Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު މައްސަލަ

ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި

ޔާމީނުގެ ފަރާތުން 14 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2024 | ބުރާސްފަތި 10:17
ވ އާރަށު މައްސަލައިގެ ޙުކުމް

ވ އާރަށު މައްސަލައިގެ ޙުކުމް

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ބާއްވައިފިއެވެ.

މި އަޑުއެހުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން 14 އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ. ޔޫސުފް ނައީމްގެ ފަރާތުން ވަނީ 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ.

މި އަޑުއެހުމުގައި އެންމެ ފުރަތަމަ ޝަރީއަތުން ވަނީ ޔޫސުފް ނައީމަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ޙުކުމް އިއްވާފައެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ފުރަތަމަ ނުކުތާ:

ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި 2022 އޮކްޓޯބަރު 4 ވަނަ ދުވަހު ދައުލަތުން ހާމަކުރި އައު ހެކިތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާއާ ޚިލާފަށް ބައެއް ހެކި ބަލައިގެންފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ ހިމެނެއެވެ.

ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ވަނީ ޝަރީއަތުގެ ތެރެއިން ދައުލަތުން އައު ހެކިތަކެއް ހުށައެޅުމުގެ މަރުޙަލާތައް ކުރިއަށް ދިޔަ ގޮތުގެ ސަބަބުން ދިފާއުގެ ހައްްގުތަކެއް ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ.

ޔާމީނުގެ ފަރާތުންވެސް ވަނީ އެ ނުކުތާ ހުށަހަޅާފައެވެ. އެގޮތުން ދިފާއުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުން ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ ހެކިންގެ ހެކިބަސްވެސް ނެގި ފަހުން، އައު ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދީ، ދިފާއުގެ ހެކިންނާ ގުޅޭގޮތުން ސުވާލު އުފެއްދުމަށް ފުރުސަތު ދީފައިވާކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއް ޔާމީނުވެސް ހުށައަޅާފައިވެއެވެ.

އެ ނުކުތާގައި ދައުލަތުން ބުނެފައިވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށާއި، ދެފަރާތަށްވެސް ބަހުސް ކުރަން ފުރުސަތު ދިނުމަށްފަހު، ކްރެޑިބިލިޓީއާގުޅޭ ހެކި ޝަރީއަތުން ބަލައިގަތުމަށްވެސް ހުރަހެއް ނެތްކަމަށެވެ.

ދަށު ކޯޓުން ހެކި ބަލައިގަތުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާ ފަނޑިޔާރު ތަތުބީޤު ކޮށްފައިވާއިރު، އެ މާއްދާގައި ހެކި ބަލައިގަތުމާގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަަމަށާއި، އެ މާއްދާގެ މައުޟޫއަކީ ހެކި ހާމަ ކުރުންކަމަށް ޙުކުމް އިއްވަވަމުން ފަނޑިޔާރު ޙަސަން ޝަފީއު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވާ ގޮތުގައި އެ މާއްދާގެ ދަށުން ކުރެވޭނެހާވެސް ކަމަކީ ހެކި ހާމަ ކުރުމެވެ. ހެކި ބަލައިގަތުމުގެ ވާހަކަ އޭގެން ތަތުބީޤެއް ނުކުރެވެއެވެ.

އެހެންކަމުން ޔޫސުފް ނައީމްގެ މައިގަނޑު ބަހުސްކަމަށްވާ 2022 އޮކްޓޯބަރު 4 ވަނަ ދުވަހު ދައުލަތުން ހާމަކުރި އައު ހެކިތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 135 ވަނަ މާއްދާއާ ޚިލާފަށް ހެކި ބަލައިގަތްކަމަށް ބުނާ ނުކުތާއަށް ފަނޑިޔާރު ޙަސަން ޝަފީއު ތާއީދު ކުރެއްވިއެވެ.

ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.

ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.

އެހެންނަމަވެސް ހަމައެކަނި އެ ބުނުމުގެ މައްޗަށް ބަރޯސާވެ އެ ބުނުމަށް ބާރު ލިބިދޭ އެއްވެސް ކަމެއްގެ ވާހަކަ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ހިމެނުމެއްނެތި ދަށު ކޯޓުން ގޮތް ނިންމާފައިވަނީ ރަނގަޅަށްކަމަށް ނުބެލެވޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންނަމަވެސް އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް އެ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަކީ ގިނަ"އިއްތިފާޤުތަކެއް"ފެންނަން އޮތް ވާހަކަތަކެއްކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު ވިދާޅުވީ، ދައުލަތުން ހުށަހެޅި "ސަޕްރައިޒް ހެކިތައް" ދަށު ކޯޓުގެ ފަނޑިޔާރު ބަލައިގަތީ ޤާނޫނުގައި ނެތް އިޖުރާއަތުތަކެއްގެ މައްޗަށް، އަދި އެ ނިންމުން ނިންމި ގޮތެއްވެސް ތަފްސީލު ކޮށްދިނުމެއް ނެތި ކަމަށެވެ. އެއީ "ވިޔާދާކަމެއް" ނޫންކަމަށްވެސް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވާ ގޮތުގައި އެ ހެކިތަކަށް ތައުނު ކުރުމުގެ ފުރުސަތު ދިފާއަށް ދިނުމެއް ނެތި، ހެކި ބަލައިގަތުމުގެ އާންމު އުސޫލުތަކާ ޚިލާފަށް ހެކިތައް ބަލައިގަތުމަކީ ދަށު ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯހެކެވެ. އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ފުރުސަތު ދިފާއަށް ގެއްލިގެން ދިޔަކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ދެވަނަ ނުކުތާ:

ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަކީ ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ފައިސާ ދިނީ ރަށް ދިނުމުގެ މުޤާބިލުގައިކަމަށް ދައުލަތުން ބުނާއިރު، ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ރަށެއް ތިންވަނަ ފަރާތަކަށް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތުގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ގަބޫލު ކުރެވެންޖެހޭ ސަބަބެއް، ޤާނޫނުލްޢުޤޫބާތާއި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތަށް ބުނެނުދެވޭކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

އެ ނުކުތާގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އެކަމާ ގުޅިގެން ޔޫސުފް ނައީމްގެ ފަރާތުން ކުށުގެ އުންސުރާ ގުޅޭގޮތުން ހުށަހެޅި ކަންކަމަށް ދަށު ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި އަލިއަޅުވާލާފައިނުވާކަމަށެވެ.

ޔޫސުފް ނައީމްގެ ފަރާތުން ބުނެފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ ވާޖިބު ތެރޭގައި ނުހިމެނޭ ކަމެއް ކުރުމުގެ މުޤާބިލުގައި ދެވޭ މަންފާއަކީ އެކަމާ ގުޅޭ ޤާނޫނުގައި ރިޝްވަތު މާނަކޮށްފައިވާ ތަރަހައިގެ ތެރެއިން ހިމެނޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާމެދުވެސް ދަށު ކޯޓުގެ ފަނޑިޔާރު ގޮތެއް ކަނޑައަޅުއްވާފައި ނުވާކަންވެސް ފަނޑިޔާރު ޝަފީއު ފާހަގަ ކުރެއްވިއެވެ.

އެންމެ ކުޑަމިނުން އެ ސުވާލުތަކަށް ޖަވާބު ނުދިން ސަބަބެއްވެސް ޙުކުމުގައި ބަޔާންކޮށްފައި ނެތް ކަމަށާއި، އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ފުރުސަތު އަދި ކުށުން ބަރީއަވުމުގެ ފުރުސަތު ޔޫސުފް ނައީމަށް ގެއްލިފައިވާ ކަމަށާއި، ޝަރީއަތުގެ ނިޒާމަށް އާންމުންގެ އޮތް އިތުބާރު ގެއްލުމަށް މެދުވެރިވާކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

އެހެންކަމުްން ޔާމީނު ރަސްމީ ވާޖިބު ތެރެއިން ކޮށްފައިވާ އަމަލެއް ދައުލަތަށް ބުނެދެވިފައި ނުވާކަން ފާހަގަ ކުރައްވައި، ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި މި ނުކުތާއަށް ފަނޑިޔާރު ޝަފީއު ވަނީ ތާއީދު ކުރައްވާފައެވެ.

ތިންވަނަ ނުކުތާ:

ތިންވަނަ ނުކުތާއަކީ ދަށު ކޯޓުން ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ދޮޅު ގަޑިއިރު ދީފައިވާތީ ހުށަހެޅި ނުކުތާއެކެވެ. އެއީ އެކަށީގެންވާ ވަގުތު ނޫންކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އެ ނުކުތާގައި ފަނޑިޔާރު ވިދާޅުވީ، އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދަށު ކޯޓުގެ ފަނޑިޔާރު ދެއްވާފައިވާކަން އެނގެން އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދަށު ކޯޓުގެ ފަނޑިޔާރު ދެއްވާފައި ނުވާތީ އަދަބާ ގުޅޭގޮތުން ހަރުދަނާ ހުށަހެޅުމެއް ހުށަހެޅުމަށް ފުރުސަތު ނުލިބި، އޭގެ ނަތީޖާއެއްގެ ގޮތުން އިންސާފުވެރި ނިންމުމެއް ނިންމުމަށް އޮތް ފުރުސަތު ގެއްލިގެންދާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ފަހު ނުކުތާ:

ފަހު ނުކުތާއަކީ އޭނާގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ރަނގަޅަށް ނޫންކަަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދަށު ކޯޓުގެ ފަނޑިޔާރު ދެއްވާފައި ނުވާތީ އަދަބާ ގުޅޭގޮތުން ހަރުދަނާ ހުށަހެޅުމެއް ހުށަހެޅުމަށް ފުރުސަތު ޔޫސުފް ނައީމަށް ލިބިފައިނުވާކަން ހައިކޯޓުގެ ފަނޑިޔާރުވެސް ފާހަގަ ކުރެއްވިއެވެ.

އަދި ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވުމުގެ ފަހަތުގައިވާ ޤާނޫނީ އަސާސެއްވެސް ބަޔާންކޮށްދީފައިނުވާކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.

ނިންމުން:

ފަނޑިޔާރުން ނިންމަވާފައިވަނީ ހުށަހެޅިފައިވާ އައު ހެކިތަކާއެކު މި މައްސަލައާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށެވެ. ވުމާއެކު މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު