ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 11:57
ހަަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ
ހަަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ
ރޮއިޓާސް
ހަނިއްޔާގެ އާއިލާ މަރާލުން
ދަރިންކޮޅު މަރާލުމާ ގުޅިގެން ހަނގުރާމައިގެ ހާލަތަށް ބަދަލެއް ނާންނާނެ: ހަނިއްޔާ
 
ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވީ މަކަރުވެރި ސިޙްޔޫނީންގެ ފިނޑި ހަމަލާގައި އޭނާގެ ތިން ދަރިންނާ އަދި ޢާއިލާ ދުއްވާލުމަކީ މަކަރުވެރި ފިނޑި އަމަލެއް ކަމަށް

އިސްރާއީލުން ޣައްޒާއަށް ބުދަދުވަހުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އެންމެ އިސް ސިޔާސީ ލީޑަރުގެ ތިން ފިރިހެން ދަރިންނާއި ތިން ދައްތަ ޝަހީދުކޮށްލާފައިވާއިރު، އިސްރާއީލުން އަމަލުކުރަނީ ބަދަލު ހިފުމާއި ގަތުލުއާންމު ހިންގުމުގެ ރޫހުގައި ކަން މުޅިދުނިޔެއަށްވެސް ވަނީ ސާބިތުވެފައެވެ.

ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވީ މަކަރުވެރި ސިޙްޔޫނީންގެ ފިނޑި ހަމަލާގައި އޭނާގެ ތިން ދަރިންނާ އަދި ޢާއިލާ މަރާލުމަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ މަޝްވަރާތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމެއް ކަމަށެވެ.

އިސްރާއީލުން މި މީހުން މަރާލިކަން ކަށަވަރުކޮށްދީފައި މިވަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށާއި ދެފަރާތުންވެސް ގައިދީން ދޫކޮށްލުމުގެ އެއްބަސްވުމަށް ގާހިރާގައި ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ ނިޝާނެއް ނެތި ކުރިއަށް ދާ ދަނޑިވަޅެއްގައެވެ.

ގަތަރުގެ ބްރޯޑްކާސްޓަރު އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ހަނިއްޔާ ވިދާޅުވީ އޭނާގެ ހަތަރު ދައްތަ ވެސް މަރުވި މި ހަމަލާއަކީ ހަމާސްގެ މަޝްވަރާގެ ސްޓޭންޑް ބަދަލުކުރަން ދިން ހަމަލާއެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ހަމާސްގެ މަގާމުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް އެމީހުން ހީކުރާނަމަ އެމީހުން ތިބީ އޮޅުމެއްގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ހަމާސް އިން އެންމެ ފަހުގެ ހަނގުރާމައިގެ ހުށަހެޅުއްވުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެ ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އިސްރާއީލުގެ ބައިނަލްއަގްވާމީ މައި ބައިވެރިޔާ އެމެރިކާއިން ވެސް ދަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރެޝަރު ބޮޑުކޮށް، ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ޣައްޒާއަށް އެހީފޯރުވާ މިންވަރު އިތުރުކުރުމަށާއި ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް އަރައިގަތުމުގެ ރޭވުންތައް ދޫކޮށްލުމަށް ބާރުއަޅަމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ބްރޯޑްކާސްޓް ކުރި އިންޓަވިއުއެއްގައި ބައިޑަން ވަނީ ނަތަންޔާހޫ ހަނގުރާމައާ މެދު އަމަލުކުރެއްވި ގޮތަކީ ގޯހެއް ކަމަށް ސިފަކުރައްވައި، އިސްރާއީލުން އެ ސަރަހައްދަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމުގެ އިންޒާރު ދެއްވާފައެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް އިސްރާއީލުން ބުރާސްފަތި ދުވަހުގެ ފަތިހު ޣައްޒާއަށް ހަމަލާތައް ދީފައިވާއިރު، ހާއްސަކޮށް އެ ސަރަހައްދުގެ ދެކުނުގައި އިސްރާއީލުން ހަމަލާތައް ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލާ ދެކޮޅަށް ދިން ހަމަލާއާ ގުޅިގެން ކަމަށް ވާއިރު، ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ ގާތްގަނޑަކަށް 250 އެއްހާ މީހުން ރަހީނުކޮށްފައި ކަމަށާއި އޭގެ ތެރެއިން 129 މީހުން ޣައްޒާގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ޣައްޒާގައި ދިން ހަމަލާތަކުގައި މިހާތަނަށް 33،482 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހަމާސް އިން ހިންގާ އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހަމާސް އިން ހަނގުރާމައިގެ އެއްބަސްވުން "ދިރާސާ" ކުރުން

އެމެރިކާ، މިސްރު އަދި ގަތަރުގެ މެދުވެރިކަމުގެ މަޝްވަރާތައް އާދީއްތަ ދުވަހުން ފެށިގެން ދަނީ ކުރަމުންނެވެ. ދޯހާގައި ހުންނަ ހަމާސްގެ ތަރުޖަމާނު ހުސާމް ބަދްރާން އޭއެފްޕީއަށް ވިދާޅުވީ ހަމާސް އިންދަނީ ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުން ކަމަށެވެ. އެކަމަކު އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

މީޑިއާގައި ދައުރުވަމުންދާ އެ އެއްބަސްވުމުގެ އޮނިގަނޑެއް ކަމަށް ބުނާ ކަރުދާހެއްގައި ވާގޮތުން މިފަހަރުގެ އެއްބަސްވުމުގައި ހަ ހަފުތާއަށް ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނަށް މިނިވަންކަން ލިބޭނެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ މިހާރު ބޯޅައޮތީ ހަމާސްގެ ކޮޅުގައި ކަމަށާއި އެ މީހުން މިހާރު ހުށަހަޅާފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ކަމަށެވެ.

އިސްރާއީލުން ހަނގުރާމައާ މެދު އަމަލުކުރާ ގޮތާއި އެމީހުންގެ ހުރަސްތަކުގެ ސަބަބުން އެ ސަރަހައްދަށް އެހީ ނުލިބުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.

މިދިޔަ ބުދަ ދުވަހު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޣައްޒާގައި އިސްރާއީލުން ދެމުންދާ "ނާޖާއިޒު ރައްދު" ގެ ސަބަބުން، އޭގެ ނަތީޖާއެއްގެ ގޮތުން މެދުއިރުމައްޗާއި މުޅި ދުނިޔެ ހަލަބޮލިވުމުގެ ނުރައްކާ އޮތް ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ މިވާހަކަތަކަށް އެއބާރުލުންދޭ ގައުމުތަކުގެތެރޭގައި އަޔަލޭންޑާއި އޮސްޓްރޭލިއާ ފަދަ ހުޅަނގުގެ ބައެއް ގައުމުތައް ހިމެނެއެވެ.

އިސްރާއީލުން ހަދަނީ ގޯހެއްކަމަށް ބައިޑަން ވިދާޅުވުން

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ މެމްބަރު ބެނީ ގަންޓްޒް ބުނީ އަސްކަރީ ގޮތުން "ހަމާސް ބަލިވެއްޖެ" ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ވެސް "ހަމާސްގެ ބާކީ ހުރި ކަންތައްތަކާ" ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހުއަށް ވަނުމަށް ނަތަންޔާހޫ ވީ ވައުދަށް ވެސް އޭނާ ތާއީދު ކުރިއެވެ.

ރަފާއަށް ވަންނާނަން. އެނބުރި ދާނީ ޚާން ޔުނިސްއަށް
ބެނީ ގަންޓްޒް / އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ މެމްބަރު

ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން އެންމެ ފަހު ސިޓީ ކަމަށްވާ ރަފާގައި އާންމުންގެ 1.5 މިލިއަނަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އެބަދެއެވެ. ރަފާއަށް ހަމަލާއެއް ނުދިނުމަށް އެމެރިކާއިން ދަނީ ތަކުރާރުކޮށް އިސްރާއީލަށް އިންޒާރު ދެމުންނެވެ.

ހަރުކަށި ނަތަންޔާހޫއާ މެދު އުފެދިފައިވާ ނުތަނަވަސްކަން ހާމަކުރައްވަމުން ބައިޑަން ވަނީ މި ހަނގުރާމައަށް މިހާތަނަށް އެންމެ ހަރުކަށި ފާޑުކިއުންތަކެއް ވެސް ދެއްވާފައެވެ.

އަންގާރަ ދުވަހުގެ ރޭ ގެނެސްދިން އިންޓަވިއުއެއްގައި އެމެރިކާގެ ނެޓްވޯކް ޔުނިވިޝަންއަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ އޭނާ ކުރައްވާ ކަމަކީ ގޯހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފައި ވަނީ "ހަނގުރާމަ ހުއްޓާލުމަށާއި، ކުރިއަށް އޮތް ހަ ހަފުތާ، އަށް ހުއްދަ ދިނުމަށާއި، ޣައްޒާއަށް ވަންނަ ހުރިހާ ކާބޯތަކެއްޗާއި ބޭސްތައް މުޅިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް" ކަމަށެވެ.

އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ބުނީ ވޮޝިންޓަނުން އެހީދިނުމުގައި ހަރުކަށި ސިޔާސަތުގެ ސަބަބުން ބައެއް ނަތީޖާތައް ފެންނަމުންދާ ކަމަށެވެ.

ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެހީ ފޯރުކޮށްދިނުމުގައި ރަނގަޅު ބަދަލެއް އައިސްފައިވާ ކަމަށާއި ނަމަވެސް އިސްރާއީލުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުދަ ދުވަހު ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް އެހީދޭނެ ކަމަށާއި، އެ ގައުމުގެ އުތުރު ބޯޑަރުގައި އާ ކްރޮސިން ޕޮއިންޓެއް ބޭނުންކޮށް، ޗެކްތައް ސްޓްރީމްލައިންކޮށް، އުރުދުންއާ އެކު އާ ދެ ރޫޓެއް ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ޣައްޒާއަށް އެތެރެވާ 500 އެހީގެ ޓްރަކަށް ހުއްދަދޭނެ ކަމަށް ބެލެވޭ ކަމަށާއި އެއީ ހަނގުރާމައިގެ ކުރިން އެ ސަރަހައްދަށް ވާސިލްވާ އެހީއާއި ކޮމާޝަލް ޓްރަކްތަކުގެ އެވްރެޖް މިންވަރާ އެއްވަރުވާނެ ކަމެއް ކަމަށެވެ.

އީރާނުން އިސްރާއީލަށް އިންޒާރު ދިނުން

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަމަނުޖެހުންތައް އިތުރު ބޮޑު ސަރަހައްދަކަށް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނުގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މިދިޔަ ހަފުތާގައި ދިން ހަމަލާގެ ސަބަބުން އިސްރާއީލަށް "އަދަބު ދޭނެ ކަމަށާއި އަދަބު ދޭން ޖެހޭނެ" ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ފާރިސީ ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުން އެގައުމުގެ ސަރަހައްދުން ހަމަލާދީފިނަމަ އިސްރާއީލުން ރައްދުދީ އީރާނަށް ހަމަލާދޭނެ ކަމަށެވެ.

ބޮޑުވަޒީރު ނަތަންޔާހޫއަށް އަޅުގަނޑު ދެންނެވި ފަދައިން، އީރާނާއި އެގައުމުގެ ޕްރޮކްސީތަކުގެ މި ނުރައްކާތަކާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑުމެން ވެފައިވާ ވައުދަކީ ދަގަނޑު ކަހަލަ ވައުދެއް
ޖޯ ބައިޑަން / އެމެރިކާގެ ރައީސް

އީރާނުގެ އިންޒާރުތަކަށް ރައްދު ދެއްވަމުން ބައިޑަން ވަނީ އިސްރާއީލަށް ވަރުގަދަ ދަނގަނޑުފަދަ ތާއީދު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް