ގއ. ވިލިނގިލި އަދި ކޮލަމާފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އަދި ބަނގުރާ އުފައްދައި ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި ހިނގާ މެއި މަހު 24 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާއި، މި ހަތަރު މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި މެއި 21 ވަނަ ދުވަހު ކޮލަމާފުށިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޮލަމާފުށި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު އޭނާގެ އަތުން ފެނުމާ ގުޅގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.