ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 14:39
އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ އިމާރާތެއް --- ފޮޓޯ: އަނަޑޯލު
އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ އިމާރާތެއް --- ފޮޓޯ: އަނަޑޯލު
ހަނގުރާމައިގެ އެންމެފަހުގެ މަޝްވަރާތައް
ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހުގެ އެއްބަސްވުމުގައި އިޒްރޭލާއި ހަމާސްގެ ކުރިމަތީގައި ހުރީ ކޮންކަންކަމެއް؟
 
ހަނގުރާމައަށް 6 މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު، އަދި އެތައް ފަހަރަކު މަޝްވަރާތައް ފެށި މެދުކެނޑިފައި

އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި އިޒްރޭލުގެ ގައިދީން އެނބުރި ގައުމަށް ގެނައުމަށް ސީރިއަސް ކޮށް މިހާރު މަޝްވަރާ ކުރަމުން އަންނަ ތަން ފެންނަކަމަށް ރިޕޯޓްތަކުން ހާމަވެއެވެ. ލީކުވެފައިވާ ހަނގުރާމައިގެ ހުށަހެޅުމަކުން އިޝާރާތް ކުރެވެނީ އެތައް މަހެއްވަންދެން މެދުކެނޑިފައި އޮތް މަޝްވަރާތަކަށް ފަހު ދެ ފަރާތުން ވެސް މިފަހަރުގެ އެއްބަސްވުންތަކަށް އިޖާބަދީ އަމަލީ ސިފަ ގެންނާނެ ކަމުގެ އިޝާރާތެކެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މި ހަފުތާގައި ވަނީ އިޒްރޭލަށް ތައުރީފު ކުރައްވައި، އިޒްރޭލުން ބޮޑެތި ލުއިތަކެއް ދޭނެކަމަށް ސިފަކުރައްވައި، ހަމާސް އިން އެއްބަސްވުމުގައި ސޮއިކުރަން ވީ ވަގުތު މިހާރު އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. ހަމާސްގެ ލީޑަރުން ބުނަނީ އެ ހުށަހެޅުން ރަނގަޅު ރޫހެއްގައި މުރާޖައާކޮށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

މިޞްރާއި ހަމާސްގެ އޮފިޝަލުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް، ފަރުދާގެ ފުރަގަހުގައި ކުރެވޭ މަޝްވަރާތަކާ ބެހޭގޮތުން ވާހަކަ ދެއްކެވިއިރު، މިހާރު ހުށަހެޅުއްވި ހުށަހެޅުއްވުމާ ބެހޭގޮތުން ބޮޑެތި ހަޤީޤަތްތަކެއް މިހާރުވަނީ މީޑިއާއަށް ތިލަވެފައެވެ.  

ހުއްޓިފައިވާ ދެފަރާތުގެ މަޝްވަރާތައް

ހަނގުރާމައަށް 6 މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު، އަދި އެތައް ފަހަރަކު މަޝްވަރާތައް ފެށި މެދުކެނޑިފައިވާއިރު، އިޒްރޭލުގެ ލީޑަރުން ގެންދަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް އެރުން ލަސްކޮށް ނުވަތަ ނާރާވާނެ ގޮތެއް އޮތްތޯ ބަލަމުން ކަމަށް ބައެއްރިޕޯޓްތައް ބުނެއެވެ. އެކަމަކު އިޒްރޭލުގެ ބޮޑުވަޒިރު ނަތަންޔާހޫ ގެންދަވަނީ މަޝްވަރާތައް ކޮންމެ ގޮތަކަށް ދިޔަކަމުގައިވިޔަސް ރަފަހަށް އަރާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އޭނާގެ އެ ވާހަކައަކީ ހަމާސްއަށް ހަޖަމު ކުރެވޭވަރުގެ ވާހަކައަކަށް ނުވެއެވެ.  

ހަމާސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި މިވަގުތަށް އޮތް ހަމައެކަނި އަދި އެންމެ ބޮޑު ބާރަކަށް ވެފައިވަނީ އެމީހުން ރަހީނުކޮށްފައިވާ އިޒްރޭލުގެ ސިފައިންނާއި، ރައްޔިތުންނެވެ. އިޒްރޭލުގެ ހުރިހާވެސް އަމާޒަކީ އެމީހުން ސަލާމަތްކުރުން ކަމަށް ބުނަމުންދާއިރު، ހަމާސްއިން ބުނަނީ އެހާފަސޭހައިން އެމީހުން މިނިވަންކޮށްފިނަމަ ޣައްޒާއިން އިޒްރޭލުގެ ސިފައިން ބޭލުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ.

އިޒްރޭލުން އެންމެބޮޑަށް ކުރާ ޑިމާންޑަކީ ރަހީނުން މިނިވަން ކުރުން ކަމަށްވާއިރު، ހަމާސްއިން ބުނަނީ ގައިދީން ދޫކޮށްލާނީ ދިގު މުއްދަތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިޒްރޭލުން ފުރިހަމައަށް އެއްބަސްވާނަމައެވެ. އެހެންކަމުން ދެފަރާތުން ވެސް މިފަދަ ބޮޑެތި ޑިމާންޑްތަކެއް ހުރުމާއެކު އެއްބަސްވުމަކަށް ނާދެވި ކޮންމެފަހަރަކު ވެސް މަޝްވަރާތައް ހުއްޓެނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލަށް އެކުލަވާލި އެއްބަސްވުމުގައި ހުރި މައިގަނޑު ކަންތައްތައް

އަލަށް އެކުލަވާލައިފާ އެއްބަސްވުމުގެ މަޝްވަރާތަކުގެ އިބްތިދާއީ މަރުހަލާ 40 ދުވަހަށް ދެމިގެންދާނެ ކަމަށް މިސުރުން ވަނީ ބުނެފައެވެ. އެ އެއްބަސްވުމުގެ ދަށުން ގައިދީން ބަދަލުކުރުން ކުރިއަށްދާއިރު، ފުރަތަމަ އޮންނާނީ ހަމާސް އިން ހިފަހައްޓާފައިވާ ރަހީނުން މިނިވަން ކުރުމެވެ. އޭގެ ބަދަލެއްގެ ގޮތުން އިޒްރޭލުން ހިފަހައްޓާފައިވާ ފަލަސްތީނު ގައިދީންގެ ބަދަލުގައި މަދަނީ ގައިދީންގެ ގޮތުގައި ތިބި އަންހެނުންތައް ދޫކޮށްލާނެ ކަމަށް ވަނީ ބުނެފައެވެ.

އެއީ އަލަށް އެއްބަސްވެވޭ އެއްބަސްވުމުގެ ފުރަތަމަ ހަރަކާތަށްވާއިރު، މި މަރުޙަލާއަށްފަހު އިޒްރޭލު ސިފައިން ޣައްޒާގެ އައްސޭރިފަށުގެ ސަރަޙައްދުތަކުން ފޭބުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުގައި، އިންސާނީ އެހީ ޣައްޒާއަށް ވަނުމަށް މަގުފަހިކުރުމުގެ ގޮތުން އެމީހުން ޣައްޒާގެ އެތެރޭގެ ސަރަހައްދަށް ދާނެއެވެ. މީގެ ސަބަބުން ޣައްޒާގެ އުތުރުގައި ގެދޮރު ގެއްލިފައިވާ އާންމުންނަށް އެނބުރި ގެއަށް ދިއުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އޭގެ ފަހުގައި ހަމާސް އިން ހިފެހެއްޓި މީހުންގެ ތެރެއިން މިވަގުތު ދިރިތިބި ގައިދީންގެ ލިސްޓެއް ދޭނެއެވެ.

އިޒްރޭލުން އަންދާޒާކުރާ ގޮތުގައި ހަމާސް ޖަމާއަތުން ގާތްގަނޑަކަށް 100 އެއްހާ މީހުން ހިފަހައްޓައިގެން ތިބި އިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާގައި މަރުވި ނުވަތަ ހަމާސްއިން ހައްޔަރުކުރި ފަހުން މަރުވި 30 މީހުންގެ ހަށިތައް ވަނީ ހިފަހައްޓައިފައެވެ.

ތިންވަނަ ހަފުތާގެ ތެރޭގައި ދެފަރާތުން ވެސް ސީދާ މަޝްވަރާތައް ފަށައި، ދާއިމީ ހަމަޖެހުން ގާއިމުކުރުމުގެ މަގްސަދުގައި އިތުރު ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ފިޔަވަހީގެ ތިން ހަފުތާ ފަހުން އިޒްރޭލު ސިފައިން ޣައްޒާގެ މެދުތެރެއިން ފޭބުމަށް ވަނީ ހަމަޖެހިފައެވެ.

ދާއިމީ ޞުލްޙައަށް ދެން އެޅޭނެ ފިޔަވަޅުތައް

ދެ ވަނަ ހަ ހަފުތާގެ ފިޔަވަހީގައި މަސައްކަތް ކުރާނީ ފަލަސްތީނުގެ އިތުރު ގައިދީންގެ ބަދަލުގައި ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އާންމުންނާއި ސިފައިންގެ ގޮތުގައި ބާކީ ތިބި އެންމެން ދޫކޮށްލުމަށެވެ. އެކަމަކު ހަމާސްގެ އަތްދަށުގައި ތިބި ސިފައިން ދޫކުރާނީ އިޒްރޭލުން ޣައްޒާގައި ދެމުނދާ ހަމަލާތައް އެއްކޮށް ހުއްޓުމުންނެވެ.

ތިންވަނަ އަދި އެންމެ ފަހު މަރުހަލާގެ ތެރޭގައި ޣައްޒާގައި މަރުވެފައިވާ އިޒްރޭލުގެ ގައިދީންގެ ހަށިތައް ދޫކޮށްލުމާއި، އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ އިތުރު ގައިދީން ދޫކޮށްލުމާއި، ފަސް އަހަރު ދުވަހުގެ ރިކޮންސްޓްރަކްޝަން ޕްލޭނެއް ފެށުން ހިމެނެއެވެ. އެ ޕްލޭންގައި ބުނެފައި ވަނީ ހަމާސްގެ އަސްކަރީ ހަތިޔާރު އަލުން އާރާސްތު ނުކުރަން އެއްބަސްވާނެ ކަމަށެވެ.

ފާހަގަ ކޮށްލެވޭ އިތުރު ނުކުތާތައް

ދެ ފަރާތުން ވެސް ބޭނުންވަނީ އަމިއްލަ ޝަރުތުތަކަކާ އެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. ޣައްޒާއިން އިޒްރޭލު މުޅިން ފޭބުމުން ނޫނީ ހަނގުރާމަތައް ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމަށް ހަމާސްގެ ލީޑަރުން ގެންދަވަނީ އެތައް މަހެއް ވަންދެން ދެކޮޅު ހައްދަވަމުންނެވެ.

އިޒްރޭލުން ބޭނުންވަނީ ހަމާސް ޖަމާއަތާއި ހަނގުރާމަވެރި އެހެން ޖަމާއަތްތައް ހަނގުރާމައިގެ މައިދާނުގައި ބަލިކޮށް ޣައްޒާގެ ވެރިކަމުން ބޭރުކޮށްލުމަށެވެ. އަދި އިޒްރޭލުގެ އަމާޒަކީ ހަނގުރާމަވެރިން ފިޔަވައި ދެން ބާކީ ތިބި ބަޔަކު ޣައްޒާގައި ބޭތިއްބުމަށެވެ.

އިޒްރޭލުން ބުނަނީ ރަފާއަށް އަރައިގަތުމަކީ މި ލަނޑުދަނޑިތަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަތަންޔާހޫ ބުނަނީ ކޮންމެ ގޮތަކަށް އެއްބަސްވުމުގެ ކަންކަން ދިޔަކަމުގައި ވިޔަސް އިޒްރޭލުން އެ އަވަށަށް އަރައިގަންނާނެ ކަމަށެވެ.

ނަތަންޔާހޫއަށް ވެސް އެތެރޭގެ ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާން ޖެހެއެވެ. މިހާރުން މިހާރަށް ގައިދީން މިނިވަން ކުރެވޭނެ އެއްބަސްވުމަކަށް އައުމަށް ގޮވާލައި ކޮންމެ ހަފުތާއަކު ބާއްވަމުން އަންނަ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ހަމައެއާއެކު އޭނާގެ ކެބިނެޓުގައި ހަރުކަށި ފިކުރުގެ މީހުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނެސްފިނަމަ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އިޒްރޭލަށް މުހިންމު އަސްކަރީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދޭ ބައިޑަންގެ ސަރުކާރުން ބުނަނީ، އިޒްރޭލުން އެތަނުގެ އާންމުން ހިމާޔަތް ކުރުމަށް "އިތުބާރު ކުރެވޭ" ޕްލޭނެއް ހުށަހަޅައިގެން ނޫނީ ރަފާއަށް އަރައިގަތުމާ ދެކޮޅު ކަމަށެވެ.

ހަނގުރާމައަށްފަހު އުފެދިދާނެ ނުތަނަވަސްކަން

މިހާރު ހިނގަމުންދާ ހަނގުރާމަތައް ނިމުމުން ޣައްޒާގައި ހިނގައިފާނެ ކަންކަމާ މެދު އުފެދޭ މުހިންމު ސުވާލުތަކަށް ހައްލެއް ހޯދުމުގެ ބާބެއް މިހާރު މަޝްވަރާ ކުރެވެމުންދާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމުގައި އޮތް ކަމެއް ނޭނގެއެވެ.

2007 ވަނަ އަހަރު ހަމާސް ޖަމާއަތުން ޣައްޒާއިން ބޭރުކޮށް، މިހާރު ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތައް ހިންގަމުން އަންނަ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ފަލަސްތީނު އޮތޯރިޓީ އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްލޭނެއް އެކުލަވާލުމަށް އެމެރިކާއިން ވަނީ ގޮވާލައިފައެވެ.

ބައިޑަންގެ ސަރުކާރުން ބޭނުންވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ވެރިކަމުގެ އެންމެ ފަހުގެ ވެރިކަމެއް ފަލަސްޠީނުގެ ދައުލަތެއްގެ ގޮތުގައި އޮތުމަށެވެ. ނަތަންޔާހޫ އާއި އޭނާގެ ކަނާތު ފިޔައިގެ ސަރުކާރުން ވަނީ ޣައްޒާގައި ފަލަސްތީނު އޮތޯރިޓީގެ ދައުރެއް އޮތް ކަމަށް ބުނެ ފަލަސްތީނުގެ ދައުލަތަކަށް ދުވަހަކު ވެސް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ހަނގުރާމައަށްފަހު ޣައްޒާ އަލުން އިމާރާތް ކުރުމުގެ ފަސްއަހަރުގެ މަރުހަލާގައި ޣައްޒާ ހިންގާނީ ކާކުކަމާއި އެ މުއްދަތުގައި ހަމާސް އަށް ވާނެ ގޮތާއި އަލުން އިމާރާތް ކުރުމުގެ ބުރަ މަސައްކަތަށް ހަރަދު ކުރާނީ ކާކު ކަމެއް ވެސް ސާފެއް ނުވެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 18.5 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އދއިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ. އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކާއި އެއްގަމު ހަމަލާތަކުގައި ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި ހަލާކުވެފައިވާ ހުރިހާ ގެއެއް އަލުން އާރާސްތުކުރަން 2040 ވަނަ އަހަރާ ހަމައަށް މުއްދަތު ނަގާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުން ބުނި ގޮތުގައި ހަނގުރާމައިގެ ކުރިން ވެސް ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 45 އިންސައްތައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް