ކ. މާލެ
|
8 އޯގަސްޓް 2025 | ހުކުރު 16:49
އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ
އިނގިރޭސި ބޮޑުވަޒީރު ސްޓާމަރ
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ސިޓީ މުޅިން ހިފަން އިސްރާއީލުން ރާވާ ރޭވުން އިނގިރޭސި ބޮޑު ވަޒީރު ސްޓާމަރ ކުށްވެރި ކުރައްވައިފި
އިސްރާއީލުން ޣައްޒާ ސިޓީ މުޅިން ހިފުމަށް ރާވާފައިވާ ޕްލޭނަކީ އިތުރު ލޭއޮހޮރުވުން މެނުވީ ނުގެނެސްދޭނެ ކަމެއްކަމަށް އިނގިރޭސި ވިލާތުގެ ލީޑަރު ވިދާޅުވެއްޖެ. މިހާރުވެސް ގޯސްވަމުންދާ އިންސާނީ ހާލަތަށް އިތުރު ގެއްލުން ލިބި، ހަނގުރާމައިގައި ރަހީނު ކޮށްފައި ތިބި މީހުންގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅު ކުރައްވާފައި.

ޣައްޒާ ސިޓީ މުޅިން ހިފުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނަކީ "ރަނގަޅުނޫން" އަދި "އިތުރު ލޭއޮހޮރުވުން މެނުވީ ނުގެނެސްދޭނެ" ކަމެއް އިނގިރޭސި ބޮޑު ވަޒީރު ސަރ ކީރ ސްޓާމަރ ވިދާޅުވެއްޖެއެވެ.

ބެންޖަމިން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓު ގެ އަޣުލަބިއްޔަތުން މިޕްލޭން ފާސްކުރުމާއި ގުޅިގެން، "ޣައްޒާ ގައި ހިންގާ ހަނގުރާމަ އިތުރަށް ހޫނުވާނެ" ކަމަށް ގަބޫލު ކުރެވޭތީ މި ނިންމުން އަލުން ވިސްނުމަށް އިނގިރޭސި ބޮޑުވަޒީރު ވަނީ އިސްރާއީލު ސަރުކާރަށް ގޮވާލައްވާފައެވެ.

ނަތަންޔާހޫ ކުރިން މުޅި ޣައްޒާ ސްޓްރިޕްގެ ކޮންޓްރޯލް ހޯދަން ބޭނުންވާ ކަމަށް ބުނެފައި ވީ ނަމަވެސް، ފާސްކުރެވުނު ޕްލޭން އަމާޒު ކުރެވިފައި ވަނީ ޚާއްސަކޮށް އެ ސަރަޙައްދުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޣައްޒާ ސިޓީއަށް ކަކަމަށް ވެއެވެ. މި ނިންމުމާއި ގުޅިގެން އަސްކަރީ ލީޑަރުންނާއި، ޣައްޒާ ގައި ހިފަހައްޓާފައިވާ ރަހީނުންގެ ޢާއިލާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކަންބޮޑުވުން ފާޅު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އަދިވެސް ދިރި ތިބި ކަމަށް ޤަބޫލު ކުރެވޭ 20 ރަހީނުންގެ ފުރާނަ އަށް މި ހަނގުރާމައިގެ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

ބަޔާނެއްގައި ސަރ ކީރ ވިދާޅުވީ: "މި ޢަމަލުން މި ހަނގުރާމަ ނިމުމަކަށް ގެނައުމަކަށް ނުވަތަ ރަހީނުން ދޫކޮށްލުމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭނެ. އިތުރު ލޭއޮހޮރުވުން މެނުވީ ކުރިމައްޗެއް ނުވާނެ."

"ކޮންމެ ދުވަހަކު ޣައްޒާގެ އިންސާނީ ހާލަތު ގޯސްވަމުން ދާއިރު، ހަމާސް އިން ހިފަހައްޓާފައިވާ މީހުން ބައިތިއްބާފައި ތިބީ ވަރަށް ނުރައްކާތެރި އަދި ލާއިންސާނީ ހާލަތެއްގައި."

"އަޅުގަނޑުމެންނަށް މިހާރު ބޭނުންވަނީ ހަނގުރާމަ ހުއްޓުވުމަށާއި، އިންސާނީ އެހީ އިތުރުކުރުމަކާއި، ހަމާސް އިން ހުރިހާ މީހުން ދޫކޮށްލުމަށާއި، ވާހަކަ ދައްކައިގެން ހައްލެއް ހޯދުމެވެ."

އިތުރަށް ސްޓާމަރ ވިދާޅުވީ ޣައްޒާގެ މުސްތަޤުބަލުގައި ހަމާސް އަށް އެއްވެސް ދައުރެއް އަދާނުކުރެވޭނެ ކަމަށާއި، އަދި އެމީހުން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ: "އަޅުގަނޑުމެންގެ މެސެޖް ވަރަށް ސާފު: ޑިޕްލޮމެޓިކް ހައްލެއް ވެސް ހޯދިދާނެ، އެކަމަކު ދެފަރާތުން ވެސް ހަލާކުގެ މަގުން ދުރުވާން ޖެހޭނެ."

ލިބަރަލް ޑެމޮކްރެޓް ލީޑަރު ސަރ އެޑް ޑޭވީ ވިދާޅުވީ މި ޕްލޭންތަކަކީ "މުޅިން ނުބައި" އަދި "ނަތަންޔާހޫގެ މަޤްޞަދަކީ ނަސްލު ސާފުކުރުންކަން އިތުރަށް ސާފުވަމުން އެބަދޭ." ކަމުގައެވެ.

"މި ޕްލޭނުން ހަމައެކަނި ވާނެ ކަމަކީ އެތައް މިލިއަން ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ގެއްލުން ދިނުން - އެމީހުންގެ ގެދޮރާއި މުޖުތަމަޢު މިހާރު ވެސް ވަނީ ހަލާކުވެފައި - އަދި ހަމާސްގެ ބަންދުގައި ތިބި ރަހީނުންގެ ފުރާނަ އަށް ނުރައްކާވުން،" މި ޕްލޭންގެ ސަބަބުން ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަރުކަށި ބަޔާންތައް ނެރުމުގެ ބަދަލުގައި އިނގިރޭސި ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭ." "ސްޓާމަރ އިސްރާއީލަށް އިނގިރޭސި ވިލާތުން ފޮނުވާ ހުރިހާ ހަތިޔާރުގެ އެކްސްޕޯޓްތައް މިއަދުން މިއަދަށް ހުއްޓާލައި، ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓް ސެންކްޝަން ކުރަން ޖެހެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

މިއީ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް އާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެކެވެ. ވާންސް އާއި އޭނާގެ އާއިލާ މިވަގުތު ތިއްބެވީ އަމިއްލަ ޗުއްޓީއެއްގައި ޔޫކޭގައެވެ.

މި ދެފަރާތުން ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުވުމުގައި "ޔޫއެސް-ޔޫކޭ ގުޅުމާ ގުޅޭ އެކި ކަންތައްތަކާ މެދު" މަޝްވަރާ ކުރާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެއެވެ.

ފާއިތުވި ހަފްތާގައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ދެ ދައުލަތުގެ ހައްލަކަށް އެއްބަސްވެ، "ޣައްޒާގެ ވީރާނާ ހާލަތު" ނިމުމަކަށް ގެނައުމަށް މުހިއްމު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ސެޕްޓެމްބަރުގައި ފަލަސްތީން ދައުލަތެއް ޤަބޫލު ކުރާނެ ކަމަށް އިނގިރޭސި ވިލާތުން އިއުލާނު ކުރިއެވެ.

އިސްރާއީލުން އިނގިރޭސިވިލާތުގެ މި ނިންމުމަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި މިއީ "ހަމާސްގެ ޓެރަރިޒަމަށް ލިބޭ އިނާމެއް" ކަމަށް ބުނެފައި ވެއެވެ. އެއާއެކު އެމެރިކާ އާ އިނގިރޭސިވިލާތާ ދެމެދު ނުތަނަވަސްކަން އުފެދުނު ކަން ވެސް ފާހަގަ ކުރެވުނެވެ.

އެމެރިކާ އަދި އިސްރާއީލުން ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ނިންމުމަކީ ޙަމާސް އަށް ލިބޭ އިނާމެއްގެ ގޮތުގައި ވެގެން ދާނެއެވެ.

އދ އިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާ އެންމެ މަތީ ދަރަޖައިގައި ހަނގުރާމައިގައި ބައިވެރިވުމަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށާއި ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުންނަށް "ނުރައްކާތެރި ނަތީޖާތަކެއް" ކުރިމަތި ވެދާނެ ކަމެއް ކަމަށް ބުނެ އދ އިން އިންޒާރުދީފައި ވެއެވެ.

އިސްރާއީލުގެ ސިފައިން މިހާރު ކޮންޓްރޯލް ކުރަނީ ޣައްޒާގެ ތިން ބައިކުޅަ އެއްބައެވެ. އަދި އެތަނުގެ 2.1 މިލިއަން ރައްޔިތުން ދިރިއުޅެނީ އިސްރާއީލު ޑިފެންސް ފޯސް (އައިޑީއެފް) ކޮންޓްރޯލް ނުކުރާ ސަރަހައްދުގައެވެ.

ހުކުރު ދުވަހުގެ ހެނދުނު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި "ހަމާސް ބަލިކޮށް" އަދި "ހަނގުރާމަ ނިންމުމަށް" 5 ޕޮއިންޓުގެ ޕްލޭނެއް ހާމަ ކޮށްފައި ވެއެވެ.

"އައިޑީއެފް އިން ހަނގުރާމަ ކުރަމުންދާ ސަރަހައްދުން ބޭރުގައި ތިބި އާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް ތައްޔާރުވާނެ" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ޕްލޭންގައި ފަސް މަޤްސަދެއް ހިމެނެއެވެ. އެއީ ހަމާސް އަތުން ހަތިޔާރު އަތުލުމާއި، ހުރިހާ ރަހީނުން މިނިވަން ކުރުމާއި، ޣައްޒާ ސްޓްރިޕް އިން ހަތިޔާރު ނައްތާލުމާއި، ސަރަހައްދުގެ ސެކިއުރިޓީ ކޮންޓްރޯލް ހޯދުމާއި، "ހަމާސް އަދި ފަލަސްތީނު އޮތޯރިޓީ ނޫން އެހެން ސިވިލް އިދާރާ އެއް" ޤާއިމު ކުރުމެވެ.

- ކޮމެންޓް