރާ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ޔޫއެންގެ ތަފާސްހިސާބުތައް ބުނާގޮތުން 90% ވިޔަފާރިތައް ހިއްސާކުރަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ވަޒީފާގެ ގޮތުން ބަލާ ނަމަ 70% ވަޒީފާގެ ފުރުސަތުތައް އޮތީ މި ވިޔަފާރިތަކުގައެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާ އިރު ޖީޑީޕީގެ 50% ހިއްސާކުރަނީ މި ވިޔަފާރިތަކެވެ. އަދި މިއީ ގިނަ މުޖުތަމައުތަކުގައި އެކަން އޮތް ގޮތެވެ.
އެހެންކަމުން ވަށާޖެހޭ އިގްތިޞާދެއް ހޯދުމަށް ކުރާ މަސައްކަތުގައި، ވަކިވަކި ފަރުދުންނާއި މުޖުތަމައު ބާރުވެރިކުރުވުމަށް މި ވިޔަފާރިތައް ކުރިއެރުވުން ވަރަށް މުހިންމެވެ. އާއްމުންގެ ދުޅަހެޔޮކަމާއި، އާއްމުންގެ ބައިވެރިވުން އިގްތިޞާދުގައި އިތުރުކުރުމަށް އިސްކަންދޭ ނަމަ ގައުމުގެ އެތެރޭގެ އިގްތިސާދު ވަރުގަދަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން މުހިންމު ވަނީ މި ސަބަބާއި ހުރެއެވެ.
ޔޫއެންއިްނ އިތުރަށް ބުނެފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ ކަމަށެވެ. އަދި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އެ ވިޔަފާރިތަކުން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ހަވާސާވެފައިވާ މީހުންނާއި، އަންހެނުންނާއި، ޒުވާނުންނަށް ދެމެހެއްޓެނެވި ފުރުސަތުތަކެއް ލިބޭނީ ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައިގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ވަޒީފާތައް އުފެއްދުމަށާއި އިގްތިޞާދު ކުރިއެރުވުމަށް މި ވިޔަފާރިތަކަށް ރަނގަޅަށް ފޯކަސް ކުރެވޭނަމަ މަގުފަހިވާނެ ކަމަށް ޔޫއެން އިން ބުނެއެެވެ.