ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 11:38
ދިވެހި ފުލުހުންގެ ޔުނީފޯމުގައި ތިބި ބައެއް
ދިވެހި ފުލުހުންގެ ޔުނީފޯމުގައި ތިބި ބައެއް
ގޫގުލް
ސިޔާސީ ތަޙުޤީޤު
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
 
ތަޙުޤީޤީ ނިޒާމު ވަނީ ޖޯކަކަށް ވެފައި
 
ވަކި ބައެއްގެ އިމްތިޔާޒުތަކާއި ހެދި ރައްޔިތުންގެ ޙައްޤު ދަނީ ގެއްލެމުން
 
ޤާނޫނުގެ ބާރު ވަނީ ކެނޑިފައި

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާއި ހިސާބުންނެވެ. ދިމިގުރާތީ ނަޒަރިއްޔާތުގައި ބުނެވިދިޔަ ބާރުތައް ނިމެނީ ވެސް އެ ރައްޔިތުންނާ ހިސާބުންނެވެ. އެހެނީ ދިމިގުރާތީ ނަޒަރިއްޔާތުގައި ބާރުގެ ބެލެނިވެރިޔާގެ އަސާސަކީ ބަސްބުނާން ތިބި ރައްޔިތުންގެ އަގުލަބިއްޔަތެވެ.

އަޅުގަނޑުމެން ހިންދު ކަނޑުގެ ދިވެހީންނަކީ އިސްލާމް ދީން ޤަބޫލުކޮށް، އެ ދީނުގެ މަތީގައި ތިބި ބައެއްކަމުން، އަޅުގަނޑުމެން މި ދެންނެވުނު ދިމިގުރާތީ ނަޒަރިއްޔާތުގެ އަގުލަބިއްޔަތަށް ތަބާވުމުގެ އަސާސް ގަބޫލުކުރަނީ އިންތަކަކާއި މިންތަކެއްގެ ތެރެއިންނެވެ. ފޮތެއްގައި ނުލިޔެވި އޮތް މި އިންތަކާއި މިންތަކުގެ އަސްލަކީ އިސްލާމް ދީނާއި ޚިލާފު ޚިޔާލު ބަލައި ނުގަތުމެވެ. އެޔަކު ގޯހެއް ނެތެވެ.

މި ދެންނެވުނު އިންތަކާއި މިންތަކުގެ ތެރެއިން ފާޅުކުރެވޭ ޚިޔާލުގެ ތެރެއިން އަޤުލަބިއްޔަތު ލިބޭ ޚިޔާލަށް ތަބާވުމަކީ އަޅުގަނޑުމެން މިއަދު ޤަބޫކޮށްގެން ތިބި ހަޤީޤަތެވެ. ނަމަވެސް މި ޤަބޫލުކުރުމުގައި ފުށުއެރުންތައް އަރަންފަށަނީ އަގުލަބިއްޔަތަށް ތަބާވުމުގެ ދިމިގުރާތީ ރިވެތި މި އުސޫލު ޚަރާބުވެގެންދާ ހިސާބުންނެވެ. އަގުލަބިއްޔަތު ކަނޑައަޅާ އެއްޗަކީ ފައިސާއާއި އަމިއްލަ އެދުމާއި ބިރު ކަމުގައި ވެގެން ދިއުމުންނެވެ.

އެހިސާބުން ޤާނޫނުތަކަކީ އަތެއް ނެތް، ދަތެއް ނެތް ފޮޅުވަތްތަކަކަށް ވެގެން ދެއެވެ. ބޭނުންހާ އިރަކުން، ބޭނުންހާ ގޮތަކަށް ބަދަލުކުރެވޭ، މާނައެއް ނެތް ފޮޅުވަތްތަކެކެވެ. އިސްތިރާޖީ ނިންމުންތަކެއްގެ ތެރެއިން، ދިމިގުރާތީ ނިޒާމު މިހެން ފުނޑާލުމުން ދެން ފެށިގެންދަނީ މުއައްސަސާތަކުގެ ފެންވަރުގައި ޤާނޫނުގެ ނާޖާއިޒު ބޭނުން ހިފާތަނެވެ. އޭގެ މިސާލުތައް މި ކުޑަކުޑަ ޖަޒީރާގައި ވެސް މިހާރު އެ ދަނީ ފެންނަމުންނެވެ.

ރާއްޖޭގައި މިއަދު ޤާނޫނަކީ ބޭނުން އިރަކު ބޭނުންގޮތަކަށް ބަދަލުކުރެވޭ އެއްޗަކަށް މިވަނީ ވެފައެވެ. ގޯހެއް ހެދުމަށް، ނުވަތަ ހެދުނު ގޯހުގައި ކަރަކަންދާލި އެޅުމަށް ބޭނުންކުރާ މައިގަނޑު ކުރުމަގުގެ ގޮތުގައި މިއަދު ބޭނުންކުރާތަން ފެންނަނީ ޤާނޫނެވެ. އަސާސާއި އުސޫލަކީ މިއަދު މާނައެއް ނެތް އެއްޗެކެވެ.

ކަންމިހެން އޮތް ނަމަވެސް، ޤާނޫނާއި ޤަވާއިދު އޮތްގޮތުން، ޤާނޫނުތައް މުގުރައި، ވީދައި، ބޭނުން ގޮތަކަށް ބޭނުން ކުރާ މުއައްސަސާތަކާއި ބާރުތަކަށް ފާޑު ކިޔުމަކީ ކުށެކެވެ. ހުރުމަތާއި އަބުރާއި ކަރާމަތާއި އިއްޒަތާއި އިމްތިޔާޒަކީ ހަމައެކަނި ޤާނޫނުގެ ނާޖާއިޒު ބޭނުން ހިފާ ފަރާތްތަކަށް އޮތް އެއްޗަށް ވަނީ ހަދާފައެވެ. ވަލިއްޔުލް އަމުރާއި، އުއްތަމަ ކަމަނާ އާއި ވަޒީރުންނާއި، ޝަރީޢަތާއި، ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ޤާނޫނުހަދާ މަޖިލީހުގައި އެތިބަހާ ފަރާތްތަކާއި، ފުލުހުންނަކީ މި ދެންނެވުނު ހުރުމަތާއި އަބުރާއި ކަރާމަތާއި އިއްޒަތާއި އިމްތިޔާޒު ލިބިފައިވާ ފަރާތްތަކެވެ. 

ކުރިން ދެންނެވުނު ދިމިގުރާތީ އަސާސުގެ ދަށުން، މިއަދު ދިވެހިންގެ އަގުލަބިއްޔަތު ޤަބޫލުކުރާ ގޮތުގައި ވަލިއްޔުލް އަމުރާއި، އުއްތަމަ ކަމަނާ އާއި ވަޒީރުންނާއި، ޝަރީޢަތާއި، ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ޤާނޫނުހަދާ މަޖިލީހުގައި އެތިބަހާ ފަރާތްތަކާއި، ފުލުހުންނަކީ ވެސް ފާޑު ރައްދުވުމުން އިސްތިސްނާވެގެން ވާނޭ ބައެއް ނޫނެވެ. އެހެންކަމުން ވެރިކަމާއި، ޝަރީޢަތާއި، ތަހުގީގީ ނިޒާމު ހިނގާ ގޮތަށް ފާޑު ކިއުމަކީ ދިމިގުރާތީ އަސާސްތަކުން ބަލާއިރު އެންމެ ރަނގަޅު ކަންކަމެވެ.

މި އަސާސުން ބާރު ލިބިގެން، ދާދިފަހުން ހިނގައި ދިޔަ ބައެއް ކަންކަމަށް އަލިއަޅުވާލާނަމަވެ.

ޝުމްބާ ގޮންގުގެ ނަމުގައި 2012 ވަނަ އަހަރުން ފެށިގެން އިޖުތިމާއީ ވިއުގަތަކުގައި ވަރުގަދަ އެކްޓިވިސްޓެއް އާންމުވެގެން ދިޔައެވެ. އެންމެންނަށްވެސް އޭރު އެނގޭ ކަމަކީ މި ޝުމްބާ ގޮންގަކީ އަވަށްޓެރި ސިލޯނުގައި ދިރިއުޅޭ ޒުވާނެއް ކަމެވެ. ބަޔަކު އަދި އޭނާ އާއި ބައްދަލުވެ އުޅުނެއް ކަމަކު، މި ބުނެވުނު ޝުމްބާގެ ފޮޓޯގަނޑެއް އެންމެ ފުރަތަމަ އާންމުވެގެން ދިޔައީވެސް 2013 ވަނަ އަހަރުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެޖޯރިޓީ ލީޑަރު ކުރެއްވި ޓްވީޓަކުންނެވެ. ދުވަސް ބަދަލުވެ، މި ޝުމްބާ ގޮންގު، މި ސަރުކާރުގެ ދެވަނަ ނައިބު ރައީސްގެ އަރިސް މީހަކަށްވެ، އިސާހިތަކު ސަރުކާރު އިޝްތިހާރު ކުރުމުގައި އިސް މީހަކަށް ވެގެން ގޮސްފިއެވެ.

ވީ އެއްޗެއް ވެ ނިމި، ސަރުކާރުގެ ދެވަނަ ނައިބު ރައީސް ހުރަގެއަށްލުމާއި އެކު މި ޝުމްބާ ގޮންގު އަނެއްކާ ވެސް ލަންކާގައި ދިރިއުޅޭން ފަށައިފިއެވެ. އޭނާ ލަންކާގައި ހުއްޓައި އޭނާއަކީ ނިރުބަވެރިއެއް ކަމުގައި ތުޙުމަތުކޮށް، ސުވާލު އުފެދޭ ފަދަ ގޮތަކަށް ހައްޔަރުކޮށްގެން މާލެ ގެނެސްފިއެވެ. ގިނަ ދުވަސްތަކެއް ވާންދެން ހުރަގޭގައި ބޭއްވުމަށް ފަހު، ނިރުބަވެރި ކަމުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުލަތުން ކުރީ މީހަކަށް ބިރު ދެއްކުމުގެ ދައުވާއެވެ. އެ ދައުވާގެ ޝަރީއަތް އަދިވެސް އެދަނީ ކުރިއަށެވެ.

އެ މައްސަލައި ހިމެނޭ މީހެއްގެ ފޯނުން އޮރިޔާންކާޑު ފެނުނުކަން އެ މައްސަލައިގެ ޝަރީޢަތުގައި ހާމަވެގެން ދިޔަ ނަމަވެސް މި ދެންނެވުނު މީހާގެ މައްސަލަ ބަލާކަށް މީހަކު ނޫޅުނެވެ. ފަހަރުގައި އެ މީހަކީ ސަރުކާރަށް ސަނާ ކިޔައި އުޅޭ މީހަކަށް ވީތީ ޚާއްސަ އިމްތިޔާޒުތަކެއް ލިބުނީ ކަމަށް ބަލަމާހެއްޔެވެ. ނުނީ ބޮންހެދި މައްސަލައިގައި ކުރީގެ ނައިބުރައީސް ކުށްވެރިވެފައި ބޮން ހަދައިދިން މީހާ ސަލާމަތްވި އުސޫލުން ވީ ކަމެއް ކަމަށް ބަލަމާހެއްޔެވެ. ހައްޔަރު ކުރި ކުށް ނޫން ކުށެއްގައި ދައުވާ ކުރެވި ޖަލުގައި ހުރި ޝުމްބާ ފަކީރު އަދިވެސް ޖަލުގައެވެ.

މާލޭ ސިޓި ކައުންސިލްގެ މެންބަރު ޒައިދުލް އަމީނަށް ވެސް ކުރިމަތިވީ މިފަދަ ކަމަކާއެވެ. ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އެފަކީރު ހައްޔަރުކޮށް 9 ފަހަރަށް ބަންދަށް މުއްދަތު އިތުރު ކުރީރު، އޭނާގެ މައްޗަށް ކުރާ ތުޙުމަތު ވަނީ ތިން ފަހަރެއްގެމަތިން ބަދަލުކޮށްފައެވެ. ބުނާތީ އިވެއެވެ. ބްލެކްމެއިލްވީ ކަމަށް ބުނާ ފަނޑިޔާރަށް ޒައިދު އެފަދަ އެއްޗެއް ގެންގުޅުނުކަމަށް ތުޙުމަތު ކުރާކަން ރޭކާލީ ވެސް ފުލުހުން ގޮސް ފަނޑިޔާރު މަނިކުފާނު ގާތު އެ ވާހަކަ ދައްކައިގަތުމުންނެވެ. އެހިސާބުން ފަނޑިޔާރު މަނިކުފާނު އެކަމާ ދެކޮޅު ހެއްދެވީ ކަމަށް ވެއެވެ. އެހެންކަމުން، ޒައިދުވެސް ބަންދު ކުރެވުނީތީ ދައުވާއެއް ކުރުމުގެ ގޮތުން މިހާރު އޭނާގެ މައްޗަށް ވެސް ތާކުންތާކު ނުޖެހޭ ދައުވާތަކެއް ކުރަން ތައްޔާރު ވަނީ ޔޯލައެވެ.

ދެން ޤާސިމް އިބްރާހީމެވެ. އިސްލާހީ މަސައްކަތަށް ނުކުންނެވުމާ އެކު އިއްތިފާޤުން އެކައުންޓްތައް ފްރީޒް ކޮށްފިއެވެ. ދައުލަތަށް އެންމެ ގިނަ ފައިސާ ދެއްކެވުމުގެ ޝަރަފުގައި ރަންލާރި ދީފައި އެކައުންޓް ފްރީޒް ކުރުން އަޅުގަނޑަށް ވީ ޖޯކަކަށެވެ. އެެއްގޮތަކަށްވެސް މީރާ ސިޠާސީ ވީއަކީއޭ ބުނާކަށް ނޫނެވެ. ނަމަވެސް އެކައުންޓް ފްރީޒް ކުރާންޖެހުނު ސަބަބެއް އުފައްދާން މީރާގެ ވެރިން އުޅުނީ ވެސް މަތީފަޑިން އައި އޯޑަރަކަށް ބޯލަނބައި އެކައުންޓް ފްރީޒް ކުރުމަށް ފަހުގައްޔޭ ބުނާތީ އިވެއެވެ.

ޤާސިމަށް މިހާރު ކޮށްގެން މި އުޅޭ ދައުވާއަކީ ވެސް ހެއްވާ ކުޅިވަރެކެވެ. ހަ ދުވަސް ވަންދެން ހައްޔަރުގައި ބަހައްޓައިގެން ވެސް ހޯދީ ހެއްކެވެ. ކުރީ ތަހުގީގެވެ. ޔޯލައެވެ. ފޭދޫ ނޫނަކަސް ރޮކެޓު ސްޕީޑުގައި އެއޮއްގެން ތަހުގީގު ނިންމައި ދައުވާކުރާން ފޮނުވީއެވެ. ޤާނޫނާއި ޚިލާފަށް ޤާސިމް ހައްޔަރުކުރުމަށް އަމުރު ނެރުނު ކޯޓުގައި ޤާސިމްގެ ޝަރީއަތް ވެސް ފަށައިފިއެވެ. ފުރަތަމަ އަޑުއެހުން ނިމި، ދައުލަތުން ބޭނުންވި ގޮތަށް ގާސިމް އަނބުރާ ހުރަގެއަށް ނުގެންދެވި އުޅެނިކޮށް، ޤާސިމް މިޔޮއްގެން ބަޔާޅީހުގެ ލިސްޓެއް ވެސް ހެދީއެވެ. ކަންތަކާ މި ޖެހުނީ އެހިސާބުންނެވެ. ތަހުގީގު ނިންމައި، ދައުވާކޮށް، ޝަރީއަތް ވެސް ފަށާފައި އޮތް ޤަސިމްގެ މައްސަލައިގައި ހެކި ހޯދާން މި ފެށި އަދިކިރިޔާއެވެ.

ބަލި ނޭނގި ބޭސްދޭ އުސޫލުން މިހެން ކަންކަން ހިންގާންވެއްޖެ ނަމަ މިއީ ދުނިޔޭގެ ކުރިމަތީގައި މި ދިވެހިރާއްޖެ ބޮޑުތަނުން ފަލީޚަތް ކުރުމުވެ. ވެރިކަމުގައި ތިބީ އެވަރު ނުދަންނަ ބުޅިދުން ބާއެވެ. ހައިރާނެއް ފަހެ ނުވާނެހެއްޔެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް