ކ. މާލެ
|
25 މާރޗް 2024 | ހޯމަ 15:57
އިންތިހާއަށް ބަނޑުހައިހޫނުކަން ފެތުރިފައިވާ ޣައްޒާއަށް އުފަން ކުޑަކުޑަ ފާދީގެ އަނަރޫފަ ހަށިގަނޑުގައި މިއަދު އެއްވެސް ހަކަތައެއް ނެތެވެ.
ފަލަސްތީން އިސްރާއީލް ހަނގުރާމަ
އިޒްރޭލުން ހިންގާ ކަމަށް އިންކާރު ކުރާ ޤަތުލުއާންމުގެ ޙަޤީޤަތް، ކުޑަކުޑަ ފާދީގެ އެންމެ ތަސްވީރަކުން!
 
ފާދީއަކީ ސިސްޓިކް ފައިބްރޯސިސްއަށް ބޭސް ކުރަމުން އައި ކުއްޖެއް، ސިސްޓް ފައިބްރޯސިސް އަކީ ހަށިގަނޑުގައި ހުންނަ ޕްރޮޓީނަކަށް އަސަރުކުރާ ޖެނެޓިކް ހާލަތެއް
 
ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން، ފުއްޕާމޭ، ޕެންކްރިއާސް، އަދި ގޮހޮރު ފަދަ ވަކި ގުނަވަންތަކެއް ބައްދާލަނިވި ތަތް، ބޯ، ދަވަގަނޑެއް އުފެދިގެންދޭ

މިއީ ޢުމުރުން އެންމެ 6 އަހަރުގެ ފާދީ އަލް-ޒާންތުގެ ވާހަކައެވެ. ފާދީއަށް ބަލައިލުމުން އެކަނިވެސް އޭނާގެ ޙާލަތުގެ މިންވަރެއް އިޙްސާސް ކުރެވެއެވެ. ދިރުމެއް ނެތް ފަދަ ހަންގަނޑުގެ މަތިން، އޭނާގެ މޭކަށިގަނޑު ސާފުކޮށް ފެނެއެވެ. ދެލޯ ވަނީ ވަޅުވަދެފައެވެ. ފާދީ މި ވަގުތު އެ އޮތީ، ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގެ އެނދެއްގައެވެ. ޑޮކްޓަރީ ބަހުރުވައިންނަމަ ފާދީއަކީ 'އެކިއުޓްލީ މެލްނަރިޝްޑް' އޭ ކިޔާ ޙާލަތުގައި އޮތް ކުއްޖެކެވެ. އެކިއުޓް މަލްނިއުޓްރިޝަން އަކީ ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ކާނާ ނުލިބުމުގެ ނަތީޖާއެވެ. މިއީ ފުރާނައަށް އިންތިހާ ނުރައްކާ ފައްތަރަކަށް މީހާ ވައްޓާލާ ކަމެކެވެ.

އިންތިހާއަށް ބަނޑުހައިހޫނުކަން ފެތުރިފައިވާ ޣައްޒާއަށް އުފަން ކުޑަކުޑަ ފާދީގެ އަނަރޫފަ ހަށިގަނޑުގައި މިއަދު އެއްވެސް ހަކަތައެއް ނެތެވެ. ހިނގާބިނގާވެ އުޅެލެވޭ ވަރުވެސް އޭނާގެ ދެފައިގައި ނެތެވެ.

ނިރުބަވެރި އިޒްރޭލުން ޤަތުލުއާންމު ފެށުމުގެ ކުރިން ނަގާފައި ވާ ފޮޓޯއަކުން ފެންނަނީ މުޅިން ތަފާތު ފާދީއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި، ހިނިތުން ވެލައިގެން ހުރި ކުއްޖެކެވެ. އެއްމާބަނޑު ބޭބެއާއެކު ހުއްޓިލައިގެން ހުރި ފާދީގެ އެ ފޮޓޯއިން އެކަނިވެސް، އިޒްރޭލުގެ އަނިޔާވެރިކަން ވަޒަންކޮށްލެވޭ ކަހަލައެވެ. ކައިވެނި ޙަފުލާއެއްގައި، ކުޑަ އަންހެން ކުއްޖަކާއެކު ފާދީ ނަށަމުން ދާ އުފާވެރި މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެބަ އޮތެވެ.

ފާދީއަކީ ސިސްޓިކް ފައިބްރޯސިސްއަށް ބޭސް ކުރަމުން އައި ކުއްޖެކެވެ. ސިސްޓް ފައިބްރޯސިސް އަކީ ހަށިގަނޑުގައި ހުންނަ ޕްރޮޓީނަކަށް އަސަރުކުރާ ޖެނެޓިކް ހާލަތެކެވެ. ސިސްޓިކް ފައިބްރޯސިސްގެ ސަބަބުން، ފުއްޕާމޭ، ޕެންކްރިއާސް، އަދި ގޮހޮރު ފަދަ ވަކި ގުނަވަންތަކެއް ބައްދާލަނިވި ތަތް، ބޯ، ދަވަގަނޑެއް އުފެދިގެންދެއެވެ. ޤަތުލުއާންމު ފެށުމާ ހިސާބަށް ފާދީ ދިޔައީ ޤަވައިދުން ބޭސް ބޭނުން ކުރަމުންނެވެ. ނަމަވެސް މިއަދު އެ ފުރުޞަތެއް ނެތެވެ. ނުވިތާކަށް އިންތިހާއަށް ބަލައިގެން، ވަކި މިންގަނޑުތަކަކަށް ކާންޖެހޭ ފާދީއަށް ކާނެ އެތިކޮޅެއްވެސް ނުލިބޭކަން، ފާދީގެ މަންމަ ޝިމާ އަލް-ޒާންތު ފާހަގަ ކުރިއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު ފެށި ޤަތުލުޢާންމާއެކު ޣައްޒާގައި ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އިތުރުން ސާފު ބޯފެނުގެ ސަޕްލައި ހީނަރުވާން ފެށިއެވެ. މިއަދު ހަމަ އެކައްޗެއްވެސް ނެތޭ ދެންނެވިދާނެއެވެ. ޑޮކްޓަރުންނާއި އެހީދޭ ޖަމިއްޔާތަކުންވެސް ބުނަނީ ހަމަ އެއް ވާހަކައެކެވެ. ޤަތުލުއާންމު، 5 މަހަށް ވުރެ ގިނަ ދުވަހަށް ދިގުލައި ގޮސްފައި ވާއިރު އެތައް ހާސް ކުދިންނެއް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ހިންގާ ޞިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މިދިޔަ ހަފުތާތަކުގެ ތެރޭގައި 27 ކުއްޖަކު ވަނީ، މެލްނިއުޓްރިޝަންއާއި ޑިހައިޑްރޭޝަން ނުވަތަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމާއި އާދަޔާ ޚިލާފަށް ފެންމަދުވުމުގެ ސަބަބުން މަރުވެފައެވެ. އޭގެ ތެރެއިން ގިނަ ކުދިންނަށް ފަރުވާ ދެމުން ދިޔައީ ފާދީވެސް އެތަނެއްގައި ފަރުވާ ހޯދަމުން އަންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައެވެ. އެހެން ކުދިން މަރުވީ އަލް-ޝިފާ ހޮސްޕިޓަލުގައެވެ. އެއީވެސް އުތުރުގައި ހުންނަ ހޮސްޕިޓަލެކެވެ. ޣައްޒާގެ މުޅި ޢާބާދީހެން ޖަމާވެފައި އޮތް ރަފަޙުންވެސް ކޭސް ރިޕޯޓް ކުރި ކަމަށް ބެލެވެއެވެ.

އަވަސް ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ، ޣައްޒާގެ އުތުރުގައި ހަނގުރާމައިގެ ތެރޭގައި ބެދިފައި ވާ 3 ލައްކައެއްހާ މީހުން، މިހާރާއި މެއި މަހާ ދެމެދު ބަނޑަށްޖެހޭނެ ކަމަށް، ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ ނިސްބަތް މޮނިޓަރ ކުރާއިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) އިން ހޯމަ ދުވަހު ޢާންމު ކުރި މުރާޖާގައި ވަނީ ފާހަގަކޮށްފައެވެ.

ކުރިމަތިވުން އެންމެ ގާތް ޙާލަތެއްގެ ގޮތުގައި، އުތުރުގެ ތިންބައިކުޅަ ދެބައި މީހުންނަށް ވުރެ ގިނަ މީހުންނަށް "އެކިއުޓް މަލްނިއުޓްރިޝަން އާއި މަރުވުމުގެ ނުރައްކާ އިންތިހާއަށް ކްރިޓިކަލް" މިންވަރަކަށް އޮތް ކަމަށް ބުނެފައިވެ އެވެ. އައިޕީސީ އެކުލެވިގެންވަނީ އދ.ގެ އިދާރާތަކާއި ދުނިޔޭގެ އެހީދޭ ޖަމާއަތްތަކުގެއް މައްޗަށެވެ.

ބައިނަލްއަޤުވާމީ އެހީއަށް ބަރޯސާވެފައި އޮތް ޣައްޒާއަށް ބޭނުންވާ އެހީގެ ސަޕްލައި އެތެރެ ކުރުމުގެ ކަންކަން ކޮންޓްރޯލް ކުރަނީ އިޒްރޭލުގެ ކޯގާޓުންނެވެ. ޣައްޒާ ބަނޑަށްޖައްސާ މައްސަލާގައި ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބުދެމުން އިޒްރޭލުން ބުނާ ވާހަކައަކީ، މާޗް މަހުން ފަށައިގެން އެހީގެ ޓްރަކްތައް އެތެރެ ވާ މިންވަރު އިތުރު ކަމަށާ، އުތުރަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރުގަދަ ކުރާ ކަމަށެވެ. އައިސީޕީގެ ވާހަކައަކީ މާ ކުރީގައި ކަން އޮތް ގޮތް ކަމަށްވެސް އިޒްރޭލުން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ ޙަޤީޤަތް ނޫންކަން، މަންޒަރުތަކުން އެޔޮތީ ސާފުކޮށް ފެންނާށެވެ.

އައިޕީސީގެ ރިޕޯޓާ ގުޅޭ ގޮތުން ރޮއިޓާސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ޙަމާސްގެ އިސް އޮފިޝަލް، ސާމީ އަބޫ ޒުހުރީ ބުނީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އެ ގެންދަނީ، "ދުނިޔެއަށް ފުރައްސާރަކޮށް، ބޮމާއި ބަނޑުހައިހޫނުކަމުގެ ބާރުގެ ބޭނުންކޮށް، ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން މަރާލުމުން" ކަމަށެވެ.

ފާދީގެ މަންމަ ކިޔައިދިން ގޮތުގައި، އަދުގެ ޙާލަތު ކުރިމަތިވުމުގެ ކުރިން، ފާދީ އެންމެ މީރުކޮށް ކައި އުޅުނީ ކުކުޅު ޝަވަރުމާއެވެ. ގިނަ ޢަދަދަކަށް މޭވާ ކައި، ކިރު ބޮއެ ހެދިއެވެ.

ޤަތުލުއާންމު ފެށުމާއެކު ފާދީގެ ޢާއިލާއިން ގެދޮރު ދޫކޮށް، ވަގުތީ ހިޔާތަކަށް ބަދަލުވަމުން ދިޔައެވެ. ބައިތު ލާހިޔާއަށް ދެވުނު އިރު 4 ފަހަރަށް ހިޔާވަހިކަން ގެއްލި، އެހެން ތަނަކަށް ބަދަލުވެއްޖެއެވެ.

ފާދީގެ ޙާލަތު ގޯހުން ގޯހަށް ދާން ފެށީ މީގެ 2 މަހެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން އޭނާ އޮންނަނީ ކަމާލް އަދްވާން ހޮސްޕިޓަލުގައެވެ. ފާދީގެ ބޭހަކީ ކްރިއޯންއެވެ. އެއީ ސިސްޓިކް ފައިބްރޯސިސް ހުންނަ މީހުންގެ ހަށިގަނޑުގައި ކާބޯތަކެތި ހަޖަމް ކުރަން ބޭނުންވާ އެންޒައިމް ސަޕްލިމެންޓެކެވެ. ނަމަވެސް މިހާރު އެ ބޭހެއް ނުލިބެއެވެ. ބައެއް ރޭރޭ، 10 ވަރަކަށް ފަހަރުވެސް ފާދީއަށް ބޮޑުކަމު ދެވެއެވެ.

ޤަތުލުއާންމުގެ ކުރިން ފާދީގެ ހަށިގަނޑުގެ ބަރުދަނުގައި ހުރީ 30 ކިލޯއެވެ. ނަމަވެސް، މިއަދު އެ ހަށިގަނޑުގައި ހުރީ އެންމެ 12 ކިލޯއެވެ. މައެއްގެ ހިތުގައި އަޅާނެ ވޭން ހިތަށް ގެންނާށެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މިދިޔަ މަހު ބުނެފައިވާ ގޮތުގައި، ޣައްޒާގައި 5 އަހަރުން ދަށުގެ ކުދިންގެ %90 ކުދިންނަށް ވަނީ 1 ނުވަތަ އެއަށްވުރެ ގިނަ ބަލި ޖެހިފައެވެ. %70 ކުދިންނަށް މީގެ ކުރީ ދެ ހަފްތާގައި ބޭރަށްހިންގުން ޖެހިފައިވާ ކަމަށާއި މިއީ ހަނގުރާމައިގެ ކުރީގެ ކޭސްތަކަށްވުރެ 23 ގުނަ އިތުރު އަދަދެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ޤަތުލުއާންމުގެ ކުރިން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ކުދިންނަށް ވެސް، ދިގުދެމިގެންދާ ގޮތެއްގައި ކާނާ ލިބުން މަދުވުމަކީ، ޖިސްމާނީ އަދި ސިކުނޑީގެ ހެދިބޮޑުވުމާއި ތަރައްޤީވާ މިންވަރަށް އެޅޭ ހުރަހަކަށް ވެއެވެ. މެލްނިއުޓްރިޝަންގެ ޙާލަތު ގޯސްވަމުން ދާ ވަރަކަށް ހަށިގަނޑު ހެދިބޮޑުވުން ހުއްޓެއެވެ. ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަންތައް ފިޔަވާ އެހެން ހުރިހާ ކަމެއް ހުއްޓުވާލައެވެ. ހިތް ހިނގާނެއެވެ. ފުއްޕާމޭ މަސައްކަތް ކުރާނެއެވެ. ނަމަވެސް، ދިފާޢީ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ހާ ހަކަތަ، އެ ހަށިގަނޑުގައި ނުހުރެދާނެއެވެ. އެހާ ހިސާބުން ހަށިގަނޑު އޭގެ ޒާތުގައި އަމިއްލައަށް ކާން ފަށައެވެ. ނޭވާލުމަށާއި، ލޭ ޕަންޕު ކުރަން ބޭނުން ވާ ހަކަތަ ހޯދުމަށް ހަށިގަނޑުގައި ޖަހާފައި ވާ މަސްތަކާއި ސަރުބީތަކާއި އެނޫންވެސް ދިމަދިމާލުން ކާން ފަށައެވެ. އާޚިރު ނަތީޖާއަކަށް ވަނީ، މުޅި ހަށިގަނޑު ހުއްޓުމަކަށް އައުމެވެ.

ކާނާ ލިބުން ދަތިވުން އެ ނުރައްކާތެރި މަރުހަލާއަށް ނުފޯރާއިރުވެސް، ކުއްޖާގެ ހެދިބޮޑުވުމާއި ތަރައްޤީއަށް ކުރާ އަސަރުތަކަކީ، ކާނާ ލިބުން ދަތިވުން ދިގުލައިފިނަމަ، އިޔާދަ ކުރެވޭނެ ފުރުޞަތު ނެތް ކަންކަމަށް ވުންވެސް އެކަށީގެންވެއެވެ. ހެދިބޮޑުވުމުގެ ތެރެއިން އިސްކޮޅުން ދިގުވާން ޖެހޭ މިންވަރަށް ދިގު ނުވެވި ދޫވެދާ މަދު ސެންޓިމީޓަރުކޮޅު ފަހުން ނުލިބުންވެސް އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް