ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 09:35
ކޮކާކޯލާއިން ބަންގުލަދޭޝްގައި ހެދި އިސްތިހާރު
ކޮކާކޯލާއިން ބަންގުލަދޭޝްގައި ހެދި އިސްތިހާރު
ރާއްޖެއެމްވީ
ކޮކާކޯލާ އިސްތިހާރު
އިޒްރޭލާ ގުޅުމެއް ނެތްކަން އަންގަން ހެދި އިސްތިހާރު ގޮވީ އަތަށް!
ކޮކާ ކޯލާއަކީ އިޒްރޭލުގެ އުފެއްދުމެއް ކަމަށް ބުނެ، ފަތުރަނީ "ދޮގު މައުލޫމާތެއް" ކަން ދައްކުވައިދޭން އުޅުނު
ބަންގުލަދޭޝްގެ ކޮކާ ކޯލާގެ ވިޔަފާރި، 23 ޕަސެންޓް ދަށަށް ގޮސްފައިވޭ

60 ސިކުންތެވެ. ނުވަތަ އެންމެ މިނެޓެކެވެ. ހާދަހާވާ ބާރުގަދައެވެ. ދައްކަން މި އުޅެނީ އަވަށްޓެރި ބަންގްލަދޭޝްގައި ހޫނުވަމުން އަން ފިނި ބުއިމެއްގެ އިޝްތިހާރުގެ ވާހަކައެވެ. 60 މިނެޓަށް ދެމިގެންދާ ކޮކާ ކޯލާ އިޝްތިހާރެއްގެ ވާހަކައެވެ. މި ބުނާ އިޝްތިހާރާ ގުޅިގެން ފާޑުކިޔުންތަކުގެ ތޫފާނީ ކޮޅިގަނޑެއް ވަނީ އުފެދިފައެވެ. ބަންގްލަދޭޝްއަކީ، ޣައްޒާގައި ގަތުލުއާންމު ހިންގަމުން ގެންދާ ނިރުބަވެރި އިޒްރޭލާ ދުރުވަމުން ދާ ޤައުމެއް ކަމަށް އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ކުލަވަރު ދައްކާތީއެވެ.

ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުވުމަށް ބައިނަލްއަގުވާމީ ބާރުތަކުން ފެއިލްވެފައި އޮތެއް ކަމަކު، އާންމު ފަރުދުން ދަނީ ސާބިތު ޙަމަލާތަކެއް ދެމުންނެވެ. އިޒްރޭލާ އޮންނަ ގުޅުމެއްގެ ސަބަބުން، މުސްލިމު އަޣުލަބިއްޔަތު އޮންނަ ޤައުމުތަކުން އެންމެ ފުރަތަމަވެސް ބޮއިކޮޓް ކުރަން ފެށި އެކައްޗަކަށް ވީ ކޮކާ ކޯލާއެވެ. ގަތުލުއާންމު ފެށިތާ މާ ގިނަ ދުވަހެއް ނުވެ، ކޮކާ ކޯލާގެ ވިޔަފާރިއަށް އެކަމުގެ އެނގުން ވެލައިފިއެވެ.

ބަންގްލަދޭޝްގެ ބާޒާރަށް ބަލާއިރު އެކަނިވެސް، މިދިޔަ މުއްދަތުގެ ތެރޭގައި ކުރި ކޮކާ ކޯލާގެ ވިޔަފާރި، 23 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިދިޔަ މަސްތަކަކީ، ގެއްލެމުން ދިޔަ ސޭލްސް އަތުޖެއްސުމަށް ކޮކާ ކޯލާ ކުންފުނިންވެސް ވަރުގަދަ ކެމްޕޭންތަކެއް ކުރަމުން ދިޔަ ދުވަސްތަކެކެވެ. ނޫސްތަކުގެ ފުރަތަމަ ޞަފްޙާ އެކީ އެކައްޗަކަށް ފުރާލި އިޝްތިހާރުތައްވެސް މަދެއް ނޫނެވެ. މަޝްހޫރު ވެބްސައިޓްތަކުގައިވެސް ކޮކާ ކޯލާގެ އިޝްތިހާރުތަކެވެ.

ވިޔަފާރި ހިއްލާލުމުގެ ނިޔަތުގައި ކޮކާ ކޯލާ ކުންފުނިން އެންމެ ފަހުން ތައްޔާރު ކުރި އެއް އިޝްތިހާރު އާންމު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޓީވީއާއި ސޯޝަލް މީޑިއާ ޕްލެޓްފްމޯތަކަށް ދޫކޮށްލި އިޝްތިހާރުގެ މަޤްޞަދަކަށް ވީ، ކޮކާ ކޯލާއަކީ އިޒްރޭލުގެ އުފެއްދުމެއް ކަމަށް ބުނެ، ފަތުރަނީ "ދޮގު މައުލޫމާތެއް" ކަން ދައްކުވައިދިނުމެވެ. އެގޮތުން "ކޮކާ ކޯލާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 190 އަށް ޤައުމެއްގައި އެތައް ބަޔަކު، އެ ބުއިމަކަށް ލޯބިކުރާތާ 138 އަހަރު ވެފައިވާ ބުއިމެއް" ކަމަށް އެ އިޝްތިހާރުގައި އަންގައިދޭން މަސައްކަތް ކޮށްފައިވެއެވެ.

އިޝްތިހާރު ފެށިގެން އަންނައިރު ފެންނަނީ ހޫނު ގަދަ ދުވަހެއްގައި ބާޒާރުމަތީގައި ހުރި ޒުވާން ފިރިހެނަކު، މެދު ޢުމުރުގެ ސޭޓެއްގެ ގާތަށް ޖެހިލާ މަންޒަރެވެ. ސޭޓު އޭރު އިންނަނީ، ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކެއްގެ މަޤުބޫލުކަން ހޯދާފައިވާ ކޯކް ސްޓޫޑިއޯގެ ލަވައެއް އޭނާގެ ފޯނުން އަޅުވައިގެން، އެ ބަލާށެވެ. ދާހިއްލާ ފޯވެފައި ހުރި ކަސްޓަމަރާ ދިމާއަށް މޭޒުމަތީ ފަންކާ އަނބުރާލަމުން، ކޯކު ފުޅިއެއް ދޭންވީތޯ ސޭޓު ސުވާލުކޮށްލައެވެ. ޖަވާބުގައި ކަސްޓަމަރު ބުނަނީ، މިހާރު ތި އެއްޗެއް ނުބޯ ކަމަށެވެ. އެއީ ކީއްވެތޯ ސޭޓު ސުވާލު ކުރުމުން، ތީ އެއްކަލަ ތަނުގެ އެއްޗެކޭ ކަސްޓަމަރު ބުނެއެވެ. އެއީ ކޮން ތަނެއްކަން ސީދާ ޢިބާރާތުން ނުބުނި ކަމުގައި ވީ ނަމަވެސް، އެ ދައްކަނީ އިޒްރޭލުގެ ވާހަކަކަން ލަސްތަކެއް ނުވެ އެނގެއެވެ. ކޮކާ ކޯލާއަކީ އެ ބުނާ ތަނެއްގެ އެއްޗެއް ނޫން ކަމަށާއި، އެ ގޮތަށް ހީވެފައި އޮންނަނީ ދޮގު މައުލޫމާތެއްގެ ސަބަބުން ކަން ވިސްނައިދޭން ސޭޓު މަސައްކަތް ކުރެއެވެ. ސޭޓުގެ ވާހަކަތަކަށް ކަސްޓަމަރު އެންމެ ފަހުން ދީލާލައެވެ.

މި އިޝްތިހާރު އެންމެ ފުރަތަމަ ބަންގްލަދޭޝްގައި ދައްކާފައިވަނީ މިހާރު ކުރިއަށްދާ، ޓީ20 ވޯލްޑް ކަޕްގައި އިންޑިއާއާއި ޕާކިސްތާން ކުޅުނު ކްރިކެޓް މެޗުގެ ތެރޭގައެވެ. އޮންލައިން އަދި އޯފްލައިން ހޮޅުއަށިތަކުގައި ހޫނު ބަހުސްތައް އިސާހިތަކު ފެށިއެވެ. އެތައް ބައެއްގެ ފާޑުކިއުންތަކުގެ އަޑުފަށްގަނޑު ގަދަވިއެވެ. އިޝްތިހާރު ކުށްވެރިކޮށް، އެތައް ބަޔަކު އަޑު އުފުލަން ފެށިއެވެ. މި އިޝްތިހާރުގެ ސަބަބުން ކޯކުގެ ވިޔަފާރި ހީނަރުނުވިއްޔާ ދެން ވާނެ އެހެން ގޮތެއް ނޭނގޭ ކަމަށް، ޔުނިވަރސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރަކު ބުންޏެވެ. ޑާކާގައި ވިޔަފާރި ކުރާ ޙަސަން ޙަބީބު ބުނި ގޮތުގައި އިޝްތިހާރުގެ ސަބަބުން، އޭނާގެ ބޮއިކޮޓް ކުރުން ހަމަ ދާނީ އަދިވެސް ކުރިއަށެވެ. އިޒްރޭލާ ގުޅުމެއް ނެތް ކަމަށް ދައްކަން އުޅުމަކީ، ބޮއިކޮޓް ކެމްޕޭން ކުރިއަށް ގެންދަންވީ ސަބަބު ކަމަށް އޭނާ ބުނެއެވެ.

މި އިޝްތިހާރަށް އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ، "ޚުދު ފަލަސްޠީނުގައިވެސް ކޯކް ފެކްޓަރީއެއް ހުންނަ ކަމަށް" އިޝްތިހާރުގައި ބުނާތީއެވެ. ފަލަސްޠީނުގައި ކޯކު ފެކްޓަރީއެއް ހުރެއޭ ބުނާ ބަހުގެ ޙަޤީޤަތަކަށް ބަލަމާ ހިނގާށެވެ. އެ ކާރުޚާނާ ހުންނަނީ އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ އަތާރޫތުގައެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ޚިލާފަށް އިޒްރޭލުން ވެރިވެގަނެ، ޤަވައިދާ ޚިލާފަށް ވަޒަންވެރިވެގަނެގެން އުޅޭ ސަރަޙައްދެކެވެ. އިޝްތިހާރުގައި އެފަދަ ގޮތަކަށް އެ ވާހަކަ ގެނައުމަކީ، އިޒްރޭލުގެ ގަދަ ބާރުން ބިންތައް ފޭރެމުން ދާ ދިއުމުގެ ސަބަބުން ނިކަމެތި ވަމުން ދާ ފަލަސްޠީނުގެ ރައްޔިތުން ކުޑައިމީސް ކުރުން ކަމަށް، ޑާކާގައި ވިޔަފާރީގެ ރޮނގުން ދިރާސާ ކުރާ ނާދިޔާ ތަބައްސުމް ވަނީ ފާހަގަ ކޮށްފައެވެ.

ކޮކާ ކޯލާ އިޝްތިހާރާ ދެކޮޅަށްވެސް އިޝްތިހާރު ހަދަން ފެށިއެވެ. އެގޮތުން، ބަންގްލަދޭޝްގައި އޮންލައިން ޕްލެޓްފޯމްގައި ބޫޓާއި ފައިވާން ވިއްކާ ފިހާރައަކުން ވަނީ، އެ ފިހާރައިން ވިއްކާ ބޫޓަކަށް އަރައިގެން ހުންނަ މީހަކު، ކޮކާ ކޯލާ ފުޅީއެއްގައި ފައިން ޖަހާ މަންޒަރު ފެންނަ އިޝްތިހާރެއް އާންމު ކޮށްފައެވެ. އެއީ ކޯކް ބޮއިކޮޓް ކުރުމަށް ހިންގާ ހަރަކާތާއެކު އެ ވިޔަފާރިވެސް ދެމި އޮތްކަން އަންގައިދޭން ކުރި ކަމެއް ކަމަށް އެ ވިޔަފާރީގެ މާކެޓިންގް މެނޭޖަރު، ޢަބްދުލް އަލް ނަޔާން ބުނެއެވެ. މުސްލިމަކަށް ވީތީ، ކަނޑައެޅިގެން ކޯކްއާ ދެކޮޅު ކަމަށާ، ވަކިން ހާއްސަކޮށް، އިޒްރޭލާ ގުޅުމެއް ނެތްކަން ދައްކުވައިދިނުމަށް ކޯކްއިން ފެއިލްވެފައި ވާކަންވެސް އޭނާ ފާހަގަ ކުރިއެވެ.

ބަންގްލަދޭޝްގެ ނޯތު-ސައުތު ޔުނިވަރސިޓީގައި މާކެޓިންގް ކިޔަވައިދޭ ލެކްޗަރަރެއް ކަމަށްވާ ޢުމަރު ނާސިފު ޢަބްދުﷲގެ ވާހަކަވެސް ހުރީ އެފަދަ ގޮތަކަށެވެ. ކޮކާ ކޯލާގެ އިޝްތިހާރުން އަންގައި ދެނީ، ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ދެނެގަތުމަށް އެ ކުންފުނި ފެއިލްވެފައި ވާ ކަން ކަމަށް ޢުމަރު ސިފަ ކުރިއެވެ. އެއީ އަދުގެ މާކެޓިންގް ދުނިޔޭގެ ނަޒަރުން ބަލާއިރު، މަޢާފު ދެވެން ނެތް ވަރުގެ ކުށެއް ކަމަށްވެސް އޭނާ ވަނީ ސިފަކޮށްފައެވެ.

މި ބުނާ އިޝްތިހާރާ ދެކޮޅަށް އުފަލަމުން ދިޔަ ނުރުހުމުގެ އަޑުތައް، ކޮކާ ކޯލާ ކުންފުނީގެ ކަންފަތުގައި ޖެހި، އެކަން ހަޖަމު ވާ ގޮތެއް ނުވިއެވެ. ދެން ފެނިގެން ދިޔަ 5 ވަރަކަށް ގަޑިއިރަށް، އެ ކުންފުނީގެ ޔޫޓިއުބް ޗެނަލާއި ފޭސްބުކް ޕޭޖުތަކުން އެ އިޝްތިހާރު ނެގި މަންޒަރެވެ. އެއްވެސް ތަފްސީލެއް ނުދެއެވެ. ރޭގަނޑުވެގެން އައި އިރު، އަޑެއްބަޑެއްވެސް ލައްވާނުލާ އެ އިޝްތިހާރު އަނެއްކާވެސް 'ލައިވް' ކުރިއެވެ. ނުރުހުމުގެ ޝިއާރު ފާޅު ކުރާ މީހުންގެ އަޑު ކަނޑުވާލުމަށްޓަކައި، އެ އިޝްތިހާރަށް ކޮމެންޓް ނުކުރެވޭ ގޮތަށް ސެޓިންގްސްވެސް އޮތީ ބަދަލު ކޮށްފައެވެ. ޓީވީ ބްރޯޑްކާސްޓްގައި ހުއްޓުމެއް ނެތި އިޝްތިހާރު ދިޔައީ ކުރިއަށެވެ.

ފަލަސްޠީނުގެ މަސްރަހުން ޚަބަރުތައް ތިލަކޮށްދިނުމުގައި އެންމެ ސާބިތުކަމާއެކު ދެމި އޮތް ބައިނަލްއަޤުވާމީ ނިއުސް އޭޖެންސީ، އަލްޖަޒީރާއިން ވަނީ، ބަންގްލަދޭޝްގައި ތިބޭ ކޮކާ ކޯލާ ކުންފުނީގެ އެކި އޮފިޝަލުންނާ ގުޅައިގެން ބަހެއް ލިބޭތޯ ބަލާފައެވެ. ނަމަވެސް، އެއްވެސް އިޖާބައެއް ނުލިބޭކަން އަލްޖަޒީރާއިން ވަނީ ފާހަގަ ކޮށްފައެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމު ފެށުމާ އެކުގައިހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޯކްއަށް ކުރަން ފެށި ނަފުރަތުގައި ހުޅުފަޅައިގެން ދިޔައެވެ. ސަބަބަކީ އެމެރިކާގެ ބްރޭންޑަކަށް ވުމެވެ. ބޮއިކޮޓް ކޭމްޕްތަކާއެކު އިޤްތިޞާދީ ޕްރެޝަރު ބޮޑުވެ، އިޒްރޭލާ ދެކޮޅަށް ތެދުވަން އެމެރިކާއަށް މަޖުބާރުވެދާނެ ކަމަށް ޤަބޫލުކުރެވިގެން އުފެދުނު ކެމްޕޭނެއްކަން ޑާކާގައި ހުންނަ ސިޔާސީ އެނަލިސްޓް، ޒާހިދުއްރަޙްމާން ސިފަކުރިއެވެ. ކޯކްއަކީ ސީދާ ގޮތެއްގައި އިޒްރޭލުގެ މުއައްސަސާތަކަށް ޚަރަދު ކުރާ ބްރޭންޑެއް ކަމަށް ޤަބޫލު ކުރާ ގިނަ ބަޔަކު ބަންގްލަދޭޝްގައި ތިބިކަން އޭނާ ފާހަގަ ކުރިއެވެ.

ބަންގްލަދޭޝްގައި ކޮކާ ކޯލާގެ ފުޅި ބަންދު ކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު، ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ އެ ހުރިހާ އޮޕަރޭޝަންތަކެއް، ތުރުކީ އެސޯސިއޭޓް ކޮކާ-ކޯލާ އިޝެޖެކްއާ ހަވާލު ކޮށްފައެވެ. އެމެރިކާގައި މަރުކަޒު ކޮށްގެން ހިންގާ އެ ކުންފުނިން ވަނީ، ވިޔަފާރީގެ ހިންގުމަށް ގެނައި އެ ބަދަލަކީ، ސޭލްސް ދަށްވުމާ ގުޅުން ހުރި ކަމެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. ކަން އެހެން އޮތް ނަމަވެސް، މުސްލިމު ޤައުމަކާ އޮޕަރޭޝަން ހަވާލު ކުރުމަކީ، ބަންގްލަދޭޝްގެ ބާޒާރުގައި ކޮކާ ކޯލާއަށް ގެއްލިފައި އޮތް މަޤާމު އަލުން ހޯދުމަށް ނިންމި ނިންމުމެއް ކަމަށް ޒާހިއްދުއްރަޙްމާން ޤަބޫލު ކުރެއެވެ.

"ރަސްމީ" ކޯލާއަށް އާންމުންގެ މެދުގައި މަޤުބޫލުކަން ގެއްލެއްމުން ދާ އިރު، ބަންގްލަދޭޝްގައި ވިއްކާ ދޭސީ ކޯލާ ބްރޭންޑެއް ކަމަށްވާ މޯޖޯގެ މަޤުބޫލުކަން ދަނީ އިތުރު ވަމުންނެވެ. މިދިޔަ 20 އަކަށް އަހަރު ދުވަހަށް ބަލާއިރު، ކޯލާ ބާޒާރުގައި މޯޖޯގެ މާ ބޮޑު ހިއްސާއެއް ނުވެސް ނެތެވެ. ނަމަވެސް، މިއަދު ގިނަ ބަޔަކަށް ކޮކާ ކޯލާގެ ބަދަލުގައި ފެންނަ އިޚްތިޔާރަކަށް މޯޖޯ އޮތީ ވެފައެވެ.

ކޮކާ ކޯލާއަށް އެތައް ބަޔަކު ކުރަމުން ދިޔަ ނަފުރަތުގެ ހުޅުގަނޑު ފަޅާލި އިޝްތިހާރުގައި ސޭޓުގެ ރޯލުން ފެނިގެންދަނީ ބަންގްލަދޭޝްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައި ވާ އެކްޓަރު، ސަރަފް އަޙްމަދު ޖިބޫންއެވެ. އިޝްތިހާރުގެ މައްސަލަ ހޫނުވުމާއެކު ސަރަފް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ބަޔާނެއް އާންމުކޮށްފައެވެ. އެ އިޝްތިހާރު ޑައިރެކްޓްކޮށް، އެކްޓް ކުރުމަށް އޭނާ ހަޔަރ ކުރީ ކޮކާ ކޯލާ ކުންފުނިން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ އިޝްތިހާރުގައި އޭނާ ގެނެސްދީފައި ވާނީ އޭޖެންސީއިން އޭނާއަށް ދީފައިވާ ތަފާސް ހިސާބުތަކާއި މައުލޫމާތު ކަމަށް ސަރަފް ބުނެއެވެ. އެއީ އޭނާގެ ޕްރޮފެޝަނަލް މަސައްކަތުގެ ތެރެއިން ކުރި ކަމެއް ކަމަށާ، އިޒްރޭލުގެ ސަޕޯޓަރެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއްވެސް ހާލެއްގައި އިޒްރޭލަށް ސަޕޯޓް ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އޭނާގެ ހިތް އަބަދުވެސް އޮންނާނީ އިންސާފާއި އިންސާނިއްޔަތުކަމުގެ ފަޅީގައި ކަމަށްވެސް ޢުމުރުން 41 އަހަރުގެ ބަޠަލް ވަނީ އޭނާގެ ޕޯސްޓުގައި ބުނެފައެވެ.

ނަމަވެސް، އެ ވާހަކަތަކުން ބަންގްލަދޭޝްގެ ރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ކުޑަ ނަމަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ސަރަފްގެ ޢަމަލު ހުރި ގޮތާއި ބަސްމަގު ހުރި ގޮތުން، އޭނާގެ ކިބާގައިވި އިންސާނިއްޔަތުކަން، ފައިސާއަށް ވިއްކާލީތޯވެސް ސުވާލު އުފެއްދިއެވެ. އަހަރެމެން، ދިވެހިންގެ ހާލަތު ވަޒަން ކުރަން ތިޔަ ފަރާތަށް ދޫކޮށްލަމެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް