ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންގެ ވީޑިއޯ އެ ޖަމާއަތުން އާންމު ކުރުމުން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ހަމާސް އިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ ތެރޭގައި ވަނީ އެ ޤައުމުގެ ގިނަ ބަޔަކު ރަހީނު ވެސް ކޮށްފަ އެވެ. އޭގެ ތެރެއިން މިހާރު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން ދެ މީހެއް ކަމަށްވާ، ރޯމް ބްރަސްލަވްސްކީ އަދި އެވިއަޓާ ޑޭވިޑްގެ ވީޑިއޯ ހަމާސް އިން ވަނީ އާންމު ކޮށްފަ އެވެ.
ހަމާސް އިން އާންމު ކޮށްފައިވާ ވީޑިއޯ ގައި އެ ދެ ރަހީނުން ފެންނަނީ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މަންޒަރެވެ. އެކަށީގެންވާ ކާނާ އާއި، އެކަށީގެންވާ ފުރިހަމަ މާހައުލެއްގައި ނުބޭތިއްބުމުގެ ސަބަބުން އެ ދެ މީހުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފަ އެވެ.
މީގެ ތެރެއިން ވެސް ޚާއްސަކޮށް، އުމުރުން 24 އަހަރުގެ ޑޭވިޑް އޭނާގެ އަމިއްލަ ކަށްވަޅު ކޮންނަ މަންޒަރު ވަނީ އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި ޑޭވިޑް ބުނެފައި ވަނީ، އޭނާގެ އަމިއްލަ ކަށްވަޅު ކޮންނަމުންދާ ކަމަށެވެ. މި މަންޒަރުތަކާ އެކު ދުނިޔޭގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވެފައި ވަނީ، އެއީ ބަލަން ހެޔޮވާވާރުގެ މަންޒަރު ތަކެއް ނޫން ކަމަށެވެ. އެ މަންޒަރު ތަކަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް މަންޒަރުތަކެއް އަދި އަމަލު ތަކެއްގެ ގޮތުގައި މެކްރޮން ވަނީ ސިފަ ކުރައްވައިފަ އެވެ. އިތުރަށް މެކްރޮން ވިދާޅުވެފައި ވަނީ، ފްރާންސްގެ އެންމެ އިސް އަދި މުހިންމު އަމާޒަކީ ރަހީނު ކޮށްފައިވާ އެންމެން ވެސް މިނިވަން ކުރުން ކަމަށެވެ.
މީގެ އިތުރުން އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް ފަހު، ޣައްޒާގެ ވެރި ކަމުގައި ހަމާސް ބައިވެރިވެގެން ނުވާނެ ކަމަށް ވެސް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ. މެކްރޮން ވިދާޅުވީ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމަށް ފްރާންސް އިން ހިތްވަރު ނުދޭނެ ކަމަށެވެ.
މެކްރޮންގެ އިތުރުން، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ވެސް ވަނީ ހަމާސް އިން އާންމު ކޮށްފައިވާ ވީޑިއޯއާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްގަ އެވެ. މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކަލާސް އަދި ޔުކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސިބިހާ ވެސް ވަނީ އެ ވީޑިއޯއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ކޮށްފަ އެވެ.
އެކި އެކި މަސްދަރު ތަކުން ބުނެފައިވާ ގޮތުން މިވަގުތު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި ރަހީނުންގެ ގޮތުގައި އިސްރާއީލްގެ 49 މީހުން ތިބޭނެ އެވެ. އޭގެ ތެރެއިން 27 މީހަކު މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ހަމާސް ޖަމާއަތުން ބުނެފައި ވަނީ، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންނަށް ވެސް ކުރިމަތިވެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޙާލަތު ކަމަށެވެ. އެގޮތުން ގަސްތުގައި ރަހީނުން ބަނޑަށް ބައި ތިއްބާފައި ނުވާނެ ކަމަށާއި، މުޅި ޣައްޒާ އެއު އެކީހެން ބަނޑަަށް ޖެހެމުންދާއިރު އެ ޖަމާއަތަށް ވެސް އެކަން ކުރިމަތިވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ރަހީނު ކޮށްފައިވާ މީހުންނަށް ވަކިން ޚާއްސަ ކާނާ ނުލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފްރާންސްގެ ރައީސް މެކްރޮން، އެ ވީޑިއޯތަކާ ގުޅިގެން ނުރުހުން ފާޅު ކޮށްފައިވާއިރު، ފްރާންސް އިން އަންނަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެސް ގޮވާލަމުންނެވެ. އެގޮތުން ފްރާންސް އިން ވަނީ، އަންނަ ސެޕްޓެމްބަރު މަހު އޮންަނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގެނަފައިވާކަން އިއުލާން ކުރުމަށް ވެސް ނިންމައިފަ އެވެ.
މީގެ އިތުރުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެެރިކަމާއި، ކާބޯ ތަކެއްޗާއި، ޞިއްޙީ ނިޒާމުގެ ވަސީލަތްތައް ފޯރު ކޮށްދިނުމަށް ވެސް ފްރާންސް އިން އަންނަނީ ބާރު އަޅަމުންނެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ފްރާންސް އިން ނިންމި ފަހުން، އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާ އާއި މޯލްޓާ އިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.